16 Nov 2020

އަހަރެމެން ދިމާވީ ޓްވިޓާ އިންނެވެ. ފަހުން ސީދާ ބައްދަލުވެ، ގާތް ރަހުމަތްތެރިންނަށްވި އެވެ. އެ ރަހުމަތްތެރިކަމުގެ އާ ބާބެއް ފެށުނީ، އެއަށް ވުރެ މާ ވަރުގަދަ، ހާއްސަ ގުޅުމަކުންނެވެ. މަސް ދުވަސްވީ އިރު އަހަރެމެންނަކީ ލޯބިވެރިންނެވެ. އެ ގުޅުން ދެ އަހަރެއްހާ ދުވަހަށް ދެމި އޮތެވެ. އަދި އެ ހިސާބުން އެ ބާބު ނިންމާލައި، ފުލުސްޓޮޕް ޖަހަން ޖެހިދާނެ ކަމަކަށް ކުޑަކޮށް ވެސް ހިއެއްނުކުރަމެވެ.

އަހަރެމެން ވަކިވި ފަހުން މިހާރު ތިން އަހަރު ވެއްޖެ އެވެ. އަދިވެސް މި އުޅެނީ އެ ހަނދާންތަކާ ދުރަށް ނުދެވިގެންނެވެ. އޭނާ މަތިން ހަނދާން ނައްތައި ނުލެވިގެންނެވެ. އޭނާ ހަނދާން ނައްތާލައިފައި "މޫވް އޮން" ކުރާށޭ، އޭނާ ވެސް މިހާރު އެހެން ލޯބިވެރިއެއް ހޯދައިފިއެއްނުން ހެއްޔޭ ބުނެ ރައްޓެހިން ވެސް ނަސޭހަތް ދެ އެވެ. އެކަމަކު މި ކަމަކީ އެމީހުން އެ ބުނާހާ ފަސޭހަ ކަމެއް ނޫނެވެ.

ގޮތްދޫނުކުރުން

މީހަކަށްޓަކައި ހިތުގައި އޮންނަ ލޯތްބަކީ އެ މީހެއްގެ މަތިން ހަނދާން ނައްތާލުމަށް އެންމެ އުނދަގޫވާ ސަބަބެވެ. އަހަރެމެންގެ މެދުގައި އޮތް ގުޅުން ނިމުނަސް، އަދިވެސް ވަރަށް ލޯބިވެ އެވެ. އެހިސާބުން ގޮތްދޫނުކުރެވެން ފެށެނީ އެވެ. އެ ނޫން ލޯތްބަކަށް ހިތް ނޭދެނީ އެވެ. އަދި އެހެން މީހަކާ ރައްޓެހިވާން އުޅުނު ނަމަވެސް، އެ މީހެއްގެ ފަރާތުން އުއްމީދު ކުރެވެނީ އަހަރެންގެ ކުރީގެ ގުޅުމުގައި އޮތް ކަހަލަ ގާތްކަމާއި އޯގާތެރިކަމެއް ލިބިގަތުމަށެވެ.

އަމިއްލަ މީހާ ކުށްވެރިކުރެވުން

ލޯބިވެރިޔަކާ ވަކިވާ ހިސާބުން ބޮލުތެރޭގައި ވަރަށް ގިނަ ސުވާލުތައް އުފެދެން ފަށާނެ އެވެ. ވިސްނަންޖެހޭ ވަރަށް ވުރެ މާ ބޮޑަށް ވިސްނާ ފަހަރު ވެސް އަންނާނެ އެވެ. އެ ބްރޭކްއަޕަކާ ހަމައަށް ދާން ޖެހުނު ސަބަބާ މެދު ވިސްނޭނެ އެވެ. އަމިއްލަ މީހާގެ ކުށެއް އެކަމުގައި އޮތްތޯ ބަލަން ފެށޭނެ އެވެ. އެހެން، މިހެން ނެހެދުން ނަމައޭ، އެވެނި ކަމެއް ކުރި ނަމަ، އަދިވެސް ދެމީހުން އެކުގައި އުޅެވުނީހޭ ހިތަށް އަރުވާ، އަމިއްލަ މީހާ ކުށްވެރިކުރާ ހިސާބަށް ދެ އެވެ.

