29 Apr 2019

މެޑިޓެރޭނިއަން ޑައިޓް– ދިވެހިންނަށް

މެޑިޓެރޭނިއަން ޑައިޓް– ދިވެހިންނަށް

By: Asiya Abdul Raheem (Dietician)

މެޑިޓެރޭނިއަން ޑައިޓަކީ މިހާރަކަށް އައިސް ދިވެހިންގެ ތެރޭ މަގުބޫލުވަމުން އަންނަ ޑައިޓެކެވެ. އަދި މި ޑައިޓުން ސިއްހަތަށް ލިބޭ ގިނަ ގުނަ ފައިދާތަކުގެ ސަބަބުން ދުނިޔޭގެ ގިނަ ޑައިޓީޝަނުންގެ މެދުގައި ވެސް މި ޑައިޓް ވަނީ މަގުބޫލުކަން ހޯދައިފަ އެވެ.

މި ޑައިޓް ދިވެހިން ބޭނުން ކުރަން ލަފާދިނުމާ މެދު އަޅުގަނޑަށް އޮތް ހަމައެކަނި ދަތި ކަމަކީ މި ޑައިޓްގައި ހުންނަ ގޮތަށް ކެއުން ބައްޓަންކުރުން ބައެއް މީހުންނަށް ތަންކޮޅެއް ހަރަދު ބޮޑުވެދާނެތީ އެވެ. އެހެންކަމުން މި ޑައިޓް ދިވެހިންނާ ގުޅޭގޮތަށް ތަންކޮޅެއް ޚަރަދު ކުޑަކޮށް، ނަމަވެސް މި ޑައިޓްގެ ފުރިހަމަކަން ނުގެއްލޭގޮތަށް ބަދަލު ކުރެވިދާނެ ގޮތަތަކެއް ހުށައަޅާލަމެވެ.

1. މި ޑައިޓްގެ އެންމެ ފުރިހަމަ އެއް ކަމަކީ ކާށިތެލާއި ޕާމް އޮއިލް (މިކިޔާ ވެޖިޓަބަލް ކުކިން އޮއިލް ނުވަތަ ޢާއްމުކޮށް އަޅުނގަޑުމެން މި ބޭނުން ކުރާ ކައްކާ ތެޔޮ) ގެ ބަދަލުގައި ޒައިތޫނި ތެޔޮ ބޭނުން ކުރުމެވެ. ޒައިތޫނި ތެލަކީ ހަށިގަނޑަށް ގެއްލުން ކުރާ ކޮލެސްޓްރޯލާ ދެކޮޅަށް މަސައްކަތް ކުރާ ތެލެކެވެ.

އެހެން ނަމަވެސް އަޅުގަނޑުމެނަށް ޒައިތޫނި ތެޔޮ ލިބެން ހުންނަނީ ތަންކޮޅެއް އަގު ބޮޑުކޮށެވެ. ޒައިތޫނި ތެޔޮ އަގު ބޮޑުވިޔަސް މި ޑައިޓްގައި އޮންނަ ގޮތަށް ބޭނުންކުރުން އުނދަގުލަކަށް ނުވާނެ އެވެ. އެއީ މި ޑައިޓްގައި ތެޔޮ ބޭނުން ކުރަނީ ތެއްލާކަށެއް ނޫނެވެ. ސެލެޑް ހަދާލާއިރު އޭގެ މައްޗަށް އަޅާލާށެވެ. އެއީ މީހަކަށް ދުވާލަކަށް ގިނަވެގެން ގާތްގަނޑަކަށް ދެ ސައި ސަމްސާ ހުންނަހާ ތެލެވެ. މި ތެޔޮ ބޭނުންކޮށްފަ އެހެން ބާވަތްތަކުގެ ތެޔޮ ބޭނުން ނުކުރާނީ އެވެ.

2. މި ޑައިޓްގައި ދެން ބޭނުން ވަނީ އެއްގަމު މަހުގެ ބަދަލުގައި ކަނޑު/ ފަރުމަސް ބޭނުން ކުރާށެވެ. މި ޑައިޓްގައި ސެއިމަންގެ ވާހަކަ ލިޔެފައި އޮތަސް އަޅުގަނޑުމެނަށް ކަނޑުމަސް ނުވަތަ ކަންނެލި ބޭނުން ކުރެވިދާނެ އެވެ. އެއީ ސެއިމަން ތަންކޮޅެއް އަގު ބޮޑުވެފައި، އަޅުގަނޑުމެނަށް ގަންނަން ލިބެން ހުންނަ ސެއިމަން އެހާ ތާޒާ ނުވާނެތީއާ އެކު ކަނޑުމަހާއި ކަންނެލި މަހަކީ ވެސް އޮމެގާ3 އެންމެ ގިނަ މަސްތަކުގެ ލިސްޓުގައި ހިމެނޭ މަސްކަމަށް ވާތީ އެވެ.

