27 Oct 2019

By: Ifraz Ali

ލަވަފޮށީގައި އެތައް މަހެއް ވަންދެން ރަސްކަން ކުރަމުން ދިޔަ ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒް ފަހަތަށް ޖައްސާލުމަށް ފަހު، މިދިޔަ އަހަރު ސިމްބޮލިކް ރެކޯޑްސްގެ ރެޕް އާޓިސްޓް މުހައްމަދު މާހިދު (މާޓު) އެ މަގާމު ފަތަހަކުރި އެވެ. އަނެއްކާ ވެސް މި ވަނީ އަލީ ރަމީޒް އަދި މާޓު ވެސް ފަހަތަށް ޖައްސާލާފައި ރާއްޖޭގެ ރެޕް ރަސްގެފާނު، އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) އެ މަގާމު ހޯދައިފަ އެވެ.

މިދިޔަ 30 ދުވަހުގެ ތެރޭގައި 34،000 އަށް ވުރެ ގިނަ މީހުން ވަނީ ޕެސްޓްގެ ލަވަތައް އަޑުއަހައިފަ އެވެ.

ލަވަފޮށީގައި މިހާރު އަލީ ރަމީޒް އޮތީ ދެ ވަނަ އަށެވެ. އެއީ ޕެސްޓަށް ވުރެ ވަރަށް ކުޑަ ތަންކޮޅެއް ދަށުންނެވެ. އަދި ކުރިން އެއް ވަނާގައި އޮތް މާޓު މިހާރު އޮތީ ތިން ވަނާގަ އެވެ. އޭނާގެ ލަވަތައް އަހާފައިވާ އަދަދު އުޅެނީ 26،000 ގެ ތެރޭގަ އެވެ.

ޕެސްޓްގެ އެންމެ ފަހު އީޕީ "ލަޝްކަރީން" ގައި ހަތަރު ލަވައެއް ނެރުނެވެ. އެއީ "ލަޝްކަރީން"، "ޝަކުވާ"، "ޑަކުޓަރު" އަދި "ނުވެބެ" އެވެ. އެންމެ ގިނަ މީހުން އަޑުއަހާފައި ވެސް ވަނީ މި ލަވަތަކެވެ.

"ރީތި ކުދިން" ލަވައިން 2011 ވަނަ އަހަރު ތައާރަފުވި ޕެސްޓް މިދިޔަ މަހު "ދޯ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި އޭނާގެ ވަރަށް ގިނަ ވާހަކަތައް ކިޔައިދީފައިވެ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ލަވަކިޔުމާ ދުރުގައި ހުރުމަށް ފަހު އޭނާ އެނބުރި އައީ މިދިޔަ އަހަރު ނެރުނު އާ ލަވަ "އޮޔާ" އިންނެވެ.

Popular