6 Apr 2019

ފެހިފެހި ފެހެންދޫގެ ދެތިން ފޮޓޯ

ފެހިފެހި ފެހެންދޫގެ ދެތިން ފޮޓޯ

By: Ifraz Ali

މި ރަށުގެ ހުޅަނގު ފަރާތު އަތިރިމައްޗަށް ނިކުމެ އެތައް އިރެއް ވަންދެން އެ ދިމާލަށް ބަލަން ހުރެވުނެވެ. އަރައިގެން ހުރި ފައިވާން ބާލައި، އެ ރީތި ދޮންވެލި ތުނޑިމަތީ ހިނގާފައި ގޮސް، މޫދުގެ ފިނިކަން އިހުސާސްކޮށްލި ވަގުތު ޖެހުނު ފިނި ވައިރޯޅިއާއެކު ހިތަށް އެރީ އެ ބުނާ ޖަޒީރާ ރާއްޖެއެއްގެ ހިތްގައިމު ކަމަކީ މިއީ ހެއްޔެވެ.

ފެހެންދޫ ހުޅަނގު ފަރާތު އަތިރިމަތީގައި ޓޫރިސްޓުން -- | ފޮޓޯ: ދޯ

މި ރީތި ބޮޑު ދޮންވެލި ތުނޑި އާއި އެ ހިތްގައިމު މޫދު ފެނިއްޖެ ނަމަ މި ތަނުން އެނބުރި އަންނަ ހިތެއް ނުވާނެ އެވެ. ބ. ފެހެންދޫގައި މީހުން ދިރިއުޅޭ ހިސާބު ދޫކޮށް، ވަލު ތެރެއިން ކޮށާފައި އޮންނަ މަގަކުން ގޮސް ނިކުމެވޭނީ މި ސަރަހައްދަށެވެ. މިތަނުގައި ހުންނައިރު އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ގޮއިދޫ އަދި ފުޅަދޫ ފެންނަން އޮންނާނެ އެވެ.

ފެހެންދޫގެ ޖެޓީ ހުންނަ ސަރަހައްދު -- | ފޮޓޯ: ދޯ

ޑިންގީއެއްގައި ގޮއިދޫން ފެހެންދޫ އަށް ދެވުނީ ފަސް ވަރަކަށް މިނެޓުންނެވެ. ފެހެންދޫގެ ޖެޓީ ހުންނަ، ރަށުގެ އިރުމަތީފަރާތު ފަޅު ތެރޭގެ މުޅި ސަރަހައްދުގައި އޮންނަނީ މޫދު ވިނަ ހެދިފަ އެވެ. ޖެޓީއާ ދިމާލުން ރަށުގެ ކުރިމަތީގައި ކުޑަކުޑަ ރަށެއް ވެސް ހެދިފައި އޮވެ އެވެ.

ފެހެންދޫ އިރުމަތީ ފަރާތް: މި ހިސާބުގައި އޮންނަނީ މޫދު ވިނަ ހެދިފައި -- | ފޮޓޯ: ދޯ

އާބާދީ ވަރަށް ކުޑަ އެވެ. ރަށުގައި ދިރިއުޅެނީ ސަތޭކައެއްހާ މީހުންނެވެ. ރަށުގެ ގިނަ މީހުން ދިރިއުޅެނީ މާލެ އާއި އަތޮޅުގެ އެހެން ރަށްރަށުގަ އެވެ.

ފެހެންދޫ ޖެޓީ ސަރަހައްދުގައި ހުންނަ އުނދޯލިތަކުގައި ބަޔަކު ފިނިކޮށްލަން ޖައްސާލައިގެން -- | ފޮޓޯ: ދޯ

ބައެއް މީހުންގެ ވާހަކަތަކުން އެނގުނު ގޮތުގައި ގިނަ މީހުން ރަށް ދޫކޮށް ގޮސްފައި ވަނީ ތައުލީމު ހޯދުމުގައި ހުރި ދަތިތަކުގެ ސަބަބުންނެވެ. ކުދިން މަދުވެގެން މި ރަށުގެ ސްކޫލް ހުންނަނީ ބަންދުކޮށްފަ އެވެ. މިހާރު ރަށުގައި ތިބި ކުދިން ކިޔަވަން ދަނީ ކޮންމެ ދުވަހަކު ކުޑަ ޑިންގީއަކަށް އަރައިގެން ގޮއިދޫ އަށެވެ.

ފެހެންދޫ: ފެހިކަމާއި ގުދުރަތީ އެތައް ރީތިކަމެއް ލިބިފައި އޮތް ރަށެއް -- | ފޮޓޯ: ދޯ

މި ރަށަށް ލިބިފައި އޮތް ގުދުރަތީ މުއްސަނިދަކާމައި ފެހިކަމުގެ ފައިދާ ރަށުގެ ރައްޔިތުންނަށް ކުރެ އެވެ. ގެސްޓް ހައުސްގެ ވިޔަފާރީ މި ރަށުގައި ވެސް އަންނަނީ ކުރިއަރަމުންނެވެ. މިހާރު ވެސް ތިން ގެސްޓް ހައުސްއެއް މި ރަށުގައި ހިންގަ އެވެ.

ފެހެންދޫގެ ރަށު ތެރެ: ރަށުގައި ދިރިއުޅެނީ ސަތޭކައެއްހާ މީހުން -- | ފޮޓޯ: ދޯ

މި ރަށުގައި މަޑުކޮށްލަން ލިބުނީ އެންމެ ދެ ގަޑިއިރެއްހާއިރު އެވެ. އެވީ ކުޑަ ވަގުތުކޮޅުގައި ވެސް ހިތް ފުރާލަ ދިނީ ބަލައިލި ކޮންމެ ދިމާލަކުން ފެނުނު މި ރަށުގެ ފެހިކަމާއި ގުދުރަތީ ރީތިކަމެވެ.

ބ.ފެހެންދޫ ބ. އަތޮޅު

Popular