15 Jul 2019

ޝަލަބީ އަށް އެންމެ ކަމުދާ، އަދޫގެ ހަތް ފޮޓޯ

ޝަލަބީ އަށް އެންމެ ކަމުދާ، އަދޫގެ ހަތް ފޮޓޯ

By: Aishath Maaha

ޝަލަބީ އިބްރާހިމްގެ އޮފިޝަލް ފޮޓޯގްރާފަރުގެ ރޯލު އަދާކޮށް ކެމެރާ ހިފައިގެން މާލޭގައި އޮތް ޝަލަބީގެ ކޮންމެ އިވެންޓެއްގެ އެންމެ ކުރީގައި ހުރީ އަދުހަމް މުހައްމަދު (އަދޫ) އެވެ. ދެ އަހަރެއްހާ ދުވަހު އަދޫ އެ ވަޒީފާ އަދާކުރި އިރު ނެގި ކޮންމެ ފޮޓޯ ގަނޑަކީ ޝަލަބީގެ އެންމެ ހިތްހަމަ ޖެހޭ ގޮތަށް ނަގާފައިވާ ގަނޑެކެވެ.

އިވެންޓުގެ ފޮޓޯތައް ނުލިބިގެން ޝަކުވާ ކުރާނެ ފުރުސަތެއް ނުދެ އެވެ. ބޭނުން ހުރިހާ އޭންގަލަކުން ހުރިހާ ފޮޓޯއެއް ހުރީ ތައްޔާރުކޮށްފަ އެވެ. ތެލަސީމިއާ ކުއްޖެއް ނަމަވެސް އަދޫގެ ހުނަރު ދައްކަމުން ދިޔައިރު އެހެން ފޮޓޯގްރާފަރުންނަށް ވުރެ އެންމެ ތަންކޮޅެއް ވެސް ދުލެއް ނުކުރެ އެވެ.

އިއްޔެ އަދޫ ވަކިވެގެން ދިޔައިރު ދިޔައީ އަދޫގެ މަތިން ހަނދާން ކޮށްދޭނެ އެތައް ސަތޭކަ ފޮޓޯއެއް ޝަލަބީއަށް ދީފަ އެވެ. ޝަލަބީ މި ކިޔައިދެނީ އެ ހުރިހާ ފޮޓޯއެއްގެ ތެރެއިން ޝަލަބީއަށް އެންމެ ސަޅި އަދި އެންމެ ހާއްސަ ފޮޓޯތަކެވެ.

އަދޫ ޝަލަބީއަށް ނަގައިދިން ފުރަތަމަ ފޮޓޯ: ފޮޓޯ: އަދޫ

މި ފޮޓޯއަކީ އަދޫ ޝަލަބީއަށް ނަގައިދިން ފުރަތަމަ ފޮޓޯތަކުގެ ތެރެއިން ފޮޓޯ އެކެވެ. ތެލަސީމިއާ ސެންޓަރުގައި ނަގާފައިވާ މި ފޮޓޯ ޝަލަބީ އަށް ވަރަށް ހާއްސަ އެވެ.

"ދޯ" މެގަޒިން ލޯންޗިން އިވެންޓުގައި ޝަލަބީ ޕާފޯމް ކުރަނީ. -- ފޮޓޯ: އަދޫ

ޝަލަބީގެ މި ފޮޓޯ އަކީ ޝަލަބީއަށް ވަރަށް ހާއްސަ ފޮޓޯއެއް ކަމަށް އޭނާ ބުންޏެވެ. "ދޯ މެގަޒިން" ލޯންޗުކުރަން ބޭއްވި ހަފްލާގައި ޝަލަބީ ޕާފޯމްކުރަނިކޮށް ނަގާފައިވާ މި ފޮޓޯ އަކީ މިހާތަނަށް ޝަލަބީއަށް އެންމެ ކަމުދިޔަ އެއް ފޮޓޯކަމަށް ޝަލަބީ ބުންޏެވެ. މިއީ އަދޫގެ މޮޅު ފޮޓޯއެއްގެ ގޮތުގައި ޝަލަބީ ސިފަކުރި އެވެ.

