By: Aishath Maaha
ދަރިންނަށް ވުރެ ބޮޑު އުފަލެއް އަދި ހަދިޔާއެއް ދެމަފިިރިއަކަށް ނޯންނާނެ އެވެ. އެކުދިންނަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވާން ވެސް މައިންބަފައިން ތިބޭނީ ތައްޔާރަށެވެ. މުޖުތަމައުގައި މީހުން ގަދަރުކުރާ، މޮޅު، ހުނަރުވެރި ކުއްޖަކަށް އެ ކުދިން ހަދަން މަސައްކަތްކުރެ އެވެ. އެ ކުދިން ބަލިވެދާނެތީ ސަމާލުވެ އެވެ.
ކުއްޖާގެ ދުޅަހެޔޮކަމަށް ވިސްނާނީ ކުއްޖާ އަށް ބަލިވެއިންނަ ހިސާބަކުން ނޫނެވެ. އޭގެ މާކުރިން ފެށިގެން ވެސް އެ ކަމަށް ސަމާލުކަން ދޭން ޖެހެ އެވެ. ހާއްސަކޮށް، ދަރިއަކު ހޯދަން ވިސްނާ ހިސާބުންނެވެ.
ކުއްޖަކު ހޯދަން ވިސްނާ ހިސާބުން އެންމެ ފުރަތަމަ މެޑިކަލް ޗެކަޕެއް ހެދުން މުހިންމެވެ. މާބަނޑު ވުމުގެ ކުރިން، އެއްވެސް ކަހަލަ ބައްޔެއް ހުރިތޯ ބަލައި ފަރުވާކުރަންވާނެ އެވެ. ހާއްސަކޮށް، ވަރުތަވާ ސިސްޓިކް ފައިބްރޯސިސް ކަހަލަ ބައްޔެއް ދެ މީހުންގެ އާއިލާގައި ވެސް ހުރި ނަމަ ކުއްޖަކު ހޯދުމުގެ ކުރިން ދެ މީހުންގެ މެޑިކަލް ޗެކަޕެއް ހަދާލަންވާނެ އެވެ.
ހިރުގަނޑުގެ ސިއްހަތު މުހިންމު
އަނގައިގެ ސިއްހަތު ނުވަތަ އޯރަލް ހެލްތާއި، ދުޅަހެޔޮ ޕްރެގްނެންސީ އޮންނަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ. ހިރުގަނޑުގެ ބަލިތަކުގެ ސަބަބުން އާލީ ބާތު ނުވަތަ ލޯ ބާތު ވެއިޓާ ކުރިމަތިލާން ޖެހިދާނެ އެވެ. އެހެންވީމާ ޑެންޓިސްޓަކަށް އެޕޮއިންޓްމަންޓެއް ހައްދަން އެބަޖެހެ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ޖެހޭ
ދުންފަތަކީ ބަނޑުގައި އޮންނަ ދަރިފުޅަށް ކިހާ ގެއްލުންހުރި އެއްޗެއްކަން އެންމެނަށް ވެސް އެނގެ އެވެ. އެކަމަކު ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަންވީ ބަލިވެ އިނީމައެއް ނޫނެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދަރިމައިވާން އުނދަގޫވެ އަދި ބައިގެންދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމަކަށްވާތީ އެވެ.
ކުއްޖަކު ހޯދަން މަސައްކަތްކުރާއިރު ނުވަތަ އޭގެކުރިން ފެށިގެން ކެފެއިން ބޭނުންކުރާ މިންވަރު މަދުކުރަން ޖެހެ އެވެ. ދުވާލަކު ދެ ކޮފީއަށްވުރެ ގިނައިން ބުއިން ރަނގަޅެއް ނޫނެވެ. ނުވަތަ ޑީކެފް ކޮފީ ބޭނުންކުރެވިދާނެ އެވެ.
މި ދުވަސްވަރު ޖަންކް ފުޑް ކެއުން މަދުކޮށް މޭވާ އާއި ތަރުކާރީ ކާ މިންވަރު އިތުރުކުރަން ޖެހެ އެވެ. އަދި ހޯލް ގްރެއިން އާއި ޕްރޮޓީން ބޭނުންކުރާ މިންވަރު ވެސް އިތުރު ކުރަން ޖެހެ އެވެ. މިއީ މާބަނޑު ދުވަސްވަރުގެ ސިއްހަތަށް މުހިންމު ކަމެކެވެ.
މާބޮޑަށް ފަލަވުމަކީ މާބަނޑު ދުވަސްވަރު ޑައިބެޓިކްސް އާއި ހައި ބްލަޑް ޕްރެޝަރަށް މަގުފަހިކުރުވާނެ ކަމެކެވެ. ނަމަވެސް މާބަނޑު ދުވަސްވަރު ބަރުދަން ލުއިކުރަން މަސައްކަތް ކުރާތީ ރައްކާތެރި ކަމަކަށް ނުވާނެތީ، ބަލިވެ އިނުމުގެ ކުރިން ބަރުދަން އެކަށީގެންވާ ވަރެއްގައި ބެހެއްޓުމަށް ސަމާލުކަން ދޭންވާނެ އެވެ.
ބޭނުންކުރާ ބޭސްތަކަށް ސަމާލުވާތި
ބަލިވެ އިނުމުގެ ކުރިން ޑޮކްޓަރަށް ދައްކައި، އެހެން ބައްޔަކަށް ބޭސް ބޭނުންކުރާ ނަމަ އެކަމުގެ ތަފްސީލް ދޭންވާނެ އެވެ. ބައެއް ކަހަލަ ބޭހަކީ ބަނޑުގައި އޮންނަ ދަރިފުޅަށް އޭގެ އަސަރު ކުރާނެ ކަމެކެވެ. އެހެންވީމާ ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ފޯލިކް އެސިޑް ފަދަ ބޭސްތައް ދުރާލާ ބޭނުންކުރެވިދާނެ އެވެ.