By: Ahmed Nadym
ލަވަކިޔުންތެރިޔާ އިބްރާހިމް އަމާން ފަހަރުގައި އެންމެންގެ ފެވަރިޓް ނުވަތަ އެންމެ ބޮޑު ލަވަކިޔުންތެރިޔާއަށް ނުވެދާނެ އެވެ. އެކަމަކު އޭނާ އަކީ އެންމެ ބޮޑު ހިތަކާއެކު އަދި އެ ހިތުގެ އެންމެ ފުންމިނުން އަބަދުވެސް ޕާފޯމްކޮށް އެންމެން ހެއްވައި މަޖާނަގައިދޭ ހަމައެކަނި ލަވަކިޔުންތެރިޔާއެވެ. ނަމަވެސް މި ހަފުތާއަކީ އޭނާގެ ސްޓޭޖު ލައިފަށް ވުރެ ބޮޑަށް އަމިއްލަ ލައިފަށް އަލިއެޅިފައިވާ ހަފުތާއެކެވެ. އަލަތު ކައިވެންޏާއެކު އަމާން އާއި އޭނާގެ އަންހެނުން ބަލްގިޝް އިބްރާހިމް ނަށަނީ އެވެ.
އަމާންގެ މި އިންޓަވިއު އަކީ އެމީހުންގެ އެ އުފަލުގައި ބައިވެރިވުމަށް އޭނާގެ ފޭނުންނަށާއި ސަޕޯޓަރުންނަށް ލިބޭނެ ރަނުގެ ފުރުސަތަކަށްވާނެކަން ޔަގީނެވެ. އަމާން ބުނި ގޮތުގައި މީގެ ފަސް އަހަރު ކުރިން އޭނާ ނިންމައިގެން ހުރީ އުމުރުން 40 އަހަރު ނުވަނީސް މީހަކާ ނުއިނުމަށެވެ. ނަމަވެސް "ބަލްގީސް" އާދިމާވި ފުރަތަމަ ނަޒަރުން ލޯބިވެވި، އިންނަން ވެސް އެހީ ކަމަށެވެ.
1- ޕާސަނަލް ލައިފުގައި އަންނަ ކަމަކާ ގުޅިގެން މިގޮތަށް އާންމުންނާއި މީޑިއާގެ ސަމާލުކަން ލިބުނީމަ ހިތަށް އަރަނީ ކީކޭތަ؟
އަމާން: މީހުންނަށް ނާންގާކަށެއް ނޫން އެއްގޮތަކަށް ވެސް. ބައެއް މީހުން ހިތްހަމަނުޖެހިދާނެ އަމާން މިހެން ބުނީމަވެސް. އެކަމަކު ވެސް އަމާން އަށް ވަރަށް އެޓާނަލް ކަމެއް މިކަމަކީ. މިކަމަކީ މުޅި ދިރިއުޅުން. މިހުރިހާ ކަމަކާ އެކު ކައިވެންޏަކީ ވަރަށް މާތް އެއްޗެއް. އެހެންވީމަ އަމާން ކައިވެނިކުރީ މާ ބައިވަރު ބަޔަކަށް އަންގައި ޝަލަބީގެ ދައްތައާ ކައިވެނިކޮށްފީމޭ ބުނާކަށް ނޫން، (އެގޮތަށް ނޫސްތަކުގައި ލިޔެފައި އޮތަސް). މީހުން މިކަމާ ގުޅުވައިގެން ނެގެޓިވް އެއްވެސް ވާހަކައެއް ދައްކަން އަމާން ބޭނުންނުވަނީ އަސްލު.
2- އެހެންވީމަ އަމާން ތިއީ މީހުން ދަންނަ، މަޝްހޫރު މީހަކަށް ނުވިނަމައޭ ހިތަށް އަރާތަ؟
އަމާން: އެހެންނެއް ހިތަކަށް ނާރާ އެއްގޮތަކަށް ވެސް. އަމާން ޝުކުރުވެރިވަން ލައިފުގައި މިގޮތަށް މިހިސާބަށް އާދެވުނީތީ. ކޮންމެ ގޮތެއްވިޔަސް އެނގޭ ނެގެޓިވިޓީ އަންނާނެކަން. ފާާޑުކިޔުމާއި ޖޯކު ޖެހުމާއި މި ހުރިހާ ކަމެއް އޮންނާނެ. ލޯބި ދިނުމާއި ސަޕޯޓްކުރުމާއި ހިތްވަރު ދިނުން ވެސް އޮވޭ. މި ހުރިހާ އެއްޗެއް ވެސް އަމާނަށް ލިބޭ މި މަޝްހޫރުކަމެއް ލިބުނީއްސުރެން. ވާން ނެތް ބައިވަރު ކަންތަކެއް ވެއްޖެ އެ ސަބަބާ ހެދި. އެހެންވީމަ ވެސް ވަރަށް އުފާވޭ.
