2 Aug 2017

ނާއިލާގެ ބަދިގެއިން ދިވެހިންނަށް ގެނެސްދިން "ޒީނާރު"

ކެއްކުމަކީ އާޓެއް ނަމަ ނާއިލާ އަކީ އެ އާޓްގެ ފުރިހަމަ މިސާލެކެވެ. ކެއްކުމަކީ ފަސޭހަ ކަމެއް ނަމަ، ނާއިލާ އަކީ އެކަން ދަސްކޮށްދޭން އެންމެ ރަނގަޅު މުދައްރިސެވެ.

ކެއްކުމަކީ އާޓެއް ނަމަ ނާއިލާ އަކީ އެ އާޓްގެ ފުރިހަމަ މިސާލެކެވެ. ކެއްކުމަކީ ފަސޭހަ ކަމެއް ނަމަ، ނާއިލާ އަކީ އެކަން ދަސްކޮށްދޭން އެންމެ ރަނގަޅު މުދައްރިސެވެ.

By: Moosa Latheef

"މިއަދު މި އުޅެނީ ކަދުރު ކޭކާއި ރިހަ ފޮޅި ހަދަން،" ނާއިލާ އިބްރާހިމް ކަލޭފާނު، އެހެން ވިދާޅުވުމުން އޭގައި ހުންނާނެ ރަހައާ މެދު ސުވާލެއް ވެސް ނޫފެދެ އެވެ. އޭނާގެ ފުރިހަމަ ކެއްކުން، އެ ކެއްކުންތަކުގައި ހިމެނޭ ރަހަތައް، ވަރަށް ގިނަ ދިވެހިންނަށް އެނގޭނެ އެވެ. އަދި އެ ރަހަތައް ބެލިފައި ނެތުމަކީ ނާއިލާގެ ކެއްކުން ތަޖުރިބާނުކުރެވުމެއް ނޫނެވެ. މީގެ 30 އަހަރު ކުރިން "ޒީނާރު" ނެރުއްވީ އެ ނިޔަތުގަ އެވެ.

ކަދުރު ކޭކާއި ރިހަފޮޅީގެ ވާހަކަ ނާއިލާ ވިދާޅުވީ، "ޒީނާރު"އާ ބެހޭ އިންޓަވިއުއެއް ނަގަން ހ. ނީލްވިލާ އަށް ދިޔައިމަ އެވެ. އެ ގެއިން ނާއިލާއާ ބައްދަލުވާ ކޮންމެ ފަހަރަކު ކުރީގެ ހަނދާންތައް އާވެ އެވެ. ޖެނުއަރީ 1990 އިން ފެށިގެން 1997 އާ ދެމެދު ކޮންމެ އަހަރެއްގެ ޖެނުއަރީ 1، ނުވަތަ އެ މަހުގެ ފުރަތަމަ ހަފުތާގައި ނާއިލާ ތައްޔާރުކުރެއްވި ކެއުންތައް "ހަވީރު"ގެ މުވައްޒަފުންނަށް ލިބެ އެވެ. އެ ހަތް އަހަރު، އެ ނޫހުގެ އަހަރީ ދުވަސް ފާހަގަކުރުން އޮތީ ނީލްވިލާގަ އެވެ. ނޫހުގެ މުވައްޒަފުންގެ އަދަދު ގިނަވެ، އެ ގޭގައި ބޭއްވޭ ވަރަށް ވުރެ އެ ހަފުލާ ފަހުން ބޮޑުވީ އެވެ.

ކެއްކުމަކީ އާޓެއް ނަމަ ނާއިލާ އަކީ އެ އާޓްގެ ފުރިހަމަ މިސާލެކެވެ. ކެއްކުމަކީ ފަސޭހަ ކަމެއް ނަމަ، ނާއިލާ އަކީ އެކަން ދަސްކޮށްދޭން އެންމެ ރަނގަޅު މުދައްރިސެވެ. އެހެންކަމުން، ރައްޓެހިންގެ އެދުމުގެ މަތިން ނަމަވެސް، ނުވަތަ އެނގިވަޑައިގެންނެވި ރަހަތަކެއް ދިވެހިންނަށް ދޫކޮށްލެއްވުމުގެ މަގުސަދުގައި ނަމަވެސް "ޒީނާރު" ނެރުމަކީ އޭނާ ކޮށްދެއްވި ވަރަށް ބޮޑު ޚިދުމަތެކެވެ. އެ ފޮތުގެ ބޭނުން ހިފައިގެން އެތައް ބަޔަކު ކައްކަން ދަސްކުރި އެވެ.

