19 Apr 2020

ލޮކްޑައުންގައި އެލެންގެ މަގްބޫލުކަން އެއްކޮށް ކެނޑިއްޖެ

ލޮކްޑައުންގައި އެލެންގެ މަގްބޫލުކަން އެއްކޮށް ކެނޑިއްޖެ

ކޮރޯނާ ވައިރަހުގެ ލޮކްޑައުން އަށް ދިއުމުން އެމެރިކާގެ މަޝްހޫރު ޓީވީ ޕާސަނާލިޓީ، އެލެން ޑިޖެނެރަސް ހީކުރީ އޭނާގެ "ލޮކްޑައުން" ޖޯކުތަކުން އެކަނި ވެސް ޝޯ ހިފަހައްޓާލެވިދާނެ ކަމަށެވެ. ނަމަވެސް "ބީ ކައިިންޑް" އޭ ބުނެ އަބަދުވެސް ކޮންމެ ޝޯއެއްގައި ވެސް ބެލުންތެރިންނަށް ނަސޭހަތްދިން އެލެން މި ވަނީ ލޮކްޑައުންގެ މުސީބާތާއެކު އެންމެ ހިތްނުބައި ވިލަން އަށް ބަދަލުވެގެން ގޮސްފައެވެ. އެލެން އަކީ އޭނާގެ "ބީ ކައިންޑް" ކެމްޕޭނަށް މަޝްހޫރު މޫނެކެވެ. ނަމަވެސް އެންމެން ވެސް ބުނަމުން ދަނީ ލޮކްޑައުންގައި އެލެންގެ ވެސް އަސްލު ސޫރަ ފެނިގެން ހިނގައްޖެކަމަށެވެ.

"ބީ ކައިންޑް" އޭ ކިޔައިގެން އެންމެނަށް ނަސޭހަތްދިން އެލެން އޭނާގެ އަމިއްލަ މި ނަސޭހަތުގައި ނުހިފާކަން ފަޅާއަރައި އެންމެ ފުރަތަމަ ފާޑުކިޔުން އަމާޒުވީ، "ލޮކްޑައުންގައި އުޅުމަކީ ޖަލެއްގައި އުޅެވޭ ކަމުގެ އިހުސާސެއް" ކަމަށް ބުނެ ޖެހި "ގޭއި ޖޯކް" އަކަށް ފަހުއެވެ. އެ ޖޯކާއެކު އެލެން ހޫނުފެނަށް ވެއްޓިފައި ވަނިކޮށް އެލެން އަށް އިތުރު ފާޑުކިޔުންތަކެއް އަމާޒުވީ އޭނާގެ މަޝްހޫރު ޝޯގެ ކްރޫންނަށް ވެސް ހަދަނީ ހަދާނެ އެއްޗެއް ކަމަށް އަޑުފެތުރުމާ ގުޅިގެންނެވެ.

އެލެންއާ އެކު 17 އަހަރު ވަންދެން އޭނާގެ ޝޯގެ ކްރޫއިންގެ ގޮތުގައި މަސައްކަތްކުރި ބައެއް މީހުން ޝޯގެ ބިތުފަންގި ނަގާފައިވާއިރު އެމީހުން ބުނަމުން ދަނީ އެލެން އަކީ އޭނާގެ ޝޯގައި ފެންނަފަދަ ހިތްހެޔޮ މަޖާ މީހެއް ނޫން ކަމަށެވެ. އަދި އެއްގޮތަކަށް ވެސް އޭނާގެ ސްޓާފުންނަށް ހިތްހެޔޮ މީހެއް ނޫން ކަމަށެވެ.

އެލެން އަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނީ އޭނާގެ ޝޯ މެދުކަނޑާލަން ޖެހުމުން ޝޯގެ ކްރޫންނަށް މުސާރަ ދިނުމުގައި އެލެންގެ އެއްވެސް އެހީތެރިކަމެއް ނުލިބިގެންނެވެ. މަޝްހޫރު އެހެން ލޭޓް ޝޯ ހޯސްޓުން ކަމުގައިވާ ޖިމީ ކިމެލް ފަދަ ތަރިން ވަނީ އެމީހުންގެ ކްރޫންނަށް އަމިއްލަ ޖީބުން މުސާރަ ދީފަ އެވެ. އެކަމަކު، އެލެންގެ މިލްކިއްޔާތުގައި 330 މިލިއަން ޑޮލަރު ހުރި ނަމަވެސް އެފަދަ އެހީތެރިކަމެއް، އެކުގައި މަސައްކަތްކުރާތާ 17 އަހަރުވެފައިވާ އާދައިގެ މުވައްޒަފުންނަށް ދޭން އެލެން ބޭނުމެއް ނުވެއެވެ.

Popular