16 Oct 2024

އެންމެފުރަތަމައިނުންވެސް އަޅައިގަތީ އެންމެ ތިރީގައިވާ ރަތް ކުލައިގެ ހިތުގައެވެ. ދެން އޭގެ ކުރިން ލިޔެފައިވާ އިބާރާތުގައެވެ.

"އައި ލަވް ޔޫ ޝިއު!" އޭނާ ނިންމާލާފައި އޮތީ އެހެންނެވެ.

ޒިލާލުގެ މެސެޖް ކިޔުމުގެ ބަދަލުގައި އޭނާއަށް ޝިއުނާ ގުޅީއެވެ.

"ތިހެން ބުނާ އަޑު އަހާހިތުން ހުންނަތާ މިހާރު ކިހާ ދުވަހެއް" ޒިލާލު ފޯނު ނެގުމާއިއެކު ޝިއުނާ ބުނެލިއެވެ.

"މިއީ ހަމަ ލަވް އެޓް ފަސްޓު ސައިޓް... އެދުވަހު ފެރީއިން ފެނުނު ހިސާބުން އަހަރެން ޝިއުއަށް ހިތްކިޔައިފި" ޒިލާލު ބުނެލިއެވެ.

އެހިސާބުން އެދެހިތުގައި އެކަކު އަނެކަކަށްޓަކައި ފޮރުވައިގެން ގެންގުޅުނު ޝުއޫރުތައް ހާމަވާން ފެށިއެވެ. އެކަަކު އަނެކަކުގެ ހިތުގައިވާ އެއްޗެއް އޮޅުންފިލުވުމުގެ ގޮތުން ހެދި ދޮގުތަކުގެ ވާހަކަ ދައްކާފައި ދެމީހުން ހުނެވެ. ހައިޝަމް އާއި ގުރޭޝާގެ ވާހަކަ ދެކެވުނެވެ. ޝިއުނާގެ މަންމަގެ ވާހަކަ ފެށުނީ އޭގެ ފަހުންނެވެ. އެހިސާބުން ޑައިރީއިން އޭނާއަށް އެނގުނު އެއްޗެއްސާއި އޭގައި ލިޔެފައިވާ ހިސާބާއި ދެން ކަންތައް ވެގެން ދިޔަގޮތް ޝިއުނާ ކިޔައިދޭން ފެށިއެވެ.

"ބައްޕަ ބުނީ ހީވަނީ އެޖިންނި އުޅުނީ ޝިއު މަރާލަންހެންނޯ" ޝިއުނާ ބުނެދިނެވެ. ބައްޕަމެން އޭނާއަށް އެވާހަކަތައް ސިއްރުކުރީ އޭނާގެ މަންމަ މޮޔަވެފައި ހުރިކަން އެނގުނީމާ މާދެރަވާނެތީ ކަމުގައި ޝިއުނާ ބުނެދިނެވެ. މަންމަ ދުނިޔޭގައި ހުރިކަން އޭރު އެރަށުގައި އުޅުނު މީހުންނަށް އިނގޭނެ ކަމަށާއި ޝިއުނާ އެރަށު މީހުންނާއި ވާހަަކަ ދެއްކިއަނުދީ އަލީ ރަޝީދު ސައިލުގައި ފޮނުވި ސަބަބަކީ އެއީ ކަމުގައިވެސް ޝިއުނާ ކިޔައިދިނެވެ.

"ބައްޕަ ނިންމައިގެން ހުރީ ޝިއު މީހަކާ އިނދެގެން ދިރިއުޅެއް ފެށީމާ އެހުރިހާ އެއްޗެއް ކިޔައިދޭށޯ... އެއީ އޭރުން ޝިއު ދެރަވިޔަސް އެކަން ޝެއާރކުރާނެ މީހެއް ކައިރީގައި ހުންނާނެތީ ޔޯ"

"ބައްޕަ ކައިރީގައި ބުނޭ އެމީހާ ފެނިއްޖެއޭ" ޒިލާލު ހީލަމުން ބުނެލިއެވެ. ޒިލާލު ފޯނު ބޭއްވީ މާދަމާ ނޫން އަނެއްދުވަހު ދާނަމޭ ބުނެފައެވެ. އެހިސާބުން ޝިއުނާގެ ހިތް އުފަލުން ތެޅިފޮޅެންފެށިއެވެ.

