19 Oct 2024

ޒިލާލު އެއަތުގައި ބޮސްދިނެވެ. "އަހަރެންގެ ލައިފްގެ ދެން އޮތްބައި ކުރިއަށް ގެންދަން ބޭނުމީ ޝިއު އާއި އެކީގައި... ހަމަ ވަރަށް ވަރަށް ލޯބިވޭ!" އޭނާ މަޑުމަޑުން ބުނެލިއެވެ. ޝިއުނާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އޭނާގެ ދެލޮލުން ކަރުނަ ހިލުނެވެ. "މަވެސް ހަމަ ވަރަށް ލޯބިވޭ" އޭނާ ލޯފޮހެލަމުން ބުނެލިއެވެ.

ކޮންމެއަކަސް ޝިއުނާގެ ހަޔާތަށް ޒިލާލު އައީ އޭނާއާއި ކުރިމަތިވި އެންމެ ނާޒުކު ދުވަސްކޮޅުއެވެ. އެފަދަ ދަނޑިވަޅެއްގައި ޒިލާލު އޭނާގެ އަތުގައި ހިފީތީ ހަނީފުވެސް ވަރަށް ހިތްހަމަ ޖެހުނެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ހަނީފު އެގުޅުމަށް ގަބޫލުވިއެވެ. އެންމެ ބޮޑު ސަބަބަކީ ޒިލާލު ޝިއުނާގެ ހާލަތު އެންމެ ކައިރިން ދެކެފައިވާތީއެވެ. ޝިއުނާގެ ހުރިހާ ހަގީގަތެއް އެނގޭތީއެވެ.

ޒިލާލު މާލެ އައިގޮތަށް ވަޒީފާއެއް ލިބޭތޯ މަސައްކަތް ފެށިއެވެ. ކޮންމެރެއަކު އަނބުރާ ވިލިނގިއްޔަށް ދާން އޭނާއަށް މާފަސޭހަ ކަމަކަށް ނުވިއެވެ. އޭނާ ނަޝީދު ކައިރީގައި އެވާހަކަ ދެއްކީމާ މާލޭގައި ދާދިފަހުން ހުޅުވި ބޮޑު ހޮޓަލެއްގެ ފުރަންޓު އޮފީހުން އޭނާއަށް ވަޒިފާއެއް ހޯދައިދިނީ ނަޝީދުއެވެ. އެއީ ޒިލާލު އެންމެ އުއްމީދު ކުރިކަހަލަ ވަޒީފާއަކަށް ނުވިޔަސް އެތަނުން ހުރުމާއި ކެއުން ލިބޭތީ އެވަޒީފާ އޭނާ ގަބޫލު ކުރީއެވެ.

ޝިއުނާ އޭނާގެ މަންމަ ދެކެން ދާން ޖެހިލުންވިއެވެ. އެޖިންނި އެތާނގައި އުޅޭނެޔޭ ހިތަށް އަރާފައި ބިރުގަންނަނީއެވެ. އެއީ އޭނާގެ މަންމަ ފަރީޝާކަން ގަބޫލު ކުރަންވެސް ވަރަށް އުނދަގޫވިއެވެ. އޭނާއަށް ހަގީގަތް ނޭނގި ކުރިން ހެން މަންމަ ނިޔާވެފައިވާކަމަށް ގަބޫލުކޮށްގެން އުޅުނުއިރު މާބޮޑަށްވެސް ސިކުނޑިއަށް ފަސޭހައެވެ. އެހެންނަމަވެސް އޭނާއަކަށް ބައްޕަ ކައިރީ އެހެންބުނާކަށް ނުކެރުނެވެ. ދެން އޭނާގެ މަންމަ ކައިރިއަށް ދިޔަދުވަހު ދިޔައީ ޒިލާލުވެސް ގޮވައިގެންނެވެ.

ޒިލާލުއަށްވެސް ފަރީޝާ ފެނުމުން ލިބުނީ ކުއްލި ސިހުމެކެވެ. އެ ޑައިރީ ލިޔުނު މީހަކީ މީހެއްޔޭ އޭނާގެ ހިތަށް އެރިއެވެ. ޒިލާލު އެތާނގައި ހުރިއިރު ޑައިރީގެ އެކި ތަންތަންކޮޅު އޭނާގެ ހަނދާނަށް އަންނަމުން ދިޔައެވެ. އެވަގުތު ޒިލާލު ކުޑަކޮށް ނުތަނަވަސް ވިއެވެ. އޭނާ އެ ޑައިރީ އެއްކޮޅުން އަނެއްކޮޅަށް ކިޔާފައިވާކަން އެއްވެސް މީހަކަށް ދުވަހަކުވެސް ބުނެއެއްނުދެވޭނެއެވެ.

