By: Aishath Jazlee
ހަފްތާ ނިމޭ އިރު ލޮޑުކަމެއް އިހުސާސްކުރެވޭ ދޯ އެވެ؟ މިއީ ސިކުނޑި މާ ބޮޑަށް ވަރުބަލިވުމުން ކުރެވޭ އިހުސާސެކެވެ. އާއްމުކޮށް، ބަންދު ދުވަސް ދުވަހު އެނދުގައި ގިނަ ވަގުތު އޮންނަން ބޭނުންވެ, ކަންނެތްކަން އިހުސާސްކުރެވެނީ އެ މެންޓަލް އެގްޒޯސްޝަނާ ހެދި އެވެ. އެކަމަކު އެހެން އޮވެގެން ސިކުނޑި ރީޗާޖެއް ނުކުރެވޭނެ އެވެ. އެ އިހުސާސްކުރެވޭ ލޮޑުކަމާ އެކު އަނެއްކާ އިތުރު ހަފްތާއެއް ފަށައިފި ނަމަ, މީހާގެ ޕްރޮޑަކްޓިވިޓީއަށް ވެސް އަސަރުކުރާނެ އެވެ. ރުންކުރުވުމާއި, ކުދިކުދި ކަންކަމާ ބޯ ހާސްވުން ފަދަ ކަންކަމާ ކުރިމަތިވާނެ އެވެ.
މީހާ އާއި ސިކުނޑި ރީޗާޖުކޮށްލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. މި ކިޔައިދެނީ ކުރެވިދާނެ ބައެއް ކަންކަމެވެ.
1. ފޯނާއި ހުރިހާ ޑިވައިސްތަކާ ދުރުވުން
އަހަރެމެންގެ ފޯނަކީ އެތައް މައުލޫމާތަކާއި ހަބަރެއް ހުއްޓުމެއް ނެތި ގެނެސްދޭ އެއްޗެކެވެ. ޑިވައިސްތަކާ ދުރުވެލުމަކީ ދުނިޔެ އާއި ވަށައިގެންވާ ހުރިހާ ކަމަކާ ގުޅޭ ގޮތުން އަބަދު އިވެމުންދާ ނެގެޓިވް ކަންކަމާ ދުރުވެލަން ލިބޭނެ ފުރުސަތެކެވެ. ޑިވައިސްތަކާ ދުރުވެލައި ފޮތެއް ކިޔައިލުން ނުވަތަ ތަފާތު އާ ރެސިޕީއެއް ތައްޔާރުކޮށްލުން ފަދަ ކަމެއްގައި ޝާމިލުވެ އުޅުމަކީ ތާޒާކަން ގެނެސްދޭނެ ކަމެކެވެ.
މިއީ ބަންދު ދުވަހެއްގައި ސިކުނޑި ހޭލައްވާލަން ކުރެވި ދާނެ ކަމެކެވެ. ދުވަހުގެ ކޮންމެވެސް އެއް ވަގުތެއްގައި ދުވުން, ހިނގުން ނުވަތަ ފެތުން ފަދަ ކަސްރަތެއް ކުރުމަކީ ހެޕީ ހޯމޯން ޑޮޕަމިން ރިލީޒް ވާނެ ކަމެކެވެ. މިއީ ހަފްތާ ބަންދުގައި މީހާގެ އުފާވެރިކަން އިތުރުކޮށްދީ, ވީކެންޑުގައި އިހުސާސްކުރެވޭ ލޮޑުކަމަށް ލުޔެއް ލިބިދޭނެ ކަމެކެވެ.
3. ރައްޓެހިންނާއި އާއިލާއާ އެކު ވަގުތު ހޭދަކުރުން
މަސައްކަތުގެ ބިޒީކަމާ އެކު އާއިލާ އާއި ރައްޓެހިންނާ އެކު ކޮލިޓީ ވަގުތުކޮޅެއް ހޭދަކުރުމަކީ އުނދަގޫ ކަމެކެވެ. ވީކެންޑުގައި އާއިލާ އާއި ރައްޓެހިންނާ އެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަކީ, އެ މީހުންނާ އެކު އޮންނަ ގުޅުން ރަނގަޅުވުމުގެ އިތުރުން މީހާއަށް ވެސް ހިތްހަމަޖެހުން ގެނުވާނެ ކަމެކެވެ.
އަބަދުވެސް ކުރާ ހިތްވެ, ކުރަން ވަގުތު ނެތް ކަންކަމަށް ވީކެންޑުގައި ވަގުތު ހޯދާށެވެ. މިއީ އާ ކަމެއް ދަސްކުރަން ވަގުތު ދޭން ރަނގަޅު ދުވަހަކަށް ވާނެ އެވެ. އާ ކަމެއްގައި ޝާމިލުވެ އުޅުމަކީ ސިކުނޑި ވެސް ރަނގަޅު ގޮތުގައި ވަރުބަލިކޮށްލާ, ދުވަސް ވެސް ކުރުވާނެ ކަމެކެވެ.
5. ގޭގައި ނޯވެ ބޭރަށް ދިއުން
ބިޒީ ދުވަސްތަކަކަށް ފަހު ގޭގައި މާ ގިނައިރު އޮތުމަކީ ވެސް އެކަމުގެ ނުރަނގަޅު އަސަރު ކޮށްފާނެ ކަމެކެވެ. ވީކެންޑުގައި ޕްލޭނެއް ނެތަސް, އެކަނި ވިޔަސް ބޭރަށް ގޮސްލާށެވެ. ބޭރަށް ގޮސް މީރު އެއްޗެއް ކާލުން, ނުވަތަ ފިލްމެއް ބަލާލަން ދިއުމަކީ ވެސް ސިކުނޑި ތާޒާ ކޮށްލާނެ ކަމެކެވެ. ނުވަތަ މޫދު ފެންނަ ހިސާބަށް ގޮސް ބީޗުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ހިތްއުފާ ވާނެ ކަމެކެވެ.
ރިޗާޖުކޮށްލަން މާ ގިނަ ހަރަދުތަކެއް ކޮށް, މާ ބޮޑެތި ކަންތައްތައް ކުރާކަށް ނުޖެހެ އެވެ. ބޭނުންވަނީ އާއްމު ރޫޓިން އާއި ދިރިއުޅުމާއި އޮފީހުގެ ސްޓްރެސްއިން ދުރުވެލައި ތަފާތުކަމަކަށް ސިކުނޑިން ޖާގަ ދިނުމެވެ. މި ވީކެންޑު ނިމުމުގެ ކުރިން އެނދުގައި މުޅި ދުވަސް ހޭދަނުކޮށް މި ތަނުން ކަމެއްގެ އަޖުމަ ބަލާލާށެވެ.