އާޓިސްޓެއްގެ ގޮތުގައި އައިމިނަތު ޝިމްހާ ޝަކީބް، 32، ކުރަހަން ފެށި ދަތުރު ވެސް ފެށުނީ މިކަހަލަ ކަންތައްތަކެއްގެ ތެރެއިންނެވެ. އެކި މީހުންގެ ފަރާތުން ލިބުނު ބައެއް ފާޑުކިޔުންތަކާއެކު ޖެހިލުންވާ ގޮތްވީ އެވެ. އެކަމަކު އެ ފާޑުކިޔުންތަކާއި ވިއްދާ، މި ބޮޑު ޗެލެންޖުން އަރައިގަތުމަށް އޭނާއަށް ބޭނުންވީ ކުޑަ ހިތްވަރެކެވެ. އަމިއްލަ މީހާއަށް އިތުބާރު ކުރުމުގެ ހިތްވަރެވެ.
"ރާއްޖޭގައި ހަމައެކަނި އާޓް، މި ދާއިރާއިން އެއްވެސް މީހަކު ނުބުނޭ ކުރިއަށް ދެވިދާނޭ. އަބަދުވެސް ހޮބީއެއް ގޮތަށް ކުރެވިދާނެ ކަމެކޭ، އެކަމަކު ޖޮބެއް ގޮތަށް ނުއެއް ކުރެވޭނެއޭ ހިތަށް އެރީ. ކުޑައިރުއްސުރެ ވެސް އެންމެން ބުނަނީ އެހެން. ފުރަތަމަ އުޅުނީ ވެސް ޑިޒައިނިން ކަހަލަ އެއްޗެއް ކިޔަވަން އެކަމަކު ފަހުން ޓީޗާއަކަށްވީ."
ސިމްހާ ބުނީ އެންމެ ބޮޑު ފާޑުކިޔުމެއް ލިބުނީ ރަނގަޅު ވަޒީފާއެއްގައި އުޅެފައި ކެނޑުނީމަ ކަމަށެވެ. އޭނާ އަދާކުރީ ޖަމާލުއްދީން ސުކޫލްގައި އާޓް ޓީޗަރެއްގެ ވަޒީފާ އެވެ. އަދި ފަހުން ކެންގަރޫ ކިޑްސް ސްކޫލްއާއި މަންދު ކޮލެޖުގައި ކޯޑިނޭޓަރެއްގެ ވަޒީފާ އަދާކުރި އެވެ. އާއިލާއާއި ރަށްޓެހިންނަށް މިކަމަކީ އޭނާއަށް ކުރެވިދާނެ ކަމެއް ކަމަށް ފުރަތަމަ ގަބޫލެއް ނުކުރެވުނެވެ.

"ވަކި ހިސާބަކުން ހިތަށް އެރީ، އެމީހުންނަށް އޭތި އަންޑަސްޓޭންޑް ނުވެދާނޭ. މިކަން ކޮށްފަ ދެއްކީމަ ކަންނޭނގޭ ބޮޑަށް ވިސްނޭނީ މިއީ ޕޮޓެންޝިއަލް ހުރި ކަމެއްކަން. މީގެން ވެސް އާމްދަނީ ހޯދިދާނެކަން. ކޮންމެ ކަމެއްގައި ވެސް އިންނާނީ އެމީހަކު ވޯކް ކުރާ ގޮތެއް. ވޯކް ކުރި ވަރަކަށް ކުރިއަށް ދެވޭނީ. މިހާރު އެންމެނަށް ވެސް އިނގޭ މިއީ ހަމަ ރަނގަޅު ކަމެއްކަން ކުރަން، ސަޕޯޓް ވެސް ލިބޭ."
އެކުރި ގަދަ ހިތްވަރަކާއެކު މިއަދު އޭނާއަކީ، ކުރިއަރަމުން އަންނަ ފުލްޓައިމް އާޓް ޓީޗަރެކެވެ. މި ބުނާ ޗެލެންޖުން އަރައިގަނެވުނުކަމުގެ ހެއްކަކީ އޭނާއަކީ އަމިއްލަ އާޓް ކްލާސްތައް ހިންގާ ޓީޗަރަކަށް ވުމެވެ. ވަކި މީހަކަށް ބަރޯސާނުވެ، އަމިއްލަ މަސައްކަތުން ކުރިއަށް ދިއުމަށް ހިނގައިގެންފައި ވުމެވެ. އެކަމަކު ފުލްޓައިމްކޮށް މިކަން ކުރުމަކީ ރިސްކީ ކަމަކަށް ވެދާނެކަމެއް އޭނާ ވެސް ގަބޫލުކުރެ އެވެ.