ފޮތަށް ނަން ދެއްވީ ރާއްޖޭގެ އެންމެ މޮޅު އެއް އަދީބު އަލްމަރުހޫމް މުހައްމަދު ޖަމީލް ދީދީ އެވެ. "ޒީނާރު" އަކީ ދިވެހިން ތައްޔާރުކުރާ ފޮނި ކާއެއްޗެކެވެ. ފޮތުގައި ވެސް ޒީނާރު ހަދާ ގޮތް ލިއުއްވާފައިވެ އެވެ. މޮޅު އަދީބަކު ދެއްވި ކެއުމާ އެއާ ގުޅޭ ނަމެއްގައި ކެއްކުމާ ބެހޭ ފޮތެއް ލިއުއްވަން އެ ދުވަސްވަރު ނާއިލާ ފަދަ ތަޖުރިބާކާރު ކެއްކުންތެރިން މަދެވެ. "ޒީނާރު"، ހަތް ފަހަރެއްގެ މަތިން ޗާޕްކުރުމުން ވެސް، (އެންމެ ފަހު ޗާޕް 2002 ގައި) ވިކި ހުސްވީ، ނާއިލާއަށް އޮތް އިތުބާރެއްގެ ބޮޑުކަމުންކަން ޔަގީނެވެ.

"އަޅުގަނޑު އަތަކު ވެސް ނެތް މިހާރު ފޮތެއް. ކޮންމެވެސް މީހަކަށް ދެވުނު ގޮތަށް އެދިޔައީ،" ނާއިލާ ވިދާޅުވި އެވެ.

އެކަމަކު ބައެއް މީހުންގެ އަތުގައި އެ ފޮތް، އަގުހުރި އެއްޗެއް ފަދައިން، ރައްކާކޮށްފައި އެބަ ހުއްޓެވެ. އަދިވެސް އެ ފޮތުގެ ބޭނުން އެތައް ބަޔަކު ހިފަ އެވެ. ޚާއްސަކޮށް، ގިނަ ކެއްކުންތައް ތައްޔާރުކުރާ ރޯދަމަހު އެވެ.

"ޒީނާރު" ލިއުއްވުމާ ހަމައަށް ނާއިލާއަށް ވަޑައިގެންނެވުނީ ދިވެހި ކެއުމާއި ބޭރުގެ އެތައް ވައްތަރެއްގެ ކެއުންތައް އަމިއްލަފުޅަށް ތައްޔާރުކުރެއްވުމުގެ ބޮޑު ތަޖުރިބާތަކަކާ އެކުގަ އެވެ. އެކަމަކު އަލަތު ކައިވެނި ބައްލަވައިގަތުމުގެ ކުރިން ކައްކާކަށް އެނގިވަޑައެއް ނުގަންނަވަ އެވެ. ރާއްޖޭގައި އެދުވަސްވަރު ހުންނެވި އެންމެ ބޮޑު މަހުޖަނު ކަމަށްވާ އަލްމަރުހޫމް ދިއްދޫ އިބްރާހިމް ކަލޭފާނުގެ ދޮށީ ދަރިކަނބަލުން 15 އަހަރު ހޭދަކުރެއްވީ ރާއްޖެއިން ބޭރުގައި ކިޔަވާވިދާޅުވާށެވެ. (ސްރީ ލަންކާގައި 10 އަހަރު، ނިއު ޒީލެންޑްގައި ފަސް އަހަރެވެ) އެނބުރި ރާއްޖެ ވަޑައިގަތީ 1972 ގަ އެވެ. ޑރ. މުހައްމަދު ޒާހިރު ހުސެއިންއާ ކައިވެނިކުރައްވައި، އަމިއްލަ ދިރިއުޅުން ފެއްޓެވި އެވެ.

ބަދިގެއަށް ވެންނެވީ އެ ހިސާބުންނެވެ.

"އޭގެ ކުރިއަކުން އަޅުގަނޑު ކައްކައެއް ނޫޅެން. އެކަމަކު ފަހުން އަޅުގަނޑަށް އެނގުނީ ކެއްކުމަކީ އުނދަގޫ ކަމެއް ނޫން ކަން،" ނާއިލާ ވިދާޅުވި އެވެ.

"އެކި ތަންތަނުން ރެސިޕީތައް ހޯދައިގެން އަޅުގަނޑު ބެލީ އެގޮތަށް ކައްކަން. މަސައްކަތްކުރީމާ ހަމަ ދަސްވޭ. ރަހަތައް ރަނގަޅު ކުރަން ވެސް އެނގޭ."