***

އަނެއްދުވަހު ޝިއުނާ ގޮވައިގެން އޭނާގެ ބައްޕަ ގުރައިދޫއަށް ދިޔައެވެ. މަރުކަޒުގެ ދޮރުމައްޗަށް އަރާފައި ދަރިފުޅު ވަރަށް ހިތްވަރު ގަދަކުރަން ވާނެއޭ އޭނާގެ ބައްޕަ ބުނެލިއެވެ. އަދި ކޮންމެ ގޮތެއްވިޔަސް މަންމަގެ ކުރިމަތީގައި ނުރޮއްޗޭ ބުންޏެވެ. އޭރު ޝިއުނާ ހުރީ ވަރަށް ހިތްއަވަސް ވެފައެވެ.

ހަނީފު އެކޮޓަރިއަށް ވަނީ ޝިއުނާގެ އަތުގައި ހިފައިގެންނެވެ. ކޮޓަރީގައިވާ ކުޑަދޮރުގެ ދަނގަޑު ތޭރިތަކުގައި ހިފާއްޓާލައިގެން އެމީހުންނަށް ފުރަގަސް ދީގެން ހުރި އަންހެނަކު ހުއްޓެވެ. އޭނާ ފެނުމާއިއެކު ޝިއުނާއަށް ކުޑަކޮށް ހުއްޓުން އަރާގޮތްވިއެވެ. އެނާގެ އަސްލު މަންމައަކީ އެއީ ހެއްޔެވެ؟. އޭނާގެ އިސްތަށި ގަނޑުވެސް އޮތީ އެއްކޮށް ހުދުކުލައިގައެވެ. ރޫޖެހިފައިވާ ދެއަތެވެ. ލާފައި ހުރީ މަޑުނޫކުލައިގެ ދިގުކޮށް ހުރި ހެދުމެކެވެ.

"ފަރީ! މިހިރީ އަަހަރުމެންގެ ދަރިފުޅު!" ހަނީފުގޮސް އޭނާގެ ފުރަގަހުން ދެއަތުގައި ހިފުމުން ވަރަށް ފަސޭހައިން ތޭރިތަކުން އަތް ދޫކޮށްލިއެވެ.

ޝިއުނާއާއި ދިމާލަށް އޭނާ އަނބުރާލި ވަގުތު ޝިއުނާއަށް ވަރަށް ބާރަށް ނޭވާ ދަމާލެވުނެވެ. ޑައިރީ ކިޔަމުން ދިޔައިރު އޭނާގެ ހިތަށް ސިފަކުރެވިފައިވާ މަންމައާއި ތަފާތު ކަމުންނެވެ. ކުރިމަތިން ފެންނަން ހުރީ އެއަށް ވުރެ މާ މުސްކުޅި ، ހިކި އަނަރޫފަ ވެފައީވާ އަންހެނެކެވެ.

ޝިއުނާގެ ބައްޕަ އޭނާ ގެނެސް އެނދުމަތީގައި ބޭންދިއެވެ. އެހިސާބުން އެނދާއި ހަމައަށް އައިއިރު އޭނާގެ މަންމަގެ ނަޒަރު ސީދާ ވެފައި ހުރީ އެއްދިމާލަކަށްކަން ޝިއުނާއަށް ފާހަގަ ކުރެވުނެވެ. އެއްގޮތަކަށްވެސް ޝިއުނާއާއި ދިމާލަކަށް ބަލައެއްނުލިއެވެ. އެނދުކައިރީގައިވާ ކުޑަ މޭޒުމަތީގައި އޮތް ފުނާ ނަގައިގެން އޭނާގެ ބައްޕަ، މަންމަގެ ހޭވިފައިވާ އިސްތަށިގަނޑު ރީތިކޮށްލައިދީ ވޫލުކޮޅުން އައްސާލަދިންތަން ބަލަހައްޓައިގެން ޝިއުނާއަށް ހުރެވުނީއެވެ .

