By: Ahmed Jaishan
މަޝްހޫރު މީހުންނާއި ކުންފުނިތަކުން ކުދި ގައުމުތަކުގެ އާދަކާދަ އާއި ސަގާފަތްތައް "ވަގަށް ނަގައިގެން" އެއިން އަމިއްލައަށް ފައިދާ ނެގުމަކީ ހިނގާ ކަމެކެވެ. ކުޑަކުޑަ ރާއްޖެއަށް ވެސް އެފަދަ ގޮތެއް މިއޮތީ ވެފަ އެވެ. މިއުޅެނީ ދިވެހިންގެ ސަގާފަތުގައި ހިމެނޭ ފޭލީގެ ޑިޒައިން، ވަގަށް ނަގައިގެން ބޭރުގެ ގައުމަކުން ފައިދާ ހޯދަމުންދާ މައްސަލައެއް ފެންމަތިވެގެންނެވެ.
ގްރީސްގެ ފެޝަން ކުންފުންޏެއް ކަމަށްވާ "ބްލުއާ" އިން އެ މީހުންގެ ވެބްސައިޓާއި ސޯޝަލް މީޑިއާގައި ދިވެހި ފޭލި މާކެޓުކޮށްގެން ވިއްކަމުންދާކަން ވަނީ ހާމަވެފަ އެވެ. ދެރަކަމަކީ މި މީހުން އެ ފޭލި ވިއްކަމުން ދިޔައީ އެ މީހުންގެ އަމިއްލަ އުފެއްދުމެއްގެ ގޮތުގައި ކަމަށް ވާތީ އެވެ.
މި ފޭލީގެ ޑިޒައިން ވަގަށް ނަގައިގެން އެމީހުން ވިއްކަނީ 234 ރުފިޔާ އަށެވެ.
ދިވެހީންގެ ނަމެއް ނުވަތަ ދިވެހި ސަގާފަތާ ގުޅުންހުރިކަމެއް ވެސް އެ މީހުންގެ އެއްވެސް ފޭއްޔަކުން އެނގޭކަށް ނެތެވެ. އެ ކުންފުނިން ހުދުކުލަ އާއި ކަޅުކުލައިގެ ފޭލި ވިއްކަމުން ދިޔައީ އާދައިގެ "ސެރޯންގް" ކެޓަގަރީގަ އެވެ. އެ މީހުންގެ ވެބްސައިޓްގައި ހުދު ފޭލި މާކެޓުކޮށްފައިވަނީ "އާރިއާ ސެރޯންގް" ގޮތުގަ އެވެ. ނަމަވެސް އެއާ ބެހޭ ގޮތުން އިތުރަށް އެއްވެސް މައުލޫމާތެއް ދީފައެއް ނުވެ އެވެ.
ހުޅަނގުގެ މީހުން ދުނިޔޭގެ އެހެން ސަގާފަތްތަކާއި ދިރިއުޅުމުގެ ގޮތްތައް "އެސްތެޓިކް" އަކަށް ހަދައިގެން ގެންގުޅޭ ގެންގުޅުމަކީ އާ ކަމެއް ނޫނެވެ. ކަލްޗަރަލް އެޕްރޮޕްރިއޭޝަންގެ އެކި އަމަލުތައް ހިންގަމުންދާއިރު އެއިން އެއްވެސް ކަމެއްގެ ޒިންމާ ނުނެގުމަކީ އެތައް ބަޔަކަށް އޭގެ ގެއްލުން ވެސް ވާ ކަމެކެވެ.
އެ ފިހާރައިން ދިވެހި ފޭލި ވިއްކާކަން އެނގިގެން މީހުންގެ ރުޅިގަނޑު ވަނީ ވަރަށް ގަދަވެފަ އެވެ. އަދި ކަލްޗަރަލް އެޕްރޮޕްރިއޭޓް ކުރާ ކަމުގެ ތުހުމަތު ވެސް އެތައް ބަޔަކު ވަނީ އެ ކުންފުންޏަށް ރައްދުކޮށްފަ އެވެ. އެތައް ބައެއްގެ ރުޅިގަނޑު އެ ކުންފުންޏަށް ބޭލުމާ ގުޅިގެން އިންސްޓަގްރާމްގައި މިހާރު އިން ޕޯސްޓުގައި "މޯލްޑިވިއަން ޓްރެޑިޝަނަލް ސެރޯންގް" އަށް ނަން ބަދަލުކޮށްފައިވެ އެވެ.
ނަމަވެސް ވެބްސައިޓުގައި އިން ޕޯސްޓަށް އަދިވެސް ބަދަލު ގެނެސްފައެއް ނުވެ އެވެ.
ދިވެހީން ރުޅި އައިސްގެން އުޅެނީ ބޭރުގެ ބަޔަކު ދިވެހި ސަގާފީ އެއްޗެއް ބޭނުންކޮށްގެނެއް ނޫނެވެ. ދިވެހިން ރުޅި އައިސްގެން އުޅެނީ އެ އުފެއްދުމަކީ އެ ކުންފުނީގެ އަމިއްލަ އުފެއްދުމެއްގެ ގޮތުގައި ދައްކައި ދިވެހިންނަށް އެކަމުގެ އެއްވެސް ފައިދާއެއް އަދި ނަމެއް ވެސް ނުލިބޭތީ އެވެ.
އެންމެން ގޮވާލަނީ އެ މީހުން މާފަށް އެދޭށެވެ.