މާބަނޑު ދުވަސްވަރު ހުން އައުމަކީ އޮޓިޒަމް ކުއްޖަކު ލިބުމުގެ ފުރުސަތު އިތުރުވާ ކަމެއް ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.

މާބަނޑު ދުވަސްވަރު ހުން އައުމަކީ އޮޓިޒަމް ކުއްޖަކު ލިބުމުގެ ފުރުސަތު އިތުރުވާ ކަމެއް ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.
މައިމީހާގެ ބަނޑުގައި ކުއްޖާ އޮންނަ ދެ ވަނަ ޓްރައިމިސްޓާގައި މައިމީހާ ހުން އަތުވެއްޖެނަަމަ ކުއްޖާ އަށް އޭގެ އަސަރު ފޯރައި އެ ކުއްޖާގެ ގައިގައި އޮޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ އުފެދުމުގެ ފުރުސަތު 40 ޕަސެންޓް އިތުރު ކަމަށް މި ދިރާސާއިން ވަނީ ހާމަވެފަ އެވެ.
އަދި ބަނޑަށް 12 ހަފުތާ ފުރޭ ފަހުން މައިމީހާ ތިން ފަހަރު ނުވަަތަ އެއަށް ވުރެ ގިނަ ފަހަރު ހުން އައުމަކީ ބަނޑުގައިވާ ދަރިފުޅަށް އޮޓިޒަމްގެ އަަސަރުކުރުމުގެ ނުރައްކާ 300 ޕަސެންޓް އިތުރުވާ ކަމެއް ކަމަށް ވެސް މި ދިރާސާ ކުރި ފަރާތުގެ ރިޕޯޓުގައި ވެއެވެ.
"އަހަރެމެންގެ މި ދިރާސާގެ ނަތީޖާއިން ދައްކާފައިވާ ގޮތުން މާބަނޑުމީހުންގެ ހަށިގަނޑަށް އެކި އިންފެކްޝަންތަކުގެ އަސަރު ކުރުމުގެ ސަބަބުން އެމީހާގެ ހަށިގަނޑުން އެ އިންފެކްޝަނުން ދިފާއުވުމަށް އަޅާ ފިޔަވަޅުތަކަކީ ބަނޑުގައި އޮންނަ ދަރިފުޅަށް އޮޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ ކުރިމަތިވާ ކަމެއް ކަމަށް ވަނީ ދައްކާފައި. ހުރިހާ ކުދިންނަށް މިގޮތަށް ދިމާނުވިޔަސް ބައެއް ކުދިންނަށް މިކަން މިހެން ދިމާވޭ." އެމެރިކާގެ ނިއުޔޯކްގެ ކޮލަމްބިއާ ޔުނިވަސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު އަދި މި ރިޕޯޓު ތައްޔާރުކުރެއްވި މެޑީ ހޯނިގް ވިދާޅުވި އެވެ.
މި ދިރާސާކުރި ޓީމުން ވަނީ މިކަމަށްޓަކައި 1999 އިން ފެށިގެން 2009 އާ ދެމެދު އުފަންވީ 95،754 ކުއްޖެއްގެ ސިއްހީ ހާލަތު ބަލަމުން ގެންގޮސްފަ އެވެ. މީގެ ތެރޭގައި އޭއެސްޑީ ހުރިކަން ދެނެގަނެވިފައިވާ ނޯވޭގެ 583 ކުއްޖެއް ހިމެނެ އެވެ.
މި ކުދިންގެ ތެރެއިން 15،701 ކުއްޖެއް (16 ޕަސެންޓް) ކުދިންގެ މަންމަ ވަނީ އެއްފަހަރު ނުވަތަ އެއަށް ވުރެ ގިނަ ފަހަރު ހަތަރު ހަފުތާގެ އިންޓަވަލެއްގައި ހުން އައިކަމަށް ރިޕޯޓްކޮށްފަ އެވެ. ބަލިވެ އިން މުއްދަތުގެ ތެރެއިން އެއްވެސް އިރެއްގައި ހުން އައި ކަމަށް ރިޕޯޓުކުރި މަންމައިންގެ ދަރިންނަށް އޭއެސްޑީ ނުރައްކާ 34 ޕަސެންޓް އޮތްއިރު ދެ ވަނަ ޓްރައިމިސްޓާ އަަށް އަޅާފައިވަނިކޮށް ހުން އައި މަންމައިންގެ ދަރިންނަށް އޭއެސްޑީ ޖެހުމުގެ ފުރުސަތު 40 ޕަސެންޓަށް މަތިވެފައިވާ ކަމަށް މި ދިރާސާގައި ބުނެފައި ވެއެވެ.
