By: Aishath Jazlee
ނިޔަފަތި ކެއުމަކީ ކުޑައިރު ގިނަ ބަޔަކު ކުރި ކަމެކެވެ. މިކަން ކަށީގައި ހިފައި އާދަވި ބައެއް މީހުން ފުރާވަރު ފަހަނަޅައި ދިޔައިރު ވެސް މިކަން ނުހުއްޓި އެބަތިއްބެވެ. ގިނަ ފަހަރު މިކަން މައްސަލައަކަށް ވަނީ ވެސް ނިޔަފަތިތައް ބަލައިލަން ހުތުރުވާ ހިސާބަށް ދިއުމުންނެވެ. ނިޔަފަތިތައް ހަލާކުވުމުގެ އިތުރުން މިކަމުން ކުރިމަތިވާ ސިއްހީ މައްސަލަތައް ނޭނގެނީ ކަމަށް ވެސް ވެދާނެ އެވެ.
ނިޔަފަތި ކެއުމަކީ ނިޔަފަތީގެ ޓިޝޫތަކަށް ގެއްލުންވެ ވަށައިގެންވާ ހަންގަނޑުގައި ރިއްސުމާއި ނިޔަފަތި އުފެދި ދިގުވާގޮތަށް ބަދަލު އަންނަ ކަމެކެވެ. ނިޔަފަތި ކެއުމުގެ ސަބަބުން ނުރައްކާތެރި ބެކްޓީރިއާ އާއި ވައިރަސްތައް ފެތުރި އެކި އިންފެކްޝަންތަކަށް މަގުފަހިވެ އެވެ.
ނިޔަފަތި ކެއުން ކޮންޓްރޯލްކޮށް ހުއްޓުވުމަށް ނިޔަފަތިތައް އަބަދުވެސް ކުރުކޮށް ބަހައްޓާށެވެ. އަދި ނިޔަފަތީގައި ހިތި ރަހަ ހުންނަ ނެއިލް ޕޮލިޝް ބޭނުން ކުރުމަކީ ވެސް މިކަން ހުއްޓުވަން ކުރެވިދާނެ ކަމެކެވެ.
ނިޔަފަތި ކެއުން ހުއްޓުވުމަށް، ނިޔަފަތި ކެވޭ ސަބަބުން ދެނެގަންނަން ޖެހެ އެވެ. ނިޔަފަތި ކެއުމަކީ އާއްމުކޮށް އެންޒައިޓީ ފަދަ ނަފްސާނީ މައްސަލައަކާ ގުޅިފައި އޮންނަ ކަމެކެވެ. ބައެއް ފަހަރު ފޫހިވެ, ކަމެއް ނެތިފައި މާ ގިނަ އިރު އޮންނަން ޖެހުމަކީ ވެސް ނިޔަފަތި ކާން ބޭނުންވާ ސަބަބަކަށް ވެދާނެ އެވެ. ނިޔަފަތި ކެއުން ހުއްޓޭނީ ނިޔަފަތިކާން މެދުވެރިވާ ޓްރިގާ ދެނެގަނެ, ޓްރިގާވާ ވަގުތު އަތް ބިޒީވާ ފަދަ ކޮންމެވެސް އެހެން ކަމެއް ކޮށްގެނެންނެވެ.
ޑޮކްޓަރުންގެ ލަފަޔަކީ ނިޔަފަތި ކެއުން ހުއްޓުވުމަށް މަޑުމަޑުން މަސައްކަތް ފެށުމެވެ. ކަށީގައި ހިފާފައި ހުރި އާދައެއް އެއް ދުވަހުން ހުއްޓާލަން އުޅެފި ނަމަ މާ ބޮޑަށް ކަންބޮޑުވެ, އޯވަވެލްމް ވެދާނެތީ އެވެ. ކޮންމެ ހަފްތާއަކު ފަހަރަކު އިނގިއްޔަކަށް އަމާޒުކޮށް، ނިޔަފަތި ކެއުން ހުއްޓަމުން, ހުއްޓަމުން ގޮސް މި އާދަ އެއްކޮށް ހުއްޓުވޭތޯ މަސައްކަތް ކުރެވިދާނެ އެވެ.