By: Niumathullah Idhurees
ހަށިގަނޑު ބަރު މީހުން ދުޅަހެޔޮ ބަރުދަނެއްގައި ހުންނަން ބޭނުން ނަމަ ދިރިއުޅުމުގެ އާދަތަކަށް ވަކި ގޮތަކަށް ބައްޓަން ކުރުން މުހިންމެވެ. ސިޢްހަތަށް ފައިދާ ހުރި ކާނާ ބޭނުން ކުރުމާއި ކަސްރަތުކުރުމުގެ ރަނގަޅު އާދަތަކަކީ ދިރިއުޅުމުގެ ބަޔަކަށް ހަދަންޖެހެ އެވެ. ބަރުދަން ލުއިކުރުމަށް ކުރުމުގެ މަސައްކަތަކީ ވަގުތީ ކަމަކަށް ހަދަން ވެއްޖެނަމަ ދުޅަހެޔޮ ސިއްހަތެއް އަދި ބަރުދަނެއްގައި ދެމިހުރުން ވަރަށް ނާދިރެވެ.
މިއީ ދުޅަހެޔޮ ގޮތުގައި ބަރުދަން ލުއި ކުރުމަށް ހުރަސް އެޅިދާނެ ބައެއް ކަންކަމެވެ.
* ދިރިއުޅުމުގެ އާދަތައް ބަދަލުކުރުން މައިގަނޑު ލަނޑުދަނޑި އަށް ނުވުން
ބަރުދަން ލުއިކުރަން މަސައްކަތް ފެށުމަށް ފަހު އެންމެ ގިނައިން ކުރެވޭ އެއް ކަމަކަށް ވާނީ ކައްޓާއިން ދައްކާ ނަންބަރު ދަށަށް ދޭތޯ އަވަސް އަވަހަށް ބެލުމެވެ. ކެއުމަށް ބަދަލު ގެނެސް ކަސްރަތު ކުރާއިރު ވެސް ބަރުދަނަށް ބަދަލު އަންނަކަން ފާހަގަ ނުވުމުން ވަރަށް ގިނަ މީހުން މާޔޫސްވެ، ބަރުދަން ލުއިކުރުމުގެ މަސައްކަތް ހުއްޓާލަ އެވެ. އަދި ކުރީގެ އާދަތަކަށް ރުޖޫއަ ވެ އެވެ. ބަރުދަން ލުއިވާ ކަމަށް އެހާ އަވަހަށް ނުދެއްކިޔަސް ކަސްރަތު ކުރުމާއި ސިއްހަތަށް ފައިދާހުރި ކާނާ ކެއުމުން ހަށިގަނޑަށް ވަމުންދާނެ ފައިދާގެ މަތިން ހަނދާން ނައްތާނުލާށެވެ. ބަރުދަން ލުއިކުރުމުގައި މައިގަނޑު ލަނޑުދަނޑި އަކަށް ހަދަންވީ ސިއްހަތަށް ފައިދާހުރި ކާނާ ކެއުމުގެ ރަނގަޅު އާދަތަކާއި ކަސްރަތުކުރުމުގެ ރަނގަޅު އާދަ ހަށިގަނޑުގައި އަށަގަނެވޭތޯ މަސަޢްކަތް ކުރުމެވެ. ކެތްތެރި ކަމާއި ހިތްވަރާ އެކު މަސައްކަތް ކުރުމުން ލަނޑުދަނޑި ހާސިލް ކުރެވުން ގާތެވެ.
* ހާސިލްނުކުރެވޭނެ މިންވަރަކަށް އުންމީދުކުރުން
ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑުތަން ލުއިވާން ބޭނުންވުން މިއީ ބަރުދަން ލުއިކުރަން ބޭނުންވާ ބައެއް މީހުން ގެންގުޅޭ ވިސްނުމެކެވެ. މިގޮތަށް ބަރުދަން ލުއިކުރަން މަސައްކަތްކުރާ މީހުން، ސިއްހަތަށް ގެއްލުން ވެދާނެ ފަދަ ގޮތަކަށް ކެއުމުގެ އާދަ ބަހައްޓާތަން ފެނެއެވެ.
އެކަށީގެންވާ މިންވަރަކަށް، ދެމެހެއްޓެނިވި ގޮތަކަށް ބަރުދަން ލުއިކުރާ ނަމަ މަހަކު 1-4 ކިލޯ ލުއިވުން ރަނގަޅުވާނެ އެވެ.
ހަށިގަނޑުގެ ބަރުދަން ލުއިކުރަން ފަށާއިރު ހުންނަ ބަރުދަނުގެ 5-10 ޕަސެންޓް ދަށްކޮށްލުމަކީ ހާސިލްކުރެވޭ ވަރުގެ އަދި އެކަމުން ސިއްހަތަށް ފައިދާކުރާނެ ކަމެކެވެ. ލަސްލަހުން ބަރުދަން ލުއިވުމުން، ހަށިގަނޑު ލުއިކޮށް ގިނަ ދުވަހު ހުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އެންމެ މުހިންމު ކަމަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ފަހު، ދުޅަހެޔޮ ސިއްހަތަކަށް ޓަކައި އެ ބަރުދަނުގައި ގިނަ ދުވަހު ހުރުމެވެ.