ފަރީޝާއަށް ފަރުވާކުރުމާއި ބެހޭގޮތުން މަރުކަޒުގެ މީހުންނާއި ހަނީފު އެދުވަހު ވާހަކަ ދެއްކިއެވެ. މިއޮއް ހާދުވަހު ހަނީފުއަށް ފަރީޝާއަށް ފަރުވާއެއް ދޭން އެއްކަމެއްވެސް ނުކުރެވިގެން އުޅުނީ އިބްރާހިމްބެގެ ހުއްދަ ހޯދަން ޖެހޭތީއެވެ. އެކަމަކު މިހާރު އިބްރާހިމްބެ ނިޔާވެ، ފަރީޝާގެ ބެލެނިވެރިކަން ވަނީ ޝިއުނާއަށް ބަދަލުވުމާއި ގުޅިގެން ފަރީޝާއަށް ފަރުވާ ކުރެވޭތޯ މަސައްކަތް ކުރުމަށް އެއްވެސް ހުރަހެއްނެތީމާ އެކަމާ ކުރިމަތިލާން ހަނީފު ނިންމީއެވެ. އެއީ އޭނާ ޝިއުނާއަށްޓަކައި ކޮށްދޭކަމެކެވެ. ޝިއުނާއަށް އޭނާގެ މަންމަ އެހާލަތުގައި ހުންނަތަން ދެކެން ދުވަހަކުވެސް ފަސޭހައެއް ނުވާނެކަން ހަނީފުއަށް އިނގެއެވެ.

އެހިސާބުން އެކަމާއި ގުޅޭގޮތުން އެކީ މީހުންނާއި ވާހަކަ ދައްކާ ޚިޔާލު ހޯދަން ފެށިއެވެ. ކޮންމެ މީހަކުވެސް ބުނަނީ އެހާ ގިނަދުވަސް ވެފައިވާ ކަމެއް ވީމާ އެކަމުން ސަލާމަތް ކުރަން ވަރަށް އުނދަގޫވާނެ ކަމަށެވެ. އަދި ފަރީޝާގެ ޖިސްމާނީ އަދި ސިއްހީ ހާލަތު ހުރިގޮތުން އެފަދަކަމަކަށް ކުރިމަތިލުން އެއީ ފަރީޝާއަށް އެހާ ފަސޭހަކަމަކަށް ނުވެދާނެއޭވެސް ބައެއް މީހުން ބުނެދިނެވެ. އެގޮތުން ރުޤްޔާކުރާ އެކި މީހުންނާއި ވާހަކަ ދައްކަމުންގޮސް ފަވާޒު ކިޔާ ތަންކޮޅެއް ޒުވާން މީހަކާ ހަނީފުއާއި ދިމާވިއެވެ. އޭނާ ހަނީފުއާއި ބައްދަލުކުރަން އައީ އެގެއަށެވެ. އެމީހާއަށް ހުރިހާ ވާހަކައެއް ކިޔައިދިނީމާ ތިއީ ކުޑަ މަސައްކަތެއް ނޫނޭ އޭނާވެސް ބުނެލިއެވެ. އެހާ ގިނަދުވަސް ވެފައި ހުރީމާ މިހާރު އޭގެ އަސަރު ފަރީޝާގެ ހަށިގަނޑަށްވެސް ވަރަށް ބޮޑަށް ކޮށްފައި ވާނެހެން ހީވާ ކަމަށާއި އެންމެ ފުރަތަމަ ޑޮކްޓަރަކަށް ދައްކައިގެން ރަނގަޅު މެޑިކަލް ޗެކަޕެއް ހެދުމަށް އޭނާ ލަފާދިނެވެ. "ތިކަން ކުރަން ކުރިންވެސް މަސައްކަތް ކުރިން... އެކަމަކު އޭނާ އެހުންނަ ކޮޓަރިން ބޭރަކަށް ނުނެރެވޭ.." ހަނީފު ކިޔައިދިނެވެ. އެހެންބުނީމާ ފަވާޒުއަށް އެބުނީ ކީކޭ ކަން އިނގުނެއްކަމަކު ދެން ތިބި މީހުންނަކަށް ނޭނގުނެވެ. އެއީ ކީއްވެގެންތޯ ހުސްނާ އަހާލިއެވެ. އެހިނދު އެތަނުން ނެރެން އުޅޭ ކޮންމެ ފަހަރަކު ފިޓު ޖެހޭކަމުގައި އޭނާ ބުނެލިއެވެ.