އަދޫ ނަގައިދިން ފޮޓޯތަކުގެ ތެރެއިން ޝަލަބީއަށް ވަރަށް ހާއްސަ ފޮޓޯއެއް. -- ފޮޓޯ: އަދޫ

މިއީ ރާފިޔަތު ރަމީޒާ އާއެކު ޝަލަބީ ދިން ފުރަތަމަ ޝޯގެ ފޮޓޯ އެކެވެ. މި ޝޯގެ ހުރިހާ ފޮޓޯއެއް އަދޫ ނެގި ނަމަވެސް އެންމެ ހާއްސަކޮށްލީ މި ފޮޓޯ އެވެ.

ޝަލަބީ ރާފިޔަތު އަދި ބަރިސްތާގެ އޮފިޝަލެއް ބަރިސްތާގެ އާ މެނޫ ރިލީޒްކުރި އިވެންޓުގައިި. -- ފޮޓޯ: އަދޫ އެމްވީ

މިއީ ބަރިސްތާގެ އާ މެނޫ ރިލީޒްކުރި އިވެންޓުގައި އަދޫ ނަގައިދިން ފޮޓޯ އެކެވެ. އަދޫ އަކީ ބަރިސްތާ އަދި ހައުސް އޮފް މިއުޒިކްގެ އޮފިޝަލް ފޮޓޯގްރާފަރު ވެސް މެ އެވެ.

ޝަލަބީގެ ޝޯއެއްގެ ތެރެއިން. -- ފޮޓޯ: އަދޫ

މިއީ މަރިޔަމް މައީޝާ އަދި ހައުސް އޮފް މިއުޒިކް ގުޅިގެން ދިން ޝޯއެއްގެ ތެރެއިން އަދޫ ނަގާފައިވާ ފޮޓޯ އެކެވެ. ޝަލަބީއަށް އެންމެ ސަޅި އަދޫގެ ފޮޓޯތަކުގެ ލިސްޓުގައި ޝަލަބީ މި ފޮޓޯއަކީ ހެންވޭރުގައި ހުންނަ ބަރިސްތާގައި ދިން ޝޯއެއްގައި ނަގާފައިިވާ ފޮޓޯ އެކެވެ.

"ތިބާ ހީލުމުން" ލަވަ ރިލީޒްކުރުމުގެ ހަފްލާގައި އަދޫ ނެގި ފޮޓޯއެއް. -- ފޮޓޯ: އަދޫ

މި ފޮޓޯ އަކީ ޝަލަބީ ކިޔާފައިވާ "ތިބާ ހީލުމުން" ލަވަ ރިލީޒްކުރަން ބޭއްވި އިވެންޓުގައި އަދޫ ނަގާފައިވާ ފޮޓޯ އެކެވެ. ފޮޓޯއިން ފެނިގެންދަނީ ޝަލަބީ އަދި އަބްސީ އެވެ.

އަދޫގެ ފޮޓޯތަކުގެ ތެރެއިން ޝަލަބީއަށް ހާއްސަ ފޮޓޯއެއް. -- ފޮޓޯ: އަދޫ

މި ފޮޓޯ އަކީ ވެސް ޝަލަބީ އަށް ވަރަށް ހާއްސަ ފޮޓޯއެއް ކަމަށް ޝަލަބީ ބުންޏެވެ. މި ފޮޓޯގައި ޝަލަބީ އާއެކު އާމިނަތު ސައިނާ، ޝަލަބީގެ މެނޭޖަރާއި ހައުސް އޮފް މިއުޒިކްގެ މެންބަރުން އެބަތިއްބެވެ.

ފޮޓޯގްރަފީ ތެލެސީމިއާ

Popular