By: Aishath Jazlee
ކައިވެންޏަކީ ދެ މީހެއްގެ ދެމެދުގައި ވެވޭ ބޮޑު ކޮމިޓްމަންޓެކެވެ. ކޮންމެ މީހެއްގެ ވެސް އަމިއްލަ އާއިލާއެއް ބިނާ ވާނީ މި ގުޅުމުގެ މައްޗަށެވެ. އުފާވެރި އާއިލާއެއް ބިނާ ކޮށް, ހަމަޖެހޭ ދިރިއުޅުމެއް ލިބޭނީ މި ގުޅުމަކީ ވަރުގަދަ, ކޮމްޕެޓިބަލް ގުޅުމަކަށް ވެގެންނެވެ. ދެ މީހުންނަކީ ވެސް އެކަކު އަނެކަކުގެ ހިޔާލާއި އިހުސާސްތަކަށް ރެސްޕެކްޓުކޮށް ދެ މީހުންގެ މެދުގައި އަންޑަސްޓޭންޑިން އޮވެގެންނެވެ. އަދި ދެ މީހުންނަކީ ވެސް ދިރިއުޅުމުގައި އެއް ކަންތައްތަކެއް ބޭނުންވާ ދެ މީހުންނަށް ވެގެންނެވެ.
މި އާޓިކަލްގައި މި ހިމަނާލަނީ ކައިވެންޏަކާ ހަމައަށް ދިއުމުގެ ކުރިން ބައިވެރިޔާއާ ދައްކަންޖެހޭ ބައެއް ވާހަކަތަކެވެ.
ކައިވެނީގެ ކުރިން، ދެ މީހުން ފައިސާ މެނޭޖުކުރާނެކޮށް ހަރަދުތައް ބަލަހައްޓާނެ ގޮތާ މެދު ވާހަކަ ދައްކަން ޖެހޭނެ އެވެ. އަމިއްލަ ހަރަދުތައް ހުންނަ ގޮތާއި, ކައިވެނީގެ ބޭރުން އާއިލާއަށް ކުރަންޖެހޭ ހަރަދުތައް ބައިވެރިޔާ އަށް އެނގޭ ނަމަ ރިއަލިސްޓިކް ފައިނޭންޝަލް އެކްސްޕެކްޓޭޝަނެއް އޮންނާނެ އެވެ. އަދި ގޭގެ ހަރަދުތަކާއި ބިލްތައް އަދި ރެންޓުގެ ބައި ވެސް ބަހާލައި ފައިސާ މެނޭޖުކުރަންވީ ގޮތް މި ކަމުގެ ސަބަބުން އެނގޭނެ އެވެ.
އިންޑިވިޖުއަލް ގޯލްތަކާއި ޕްލޭންތައް
ކޮންމެ މީހެއްގެ ވެސް އަމިއްލަ ގޯލްތަކެއް ހުންނާނެ އެވެ. އެއީ ކިޔެވުމާ ގުޅޭ ކަމަކަށް ވިޔަސް ނުވަތަ ވަޒީފާގެ ގޮތުން ހުރި ގޯލްތަކަކަށް ވިޔަސް އެ ގޯލްތަކުގެ މުހިންމުކަން އެކަކު އަނެކަކަށް އަންޑަސްޓޭންޑު ކޮށްދޭން ޖެހޭނެ އެވެ. އަމިއްލަ ގޯލްތަކާއި ޓާގެޓް ކޮމްޕްރޮމައިޒް ނުކޮށް ކައިވެނި ބިނާކުރެވެނީ މި ކަންތައްތަކާ ގުޅޭ ގޮތުން ޑިސްކަސްކޮށް, މި ކަމަކަށް ހުރަސް އެޅިދާނެ ކަންތައްތައް ވެސް ބުނެދިނުމުންނެވެ. އަދި މި ކަމުގެ މުހިންމުކަން ދެ މީހުންނަށް ވެސް ވިސްނިގެންނެވެ. އަދި އެ ގޯލްތަކާ ހަމައަށް ދިއުމަށް ބައިވެރިޔާގެ ސަޕޯޓު ލިބޭނެކަން ޔަގީންވެގެންނެވެ.
ދިރިއުޅޭނެ ތަނެއް ކައިވެނީގެ ކުރިން ކަނޑައެޅުމަކީ ވަރަށް މުހިންމުކަމެކެވެ. ހާއްސަކޮށް، އިންނަ މީހާގެ އާއިލާއާ އެކު އުޅެން ބޭނުން ނުވާ ނަމަ, އެ ކަމަކީ އިނުމުގެ ކުރިން ވަކި ގޮތަކަށް ނިންމަން ޖެހޭނެ ކަމެކެވެ. ދިރިއުޅޭނެ ތަނަކީ ދެ މީހުން ވެސް އުޅެން ބޭނުންވާ ތަނަކަށް ވާން ޖެހޭނެ އެވެ. އަދި ދިރިއުޅޭ ތަނަކީ ދެ މީހުންގެ އާއިލާގެ ނިންމުމަކަށް ނުވެ, އަމިއްލަ ނިންމުމަކަށް ވާން ޖެހޭނެ އެވެ.
ޑީލް ބްރޭކާތަކަކީ އެ ކަމެއް ވެއްޖެ ނަމަ, މާފުނުކުރެވޭނެ ނުވަތަ ރިލޭޝަންޝިޕްގައި ބަލައިނުގަނެވޭނެ ކަންތައްތަކެވެ. އާއްމުކޮށް ކައިވެންޏެއްގައި ދަރިއަކު ލިބުމަށް ފަހު ވަޒީފާއަށް ދާން މަނާ ކުރުމަކީ ގިނަ ބަޔަކަށް ޑީލް ބްރޭކާއެކެވެ. ނުވަތަ ވަކި ބަޔަކާ ގުޅުން ކެނޑުމާއި, ވަކި ކަންތައްތަކަށް ނުފޫޒު ފޯރުވުން ފަދަ ކަންތައްތަކަކީ ޑީލް ބްރޭކާތަކެވެ. އެކި މީހުންނަށް ޑީލް ބްރޭކާއަކަށް ވާނީ އެކި ކަންތައްތަކެކެވެ.
މި ކަންތައްތަކަކީ ކައިވެނީގެ ކުރިން އެކަކު އަނެކަކަށް އެނގެން ޖެހޭނެ ކަންކަމެވެ. އަދި ބައިވެރިޔާއަށް ޑީލް ބްރޭކާއަކަށް ވާ ކަންތައްތަކަކީ އަމިއްލަ މީހާއަށް ބަލައިގަނެވޭނެ، އެކްސެޕްޓް ކުރެވޭ ކަންތައްތައްތޯ ކައިވެނީގެ ކުރިން ދެނެގަންނަން ޖެހެ އެވެ.
މި ސުވާލުތަކަކީ އާއްމުކޮށް ވަރިއަށް މަގުފަހިވާ ބައެއް ކަންތައްތަކާ ގުޅުން ހުރި ސުވާލުތަކެކެވެ. އިނުމުގެ ކުރިން މި ފަދަ ވާހަކަތައް ދެއްކުން މުހިންމު ވަނީ އެހެންވެ އެވެ.