"ޑޮކްޓަރަށް ދެއްކީމާ އަންނާނެ އަދި އެހެންމައްސަލައެއް.. އެމީހުން ޑައިގްނޯޒު ކުރާނެ އެއީ ސައިކިއާޓުރިކް މައްސަލައެއް ކަމަށް.. ސިޒޮފުރޭނިއާގެ ވައްތަރެއް ހުންނާނެ އެކަހަލަ" އެމީހާ ކިޔައިދިނެވެ. އަދި އޭނާގެ ތަޖުރިބާގެ އަލީގައި ﷲގެ އިރާދަފުޅާއި އެކު އޭނާއަށް ކޮށްދެވުނު އެންމެ ރަނގަޅަކަށް އެމަސައްކަތް ކޮށްދޭނަން ކަމުގައި ބުންޏެވެ.

ފަރީޝާއަށް ފަރުވާކުރަން އެއީ އެންމެ ރަނގަޅު މީހާކަމަށް އެންމެންނަށް ވެސް ގަބޫލުކުރެވުނެވެ. އަދި އެހިސާބުން އެމަސައްކަތް ފެށުނެެވެ. ފަރުވާ ކުރުމަށްޓަކައި ފަރީޝާ އެތަނުން ނެރެގެން ގެނެސް ޝިއުނާގެ ބޮޑުދައިތަ ގޭގައި ބަހައްޓާ ގޮތަށް ވަނީ ހަމަ ޖެހިފައެވެ. އެހެންނަމަވެސް އޭގެ ކުރިން ފަރީޝާ ކައިރީގައި އޭނާ ބަލަހައްޓަން ހުންނާނެ މީހަކު ބޭނުންވާނެތީ އެންމެ ފުރަތަމަ އެޖެންސީއަކަށް ގުޅައިގެން ލަންކާއިން ރަނގަޅު މީހަކު ގެނެވޭތޯ މަސައްކަތް ފެށުނެވެ. އެތައް ދުވަހެއްވީ އިރުވެސް އެކަމަށް އަލިމަގެއް ނުފެނުނެވެ. އެއީ މެންޓަލް މައްސަލައެއް ދިމާވެފައިވާ މީހެކޭ ބުނުމުން ކޮންމެ މީހަކުވެސް އަންނަން ޖެހިލުންވަނީއެވެ.

***

ޒިލާލު މާލޭގައި ދިރިއުޅެން ފެށިފަހުން އޭނާ އެއްގޮތަކަށްވެސް ވިލިނގިއްޔަކަށް ނުދެއެވެ. އެގޭ މީހުންގެ ޚަބަރެއް ބަލައިލާކަށްވެސް އޭނާގެ ހިތަކަށް ނާރައެވެ. އެހެންހުއްޓާ އެއްދުވަހަކު އެގޭ ދައްތަ އޭނާއަށް ގުޅިއެވެ. ފަންކާއެއްގެ މައްސަލައެއް ދިމާވެގެން އެ ރަނގަޅު ވޭތޯ ބަލައިދޭން އައިސްދީ ބަލާށޭ ބުންޏެވެ. ޒިލާލު ދާނަމޭ ބުނެފައި ފޯނު ބޭއްވިއަސް އޭނާ އެކަމެއް ހަނދާނެއްނެތެވެ. ޖެހިގެން އައި ދުވަހުވެސް އެދައްތަ ގުޅިއެވެ. އެހެންކަމުން އެދުވަހުގެ ހަވީރު އޭނާ ވިލިނގިއްޔަށް ދާން ނިންމިއެވެ.