3- އާންމުކޮށް ފެންނައިރު އަމާން ތިއީ ވަރަށް މަޖާ، ނިކަން ލޯބިން އުޅޭ މީހެއްކަން ފާހަގަކުރެވޭ. ކިހިނެތްތަ ޕްރޮޕޯޒްކުރީ، އިންނަން އެހީ؟
އަމާން: ރައްޓެހިވި ފުރަތަމަ ރޭ، އެ ރޭ އަހައިފިން އިންނަން. ހަމަ އެރޭ އަހައިފިން އިންނަން. އެކަމަކު ދެ މީހުން ވެސް ފަހުން ވިސްނީ ކެރިއާ ވައިސްކޮށް. އެއީ (ބަލް(ގިސް) ބޭނުންވީ ޓީޗަރަކަށްވާން. މިހާރު ޑިގްރީ ނިންމާލާފައި ޓީޗަރަކަށްވެފައި އެހުރީ. އިންޝާﷲ މާސްޓާސް ވެސް ނިމޭނެ ވަރަށް އަވަހަށް. އަމާން ބޭނުންވީ އާޓިސްޓަކަށް ވާން. އެކަން ވެސް ވެއްޖެ. ދެން މެރީކުރީ. އެކަމަކު ފަހުން ވަކި ހާއްސަ ގޮތަކަށް ޕްރޮޕޯޒްއެއް ނުކުރަން.
4- އަމާންމެން ގަބޫލުކުރާ ގޮތުގައި މެރީކުރުމުގެ ކުރިން ރައްޓެހިވެގެން އެކުގައި ދުވަސްތަކެއް ހޭދަކުރުމަކީ ކިހާ މުހިންމު ކަމެއްތަ ކާމިޔާބު ޒަވާޖީ ހަޔާތަކަށް؟
އަމާން: ލޯބި. ލޯތްބަކީ ކޯއްޗެއްކަން އެނގުން. ބައެއް މީހުން ބުނޭ ކައިވެންޏަށް ފަހުއޭ ލޯތްބަކީ ކޮބައިކަން އެނގޭނީ. ހަގީގީ ލޯތްބަކީ ކޮބައިކަމާއި ދެ މީހުންގެ އިހްސާސް އެނގޭނީ އެކީ ނިދައި ކައިބޮއެ ހަދާފަހުންނޭ. އެކަމަކު އަމާން އަށް ހީވަނީ ދެ މީހުން ރަނގަޅަށް އެނގިގެން އާއިލާ ތެރެއިން ވެސް ދެ މީހުން ރަނގަޅަށް ދަސްވެގެން އެ އަންޑަސްޓޭންޑިންއެއްގެ މައްޗަށް މެރީކުރަން ދިއުންހެން ރަނގަޅުވާނީ. މުހިންމު ކަމަކީ ދެ މީހުންނަށް ދެ މީހުން އެނގުން. މިޒާޖާއި އެ ހުރިހާ ކަމެއް. ރައްޓެހިވެގެން ގިނަ ދުވަހު އުޅުމެއް ނޫން އަދި ނޫޅުމެއް ވެސް ނޫން.
5- ތި ދެ މީހުން އިންނަން ނިންމީ ރައްޓެހިވެގެން އުޅޭތާ ކިހާ ދުވަހެއްކޮށްފަތަ؟
އަމާން: އެއީ ވަރަށް ވަރަށް ވަރަށް ކުރި. މީގެ ހަތަރު އަހަރު ކުރިން. މޯލްޑިވިއަން އައިޑޮލްގެ ވެސް މާކުރިން. ދެން އޭރު ވެސް ޝަލަބީ އުޅޭނީ އަހަރެމެންނާއެކު. އެހެން އުޅެމުން ޝަލަބީއާ އެކު އެގެއަށް ގޮސް އުޅުމުގެ ތެރެއިން ޝަލަބީ ދައްތަ ފެނުނީ ވެސް.
6- ޒުވާން އުމުރުގައި ކައިވެނިކުރުމަކީ ކޮން ކަހަލަ ކަމެއް ތި ދެ މީހުންގެ ހިޔާލުގައި؟
އަމާން: މީގެ ކުރިން ނަމަ، މީގެ ފަސް ވަރަކަށް އަހަރު ކުރިން ނަމަ އަމާން ވިސްނާފައި އޮންނަ ގޮތަކީ 40 އަހަރު ނުވަނީސް މީހަކާ ނުއިނުން. އެކަމަކު އަސްލު ވަރަށް ޔަންގް އުމުރުގައި މީހަކާ އިނދެގެން ކުރިއަށް ދިޔައިއްޔާމު މާ ރަނގަޅުވާނެ ކަމަށް އަމާންމެންގެ މައިންބަފައިން ވެސް ކުރިންކުރިން ވެސް ނަސޭހަތްތެރިވެފައިހުރީ. އެހެންވީމަ ޒުވާން އުމުރުގައި ކައިވެނިކުރުމަކީ ވަރަށް ރަނގަޅުކަމެއްހެން އަމާނަށް ހީވަނީ.
