13 Jan 2020

"ދަތުރުވަރެއްގައި މިރަށަށް މީހަކު އަޔަސް ބޮނޑިބަތް ކޮޅެއް ފަރިއްކުޅުއްވައިފިއްޔާ ބުނާނެ، ރިނބުދޫގެ ބޮނޑިބަތް ހާދަ މީރޭ،" މިއީ ރައްޓެއްސަކު ބުނި ވާހަކަ އެކެވެ.

މިއަށް އެއްޗެއް ބުނުމުގެ ކުރިން ހަމަ އެންމެ ރަނގަޅު ގޮތަކީ ރިނބުދޫގެ ބޮނޑިބަތް ކޮޅެއް ހޯދުނު ގޮތަކަށް ހޯދައިގެން ރަހަ ބަލައިލުމެވެ. އެގޮތް ނެތް މީހުންނަށް މިއޮތީ ރިނބުދޫ އިން ގެނައި ހާއްސަ ރެސިޕީ އެކެވެ.

ރިނބުދޫ ބޮނޑިބަތް ކައްކާނެ ގޮތް

ބޭނުންވާ ތަކެތި

- އެއް ކިލޯ ހަނޑޫ

- 8 ލާހި ހަކުރު

- 2 ލާހި ދިޔާ ހަކުރު

- 2 ރާނބާފަތް (ބޮޑު ދެ ފަތް)

- ކާއްޓެއްގެ ބޯކިރު

ކައްކާނެ ގޮތް: ފުރަތަމަ ހަނޑޫ ކޮޅު ސާފުކޮށް ދޮވެލާށެވެ. އެއަށް ފަހު ފެންފޮދެއްގައި ހަނޑޫ ކޮޅު މަޑުކުރަން އުދާށެވެ. ހަނޑުލުގެ އާރު ކެނޑޭ ވަރަށް (މަޑުކުރަން ބޭނުންވާ ވަރަަށް) ހަނޑުކޮޅު މަޑުވެލުމުން، ހަނޑުލުގެ ތެރެއަށް ރާނބާ ފަތާއި ހަކުރު އަޅާށެވެ. އަދި މެދު ގިނީގައި ހަކުރު ގަނޑު އޮލަވަންދެން ދޭފަތުން ހަލާށެވެ. ހަކުރުގަނޑު އޮލަވުމުން، ނަގާފައި ހުރި ދިޔާ ހަކުރު ކޮޅު އަޅާފައި ކައްކާށެވެ. ހަނޑުލާއި ހަކުރު ރަނގަޅަށް އެއްވެ، ތަތްވެލަންދެން ދޭފަތުން ހަލަންވާނެ އެވެ. އެއަށް ފަހު ނަގާފައި ހުރި ބޯކިރުކޮޅު އެއްކޮށްލާށެވެ. ދިހަ ވަރަކަށް މިނިޓް ކައްކާލުމުން ރަނގަޅުވާނެ އެވެ.

ނޯޓް: ބޮނޑިބަތް ކައްކާއިރު އެހެން ރަށްރަށުގައި ވެސް ދިޔާ ހަކުރު ބޭނުންކޮށް އުޅެ އެވެ. އެކަމަކު ބައެއް ރަށްރަށުގައި ބޮނޑިބަތް ކައްކަނީ ފޮނިތޮށި، ކާފުރުތޮޅި އަޅައިގެންނެވެ. ރިނބުދޫ ބޮނޑިބަތުގެ ތެރެއަށް މި ބާވަތްތަކެއް ނާޅަ އެވެ.

ބޮނޑިބަތާ އެކު ރިނބުދޫ ހަވާދުގައި ހަނާކުރި ވަޅޯ މަސް

ބޭނުންވާ ތަކެތި

- އެއް ކިލޯ ވަޅޯ މަސް (ކޮށާފައި)

- ރިބުދޫ ހަނާކުރި ހަވާދު

- ތެޔޮ ހަވާދު

- ކުޑަ ކާއްޓެއްގެ ހުނި

- ފިޔާ

- ހިކަނދިފަތް

- ކާއްޓެއްގެ ބޯކިރު

- ފެން ކިރު ފޮދެއް

- އާދައިގެ، މީރުކުރި ފިޔާގަނޑަކަށް ބޭނުންވާ ސާމާނު

ކައްކާނެ ގޮތް: ފުރަތަމަ، ހަނާކުރި ހަވާދު، ތެޔޮ ހަވާދު، ހުނި، ފިޔާ އަދި ހިކަނދިފަތް އަޅައިގެން ހަވާދުކޮޅު ފުނޑާލާށެވެ. އެއަށްފަހު ފިޔާ، ލޮނުމެދު، ހިކަނދިފަތް، ރާނބާފަތް ކޮށާފައި ތެއްޔެއްގައި ފިޔާ މީރުކުރަން އުދާށެވެ. ފިޔައި މީރުކުރާ އިރު ނަގާފައި ހުރި ފެން ކިރު ފޮދު އަޅާށެވެ. ފިޔާ ރަތްވުމުން، ފުނޑި ހަވާދާއި، ގިތެޔޮ މިރުހާއި ރަހަ ދޭ ވަރަށް ލޮނު ލާފައި ރަހަ ހެޔޮވަރުކޮށްލާށެވެ. އިރުކޮޅެއް ވަންދެން ކެއްކުމަށްފަހު ކޮށާފައި ހުރި ވަޅޯ މަސްކޮޅު އެއްކޮށްލާފައި ހިކިކޮށް ހަނާވަންދެން ކައްކާށެވެ. ބާލަން ވީމަ ބޯކިރުކޮޅު އަޅާލާލުމަށްފަހު އެއްކޮށްލާށެވެ.

ކަވަ ފޮޓޯ: އަހުމަދު ރައްސާމް

ދިވެހި ކާނާ ރެސިޕީ

Popular