"އެހެން ކަހަލަ ޖޮބެއްގައި ވެއްޖެޔާމުން އިންނާނެ ޔަގީންކަން މަންތުލީ ޕޭމަންޓަށް މިހާވަރު ލިބޭނެކަން. އެކަމަކު މިކަހަލަ މަސައްކަތެއްގައި، އަމިއްލައަށް ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭ. ސޮސައިޓީގައި އަންނަ އެކި ކަހަލަ ހުރިހާ ޗޭންޖެއްސެއްގެ ސަބަބުން މި ކަމަށް އެފެކްޓުކުރާނެ. އެހެންވީމަ ކުރީ ބައިގައި އެއަށް ޕްލޭންކޮށް، ވަރަށް ކްރިއޭޓީވް ވާންޖެހޭނީ. ވޯކް ކުރި ވަރެއް މީގައި އޮންނާނީ."

ފުލްޓައިމް އާޓް ޓީޗަރަކަށް ވުމުގެ ހިޔާލު، ސީމްހާއަށް ލިބުނީ ޑެކްސް ޖޮބަކަށް ގޮސް އަމިއްލަ ދިރިއުޅުން މާ ބޮޑަށް ބިޒީވާން ފެށުމުންނެވެ. އޭނާ ކުރަން ބޭނުންވާ ކަމަކީ މޭޒެއްގެ ދޮށުގައި އިނުން ނޫންކަން ވިސްނުން ހިސާބުންނެވެ. އެ ވަޒީފާއިން ވަކިވުމަށްފަހު އޭނާ ނެގީ ތިން މަހުގެ ބްރޭކެކެވެ. ދެން ފެށީ އަމިއްލަ ގޭގައި އާޓް ކުލާސްތައް ނަގައިދޭށެވެ. ފުރަތަމަ އެކަން ކޮށްދިނީ ރައްޓެހިންނާއި ދަންނަ މީހުންގެ ދަރިންނަށެވެ.
"މިހާރު ހިތަށް އަރަނީ މި ޑިޒިޝަން ތަންކޮޅެއް ކުރިން ނެގުނުނަމައޭ. އަދި ލަހެއް ވެސް ނުވޭ. އެކަމަކު އަސްލު ވަރަށް އެންޖޯއީ ކުރަން މި ވޯކް. ކުރާހިތްވާ ކަމެއް ޕްލަސް ވޯކެއް ގޮތަށް ވީމަ ވަރަށް ލައިކްވޭ."
ފުލްޓައިމްކޮށް އާޓް ޓީޗަރަކަށް ވުމަށް ނިންމީ އެންމެ ފުރަތަމަ ވެސް ކުރި މަސައްކަތަކީ އެއީ ކަމަށްވެފައި އެކަމަކުން ގިނަ އެކްސްޕީރިއެންސް ވެސް ލިބިފައިވުމުންނެވެ. އާ ކުރެހުންތެރިން އުފައްދައި އެމީހުނަށް ހިތްވަރު ދިނުމަކީ ވަރަށް ލޯބިން އޭނާ ކުރަމުން އަންނަ ކަމެކެވެ.
"އައި މައިސެލްފް އާޓިސްޓަކަށް ވެފައި އަދި އާޓް ޓީޗަރަކަށް ވީމަ، ވަރަށް ކުރާހިތްވާ ދެ ކަންތައް މި އެއްވީ. ދެން އެހެންވީމަ ބޭނުންވީ ކުޑަކުދިންނަށް މިކަން ދަސްކޮށްދޭން. ކުޑަކުދިންނަށް އިސްކަންދެނީ ބޮޑެތި މީހުނަށް ވުރެ، ކުޑަކުދިންގެ އިންނާނެ ތަންކޮޅެއް، އެހާ ޖެހިލުމެއް ނުވާނެ ޓްރައިކޮށްލާކަށް. މާ ފަސޭހަ އެމީހުނަށް ކިޔައިދޭން އަދި ވިލިންގް ވެސް ވާނެ އެކަންކުރަން."
ޝިމްހާ ދެކޭގޮތުގައި ކުޑައިރުން ފެށިގެން މިކަމުގެ ތެރޭގައި އުޅޭނަމަ، ކުދިން މިކަމަށް ބޮޑަށް ޝައުގުވެރިވެ އަދި ބޭނުންވާ ހިތްވަރު ފަސޭހައިން ލިބޭނެ އެވެ. އޭނާ ވެސް އާޓަށް ޝައުގުވެރިކަން އުފެދިގެން އައީ ދާދި އެއް ކަހަލަ ގޮތަކަށެވެ. ސްކޫލްގައި ކިޔެވިއިރު، އާޓް މާއްދާއަށް ހާއްސަ ޝައުގެއް އުފެދިގެންނެވެ.