3. ތަރުކާރީގެ ބާވަތްތައް އިތުރުކުރުން ވެސް މިއީ މި ޑައިޓްގައި އިސްކަމެއް ދޭ ކަމެކެވެ. އަޅުގަނޑުމެން ތަރުކާރީގެ ބާވަތް އިތުރުކުރަން އަޅުގަނޑުމެނަށް ލިބެން ހުންނަ ތަރުކާރީ ބޭނުންކުރާނީ އެވެ. އެގޮތުން އެ ރަށަކުން އެންމެ ފަސޭހައިން އެންމެ ހެޔޮ އަގެއްގައި ލިބެން ހުންނަ ތަރުކާރީގެ ބާވަތްތަކަށް ބަރޯސާވުން ރަނގަޅެވެ. އަޅުގަނޑު ދިޔަ ރަށްރަށަށް ބަލާއިރު އެންމެ ފަސޭހައިން ލިބެން ހުންނަނީ މުރަނގަފަތާއި މުރަނގަތޮޅި، ކައްޓަލަ ފަތް، ކޮޕީފަތް، ބަރަބޯ، ބަށި، ޗިޗަންޑާ، ތޮރާ، ކުއްޅަފިލާފަތް، މްއްސާގުފަތް ފަދަ ބާވަތްތަކެވެ. މި ބާވަތްތަކުގެ އިތުރުން ކެރެޓު، ކެބެޖު، ބީންސް، ބްރޮކޮލީ، ކޯލީފްލާވާ ފަދަ ބާވަތްތައް ވެސް އިތުރުކޮށްލުން ރަނގަޅެވެ.

4. ގޮވާމުގެ ބާވަތްތައް ބޭނުންކުރުމުގައި ހޯލްގްރޭންގެ ބާވަތްތައް އިތުރުކުރަން ވެސް މި ޑައިޓްގައި އޮވެއެވެ. އަޅުގަނޑުމެނަށް ހޯލްގްރޭންގެ ތަފާތު ބާވަތްތައް ލިބެން ހުރެއެވެ. އެގޮތުން އާޓާ ފުށާއި ބްރައުން ބްރެޑް، ރަތް އަދި ބްރައުން ރައިސް، އޯޓްސް، ކުސްކުސް، އަދި ހޯލްވީޓް ޕާސްތާއާއި ބާރުލީ އަދި ޒުވާރި ވެސް ލިބެން ހުރެއެވެ. ގޮވާމުގެ ބާވަތްތައް ބޭނުން ކުރުމުގައި މި ބާވަތްތައް އިތުރުކޮށްލުން ރަނގަޅެވެ.

5. ނަޓްސްގެ ބާވަތްތައް ލުއި ކާނާގެ ގޮތުގައި ބޭނުންކުރުން ވެސް މި ޑައިޓްގައި ވެއެވެ. ނަޓްސްއަކީ އޭގައި ސިއްހަތަށް ފައިދާ ކުރާ ފެޓްސްގެ ބާވަތްތައް ގިނަ އެއްޗެކެވެ. ހަވީރު ސައިބޯން ހެދިކާ ގަތުމުގެ ބަދަލުގައި ނުވަތަ ނުވަގަޑީގައި ޖޫސް ބުއިމުގެ ބަދަލުގައި މުށެއްހާ ކެޝޫނަޓް ނުވަތަ އާމަންޑް ފަދަ ބާވަތެއް ބޭނުންކޮށްލުން ރަނގަޅެވެ.

6. މެޑިޓެރޭނިއަން ޑައިޓްގައި ފޮނިކާއެއްޗެއް ނުވަތަ ޑެސަޓެއްގެ ގޮތުގައި ބޭނުންކުރަން ބުނެފައިވަނީ މޭވާގެ ބާވަތްތަކެވެ. ލިބެން ހުރި ނަމަ ތޫތު، މުރައިކި، ޖޭމު ރަނގަޅެވެ. މި ބާވަތްތައް ހޯދަން އުނދަގޫ ނަމަ ހަމަ އާއްމުކޮށް ލިބެން ހުންނަ ފަޅޯ، ކުންނާރު، ޖަނބުރޯލު، އަނބު، އަލަނާސި، ފޭރު، ކަރާ، އޮރެންޖު ފަދަ މޭވާ ވެސް ކަމުދާނެ އެވެ.

7. ދެން މި ޑައިޓްގައި ބުނަނީ ޓީވީ ނުވަތަ އެފަދަ ސްކްރީން ކުރިމަތީ ނުކެއުމަށެވެ. އެއީ ސިއްހީ ގޮތުން އެހާ ރަނގަޅު ކަމެއް ނޫނެވެ. ކެއުމުގެ އާދަކަށް ބަލާއިރު ކެއުން ރަނގަޅީ އެކުގައި އުޅޭ އެންމެން އެއް ސުފުރާއެއްމަތީ ތިބެ ހިތްހަމަ ޖެހޭ ފަދަ މައުލޫއަކަށް ދެކެވޭ ވާހަކައަކާ އެކުއެވެ. އަދި އަނގައަށްލާ ކޮންމެ ކާ އެތިކޮޅަކީ ޝައުގު ވެރިކަމާއި އެކު ކާލާ އެއްޗަކަށް ހެދުމެވެ.

މައުލޫމާތު ހޯދީ އީޓިން ވެލް ޑޮޓް ކޮމްގެ އާޓިކަލްއަކަށް ބިނާކޮށް

ދުޅަހެޔޮ ދިރިއުޅުން ފައިދާހުރި ކާނާ

Popular