"ކައިރިއަށް އާދެބަލަ...މަންމަ އެއްވެސް ކަމެއް ނުކުރާނެއޭ.. ހަމަ ބުދެއްހެން އެހެން އިންނާނީ" ޝިއުނާއަށް އޭނާގެ ބައްޕަގެ އަޑުގައިވާ ރިހުން ކިތަންމެ ރީއްޗަކަށްވެސް ފާހަގަ ކުރެވުނެވެ.

އޭނާއަކަށް އެތާކު ކެތެއްނުވިއެވެ. ކޮޓަރިން ނުކުމެގެން ބާރުބާރަށް ހިނގައިގަތެވެ. ޝިއުނާއަށް ހަމަނޭވާލެވުނީ އެތަނުން ނުކުމެވުނީމައެވެ. އޭރު އޭނާ ހިފަހައްޓައިގެން ހުރި ކަރުނަތައް ލޮލުން އޮހޮރެން ފަށައިފިއެވެ.

"ޝިއު!"

އޭނާއަށް މީހަކު ގޮވާލިހެން ހީވެގެން ބަލައިލިއިރު ކުރިމަތިން ފެނުނީ ޒިލާލުއެވެ. ޝިއުނާއަށް ޒިލާލުގައިގަ ބައްދައިގަނެވުމާއިއެކު ހަމަ ބާރަށް ރޮވުނެވެ. އޭނާ ރޮމުން ރޮމުން އެއީ މަންމައެއް ނޫނޭ އަހަރެން ގަބޫލެއް ނުކުރާނަމޭ ބުނަމުންގެންދިޔައެވެ.

ޒިލާލު ޝިއުނާ ހަމަޖެއްސޭތޯ މަސައްކަތް ކުރިއެވެ. މީހުން ބަލަނީއޭ ހުއްޓާލާށޭ އޭނާ ބުންޏެވެ. އެހެންނަމަވެސް ޝިއުނާއަކަށް ހުއްޓައެއް ނުލެވުނެވެ.

އިރުކޮޅެއް ނުވަނީސް ޝިއުނާގެ ބައްޕަ ނުކުމެގެން އަންނަތަން ފެނުނެވެ. ޒިލާލު ޝިއުނާ ދުރުކޮށްލަން މަސައްކަތް ކުރަމުން އެއޮއް އަންނަނީ ބައްޕައޭ ބުނެލިއެވެ.

"މިރަށުގައި ކީއްތިކުރަނީ؟" ޒިލާލު ފެނުމުން ހަނީފު އަހާލިއެވެ.

ޒިލާލު ކުޑަކޮށް އަނގަ ސަކަރާތްވިއެވެ. ޝިއުނާ މިރަށަށް އަންނަވާހަކަ ބުނީމާ އައީކަމުގައި އޭނާ ބުނެދިނެވެ. ހަނީފު ބޯޖަހާލިއެވެ. އަދި އެދެމީހުން ގޮވައިގެން ސައިތައްޓެއް ބޯލަން ހިނގާށޭ ކިޔާފައި ކެފޭ އަކާއި ދިމާލަށް މިސްރާބުޖެހިއެވެ. ޝިއުނާ ރުއިން ހުއްޓާލިއެއް ކަމަކު އެއްވެސް ވާހަކައެއް ނުދައްކާ ހިނގަމުން ދިޔައެވެ.

"މިހާރު ގަބޫލުކުރެވިއްޖެ ދޯ ބައްޕަ މިކަން ސިއްރުކުރަން އުޅުނީ ކީއްވެގެންކަން" ޝިއުނާއާއި ދިމާލަށް ހަނީފު ބުނެލިއެވެ. އެހިނދު ޝިއުނާ ބޯޖަހާލިއެވެ. އޭރު ޝިއުނާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިއްޖެއެވެ. ކޮފީއަށް އޯޑަރު ދީފައި މޭޒުދޮށުގައި އިށީންނަމުން އެއީ ހަމަ މަންމަހޭ ޝިއުނާއަށް އަހާލެވުނެވެ. އޭނާގެ ބައްޕަ އާނއެކޭ ބުނީމާ އެކަމު ހާދަ ދުވަސްވީ ވައްތަރު ޖަހައޭ ބުނެލިއެވެ.