ލޯބްތަކީ ދެވިހިފާކަމެއް

ކަމަކަށް ދެވިހިފައިފިއްޔާ އެކަމަކު ސަލާމަތްވާން ވަރަށް އުނދަގޫ ދޯ އެވެ. އެމެރިކާގެ އެންތުރޮޕޮލޮޖިސްޓް ހެލެން ފިޝާ ހެދި ހެދި ދިރާސާއެއްގައި އޭނާ ބުނެފައި ވަނީ އިންސާނުން މީހަކު ނުވަތަ އެއްޗެއް ދެކެ ލޯބި ވީމަ، އެމީހެއްގެ ސިކުނޑީގައި ހިނގާ ކެމިކަލް ރިއެކްޝަން އަކީ ކަމަކަށް މީހަކު ދެވިހިފީމަ ސިކުނޑީގައި ހިނގާ ކަހަލަ ކެމިކަލް ރިއެކްޝަނެކެވެ. މިސާލެއްގެ ގޮތުގައި އޭނާ ބޭނުންކުރީ މަސްތުވާ ތަކެތި ބޭނުންކުރާ މީހުންނެވެ. އެމީހުނަށް ވެސް މަސްތުނުވެ މާ ގިނައިރު ތިބެން އުނދަގޫވެ އެވެ. ލޯތްބަކީ ވެސް ހަމަ އެ ކަހަލަ އެއްޗެކެވެ.

ބްރޭކްއަޕަކީ ބޮލުރިހުމެއް

ބްރޭކްއަޕްވި ފަހުން، މީހުނަށް އިތުބާރު ނުކުރެވުމާއި އެންޒައިޓީ ލެވަލް މަތިވުމާއި ފާޑުފާޑު ހުވަފެންތައް ފެނި ނިދި ހަރާބުވުމާއި ކުރީގެ ހަނދާންތައް އާވެ ދެރަވުމާއި އަދި އެހެން މީހުންނާ ދުރުވެގެން އުޅުމަކީ އަހަންނަށް ވެސް ދިމާވި ބައެއް ކަންކަމެވެ. މިއީ ބޮޑު ބޮލުރިހުމެކެވެ. ބްރޭކްއަޕަކަށް ފަހު، އެ ލިބޭ ސްޓްރެސް އަކީ ކޮންމެ މީހަކަށް ކުރިމަތިލާން އެހާ ފަސޭހަ ކަމަށް ނުވެދާނެ އެވެ. އެކި މީހުން އެ ޕްރެޝާ ހޭންޑަލް ކުރާނީ އެކި ގޮތަށް، އެކި މިންވަރަށެވެ. އެކަމަކު އެ ކަންތައް މާ ގޯސް ނުވަނީސް އެހީ ހޯދަން ވާނެ އެވެ.

ތަކުރާރުވެދާނެކަމުގެ ބިރު

އެހެން މީހަކާ އެކު އާ ގުޅުމެއް ފަށަން ވިސްނާއިރު، ކުރީގައި ވީގޮތަށް އަލުން ވެދާނެކަމުގެ ބިރު ހިތަށް ވަދެ، ފަސްޖެހެވޭ ގޮތްވެ އެވެ. އެ ބިރު ހިތުން ފިލުވައިލުމަކީ ފަސޭހަ ކަމަކަށް ނުވެ އެވެ. އަދި ކަމުދާ އެހެން މީހަކާ ދިމާވި ނަމަވެސް، އެމީހަކު ތިމާއާ އެހާ ގަޔާނުވެދާނެ ކަމުގެ ބިރާއި، އޭނާ އެފަދަ ގުޅުމެއް ބާއްވަން ބޭނުންނުވެދާނެ ކަމަށް ހީކުރެވޭ ފަހަރުތައް ވެސް އާދެ އެވެ.

Popular