23 Nov 2017

ފިޒާނާގެ ވައިރަލްވި ގްރެޖުއޭޝަން ސްޕީޗް

ފިޒާނާގެ ވައިރަލްވި ގްރެޖުއޭޝަން ސްޕީޗް

By: Aishath Mihna Nasih

މިއީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު މަދަރުސާ ޕްރީސްކޫލްގެ ގްރެޖުއޭޝަންގައި ޝަރަފްވެރި މެހެމާން، ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން މަރިޔަމް ފިޒާނާ ރަޝީދު ދެއްވި ސްޕީޗެވެ.

ތައުލީމީ ދާއިރާގައި ޚިދުމަތްކުރައްވާތާ ގާތްގަނޑަކަށް އެކާވީހަކަށް އަހަރު ވެފައިވާއިރު، މިއީ ފިޒާނާ އަމިއްލަ އަށް ހައްދަވާފައިވާ އާ ޅެމެކެވެ.

"ޖަލްސާތަކުގައި އާންމުކޮށް އެންމެން ވެސް ދެނީ ދިގު ސްޕީޗްތަކެއް. އެހެންވެ އަސްލު ތަފާތުކޮށް ކްރިއޭޓިވް ކޮށްލުމަށް ހިތަށް އެރީ އާޅެމަކުންނޭ މިފަހަރު ސްޕީޗް ގެނެސްދޭނީ،" ފިޒާނާ ވިދާޅުވި އެވެ.

އާންމުކޮށް ވެސް އޭނާގެ ވާހަކަތަކާއި ގައުމީ އެކި ޝުއޫރުތަކުގެ އާޅެންތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރައްވާއިރު، މި އާޅެން ފޭސް ބުކްގައި ހިއްސާކުރެއްވީ ގަލޮޅު މަދަރުސާގެ ބެލެނިވެރިންގެ އެދުމަށް ކަމަށް ފިޒާނާ ވިދާޅުވި އެވެ.

ގަލޮޅު މަދަރުސާގެ ޕްރިންސިޕަލް ސުރައްޔާ އިބްރާހިމް ވިދާޅުވީ، މި ސްޕީޗް ދިން ވަގުތު މުޅި ހޯލް އެކީއެކަށް ހިމޭން ވެގެން ދިޔަ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ފިޒާނާ އެ ސްޕީޗް ދެއްވީ ވަރަށް ރީތިކޮށް، ވަރަށް ފުރިހަމަކޮށް ކަމަށެވެ.

"ފަހަކަށް އައިސް އަޅުގަނޑު ވެސް މިކަހަލަ ހަފުލާއަކުން އަޑުއެހި އެންމެ ރީތި ސްޕީޗް އެއީ،" އޭނާ ވިދާޅުވި އެވެ.

މި ސްޕީޗް ސޯޝަލް މީޑިއާގައި ވެސް މިހާރު ވަނީ ވައިރަލް ވެފަ އެވެ. އެހެންވެ، "ދޯ"ގެ ކިޔުންތެރިންނަށް ވެސް މި ސްޕީޗް ހިއްސާކޮށްލާނަމެވެ.

ފިޒާނާގެ ގްރެޖުއޭޝަން ސްޕީޗް

بسم الله الرحمن الرحيم

ޕްރީ ސްކޫލް ކޮންމެ ކަމެއްގައި، ހުރެއޭ ކައިރީގައި މަންމަ އާއި ބައްޕައާ

ޕްރައިމަރީގައި، ގްރޭޑް މައްޗަށްދާ ވަރަކަށް ބަދަލުވެޔޭ މަންމަ ނޫނީ ބައްޕައަށް

ސާނަވީގައި ނުވެޔޭ ދާނެ އެކަކުވެސް، ބޮޑެތިވީތީ ދަރީން

އަޒުމު ކަނޑައަޅާށެ ކުރިއަށް ދިއުމުގައި، ދަރީންގެ އަތުގައި ހިފިގޮތަށް ޕްރީ ސްކޫލްގައި