"މަންމައަށް އަދި އެވީ ސާޅީސް ތިނެއް... ބައްޕައަށް ވުރެ ހަތަރު އަހަރު ހަގުވާނެ"

ފަރީޝާ މަރާލީ އޭނާއޭ ޒިލާލުމެން ކައިރީ ބުނީ ކާކުތޯ ހަނީފު އެހީމާ ޒިލާލު ކިޔައިދިނެވެ. އަދި އޭރުވެސް އެއީ ތެދަކަށް ނުވާނެއޭ އޭނާގެ ހިތަށް އެރިކަމަށް ބުނެލިއެވެ.

"ޝިއުނާއަށް ހަގީގަތް އެނގުނީމާ ވާނެ ދެރަ އިނގޭތީ ހަމަ އެކަން ފޮރުވަން މަސައްކަތް ކުރީ.. ކާފަ ކައިރިއަށް ދާން އެއްބަސް ނުވީވެސް" ހަނީފު ކިޔައިދިނެވެ.

" ކާފަ އެންމެ ފަހުން މަންމަ ބަލައްޗޭ އެ ބުނީ އެހެންވެގެންތާ!" ޝިއުނާ ހަނދާންވެގެން ބުނެލިއެވެ.

"ބައްޕައަށް އިނގުނީ މަންމަ މިތާނގައި ހުންނަތާ ތިންވަނަ އަހަރު" ހަނީފު ބުނެލިއެވެ.

ޝިއުނާ އޭނާގެ މާމަ އާއި ބޮޑުދައިތަ އާއި ހަވާލުކޮށްފައި އޭނާ އަނެއްކާވެސް ދިޔައީ ދަތުރު ކުރާށެވެ. އެއީ އެވަގުތައް އެންމެ ރަނގަޅުގޮތް ކަމުގައި އެންމެންވެސް ބުނީތީއެވެ. އެފަހަރު އޭނާ އެރީ އިންޑިޔާއާއި މާލެއާއި ދެމެދު ދަތުރުކުރާ ކުޑަ ބޯޓަކަށެވެ. އެހެންކަމުން ވަރަށް އަވަސް އަވަހަށް މާލެ އާދެވެއެވެ. ހަނީފު އެރަށަށް ގުޅައިގެން ފަރީޝާގެ ޚަބަރު އޮޅުން ފިލުވަން މަސައްކަތްވެސް ކުރިއެވެ. އެހެންނަމަވެސް އޭގެ އަނެއްދުވަހު އިބުރާހިމްބެ ފަރީޝާ ގޮވައިގެން ފުރައިގެން ދިޔަގޮތަށް އެރަށު މީހުންނަށްވެސް ވަނީ ވީ ނުވީއެއް ނޭނގިފައިކަމަށް އަލީ ރަޝީދުގެ މަންމަ ވަނީ ބުނެދީފައެވެ.

ދެއަހަރު ދުވަހު އެހެން އުޅެފައި ދަތުރުކުރުން ހުއްޓާލާފައި ދެވަނަ ކައިވެންޏެއް ކުރީއެވެ. އަދި ވިޔަފާރި ފަށައިގެން ރަނގަޅު ދިރިއުޅުމެއް ފެށީއެވެ.

