25 Apr 2024

By: Aishath Mihna Nasih

ރުޅިގަދަވާ ވަގުތު ކައިރީގައި ތިބި އެންމެނަށް ރުޅިގަނޑު ބޭރުކުރާނެ ކަމެއްނެތެވެ. ޖަޕާނުގެ ދިރާސާއަކުން އެނގޭ ގޮތުގައި، ރުޅިއައުމުން ހިތުގައި ފުނިޖެހިފައި ހުންނަ ހުރިހާ އުދާހެއް ގަނޑެއްގައި ލިޔެ، އެ ގަނޑު ކުދިކުދިކޮށްފައި އުކާލުމުން ވަރަށް ފަސޭހައިން ރުޅި މަޑުވެ އެވެ.

ޖާނަލް ސައިންޓިިފިކް ރިޕޯޓްސްގައި ޝާއިއުކޮށްފައިވާ މި ދިރާސާ އަކީ، ރުޅިއަންނަ ވަގުތު އެ އިހުސާސްތައް ލިޔުމުން، ރުޅި ކޮންމެވެސް ވަރަކަށް މަޑުވޭތޯ ބެލުމަށް ކުރި ދިރާސާއެކެވެ. ދިރާސާގެ ނަތީޖާތައް ހީކުރިވަރަށްވުރެ ބޮޑަށް ކާމިޔާބުކަމަށް ދިރާސާ ކުރިއަށްގެންދިޔަ ޓީމުން ބުނެފައިވެ އެވެ.

ގާތްގަނޑަކަށް ސަތޭކައެއްހާ ދަރިވަރުން ބޭނުންކޮށްގެން ހެދި މި ދިރާސާގައި ފުރަތަމަ ދިނީ ކޮންމެ ކުއްޖަކަށް ވެސް އިޖުތިމާއީ ކޮންމެވެސް ކަމަަކާ ގުޅޭގޮތުން އަމިއްލަ ޚިޔާލު ފާޅުކުރުމަށެވެ. މި ހިމެނި ބައެއް މައުޟޫތަކުގެ ތެރޭގައި އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން ފަދަ މައުޟޫތައް ހިމެނި އެވެ. އެއަށް ފަހު މި ލިޔުންތައް، އިވެލުއޭޓްކޮށްފައިވަނީ، ނަގޯޔާ ޔުނިވާސިޓީގެ ޕީއެޗްޑީ ދަރިވަރެކެވެ. އަދި ލިޔުންތައް އިވެލުއޭޓްކޮށްފައިވަނީ ތޫނުފިލުކަމާއި ޝައުގުވެރިކަމާއި ލޮޖިކް ރޭޝަނަލިޓީ ފަދަ ކަންކަމަށެވެ. ނަމަވެސް ކިތަންމެ ފުރިހަމަ ލިޔުމަކަށް ވިޔަސް ލިޔުމަށް މާކްސް ދީފައިވަނީ ވަރަށް ދަށުންނެވެ. އަދި ކުދިން ހިތްދަތިކުރާ ފަދަ އެކި ކަހަލަ ކޮމެންޓްތައް ވެސް ލިޔުންތަކަށްވަނީ ކޮށްފަ އެވެ.

އެއާ އެކު ދަރިވަރުންޖެހުނީ އެ ކޮމެންޓްތައް ލިބުމުން އިހުސާސްތައް ލިޔާށެވެ. އަދި ބައިވެރިންގެ ދެބައިކުޅަ އެއްބައި ޖެހުނީ ލިޔެ ނިމުމުން އެ ގަނޑުތައް ކުދިކުދިކޮށްފައި އުކާލާށެވެ.

ދިރާސާގެ ނަތީޖާ ދެއްކި ގޮތުން، އިވެލުއޭޓަރުންގެ ކޮމެންޓްތަކަށް ފަހު ހުރިހާ ބައިވެރިން ވެސް ވަރަށް ރުޅިއަ އެވެ. ނަމަވެސް އެންމެ ބޮޑަށް ރުޅި މަޑުވީ ގަނޑުތައް އުކާލި ގްރޫޕެވެ. މި ގްރޫޕް ކުދިންގެ ރުޅި މުޅިން ހެން މަޑުވިއިރު، ގަނޑުތައް އުކާނުލާ ގްރޫޕްގެ ކުދިންގެ ހިތުގައި ފަހުން ވެސް ކޮންމެވެސް ވަރަކަށް ރުޅިވެރިކަން ހުރިކަމަށް ނަތީޖާތައް ދައްކަ އެވެ.

މި ދިރާސާގެ ޓީމުން ވަނީ މި އުކުޅަކީ އެޑްހޮކް ކޮށް ރުޅި މަޑުކުރުން ބޭނުންކުރެވިދާނެ އުކުޅެއްކަމަށް ބުނެފަ އެވެ.

ރުޅި މަޑުކުރުމަކީ އޮފީހާއި އަދި ސްކޫލް މަދަރުސާތަކާއި ގޭތެރެއަށް ވެސް ވަރަށް މުހިންމު ކަމެކެވެ. ދެން ފަހަރަކުން ހުރިހާ ރުޅިއެއް، ކައިރީގައި ތިބި އެންމެނަށް ނުބާލައި ކަރުދާސްގަނޑަކަށް ބާލާށެވެ.

މެންޓަލް ހެލްތް

Popular