ޒިލާލު ގޮސް އެގެއަށް ވައިންއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޒިލާލުމެން އެގެއަށް އައިސް ތިބޭ ކޮޓަރި ކައިރީ އަންހެން ފައިވާނެއް ހުއްޓެވެ. އޭނާ ސަލާމް ގޮވާލާފައި ދައްތަގެ ކޮޓަރި ދޮރުގައި ޓަކިޖަހާލިއެވެ. އެވަގުތު އަނެއް ކޮޓަރީގެ ދޮރު ހުޅުވާލާފައި ނުކުތީ ގުރޭޝާއެެވެ. "ޒިލާ!" އޭނާ ފެނުމުން ގުރޭޝާގެ މޫނު މަތިން ފެނުނީ އުފާވެރިކަމެވެ.

ޒިލާލުއަށް އުނދަގޫވިއެވެ. އޭނާ ގުރޭޝާ އާއި ކުރިމަތިލާކަށް އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ. އޭނާ ދައްތަ ކޮބައިތޯ އަހާލުމުން ދޮންދައްތަ ވަނީ ފެންވަރާށޭ ކިޔާފައޭ ގުރޭޝާ ބުންޏެވެ. އަދި ދޮންދައްތަ ޒިލާއަށް ގުޅީ އޭނާގެ ކޮޓަރި ފަންކާއިން އަޑެއްކިޔާތީ ކަމުގައި ބުނަމުން އެކޮޓަރި ދޮރު ބޮޑަށް ހުޅުވާލިއެވެ. އޭރު ފަންކާ ހުރީ ނިވާފައެވެ. ކޮޓަރީގެ އޭސީގެ ގަދަ ފިނި ޒިލާލު ހުރިހިސާބަށްވެސް ފޯރިއެވެ.

އިތުރު އެއްޗެއް ނުބުނެ ޒިލާލު އެކޮޓަރި ތެރެއަށް ވަދެ ފަންކާޖެހިއެވެ. އެއަށްފަހު މޭޒުމަތީގައި އޮތް ރިމޯޓު ނަގާ އެސީ ނިވާލިއެވެ. އޭރު ގުރޭޝާ ކޮޓަރި ދޮރުމަތީގައި ބަލަހައްޓައިގެން ހުއްޓެވެ. ފަންކާ ރަނގަޅަށް އެނބުރިގަތީމާ އެބުނާހެން ޓޮކޮޓޮކޮ ކިޔާފައި ފާޑެއްގެ އަޑެއް ކިޔަންފެށިއެވެ. އެޔާއިއެކު އެވާނީ ބެއަރިންގެ މައްސަލައެއް ކަންނޭނގެއޭ ނައްޓާލައިގެން ބަލާށޭ ޖެހޭނީ ޒިލާލު ބުނެލިއެވެ. ފަންކާ ނައްޓާލަންވެގެން ހަރުގަނޑު ހޯދަން އޭނާ ނުކުންނަން އުޅެންފެށުމުން ގުރޭޝާ ކޮޓަރި ދޮރުލެއްޕިއެވެ. އަދި ޒިލާލުއަށް ނުދެވޭނެގޮތަށް ދޮރުމަތީ ހުއްޓުނެވެ. ޒިލާލު ގޮސް އޭނާގެ ކުރިމައްޗަށް ހުއްޓި ނުކުންނަން ތަންކޮޅެއް ދައްކާށޭ ބުނެލިއެވެ. އެވަގުތު ގުރޭޝާ އޭނާގެ ގައިގަ ބައްދައިގަނެފައި ޒިލާ އަހަންނަށް ތިހެންނަހަދާށޭ ކިޔާފައި ރޯންފެށިއެވެ. ޒިލާލު ބޮޑު ޗޮކެއް ކަނޑާލާފައި ގަދަކަމުން އޭނާ ދުރުކުރަމުން އެކޮޓަރިން ނުކުތީއެވެ. އޭނާއަށް ނުކުމެވުނީ އެގޭ ދައްތަގެ ކުރިމައްޗަށެވެ. ޒިލާ އެބައުޅެންދޯ އޭނާ ބުނެލިއެވެ.

"ފަންކާ ރަނގަޅެއް ނުކުރެވޭނެ .. އާއެއްޗެއް ހޯދިއްޔާ މާ ރަނގަޅުވާނެ!" ޒިލާލު އަވަސް އަވަހަށް ބުނެލިއެވެ. އޭނާއާއި ގުރޭޝާ އާއި ދެމީހުން ކޮޓަރީގެ ދޮރުލައްޕައިގެން އުޅުނު ވާހަކަ މުޅި ރަށަށް ފެތުރޭކަށް އޭނާ ބޭނުމެއްނޫނެވެ. އެހެންކަމުން ޒިލާލު ބޭނުންވީ ވީހާވެސް އަވަހަކަށް އެގެއިން ނުކުންނާށެވެ. އޭނާ ސައިބޯން މަޑުކުރާކަށްވެސް ބޭނުމެއްނުވިއެވެ. މިހާރު މިއުޅެނީ ވަރަށް ބުރަކޮށް މަސައްކަތުގައި ކަމަށާއި މިއައީވެސް އާދެވިގެނެެއް ނޫނޭ ބުނެލިއެވެ.