"އެހެން އުޅެނިކޮށް އެއްދުވަހަކު ފިހާރަ ކައިރިން ދިމާވަނީ ރުގިއްޔާއްތައާ.. އެއީ ދަރިފުޅު މަންމަގެ ތިމާގެ މީހެއް.. އޭނާ ބުނީ ގުރައިދޫއަށް ލާފައި ހުރި ވާހަކަ .. ކާފަ އެތައް މަސައްކަތެއް ކޮށްގެންވެސް މަންމަ ރަނގަޅު ނުކުރެވުނު ވާހަކަ... އެޚަބަރު ލިބުނީމާ ބައްޕަ ދިޔައިން.. ކާފަ އޮތީ މަންމަ ކައިރިއަށް އެއްވެސް މީހަކު އަޔަ ނުދެއްޗޭ ބުނެފަ..މަންމަ އުޅެނީ މީހަކާ އިނދެގެނެއްވެސް ނޫންކަމަށް ބުނެފައި..އެހެންކަމުން ބައްޕަ ދިޔައީމާ ބައްދަލެއްނުވި.. ދެން އެތައް ވާހަކައެއް ދައްކައިގެން އެންމެފަހުން މަންމަ ފެންނަވަރުވީ... އޭރުވެސް ހަމަ އެހެން ގާވެފަ މަންމަ ހުންނަނީ" ހަނީފު އެވާހަކަތައް ޝިއުނާއާއި ޒިލާލުއާއި ދެކުދިންނަށް ކިޔައިދެމުން ގެންދިޔައެެވެ.

ކުރީ ކޮޅުގައި ޝިއުނާގެ ކާފަވެސް ވަރަށް ގިނައިން އެތަނަށް ދާކަމަށް ވެއެވެ. އެހެންނަަމަވެސް ފަހުން ފަހުން އައިސް އެއްގޮތަކަށްވެސް ނާންނަތާ މިހާރު ހައެއްކަ އަހަރުވަރު ވެދާނެކަމަށް ޝިއުނާގެ ބައްޕަ ކިޔައިދިނެވެ.

"ބައްޕަ އަންނަން ހަމަ ދޭތެރެއަކުން... އަބަދުވެސް މަންމަގެ ހާލު ބަލާ ވާނުވާ ބަލަން"

ގުރައިދޫގައި ހަމަ ބުއްދި ފިލާގޮސްފައި އެހެރީ އޭނާގެ އަސްލު މަންމަކަން ގަބޫލު ކުރަން ޝިއުނާއަށް ދަތިވިއެވެ. އެރަށުން އެނބުރި އައި މަގުމަތީގައި އޭނާ އިނީ ފާޑަކަށް ގަބުވެފައެވެ. އޭނާއަށް ކުޑަވެސް ހިތްހަމަ ޖެހުމެެއް ލިބުނީ އޭނާގެ ކައިރީގައި ޒިލާލު އިނީތީއެވެ.

ޝިއުނާ ގެއަށް ދިޔައީ ޒިލާލު ގޮވައިގެންނެވެ. އޭނާގެ ދޮންމަންމައަށް ހުރިހާ ވާހަކައެއް ކިޔައިދީ އަހަރެންގެ އަސްލު މަންމައަކީ ތިއީއޭ ބުނެ އޭނާގެ ދޮންމަންމަ ގައިގަ ބައްދައިގެން އިނދެ ޝިއުނާ ރުޔެވެ.

"މަންމައަކަށް ވުރެބޮޑަށް މާމައެކޭ ހިތަށް އަރަނީ" އެންމެފަހުން ދެލޯ ފޮހެލަމުން އޭނާ ވާހަކަ ދެއްކިއެވެ. އަދި އޭނާގެ ބައްޕަ ދޭތެރެއަކުން ގުރައިދޫއަށް ދުރުވާ ސަބަބު މި އިނގުނީ އަދި ކިރިޔާކަމަށްވެސް ބުނެލިއެވެ.

މަޣްރިބު ނަމާދަށް ގޮވީމާ ޒިލާލު ދަނީއޭ ކިޔާފައި ނުކުތީއެވެ. އޭނާ އާއި އެކީގައި ޝިއުނާ ދޮރާށި ކައިރިއަށް ނުކުތީމާ ފަހުން އަންނާނަމޭ ޒިލާލު ބުނެލިއެވެ. ޝިއުނާ ގޭތެރެއަށް ވަދެގެން ދިޔައިރުވެސް ހުރެވުނީ ހިނިތުންވެފައެވެ. އޭނާއަށް އެންމެފަހުން ޒިލާލު ލިބުނީޔޭ ހިތަށް އަރާފައެވެ.