އަމާން އާއި ބަލްގިޝްއާ އެކު ޝަލަބީ: ބަލްގިޝްއަކީ ޝަލަބީގެ ދައްތަ.
7- ކިހިނެއްތަ ވެޑިން ޕާޓީ ބޭއްވީ، ކޮން ބަޔަކަށްތަ ދައުވަތު ދިނީ؟
އަމާން: ހުކުރު ދުވަހުގެ ހަވީރު ސައެއް މި ބާއްވަނީ. ވަލީމާ ސައެއް މިއީ. އަނެއްހެން މާ ބޮޑު ޕާޓީއެއް ވެސް ނޫން. ދެކޮޅުގެ އާއިލާ މީހުންނާއި ރައްޓެހިންކޮޅަކާ އެކު. ބޭނުމެއް ނުވޭ އަސްލު ވަލީމާއަށް އެހާ ބައިވަރު ލާރިތަކެއް ޚަރަދުކޮށްގެން ނެތް ފެންވަރުން ކަންތައް ކުރާކަށް ވެސް. ބޭނުންވަނީ އަތުގައި ހުރި ވަރަކުން އެކުރެވޭ ކަމެއް ކޮށްލާފަ ދެކޮޅުގެ އާއިލާ އެއް ތަނަކަށް ގެނެސްފައި ގުޅުން ބަދަހިކޮށްލަން.
8- ވެޑިން ޕާޓީގައި އަންހެނުންނަށް ކިޔައިދިނީ ކޮން ލަވައެއްތަ؟
އަމާން: އަންހެނުންގެ ފަރާތުން ރިކުއެސްޓް ލިބިފައި އެބައޮތް ތިން ލަވައެއް. އެހެންވީމަ ތިން ލަވައެއް އިންނާނެ. އެއީ އަންހެނުންގެ ފެވަރިޓްސް. ރައްޓެހިވިއިރު އަމާން އެންމެ ފުރަތަމަ ކިޔައިދިން ލަވައަކީ އަލީ ރަމީޒުގެ ހަނދުވަރު ދެކިލާ ހިތްވާތީ ރޭރޭ ހުރިމޭ... ދެން މޫނޭ ތިއީ ހިތްއެނދޭ. ދެން އިންނާނީ ލޯބި ދާނުގާ އެކީ ވެދާނުހޭ.
9- ބޮޑު ބޮޑުކޮށް ވެޑިން ޕާޓީއެއް ނުބޭއްވީ އެއީ ޚަރަދުބޮޑު، އިސްރާފެއް ކަމަށް ގަބޫލުކުރެވޭތީތަ؟
އަމާން: ތިއީ އަސްލު ތެދެއް. އެގޮތަކަށް ނޫން އެކަންތައް އޮންނަން ޖެހެނީ. ކައިވެންޏެއް ކޮށްފައި އަސްލު ނުޖެހޭނެ މުޅި ގައުމަށް ޕާޓީ ބާއްވާކަށް. ދެ އާއިލާ އާއި ރައްޓެހިންކޮޅަކަށް ވަލީމާ ދީ ނިމުނީމަ އެ ފުރިހަމަވީ އެކަންތައް.
10- ހަނީމޫނަށް ދާން ވިސްނަނީ ކޮންތާކަށް؟ ކޮންއިރަކުތަ ނައްޓާލަނީ؟
އަމާން: ޕާޓީ ނިންމާލާފައި މި ފުރަނީ މުލަކަށް. އަންހެނުންގެ ރަށަށް. އަދި ދުވަހަކުވެސް ނުދަން އެރަށަކަށް. އަސްލު ބޭނުންވަނީ ރާއްޖެތެރޭ ބައިވަރު ރަށްތަކަކަށް ދާން.
11- ކައިވެނިކޮށްގެން އަމިއްލަ ދިރިއުޅުމާއެކު ބިޒީވެ ފޭނުންނަށް އަމާން ގެއްލިދާނެތަ؟
އަމާން: ނުގެއްލޭނެ. އިންޝާﷲ. ދުވަހަކުވެސް.
12- މިސާލަކަށް ލަވަކިޔުމާއި ފިލްމުކުޅުން ހުއްޓާލަން އަންހެނުން އެދިއްޖެ ނަމަ ހަދާނީ ކިހިނެއް؟
އަމާން: އަދިނުއެއް ބުނޭ. އެކަމަކު ބުނެފިއްޔާމު ހުއްޓާލާނަން.