ޒިލާލު ދާން ހިނގައިގަތީމާ އޭނާގެ ފަހަތުން ގުރޭޝާ އައެވެ.

"އަހަންނަށް އިނގޭ ތި ބުރަކޮށް ކުރާ މަސައްކަތަކީ ކޮބައިކަން.." އޭނާ ބުނެލިއެވެ.

އެކަމަކު ޒިލާލު އެވާހަކަ އަޑުއިވުނު ކަމަށް ނަހަދާ ކުރިއަށް ދިޔައެވެ.

"ބުނަން ވާހަކައެއް! ޝިއުނާގެ ކާފައަށް އެކަންޏެއް ނޫން ފަންޑިތަހަދަން އެނގޭނީ..!"

ގުރޭޝާގެ އަޑު އިވުނެވެ. ޒިލާލު ދޮރުން ނުކުންނަނިކޮށް ކަލެއަށް ޝިއުނާއާއި އެކީގައި އުފަލުގައި އުޅެވޭތޯ އަހަރެން ބަލާނަމޭ ގުރޭޝާ ބުނެލިއެވެ. އެހެންނަމަވެސް އެއަޑުވެސް ނީވޭ ކަމަށް ހަދާފައި ޒިލާލު ނުކުމެގެން ދިޔައީއެވެ.

ވިލިނގިލިން އެނބުރިއައިސް ޝިއުނާމެންގެ އާއި ހަމައަށް ޒިލާލުއަށް ދެވުނުއިރު ރޭގަނޑު އަށެއްޖަހައިފިއެވެ. އޭނާ ފެންނައިރަށް ޝިއުނާގެ މަންމަ ހުނިލީ ރޮށި ފިހެފައި ހުންނާނެއޭ ބުނެލިއެވެ. ގަރުދިޔައާއި ހުނިލީ ރޮއްޓަކީ ޒިލާލުއަށް އެންމެ މީރު ކާނާކަން އެނގުނު ފަހުން އެގޭގައި ގަރުދިޔަ ކައްކާ ރެއަކު ވިއްޔާ ޒިލާލުއަށް ހުނިލީ ރޮށި ފިހެދީފައި ހުރެއެވެ. "ޝިއުނާއަށް ގޮވާފައި ބުނެބަލަ ކާން އަންނާށޭ" ހުސްނާ ބުނެލިއެވެ.

ޝިއުނާ އާއި ޒިލާލު އާއި ދެމީހުން ނުކުތްއިރު ހަނީފު އާއި ޝަހުދުވެސް ކާމޭޒު ދޮށުގައި ތިއްބެވެ. އެންމެން އެކީ ކެއުމަށް އިންސާފު ކުރުމުގެ ތެރެއިން ފަރީޝާ ކައިރީގައި ބަހައްޓާނެ މީހަކު އަދިވެސް ނުލިބޭތީ އެވާހަކަ ދެކެވުނެވެ.އަދި ޝިއުނާ ކާފަގެ ގޯތީގެ ވާހަކަވެސް ހަނީފު ފެށިއެވެ. އެހުރިހާ ވާހަކައެއްވެސް ހަނީފު ދެއްކީ ޒިލާލު ކައިރީގައެވެ. މުސްތަގުބަލުގައި އެހުރިހާ ކަމަކާ ހަވާލުވެ ބަލަހައްޓަން ހުރި މީހަކީ ހަމަ ޒިލާލު ކަމަށް ހަނީފުއަށް މިހާރުވެސް ގަބޫލު ކުރެވެއެވެ. ހަނީފު ނިންމައިގެން ހުރީ ފަރީޝާގެ ފަރުވާ ފެށުނީމާ އެދެކުދިންގެ ކައިވެނި ކުރުވާށެވެ. ޒިލާލު ކަހަލަ ދީނީ ކަންކަމަށް ފަރުވާތެރި މީހަކު ޝިއުނާގެ ހަޔާތުގައި ހުރުމަކީ ވަރަށް މުހިއްމު ކަމެއްކަން ހަނީފުއަށް އިނގެއެވެ.

