By: Ifraz Ali
ރޯދަ މަހު ދިވެހިންނަށް އެންމެ ހާއްސަ ބުއިމަކީ ކަރާ ފަންޏެވެ. މިއީ ރޯދަވީއްލާ ވަގުތު ސުފުރާގައި ކޮންމެހެން ހުންނަ ޖެހޭ "ޒަރޫރީ" ބުއިމެކެވެ. އެހާ ވެސް ހާއްސަ އެއްޗެކެވެ؛ އެކަމަކު މި ރޯދަ މަހު އަހަރެމެންނަށް ކަންތައް މި ދިމާވީ ދުވަހެއްގެ ކޮޅުން ވެސް ހީނުކުރާ ކަހަލަ ގޮތަކަށެވެ. ވަރަށް މަދު ގެއެއްގެ ސުފުރާ މަތިން ނޫނީ ކަރާ ފަންޏެއް ފެންނާކަށް ނެތެވެ. ހާއްސަކޮށް މާލޭގައި ދިރިއުޅޭ މީހުންގެ އެވެ.
"މި ރޯދަ މަސް މި ނިމިދަނީ ކަރާ ފަނި ފޮދެއް، ކުރުނބާ ފަނި ފޮދެއް ވެސް ނުބޮވި،" ކުރީ ރޯދަ މަސްތަކުގައި ކޮންމެ ދުވަހަކު މިތަނުން ކޮންމެސް އެއް ބާވަތެއްގެ ފަނި އަބަދު ވެސް ރޯދަވީއްލަން ތައްޔާރުކޮށްފައި ހުންނާނެ ކަމަށް މީހަކު ބުންޏެވެ.
މިދިޔަ އަހަރު ދަތުރުވެރިން މާރުކޭޓުގައި ވިއްކަން ހުރި ކަރާތަކެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކޮރޯނާވައިރަހާ ހެދި މާލެ ބަންދުކޮށްފައި އޮތުމުން، އަތޮޅު ތެރެއިން މާލެ އަށް ކަރާ، ކުރުނބާ އަދި އެހެން ބާވަތްތައް ފޮނުވުމަށް ވަނީ ދަތިވެފަ އެވެ. އަދި މާލެ އަށް ކަރާ ގެނެސް އާންމުކޮށް ވިއްކާ ދަތުރުވެރިންގެ މާރުކޭޓު ވެސް ހުރީ ބަންދުކޮށްފަ އެވެ. އެންމެ ހެޔޮ އަގުގައި ކަރާ ގަންނަން ބޭނުން ނަމަ ކުރީގައި ގޮސް އުޅުނީ މި މާރުކޭޓަށެވެ.
މި ރޯދަ މަހުގެ ކުރީކޮޅު ވަރަށް މަދުން ނޫނީ މާލެއިން ކަރައެއް ނުލިބެ އެވެ. އެކަމަކު މިހާރު ބައެއް ތަންތަނުން ކޮންމެސް ވަރަކަށް ކަރާ ލިބެން އެބަހުއްޓެވެ. ކަރާ ކީލޯއެއްގެ އަގު އާންމުކޮށް އުޅެނީ 30.ރ. އަށް ވުރެ ދަށް އަގުތަކެއްގަ އެވެ.
ބެލި ބައެއް ތަންތަނުން ކުރުނބާ ލިބޭކަށް ނުވެސް ނެތެވެ.
މިދިޔަ އަހަރު ދަތުރުވެރިން މާރުކޭޓުގައި ވިއްކަން ހުރި ކުރުނބާތަކެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކަރާގެ އިތުރުން މި ދުވަސްކޮޅު ރާއްޖޭގައި އެންމެ ތިޔާގިކޮށް އުޅޭ މޭވާގެ އެކި ބާވަތްތަކުގެ ތެރޭގައި އަނބާއި ޖަނބުރޯލާއި އަދި ދޮންކެޔޮ ވެސް ހިމެނެ އެވެ. އެކަމަކު މި އެއްޗެހި މާލެ ގެނެވޭނެ ފަސޭހަ ގޮތްތަކެއް ހަމަޖެހިފައި ނެތުމުން ވަނީ ލިބުން ދަތިވެފަ އެވެ. އަދި ބާޒާރުމަތި ބަންދުކޮށްފައި އޮތީމާ މާލެ ގެނެސް ވިއްކަން ވަނީ ދަތިވެފަ އެވެ.
"އަނބު އަޅާ ދޮންވެފައި އެބަ އޮތް ބައިވަރު. އެކަމަކު މާލޭގައި ތިބި ކުއްދޫންނަށް ފޮނުވޭނެ ގޮތެއް ނެތް. ބޯޓަށް ލައިފައި ވެސް ފޮނުވާކަށް ނުކެރޭ އެ ކުދިން ބޭރަށް ނިކުންނާން ޖެހޭނެތީ،" މާލެގައި ދިރިއުޅޭ ކުދިންނަށް އަނބުކޮޅެއް ފޮނުވާ ހިތުން ހުރި ލ.މާވަށުގެ މަންމައަކު ބުނީ މިހެންނެވެ.
ބައެއް މީހުން ގާތު އަހާލުމުން ބުނީ މިފަހަރު ރޯދަވީއްލަން އެންމެ އާންމު ބުއިމަކީ ކަޅު ސައި ކަމަށެވެ. އަދި ދަޅުގައި ބަންދުކޮށްފައި ހުންނަ އަލަނާސިން ވެސް ފަނި ގިރާ ކަމަށެވެ.