ދޭނަން ޕީސީއެއް، ގެންދާނަން މޭރީ ބްރައުން އަށް،

ހޯދާށެ "އޭ" ރިޕޯޓެއް، ދޭނަމޭ ބުނި އެއްޗެއް، ގަނެ ދޭނަމޭ އައިޕެޑެއް

ހައްލުވާ ނުލާށެ، މާއްދީ ކަންކަމަށް ދަރީން

ދަސްކޮށްދޭށެ ކަންކަން ކުރަން، ޝަރުތަކާއި ނުލާ

ދަސްކޮށްދޭށެ ނަގަން ޒިންމާ، ކަންކަން ކުރުމުގައި

ދައްތަ މޮޅޭ، ކޮއްކޮއަށް ވުރެ، ބޭބެ ދަށޭ ކޮއްކޮ އަށް ވުރެ،

އެ ކުއްޖާ މޮޅޭ، މި ކުއްޖާ މޮޅޭ ނުކިޔާށެ ކުރިމަތީގައި ދަރީންގެ

މަޖަލަކަށް ވެސް ރުޅި ނާރުވާށެ ނުގޮވާށެ ހުތުރު ނަމުން ދަރީންނަށް

ބުލީގެ ނުވަތަ ގަނާގެ ޝިކާރައަކަށް ދަރީން ވިޔަނުދީ ބައްލަވާށޭ

ނަގާލެވޭތީ އުންމީދުތަކާއި ކެރުންތެރިކަން ދަރީންގެ

ވިސްނާށެ ﷲގެ ރަހުމަތުން، ކޮންމެ ކުއްޖެއް ވެސް ޚާއްސަ ކުއްޖެއްކަން

ދޭށެ ފުރުސަތު، ވިސްނާށެ ޝައުގުވެރިވާ ކަންތައް ކުދީންގެ

ދޭށެ ލޯތްބާއި އަޅާލުމާއި އޯގާތެރިކަން އެ ކުދީންނަށްް

ނުވޭ ވަގުތެއް މަގޭ ދަރިޔަށް، ބުނެލެވޭ ފަހުރުވެރިކަމާ އެކު

ސްކޫލް ނިންމާފައި ގުރުއާން ކްލާހަށް، ގުރުއާން ކްލާހުން ޓިއުޝަނަށް

ޓިއުޝަނުން އިނގިރޭސި ކްލާހަށް، އެ ކުލާހުން ބާސްކެޓަށް ބާސްކެޓުން ޓީޓީއަށް

ނުލިބޭ ވަގުތެއް ކާނެ، ނުލިބޭ ވަގުތެއް އަރާމު ކުރާނެ

ނުވެޔޭ މިހެން ވުމުން އޯލް ރައުންޑާ އަކަށް ދަރިފުޅު

ދޭށެ ވަގުތު ދަރިފުޅާ، ކުރުވާށެ ކަންކަން ސިކުނޑިއަށް ކަތާވަރަށް ދަރިފުޅުގެ

ނޫނީ ފަހުން ވެދާނޭއޭ ފޫހި ކިޔެވުން މަތީން،

ޒިންމާދާރު ކުރުވާށެ ދަރިފުޅު އިސްވެ އުނގެނުމަށް

އެއީ އޮޅިގެންނޭ ދޯ ދަރިފުޅާ

މަގޭ ދަރިފުޅު ނުކުރާނެ އެކަހަލަ ކަމެއް

ނުބުނާށެ މިހެން، ވިސްނާދޭށެ ކުރެވުނީ ގޯސްކަމެއްކަން

އެހެނަސް ދޭށެ ހިތްވަރު ކުރާ ކަންތަކުގައި ރަނގަޅު

ނުކުރާށެ ދަރީން ދޮންފުތު، ވިސްނާދޭށެ ދަރިންނަށް ހެވާއާއި ނުބައި

އެނގިލައްވާތޯ އަޅުގަނޑުމެން މީ ތިން ސްކްރީންގެ އަޅުންކަން

އޮފީހުގައި ކޮމްޕިއުޓާ، ގޭގައި ޓީވީ، އަތުގައި މޯބައިލް

ބައްލަވާ ދަރީން ވެސް ހަމަ މިހެނޭ އިނގޭތޯ

ވިސްނާށެ ގެއްލެނީ އެކުދީންގެ ވިސްނުމުގެ ބާރުކަން ކަން،

ނެތިގެންދަނީ އެކުދިންގެ ބަސްމޮށުންތެރިކަން ކަން،

ބީވެދަނީ ހެލިފެލިވެ އުޅުމުގެ ގާބިލްކަން ކަން

ހޭދަ ކުރާށެ ވަގުތު ރަނގަޅުގޮތުގައި، ދަރީންނާ އެކު

އިސާހިތަކު ބޮޑޭތިވެދާނޭ ދަރީން، ނޭނގި ތިއްބާ

ވިސްނާށެ މިއަދު މި ގައުމުން ނެތިދަނީ އިންސާނިއްޔަތުކަން ކަން

ވީޑިއޯ ގޭމްއަކުން ވެސް، ފިލައިގެން ހިނގައިދާނެ އިންސާނިއްޔަތުކަން

ދައްކާށެ ނަމޫނާ، ދަރީންގެ އަތުގައި ހިފައިގެން ހުރެ

އަޅާލާށެ މީހުންނަށް، ސެލްފީ ނަގަން ނުހުރެ

ދައްކާށެ ނަމޫނާ، ދަރީން ފަހަރުގައި ބައިންދައިގެން ބަރުގޮނު ނާޅާ، ހަޅޭއް ނުލަވާ

އަހުލުވެރި ކުރުވާށެ، އިސްލާމް ދީނުގެ ރިވެތި ސިފަތަކަށް ދަރީން، ނަމޫނާ ދައްކައިގެން

ހިއްސާކުރަން ބައިވަރު ވާހަކަ އެބަހުރި،

އެހެނަސް ނިންމާލަމުން ދެންނެވޭނީ

ވަމޭ ބައިވެރި ތިޔަ ލޮބުވެތި ބެލެނިވެރިންގެ އުފަލުގައި

ކުރަމޭ ދުއާ ހެޔޮރަހުމަތާ ދުޅަހެޔޮ ސިއްހަތެއް ދެއްވާތޯ އެންމެހާ ބޭފުޅުންގެ ދަރީންނަށް

ޝުކުރިއްޔާ

- ފިޒާ 2017 - ❤

ސްކޫލް ކުޑަކުދިން ތައުލީމް ދަރިން ތަރުބިއްޔަތުކުރުން

Popular