ކައިނިމިގެން ޒިލާލުގޮސް ބޭރު ޖޯލީގައި އޮށޯވެލިއެވެ. ޝިއުނާ އަތަށް ފޯއްކޮޅެއް އަޅައިގެން ނުކުތްތަނާ އަޒީމާ ގުޅާފައި އެމީހުން މިރޭ ބޭރަކަށް ނުދާނަންތޯ އަހާލިއެވެ. ޒިލާލު ދާކަށް ބޭނުމެއްނުވިއެވެ. އޭނާ އޮތީ އެއަށްވުރެ މާބޮޑަށް ވަރުބަލިވެފައި ކަމުގައި ބުނެލިއެވެ. "އާނ! ކިހިނެތްތަވީ މިއަދު ވިލިނގިއްޔަށް ގޮސްގެން" ޒިލާލު ކައިރީ ޖޯލީގައި އިށީންނަމުން ޝިއުނާ އަހާލިއެވެ.

އެގޭ ދައްތަ ގުޅީ ފަންކާއަކުން އަޑުކިޔާތީ އެކަން ރަނގަޅު ކޮށްދޭށޭ ބުނަން ކަމުގައި އޭނާ ކިޔައިދިނެވެ. އެގެއިން ގުރޭޝާއާއި ދިމާވި ވާހަކަ ޝިއުނާއަށް ކިޔައިދޭކަށް އޭނާ ބޭނުމެއްނުވިއެވެ.

ޒިލާލު ވަރުބަލިވެފައި އެއޮތީ އޭނާ ފެރީ ޓާމިނަލާއި ހަމައިން ހިނގީމާކަމަށް ޝިއުނާ ނިންމިއެވެ. އަދި އަނެއްކާވެސް ސައިކަލު ނަގާވާހަކަ ދެއްކިއެވެ. ޒިލާލުވެސް ސައިކަލެއް ހޯދަން ބޭނުމެވެ. އެކަމަކު އޭނާގެ ވިސްނުން ހުރީ ސައިކަލަށް އެއްފަހަރާ ލާރި ދެއްކޭ ވަރަށް ފައިސާ އެއްކުރެވުނީމާ ގަންނާށެވެ. އެހެންނޫނީ ސައިކަލު އަމިއްލަ ވާއިރު އޮންނާނި ޑަބަލް އަގު ދެއްކިފައޭ އޭނާ ބުނާނެއެވެ.

"ހިނގާ މިހެން ހަދަމާ .. ޝިއު ދޭނަން ލޯނެއް.. އޭރުން ޒިލާ މަހުންމަހަށް ޝިއުއަށް ލާރި ދައްކާނީ" ކުރިން ޝިއުނާ ލާރި ދޭ ވާހަކަ ބުނީމާ ޒިލާލު އޮތީ އެކަމާ ގަބޫލު ނުވެފައެވެ. "ހޫމް .. ތިކަމާ ވިސްނާލާނަން!" އޭނާ ބުނެލިއެވެ. އަދި އޭނާ ދެން މިރޭ ނިދާލަން ދިޔަޔަސް އެންމެ ރަނގަޅުތޯ އަހާލިއެވެ.

އެރޭ ޒިލާލު ނިދަން އޮށޯތް އިރުވެސް ހިތަށް އަރަމުން ދިޔައީ ގުރޭޝާ ބުނި ވާހަކައަށެވެ. އޭނާ އާއި ޝިއުނާއާއި ދެމީހުންނަށް ހަމަ ޖެހިގެން އުޅުނަކަ ނުދޭނަމޭ އޭނާ އެބުނީ އެދެމީހުންނަށް ސިހުރު ހަދާ ވާހަކަ ހެއްޔެވެ؟ ގުރޭޝާއަށް އެވަރުގެ ކަމެއް ކުރަން ކެރިދާނެ ބާވައެވެ؟ ޒިލާލު ވަރަށް ކަންބޮޑުވިއެވެ. އެހެންނަމަވެސް އޭނާ އެވާހަކަ ދައްކާނީ ކާކު ކައިރީގައި ހެއްޔެވެ؟

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޑައިރީ

Popular