27 May 2020

މާބަނޑުވުމާ މެދު އެއްވެސް މީހަކު ކިޔައިނުދޭ ވާހަކަތައް

މާބަނޑުވުމާ މެދު އެއްވެސް މީހަކު ކިޔައިނުދޭ ވާހަކަތައް

By: Aishath Maaha

ބަލިވެ އިން ޚަބަރު ދޭން ފެށީމާ އާއިލާ އާއި ރައްޓެހިންގެ ފަރާތުން މި ދުވަސްވަރާ ބެހޭ ގިނަ މައުލޫމާތުތަކެއް ލިބުނެވެ. އެންމެންގެ ފަރާތުން ވެސް އެނގުނީ ގާތްގަނޑަކަށް އެއް ކަންތައްތަކެވެ. ވަރުބަލިވުމާއި، މޫޑު ސްވިންގްސް އާއި ހޮޑުލެވުމާއި، ހަށިގަނޑަށް އަންނާނެ ބޮޑެތި ބަދަލުތަކުގެ ވާހަކަ އެންމެން ވެސް ދެއްކި އެވެ.

އެކަމަކު ބަލިވެއިނދެ އެދުވަސްވަރު ދިމާވާ ގިނަ ކަންކަމުގެ ވާހަކަ އެއްވެސް މީހަކު ނުދައްކަ އެވެ. ކިޔައިވެސް ނުދެ އެވެ. ކީ އެއްވެސް ވާހަކައަކުން އަދި ބެލި ފިލްމެއްގައި ވެސް ނުދައްކާހާ ގިނަ ކަންތައްތައް ދިމާވެ އެވެ. ފަހަރުގައި އެ ހުރިހާ ކަމެއް އެންމެނަށް ދިމާ ނުވަނީ އެވެ. މާބަނޑު ދުވަސްވަރަކީ ކޮންމެ މީހަކަށް ވެސް ތަފާތު ދުވަސްވަރެކެވެ.

"މޯނިން ސިކްނެސް" ދިމާވަނީ ހަމައެކަނި ހެނދުނެއް ނޫން

ބަލިވެއިނދެ ހޮޑުލެވެން ފެށެންދެން ހީކުރީ "މޯނިން ސިކްނެސް" ދިމާވަނީ ހަމައެކަނި ހެނދުނު ކަމަށެވެ. އެކަމަކު އެއީ ވަކި ގަޑިއެއް ކަނޑައެޅިފައި އޮންނަ ކަމެއް ނޫނެވެ. މެންދުރުފަހުން ނުވަތަ ރޭގަނޑު ވެސް "މޯނިން ސިކްނެސް"ގެ އުނދަގޫ ޖެހެ އެވެ.

ހުވަފެން

ބަލިވެ އިން ފަހުން ހުވަފެން ފެންނަލެއް ގިނަ އެވެ. ބިރުވެރި، މޮޔަ އަދި ވިއަޑް ހުވަފެންތައް ފެނެ އެވެ. ހުވަފެނަކީ ބިލާހެކޭ ބުންޏަސް ގިނަ ފަހަރަށް މި ހުވަފެންތައް މަތިން ހަނދާން ނައްތާލަން އުނދަގުލެވެ. ހާއްސަކޮށް ބަނޑުގައި އޮންނަ ދަރިފުޅު ފެންނަ ހުވަފެންތަކެވެ.

ކްރޭވިންގްސް

މާބަނޑު ކޮންމެ މީހަކަށް ވެސް ކޮންމެވެސް ވަކި ހާއްސަ އެއްޗެއް މީރުވާނެ ކަމަށް ހީކުރެވުނެވެ. ބަލިވެ އިން ޚަބަރު ދިނުމާއެކު އެންމެ ގިނައިން ކުރިމަތިވި އެއް ސުވާލަކީ އެއީ އެވެ. އެންމެ ކާހިތްވަނީ ކޯއްޗެއް ހެއްޔެވެ. ވިއާޑް ކްރޭވިންގްސް އާދޭ ހެއްޔެވެ. އެކަމަކު މިއީ ވެސް އެންމެންނަށް ކުރިމަތިވާ ކަމެއް ނޫނެވެ. ވަކި ހާއްސަ އެއްޗެއް ކާހިތްނުވެ ނުބައި ނުވާ މީހުން ވެސް އުޅެ އެވެ.