ކެއްކުމަކީ ނާއިލާ އަށް ވަރަށް ފަސޭހަ ކަމެކެވެ. ގޭގައި މީހުން ގެންގުޅުނަސް ބަދިގޭގައި އެއްޗެއް ނުހަައްދަވާ ނާއިލާއަކަށް ނުހުންނެވެ އެވެ. އިނގިރޭސި އާއި ހިސްޓްރީ ޓީޗަރެއްގެ އިތުރުން އަމީނިއްޔާގައި އެތައް ޒިންމާއެއް 25 އަހަރު ވަންދެން އުފުއްލެވީ ކެއްކުމުން ލިބިވަޑައިގަންނަވާ އުފާ ވެސް ދޫނުކުރައްވަ އެވެ.

"ބައްދަލުވުމެއް އޮތަސް ރައްޓެހިން ބުނާނެ ނާއިލާ ކައްކާ އެއްޗެއް ހުންނަން ޖެހޭނޭ. އެ މީހުން ވަރަށް ބޮޑަށް ބޭނުންވާނެ އަޅުގަނޑު ހަދާ އެއްޗެހި،" އެދުވަސްވަރުގެ ހަނދާންތައް ނާއިލާ އާކުރެއްވި އެވެ.

ނާއިލާގެ ކެއްކުމުގެ ވައްޓަފާޅި އާއި ހައްދަވާ އެއްޗެއްގެ ރަހަ މީރު ކުރައްވަން ގެންގުޅުއްވި ހަމަތައް އޭނާގެ އަންހެން ދެ ބޭފުޅުން ކަމަށްވާ ލީނާ ޒާހިރު ހުސެއިން އާއި ލުބުނާ ޒާހިރު ހުސެއިންގެ ހަނދާނުން ފޮހެވިގެންނެއް ނުދެ އެވެ. މިސާލެއް ދައްކަވަމުން ލީނާ ކިޔައިދެއްވީ ބަރަބޯ ހަލުވާ ހައްދަވަން ނާއިލާ ކުރެއްވި މަސައްކަތެވެ.

ވަރަށް ރީއްޗަށް ބަލަހައްޓާ ހުދު ފޮތިގަނޑެއް އޮވެ އެވެ. އެއީ ބަރަބޯ މަޑުކުރުމަށް ފަހު ފެން ހިންދަން ނާއިލާ ބޭނުންކުރެއްވި ފޮތިގަނޑެވެ. ފުރަތަމަ ފެނަށް ލައިގެން ބަރަބޯ މަޑުކުރަނީ އެވެ. ދެން ކައްކަނީ އެވެ. އޭގެ ފަހުން ޗިސްކޮށްގެން ފެންތައް ފެލައިލަ އެވެ. އެކަމަކު އެވަރުން ނިމުނީއެއް ނޫނެވެ. އެއްކަހަލަ ހުދު ފޮތިގަނޑު، އެ މަސައްކަތުގެ ތެރެއަށް ވައްދަނީ އެހިސާބުންނެވެ.

"ޗިސްކޮށްގެން ވެސް ހުރިހާ ފެނެއް ނުނިކުމޭ. އެހެންވެ އެ ފޮތިގަނޑަށް ބަރަބޯތައް އަޅާނީ، އެ އޮންނާނީ ބޮޑު ބޯޅައެއްހެން. ގޭގެ ވަކަރެއްގައި އައްސާފައި ރޭގަނޑު ބަހައްޓަނީ. ބިން މަތީގައި ހުންނާނެ ބޮޑު ތައްޓެއް، އެ ތައްޓަށް ފެން ތިކިތައް ޖަހާނެ. ހެނދުނު ވާއިރު ހުރިހާ ފެނެއް ހުންނާނީ ނުކުމެފައި،" ލީނާ ކިޔައިދެއްވި އެވެ.

ދެން އޮންނާނީ ހަލުވާގަނޑު ހިލުމެވެ. ޒަމާނީ ގޮތަށް ބަދިގެ ހުއްޓަސް ދަރު އަންދައިގެން ކައްކާ އުނދުނެއް ވަކިން ހަދާފައި ހުރެ އެވެ. އެ އުނދުން މަތީގައި ހަލުވާ ހިލާއިރު މުޅި ހިސާބުގަނޑަށް އޮންނަނީ ފޮނިތޮށި ކާފޫރު ތޮޅީގެ މީރު ވަސްގަނޑެވެ.

ހަލުވާ ކުދިކުދިކޮށް ކޮށާފައި، އެއަށް ބޭނުންވާ ޚާއްސަ ކަރުދާހުގެ ތެރެއަށް ލައި، ފުރިހަމަ ކުރުމަށް ފަހު ނޫނީ، ގޭ ކުއްޖަކަށް ވެސް ނުދެއްވަ އެވެ.