ޝިމްހާ އެންމެ މަޝްހޫރީ ވޯޓާ ކަލާޒްގެ އާޓިސްޓެއްގެ ގޮތުގައި އެވެ. އާންމުކޮށް އޭނާގެ ކުރެހުންތަކަށް ބޭނުންކުރަނީ ވޯޓާ ކަލާޒް އާއި އެކްލިރިކް އެވެ. މަދުމަދުން ޑިޖިޓަލް މީޑިއަމް ވެސް ބޭނުންކުރެ އެވެ.
"ކުރަހަފާ ހުރި އެއްޗެއްސަށް ބަލާނަމަ، އާންމުކޮށް ކުރެހިފައި ހުންނާނީ ވަރަށް ދިވެހި ވަންތަ ކުދިންނާއި، ދެން ވަރަށް ފްލޯރަލް އެއްޗެހި. އެވެސް ރާއްޖޭގައި އާންމުކޮށް މިހެން ފެންނަ މާ އެއްޗެހި. ވަރަށް ނޭޗާ ބޭސްޑް އާޓިސްޓެކޭ ބުނެވޭނީ. އެކަމަކު ޓްރައިކުރަން އެހެން މީޑިއަމްތައް ވެސް."
ވޯޓާ ކަލާޒްއަށް އެނާގެ ހިތް ދޫވީ އަމީނިއްޔާ ސުކޫލްގައި ކިޔަވަން އުޅުނުއިރު އެވެ. އޭރު ޓީޗަރުން ކިޔަވައިދިން އެއްޗެހިން ވަރަށް ރަނގަޅަށް އެ މީޑިއަމް ބޭނުންކުރަން ދަސްކުރި އެވެ. އަދި މިހާރު ވެސް އަމިއްލައަށް ޔޫޓިއުބް ވީޑިއޯސްތައް ބަލައިގެން އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރެ އެވެ.

"ވޯޓާ ކަލާއަކީ ވަރަށް އަވަހަށް ވޯކް ނިންމާލެވޭނެ އެއްޗެއް. އަވަހަށް ހިކޭނެ. ދެން އޮއިލް ކަލާ ވަރަށް ބޭނުންކުރާ ހިތްވޭ އެކަމަކު ވާގޮތަކީ އެއީ ތަންކޮޅެއް މެސީވެފަ، ސްޓޫޑިއޯއެއް ކަހަލަ ސްޕޭސެއް އިނދެޖެއްޔާ ކަންނޭނގެ ފަސޭހަ ވާނީ އެކަން ކުރަން. އަނެއްކާ ވަރަށް ދުވަސް ނަގާ އޮއިލް ކަލާ ހިކެންވެސް، ލޭޔާ ބައި ލޭޔާ ވޯކް ކުރަންޖެހޭ ބޮޑު މަސައްކަތެއް އެއީ."
އާޓްވޯކެއް ތައްޔާރުކުރުމަށް ހޭދަކުރާ ކްރިއޭޓީވް ޕްރޮސެސްއަކީ ވެސް ހާއްސަ ސަމާލުކަމެއް ދޭ ކަމެކެވެ. ކޮންމެ އާޓްވޯކްއެއް ވެސް ޝިމްހާ ތައްޔާރުކުރަނީ ކުރީބައިގައި ކޮންމެސް ވަރަކަށް ޕްލޭންސްތަކެއް ހަދައިގެންނެވެ. ކުރެހުމުގެ ކުރިން ކުރަހަން އުޅޭ އެއްޗާއި މެދުގައި ވިސްނާއި އޮބްޒަވޭޝަންސްތައް ހަދަ އެވެ.
"އަބަދުވެސް ބަލަން ވޯކް ކުރާއިރުގައި ކުރަންވި ކަންކަން ލިސްޓް ޑައުންކޮށްފަ، ވޯކް ޕްލޭން ހަދާލައިގެން އެކަން ކުރަން. ފޮޓޯ ކޮޅެއް ބަލާލައި، ބޭނުންވާ ގޮތަށް ކުރަހަން ފުރަތަމަ ސްކެޗްކޮޅެއް ކުރަހާލައި ކަންތައް ކުރަން. ކަލާޒް އެއްޗެހި ޓެސްޓުކޮށްލައި، ޕެލެޓެއް ހަދާލާ. ވޯޓާ ކަލާ ވެއްޖެއްޔާ ވަރަށް އަވަހަށް ނިންމާލެވޭ. އެކަމަކު އެކްލިރިކް އެއްޗެއް ވިއްޔާ ފުދޭވަރަކަށް ވަގުތު ނަގާ."
