26 Aug 2018

ދަރިފުޅަށް ކާން ނުދީ ސްކޫލަށް ނުފޮނުވާ!

By: Asiya Abdul Raheem (Dietician)

ސްކޫލް ކުއްޖެއްގެ ކިޔެވުން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން މައިންބަފައިން އެތައް ގުރުބާނީއެއް ވަމުން ދާއިރު، ކޭންބުއިމާއި ކިޔެވުމާ ހުރި ގުޅުން މި ފަހުގެ ދިރާސާތަކުން ވަނީ ވަރަށް ފުރިހަމަ އަށް ދައްކުވައިފަ އެވެ. ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ހެނދުނުގެ ސެޝަންގެ ކިޔެވުން އޮންނަ ކުދިން ހެނދުނުގެ ނާސްތާ ދީފައި ސްކޫލަށް ފޮނުވުން ވަރަށް މުހިއްމެވެ. ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ހެނދުނު ރަނގަޅަށް ނާސްތާ ކޮށްގެން ދާ ކުދިން ކްލާހުގައި ދޭ އަހަމިއްޔަތުކަން ބޮޑުވެފައި ކުލާހުގައި ދެވޭ ސަމާލުކަން އިތުރުވެ އަދި ކުއްޖާގެ އޯވައޯލް އެކަޑަމިކް ޕާފޮމެންސް ރަނގަޅު ވެއެވެ.

އަޅުގަނޑުމެން ރާއްޖޭ ސްކޫލްތަކަށް އަޅުގަނޑު ކޮންމެވެސް ވަރަކަށް ގޮސްލާ ކުދިންގެ ކެއުމާއި ކިޔެވުމާ ގުޅޭ ގޮތުން ހޯދާ ބަލާލި އިރު ހެނދުނު ނާސްތާ ނުކޮށްދާ ބައެއް ކުދިން އެސެމްބްލީ ގަޑިގައި ވެއްޓި ހެލްތު ރޫމަށް ގެންދަން ޖެހިފައިވާކަން ހިތާމައާ އެކު ފާހަގަ ކުރެވެއެވެ. އަނެއްބައި ކުދިންގެ ހައިހޫނުކަން ބޮޑުވެ ސިއްރުން ފާހަނާ ތެރެއަށް ވަދެ ކާ ކަމުގެ ހަބަރު ވެސް ކޮންމެވެސް ވަރަކަށް ލިބެއެވެ. އަނެއްބައި ކުދިން ބަނޑަށް ތަދުވުން ނުވަތަ ކްލާހުގައި ބޯ ޖަހައިގެން އިނުން ފަދަ ކަންކަން މެދުވެރި ވެއެވެ.

ހުރިހާ ކުދިންނަކީ ހެނދުނާ ނާސްތާކުރަން ފަސޭހަ ކުދިންނެއް ނޫނެވެ. ޚާއްސަކޮށް ހެނދުނުގެ ނާސްތާކުރަން އާދަ ވެފައި ނެތް ނަމަ ހެނދުނު ތެދުވެ ނާސްތާކުރުން ވާނީ އުނދަގޫ ކަމަކަށެވެ. ނަމަވެސް މިކަން މަޑުމަޑުން ބަދަލު ކުރެވޭތޯ މަސައްކަތް ކުރަން ވާނެ އެވެ. ހެނދުނު ނާސްތާކޮށްގެން ސްކޫލަށް ދިޔުމުގެ އާދަ އަށަގެންނެވުމަށް ފުރަތަމަ ކަމަކަށް ތަންކޮޅެއް ފަތިހާ ދަރިފުޅު ހޭލައްވަން އާދަ ކުރާށެވެ. ރޭގަނޑު އަވަހަށް ނިންދެވުމަށް ފަހު ފަތިހާ ނެގީމަ ސްކޫލަށް ދިޔުމާ ދޭތެރޭ ކުއްޖާ އަށް ބަނޑުހައިވާނެ ވަގުތުކޮޅެއް ލިބޭނެ އެވެ.

ދެން މަޑުމަޑުން އެ ކުއްޖަކު ކާހިތްވާ އެއްޗެއް ކޮންމެ ދުވަހަކު ވެސް ކާން ދޭން ފަށާނީ އެވެ. ފުރަތަމަ ފަށާއިރު އެންމެ ދުޅަހެޔޮ ކާތަކެތިން ނުފެށުނަސް އަދި ކޯންފްލޭކްސް ފަދަ ތަކެތި ކާނަމަ ކޮންމެހެން ކިރާ އެއް ނުކުރިއަސް އެއީ މައްސަލައެއް ނޫނެވެ. މިހެން އާދަ ވުމުން މަޑުމަޑުން ދުޅަހެޔޮ ނާސްތާއަކަށް ބަދަލުކޮށް ބެލެނިވެރިން ވެސް ނާސަތާކުރުމުގައި ބައިވެރި ވާނީ އެވެ.

ސިއްހަތު ސްކޫލް ޑައެޓް ކާނާ

Popular