އަދި ދެ ވަނަ ޓްރައިމިސްޓާ އަށް އަޅާފައިވާ މައިންގެ ތެރެއިން ހުން އައުމުން އެސީޓޯމެނިފެން ކިޔާ ހުމަށް ދޭ ބޭހެއް ބޭނުންކުރި މީހުންނަށް ލިބުނު ދަރިންނަށް މި ނުރައްކާ ތަންކޮޅެއް ކުޑަވެފައިވާކަން ވެސް ދިރާސާގައި ފާހަގަކޮށްފައި ވެއެވެ. އަދި ހުން އައުމުން އައިބުޕްރޮފިން ކިޔާ ނޮންސްޓިރޮއިޑަލް އެންޓި-އިންފްލެމޭޓަރީ ބޭހެއް ބޭނުންކުރި މީހުންގެ ދަރިންގެ ތެރެއިން އެއްވެސް ކުއްޖަކަށް އޮޓިޒަމް ހުރެގެން ރިޕޯޓު ކޮށްފައެއް ނުވެ އެވެ.
މި ދިރާސާގެ އަލީގައި ކުރިމަގުގައި ހަދާ ދިރާސާތަކުގައި މާބަނޑު ދުވަސްވަރު ޖެހޭ އިންފެކްޝަންތަކާއި އިންފްލެމޭޝަންތަކަށް ހަށިގަނޑު މަސައްކަތްކުރާ ގޮތް ދެނެގަނެ އެ އިންފެކްޝަންތަކުން ސަލާމަތް ވެވޭނެ ގޮތްތައް ހޯދުން ހިމެނޭ ކަމަށާއި ސަބަބަކީ މިކަމުގެ ސަބަބުން ބަނޑުގައި އޮންނަ ކުދިންނަށް އޮޓިޒަމް މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމުން ކަމަށް ކޮލަމްބިއާ ޔުނިވަސިޓީގެ ޕްރޮފެސަރު ޑަބްލިޔު. އިއާން ލިޕްކިން ފާހަގަ ކުރައްވާފައި ވެއެވެ.
އޭއެސްޑީ އަކީ ވަރަށް ކޮމްޕްލެކްސް ވައިޑް-ސްޕެކްޓްރަމް ޑިސްއޯޑާ އެކެވެ. މި ބަލީގެ ސަބަބުން މީހުންނާއި މުވާސަލާތުކުރުމާއި މުއާމަލާތްކުރުމަށް ކުދިން ނުކުޅެދެ އެވެ. މި ބަލީގެ ނިޝާންތައް ފެންނަން ފަށަނީ ކުދިންގެ ޅަފަތުގަ އެވެ. އަދި އެކި ކުދިންނަށް އެކި މިންވަރަށް މި ބަލީގެ ސީރިއަސްކަން ކުރިމަތިވެ އެވެ.
ޖާނަލް މޮލެކިއުލާ ސައިކޭޓްރީގައި ޝާއިއުކޮށްފައިވާ މި ރިޕޯޓުގައި ސައިންސްވެރިން ބުނެފައިވަނީ މާބަނޑުދުވަސްވަރު އިންފެކްޝަންތައް ޖެހުމުން ހަށިގަނޑު އެ އިންފެކްޝަނަކަށް އިޖާބަދޭ ގޮތެއްގެ ސަބަބުން ބަނޑުގައި އެވަގުތު އޮންނަ ކުއްޖާއަށް ބައެއް ފަހަރަށް އޮޓިޒަމްގެ މައްސަލަތައް ކުރިމަތިވާ ކަމަށް ކުރިން ވެސް ގިނަ ދިރާސާތަކަކުން ހާމަވެފައިވާ ކަމަށާއި މިއީ ވެސް އެ ދިރާސާތަކަށް އިތުރު ތާއީދެއް ލިބޭ ހޯދުމެއް ކަމަށެވެ.