* ޝުގަ ފްރީ/ ފެޓް ފްރީ އަށް ބަރޯސާވުން
ބައެއް މީހުންނަށް ހީވެފައި އޮންނަނީ "ފެޓް ފްރީ" ނުވަތަ "ޝުގަ ފްރީ" ޖަހައި ލޭބަލްކޮށްފައި ހުންނަ އެއްޗެހި ކިތަންމެ ގިނައިން ބޭނުން ކުރިޔަސް ބަރުދަން އިތުރު ނުވާނެ ކަމަށެވެ. "ފެޓް ފްރީ" އެއްޗެއް ކަމުގައި ވިޔަސް އޭގައި ހަކުރު ގިނަ ނަމަ އެއީ މަތީ މިންވަރަކަށް ކެލަރީ ހުންނަ އެއްޗަކަށް ވާނެ އެވެ. މިސާލަކަށް، ފެޓް ފްރީ ޔޯގަޓެއްގައި މަތީ މިންވަރަކަށް ހަކުރު އަޅާފައި ހުރެއްޖެ ނަމަ އެ ޔޯގަޓް އެއީ ބަރުދަން ލުއިކުރަން އުޅޭ މީހަކަށް އެހީތެރިވާ އެއްޗަކަށް ނުވެ ހިނގައިދާނެ އެވެ. ހަމަ މިގޮތަށް "ޝުގަފްރީ" ބިސްކޯދެއް ކަމަށް ބުނާ ބިސްކޯދެއްގައި ފެޓްގެ މިންވަރު މަތިކޮށް ހުރެއްޖެ ނަމަ، މި ބާވަތުގެ ބިސްކޯދު ގިނައިން ބޭނުން ކުރަންޏާ ބަރުދަން ލުއިކުރަން އުޅޭ މީހަކަށް ބަރުދަން ލުއިކުރަން ފަސޭހަ ނުވެދާނެ އެވެ.
ކަނީ އާޓާ ފުށު ރޮއްޓާއި ރަތް ހަނޑުލުމުގެ ބަތޭ، އެކަމަކު ވެސް ބަރުދަން ލުއިވާކަން ނޫޅެޔޭ ބުނާ މީހުން ވެސް މަދެއް ނޫނެވެ. އެކަމަކު ކިތައް ރޮއްޓާއި ކިހާ ބަތެއް ހެއްޔެވެ؟ އެ ރޮށި ނުވަތަ ބަތާ އެކު ދެން ކަނީ ކޮން އެއްޗެއްކަމާ މެދު ވިސްނާލަން ހެއްޔެވެ؟ ދުޅަހެޔޮ ބަރުދަނެއްގައި ހުރުމަށް އެހީވެދޭ ކާނާ ކަމުގައި ވިޔަސް، ކެވޭ މިންވަރު ވަކި މިންގަނޑެއްގައި ބަހައްޓައިގެން މެނުވީ ބަރުދަން ލުއިކުރަން ފަސޭހަ ނުވެދާނެ އެވެ.
* ތަރުކާރީ އާއި މޭވާއާ ބީރައްޓެހިވުން
ތަރުކާރީ އާއި މޭވާ އަކީ ބައެއް މީހުން ކެއުމުގައި ހިމަނަން ބޭނުންވާ އެއްޗެއް ނޫނެވެ. އެކަމަކު މޭވާ އާއި ތަރުކާރީގައި ފައިބަގެ މިންވަރު މަތީ އެއްޗިއްސަށް ވާތީ މި ތަކެތި ބޭނުން ކުރުމުން އަވަހަށް ބަނޑު ފުރި އަދި އަވަހަށް ބަނޑުހައިވިޔަ ނުދީ ހިފަހައްޓައިދޭން އެހީތެރިވެ އެވެ. މީގެ އިތުރުން، ތަރުކާރީ އާއި މޭވާ އަކީ ހަށިގަނޑަށް ފައިދާ ހުރި ގިނަގުނަ މާއްދާތަކެއް އެކުލެވިގެންވާ ތަކެއްޗެވެ. ތަރުކާރީ އާއި މޭވާ ބޭނުންކުރުމުން ހަށިގަނޑަށް ލިބޭ ފައިދާތައް ނުހަނު ގިނަ ގުނަ އެވެ.
ހަށިގަނޑަށް ކެލަރީސް ބޭނުންވާ މިންވަރު ދެނެގަނެ، ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް ކާން އާދަ ކުރާށެވެ. ކާބޯތަކެތިން އެތެރެވާ ކެލަރީ ބެލުމަށް، ފޯނު އެޕްލިކޭޝަން ފަދަ ތަކެތި މިހާރު ބޭނުން ކުރެވިދާނެ އެވެ. މިފަދަ ވަރަށް ގިނަ އެޕްލިކޭޝަންތައް މިހާރު ހުރެ އެވެ.