މި ފޮޓޯ ސޯޝަލް މީޑިއާ އިން އެންމެ ފުރަތަމަ ފެނުނު ވަގުތު ވެސް ހަނދާނަށް އައީ ކުޑައިރު ހީނާފަތް އަޅަން އުޅޭ ހަނދާނެވެ. ޕެކެޓު ހީނާފަތުގެ ބަދަލުގައި ފަތް ފުނޑައިގެން ދެ އަތާއި ދެފައި ރަތްކޮށްލައިގެން އުޅޭ ހަނދާނެވެ.
މި ފޮޓޯ ސޯޝަލް މީޑިއާ އިން އެންމެ ފުރަތަމަ ފެނުނު ވަގުތު ވެސް ހަނދާނަށް އައީ ކުޑައިރު ހީނާފަތް އަޅަން އުޅޭ ހަނދާނެވެ. ޕެކެޓު ހީނާފަތުގެ ބަދަލުގައި ފަތް ފުނޑައިގެން ދެ އަތާއި ދެފައި ރަތްކޮށްލައިގެން އުޅޭ ހަނދާނެވެ.
އީދާއި، ބޮޑު ޗުއްޓީ އަށް ހީނާފަތް އެޅުމަކީ އޭރު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަހަލަ އެވެ. "އޭ" ރިޕޯޓެއް ހޯދައިފިއްޔާ ހީނާފަތް އަޅުވައިދޭނަމޭ ބުނުމުން އިތުރަށް އެ ޓާމުގައި ކިޔަވަން ބާރުއަޅަން މަންމަމެން ދައްކަންޖެހޭ އެހެން ވާހަކައެއް ވެސް ނޯންނާނެ އެވެ. ފިލާވަޅު ދަސްކޮށް ހޯމްވޯކްތައް ނިންމާނީ އުފަލުންނެވެ. އަތް ފައިގައި ހީނާފަތް އެޅުމަށްވުރެ ބޮޑު އުފަލެއް އޭރު ނުލިބޭ ކަހަލަ އެވެ.
ހީނާފަތް އެޅުމުގެ މަސައްކަތް ފަށާނީ އެ ދުވަހު ހަވީރު އެވެ. އެ ފަތް ފިލުވައި ފަތް ފުނޑާނީ ދައިންނެވެ. ދައިން ފުނޑުމުން މާބޮޑަށް ރަތްވެޔޭ މީހުން ކިޔަ އެވެ. އަދި އޭގެ ތެރެއަށް ރާހުތް އެޅުމުން ވެސް ކުލަ ގަދަވެޔޭ ކިޔަ އެވެ.
އެހެންވީމަ ފަތް ފުނޑާނީ ވެސް މީހުން އެކިޔާ އެންމެ ރަތްވާ ގޮތަށެވެ. މިއީ ހަމަ މުބާރާތެއް ކަހަލަ ކަމެއް ވެސްމެ އެވެ. ގޭދޮށު ހުރިހާ ކުދިންނަށްވުރެ އަތް ރަތްކޮށްލުމަކީ އެއް ބޭނުމެވެ. މިހާރު ގޮތަށް އަތުގައި އެކި ޑިޒައިންތަކުން ކުރަހާކަށް ބޭނުމެއް ނުވާނެ އެވެ. ބޭނުންވާނީ މުޅި އަތް އެއްކޮށް ރަތްކޮށްލާށެވެ.
އިރު އޮއްސުމުގެ ކުރިން ޅޮސް ފަތް ހޯދައިގެން އެ މިލުވަން ޖެހޭނެ އެވެ. އެކަންކަން މަންމަ ކުރާނެ އެވެ. އަހަރެމެންގެ މަސައްކަތަކަށް ވާނީ ރޭގަނޑުގެ ކެއުމަށްފަހު ބަދިގޭގެ ކަންކަން މަންމަކޮށް ނިންމާފައި އަންނަންވާއިރަށް ކޮތަޅާއި ފޮތި ހޯދާ ރެޑީކޮށްފައި ބެހެއްޓުމެވެ.
ރޭގަނޑު ކައިގެން ހީނާފަތް އަޅައިގެން ނިދަން އޮންނައިރު ވެސް ހިޔާލަށް އަންނާނީ ހެނދުނުވާއިރު އަތް ރަތްވެފައި ހުންނާނެ ވަރާ މެދު އެވެ. ތެދަށް ބުނަންޏާ އުފަލުން ނުވެސް ނިދޭނެ އެވެ. އަތްފައި ބަނދެފައި ހުންނާތީ އެހާ ހިރުވާނެ އެވެ. ކެތްކޮށްލައިގެން އޮންނާނީ އަނެއް ދުވަހު ލިބެން އޮތް ބޮޑު އުފާވެރިކަން ހިތަށް ގެނެސްގެނެވެ.
ހެނދުނު ހެނދުނާ ހޭލައިގެން މޫނު ވެސް ނުދޮވެ އެންމެ ކުރިން ދާނީ މޫދު ދޮށަށެވެ. މޫދު ލޮނުން ދޮވުމުން ރަތްކުލަ ގަދަވާނެތީ އެވެ. އަށެއްކަ ގަޑިއިރަށްފަހު ހީނާފަތްތައް މޫދު ލޮނުން ދޮވެލާއިރު ލޭކޮޅެއްހާ ރަތްވާނެ އެވެ. ދެން އެދުވަހު ހަތަރުދަމު ކަމަކަށް އޮންނާނީ އެހެން ކުދިންނަށް އަތް ދައްކާފައި ފޮނިދެއްކުމެވެ. އިރުއިރުކޮޅުން އަތުން ވަސް ބަލާނެ އެވެ.
އެންމެ ހަނދާން ހުންނަ އެއް ކަމަކީ ހަފްތާއެއްހާ ދުވަސްވާންދެން އަތުން މޮޑެގެން އެއްވެސް އެއްޗެސް ވެސް ނުކާނެ އެވެ. ފެންވަރާއިރު ވެސް ހާއްސަ ސަމާލުކަމެއް ދޭނެ އެވެ. އަތުން ކުލަ މަޑުވެދާނެ އެއްވެސް ކަމެއް ނުކުރާނެ އެވެ.
މިއީ ޅައިރުގެ އުފާވެރި ހަނދާނެކެވެ. މިހާރު ވެސް އެ ދުވަސްތައް ހަނދާންވުމުން ހީނާފަތް އަޅާހިތްވޭ ދޯ އެވެ.