ހުސްނާއަށް ޝިއުނާގެ މޫނު ފެންނައިރަށް ވިސްނިއްޖެއެވެ. އެކަމަކު ނޭނގޭކަމަށް ހަދާފައި މާ ހެވިފައި ތިހިރީ ކީއްވެގެންތޯ ސުވާލުކުރިއެވެ. ޝިއުނާ ކަމެއްނުވެޔޭ ބުނެލިއެވެ.

"ކުރީ ފަހަރު އޭނާ މިގެއަށް އައެއްނު ދުވަހެއް.. އެދުވަހުވެސް މަންމަގެ ހިތަށް އެރި ދަރިފުޅު ވަރަށް ގަޔާވާ ކުއްޖެކޭ އެއީ" ހުސްނާ ބުނެލިއެވެ. އެޔާއެކު ޝިއުނާ ރަކިވިއެވެ. މަންމައަށް އެޔެއް އެނގުނީ ކިހިނެތްތޯ އަހާލިއެވެ.

"އަބަދުވެސް ބުނަން ދޯ މަންމައަށް ދަރިފުޅު ވަރަށް ރަނގަޅަށް އެނގެޔޭ" ހުސްނާ އެހެންބުނުމުން ޝިއުނާ އޭނާގެ މަންމަ ގައިގަ ބައްދާލިއެވެ.

އަށެއް ޖެހިތަނާ ޒިލާލު އައެވެ. އޭރު ޝިއުނާ ހުރީ ވަރަށް ރީތިވެލައިގެންނެވެ. އޭނާއާއި ޒިލާލުގެ ލޯބީގެ ފެށުމުުގެ އިންތިޒާރުގައެވެ. އެދެމީހުން ދިޔައީ ބޭރަށެވެ. އަތް ގުޅާލައިގެން މަގުމަތީގައި ހިނގާފައި ދިޔައީ ރެސްޓޯރެންޓަކަށެވެ. އެތަނަށް ވަދެ ހަމަޖެހިލާފައި ޒިލާލުގެ ޖީބުން ނޫކުލައިގެ މަޙުމާޖެހި ކުޑަ ފޮތި ކޮތަޅެއް ނަގާފައި ޝިއުނާއަށް ދިއްކޮށްލިއެވެ. ޝިއުނާ އޭގައި ހިފަމުން އެއީ ކޯޗެއްތޯ އަހާލިއެވެ.

" ތި ބަލާބަލަ!.. ޗާޖަރު ހިފައިގެން އައި ދުވަހުވެސް ތީތި އޮންނާނެ ޖީބުގައި.. ތީ ހަމަ ޝިއުއަށް ދޭންވެގެން ރިސޯޓު ގެސްޓު ޝޮޕުން ގަތް އެއްޗެއް" ޒިލާލު ބުނެލިއެވެ.

އޭގެ ތެރޭގައި އޮތީ އެކި ކުލަކުލައިގެ އެސް ޖަހާފައި ވާ ރިހިކުލައިގެ އަތުގައި އަޅާ އެތިކޮޅެކެވެ. އޭތިކޮޅު ޒިލާލުއަތަށް ދީފައި އަޅުވައި ދޭށޭ ބުނެ ޝިއުނާ އަތް ދިއްކޮށްލިއެވެ.

"ތެންކިޔޫ، ވަރަށް ލޯބި" ޝިއުނާ ބުނެލިއެވެ.

ޒިލާލު އެއަތުގައި ބޮސްދިނެވެ. "އަހަރެންގެ ލައިފްގެ ދެން އޮތްބައި ކުރިއަށް ގެންދަން ބޭނުމީ ޝިއު އާއި އެކީގައި... ހަމަ ވަރަށް ވަރަށް ލޯބިވޭ!" އޭނާ މަޑުމަޑުން ބުނެލިއެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޑައިރީ

Popular