ޝިމްހާ ބުނީ މިކަން ކުރަނީ އަމިއްލަ މީހާއަށް ލިބޭ ހިތްހަމަޖެހުން ބޮޑުވާތީ ކަމަށެވެ. މިއީ އަބަދުވެސް ކުރަން ބޭނުންވި ކަމަށް ވާތީ އެ ސެޓިސްފެކްޝަންވެސް ލިބޭ ކަމަށެވެ. މިކަމުން ކުރިއަށް ދިއުމަށް ރާއްޖޭގައި މިހާރު ގިނަ ފުރުސަތުތައް ހުރިކަމަށް ވެސް ޝިމްހާ ބުންޏެވެ.
"އަމިއްލަ މީހާއަކީ ވެސް އޭގެ މިސާލެއްގެ ގޮތުގައި ދެކެނީ. އަމިއްލަ އާޓް ކްލާސްތައް ނަގައިދީގެން އިންކަމް މި ހޯދަނީ. ބައެއް މީހުންނަށް ވިސްނިފަ މި އޮންނަނީ އާޓިސްޓެއް ވިއްޔާ ހަމައެކަނި އޭނަ ކުރަހާ އެތި ވިއްކާލައިގެން އެކަންޏޭ ލާރި ލިބެން އޮންނަނީ. އެކަމަކު މިހާރު އެބަ ފެނޭދޯ ވަރަށް ކްރިއޭޓީވްކޮށް އެކަން ކޮށްލާ މީހުން ވެސް."
އާޓްއަކީ އާމްދަނީ ހޯދަން ރަނގަޅު ނޫން ދާއިރާއެއް ކަމަށް ބުނާ މީހުން އަދިވެސް އެބައުޅެ އެވެ. މިކަން ކުރަމުން އިތުރު ވަޒީފާއަކަށް ދިއުމަށް ބައެއް މީހުން އަދިވެސް ބުނާކަމަށް ޝިމްހާ ބުންޏެވެ. ނަމަވެސް އެއީ ގޯސް ވިސްނުމެއްކަން އެމީހުނަށް އަންގައިދިނުމަށް މިހާރު އެއްވެސް ކަމެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ. މިކަމުގައި ހުރި ޕޮޓެންޝިއަލް މިހާރު އޭނާގެ މަސައްކަތުން އެމީހުނަށް ފެންނާނެތީ އެވެ.
ޝިމްހާއަށް މިހާރު ކުރިމަތިވެފަ އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކްލާސްތައް ބާއްވާ ތަނެއް ހޯދުމެވެ. ގިނަ ފަހަރަށް ސްކޫލްތަކުގައި ވެސް ކުލާހެއް ބާއްވަ ބޮޑު ޕްރޮސީޖާއަކަށް ދާންޖެހޭ ފަހަރު ދިމާވާ ކަމަށް ޝިމްހާ ބުންޏެވެ. އެކަމަކު ގިނައީ އެ ފުރުސަތު ނުލިބޭ ފަހަރުތަކެވެ. މިހާރު ކުލާސްތައް ނަގައިދެނީ އަމިއްލަ ގޭގައި ކުޑަ ކުލާހެއް ހަދައިގެންނެވެ.
"ހިތަށް އަރާ އަދިވެސް މާ މަދޭ ކުރެވިފަ ހުރި ވޯކްތައް. އެކަމަކު ވަރަށް ބޮޑު ލާނިން އެކްސްޕީރިއެންސްއެއް މިއީ. އަދި ކުރިއަށް އޮތްތަނުގައި އެގްޒިބިޝަންތަކުން ފެންނާނެ. އެއަށް ރެޑީވަމުން މި ދަނީ."
މުސްތަގުބަލުގައި އަމިއްލަ އާޓް ސްކޫލެއް ހުޅުވުމުގެ އުއްމީދުގައި ހުރި ޝިމްހާ މިހާރު ތައްޔާރުވަމުން އަންނަނީ މި ފެށުނު އާ އަހަރު ބާއްވާނެ، އޭނާގެ ފުރަތަމަ ސޯލޯ އާޓް އެގްޒިބިޝަން އަށެވެ. އާޓިސްޓެއްގެ ގޮތުގައި އޭނާ ދުށް އެންމެ ބޮޑު އެއް ހުވަފެން ހަގީގަތަކަށް ވަނީ އެވެ.