"ނޮވެލްޓީ އަށް ގޮސް މަންމަ ކަރުދާސް ވެސް ގަންނާނީ. އަހަރެމެން ގާތު ބުނާނެ ކަފާށޭ ސައިޒަށް. ހަލުވާގަނޑު ހަދާފައި ހުއްޓާ ގޮސް އަތް ބާނައިގެން ކެޔަކަ ނުދޭނެ. އަހަރެމެންނަށް ވެސް ދޭނީ އެ ކަރުދާސްގަނޑަށް ލާފައި، އެ ހުންނަން ޖެހޭ ގޮތަށް ހަދާފައި،" ލީނާ ވިދާޅުވި އެވެ.

ބަރަބޯ ހަލުވާ ހަދާނެ ގޮތް "ޒީނާރު"ގައި ތަންކޮޅެއް ދިގުކޮށް ލިއުއްވާފައިވެ އެވެ. ޔަގީނުން ވެސް ސަބަބެއް އޮވެގެންނެވެ.

"ޒީނާރު" ފޮތް މައިގަނޑު ފަސް ބަޔަކަށް ބަހާލެއްވި އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ބައެއް ގައުމުތަކުގެ ކެއުންތަކަށް ޚާއްސަކުރެއްވި "އެތަން މިތަނުން" ވެސް ހިމެނެ އެވެ. ކޮންމެ ބައެއްގައި ވެސް، އޭރުގެ ނިސްބަތުން، އެކަށީގެންވާ ވަރުގެ އަދަދަކަށް ކެއުންތައް ލިއުއްވި އެވެ. މިސާލަކަށް ކަނދި ބަޔަށް ބަލާލަމާ ހިނގާށެވެ. އޭގައި މާޅޮސްކޭލު ކަނދި، ފުފުލު ކަނދި، ކަށިކޭލު ކަނދި، ހިތްތެލަފުށު ކަނދި، ނާށިގަނޑު ކަނދި، ސާގު ކަނދި، ދަނޑިއަލުވި ކަނދި، ކުރުކުރު ކަނދި، ލޮނދު ކަނދި ހިމެނެ އެވެ. ކަނދި ކައްކަން ބޭނުން މީހަކަށް އެ ވަރު ޔަގީނުން ވެސް މަދެއް ނުވާނެ އެވެ.

ބައެއް މީހުންގެ ނަޒަރުގައި ދިވެހި ކެއުން "ފަގީރެ"ވެ. ތަފާތު މާ ގިނަ އެއްޗެހިތަކެއް ނުހުރެ އެވެ. އެކަމަކު ނާއިލާ އަރިހު އެކަހަލަ ވާހަކައެއް ދައްކާ މީހަކަށް ކުރިއެރުމެއް ނުލިބޭނެ އެވެ. އެއަށް ވުރެ ބޮޑަށް ދިވެހި ކެއުމުގެ މުއްސަނދިކަން އޭނާއަށް އެނގިވަޑައިގަނެ އެވެ.

"ދިވެހި ކެއުން މުއްސަނދި. ބައްލަވާލައްވާ ހަމައެކަނި ގަރުދިޔައަށް. ގަރުދިޔަ ކައްކައިފިއްޔާ އެއާ އެކު ކާން މަސް ތެލުލި ދާނެ، މަސް ފިހެވިދާނެ. އެ ނޫން ވެސް އެތައް އެއްޗެއް ހެދޭނެ،" ނާއިލާ ވިދާޅުވި އެވެ.

އޭގެ ބައެއް ފިލާވަޅުތައް "ޒީނާރު"ގައި އެ ހުރީ އެވެ. އެއީ ކައްކާނެ ގޮތް ބުނެދޭން ދިވެއްސަކު ތައްޔާރުކުރެއްވި އެންމެ މުހިންމު އެއް ފޮތެވެ. ބަދިގޭގެ މަސައްކަތުގެ ތެރެއަށް އެތައް ބަޔަކު ވައްދައިދިން އެދުރެވެ.

"އެ ފޮތް އަދިވެސް ނެރެންވީ،" ނާއިލާ ވިދާޅުވި އެވެ.

އާއެނކެވެ. އަނެއްކާވެސް ނެރެންވީ އެވެ. ފޮތް ފެށުމުގެ ގޮތުން، "މީރު ކާނާއަކީ، ހިތްދަމައިގަތުމުގެ އެންމެ ވަރުގަދަ ފަންޑިތަ އެވެ،" މިހެން ނާއިލާ ލިއުއްވާފައި ވަނީ ރަނގަޅަށެވެ. މީރު ކެއުމަކަށް އިންސާފުކުރުމަކީ ދުނިޔެ އިން ލިބޭނެ އެންމެ ބޮޑު އެއް އުފަލެވެ.

ކެއްކުން ރެސިޕީ ނާއިލާ އިބްރާހިމް ކަލޭފާނު

Popular