ނިދަން އުނދަގޫވުން

ބަނޑުގައި ކުއްޖާ ބޮޑުވަމުން އައިސް ބަނޑުން އެނގެން ފެށުމުން ނިދަން އުނދަގޫވެ އެވެ. ހަމަޖެހިގެން އޮށޯވެ އޮންނާނެ އެއްވެސް ގޮތެއް ނޭނގެން މުޅި ރޭ ފުރޮޅި ފުރޮޅި އޮންނަން ޖެހެ އެވެ. ބައެއް ފަހަރަށް ތެދަށް އިންނަން ޖެހެ އެވެ. ކިތަންމެ ގިނަ ބާލީހެއް ވަށައި ޖައްސައިގެން ވެސް ހަމަޖެހިނުލެވެ އެވެ.

ކަންނެތްވާނެ

ބަލިވެ އިނުމުން ކަންނެތްވާ ވާހަކަ އެއްވެސް މީހަކު ނުދައްކަ އެވެ. އެކަމަކު އަބަދުވެސް ވަރުބަލިވާ ވާހަކަ ބުނެ އެވެ. ފަހަރުގައި ކަންނެއްވަނީ މީހާ މާބޮޑަށް ވަރުބަލިވާތީ އެވެ. ބަލިވެ އިނުމުން ކުރިން ބޮލަށް އުނދަގޫވާ ކަންކަން މާބޮޑު ކަމަކަށް ނަހަދާ ދޫކޮށްލެވެ އެވެ. ކަންނެތްވާތީ އެވެ.

ބޮލުން އިސްތަށި ފޭބުން

ބަލިވެ އިނުމަށްފަހު ބޭނުންކުރާ ބައެއް ބޭސްތަކުގެ ސަބަބުން ގިނަ މީހުންގެ އިސްތަށިގަނޑު ރީތިވި ނަމަވެސް އާދަޔާ ހިލާފަށް ބޮލުން އިސްތަށި ފައިބާ މީހުން ވެސް އުޅެ އެވެ. ނަމަވެސް ބޮލުން އިސްތަށި ފައިބާ ހަލާކުވާ ވާހަކައަށް ވުރެ ގިނައިން ދައްކަނީ އިސްތަށިގަނޑު ރީތިވާ ވާހަކަ އެވެ. ފަހަރުގައި ގިނަ މީހުންނަށް ދިމާވަނީ އެހެންނެވެ.

މެއިން ދިލަ ނެގުން / ގޭސް

މިއީ ހިޔާލަށް ވެސް ގެނެވިފައި އޮތް ކަމެއް ނޫނެވެ. ކުޅިކޮށް ކެއުން ނުބެހެއްޓި ނަމަވެސް މެއިން ދިލަ ނެގުމަކީ މާބަނޑު ދުވަސްވަރު އާންމު ކަމެކެވެ. އަދި ގޭހުގެ އުނދަގުލަކީ ވެސް އާންމުކޮށް ގިނަ މީހުންނަށް ދިމާވާ އުނދަގުލެކެވެ. ބަލިވެ އިނުމުގެ ކުރިން މުހިންމު ކަމަކަށް މިކަން ވެސް ވާނެ އެވެ.

ބަނޑުހަރުވުން

މިއީ މާބަނޑު ދުވަސްވަރު އާންމު މައްސަލަ އެކެވެ. ކާހިތްނުވެ ކާން އުނދަގޫވި ނަމަވެސް މިކަން ހަނދާނުގައި ބަހައްޓައިގެން ރަނގަޅު ޑައިޓެއް ފޮލޯކުރަންވާނެ އެވެ. މިއީ ދަރިފުޅަށް އެއްވެސް ގެއްލުމެއް ހުރި ކަމެއް ނޫން ނަމަވެސް އަމިއްލަ ސިއްހަތަށް ނުރަނގަޅު އަސަރެއް ކުރާނޭ ކަމެކެވެ.

މާބަނޑުވުން ސިއްހަތު

Popular