30 Oct 2018

ރެޕް އާޓިސްޓެއް ލަވަ ފޮށީގައި އަލީ ރަމީޒު ވައްޓާލައިފި

ރެޕް އާޓިސްޓެއް ލަވަ ފޮށީގައި އަލީ ރަމީޒު ވައްޓާލައިފި

By: Shamila Ibrahim

ހިޕްހޮޕް ނުވަތަ ރެޕް މިއުޒިކަށް ހާއްސަވެގެން އުފެދުނު "ސިންބޮލިކް ރިކޯޑްސް" އިން ދާދިފަހުން ވަނީ "މާރޯކާ" ނަމަކަށް ކިޔާ އަލްބަމެއް ނެރެފައެވެ. ރެޕް އާޓިސްޓެއްގެ ގޮތުގައި މަޝްހޫރު ސިމްބޮލިކް ރިކޯޑްގެ އާޓިސްޓް މުހައްމަދު މާހިދު (މާޓު) ގެ މި ސޯލޯ އަލްބަމްގެ ލަވަތައް މި މަހުގެ 19 ވަނަ ދުވަހު "ލަވަފޮށި" އެޕަށް އައުމާ އެކު ބޮޑު ތަފާތެއް ފެނިއްޖެ އެވެ.

ދިވެހި ލަވައިގެ ދުނިޔެ ފަތަހަކުރި ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒަކީ ލަވަފޮށީގެ ވެސް އެންމެ ނުފޫޒުގަފަ ނަމަށް ވިޔަސް "މާރޯކާ" އާ އެކު މާޓު އެއް ވަނަ ހޯދައި އަލީ ރަމީޒު ވައްޓާލައިފި އެވެ.

މިއީ ސިންބޮލިކް ރިކޯޑްސްއަށާއި މާޓުއަށް ލިބުނު ބޮޑު ފަޚުރަކަށް ވާނެއެވެ. އެއީ އަލީ ރަމީޒު ލަވަ ކިޔުން ހުއްޓާލިތާ 15 ވަރަކަށް އަހަރުވީ ނަމަވެސް، އިއްޔެއާ ޖެހެންދެން ވެސް ލަވަފޮށީގެ އެންމެ ކުރީގައި އުޅެނީ އަލީ ރަމީޒު ކަމަށް ވުމެވެ. އެންމެ ފަހުން، ލަވަފޮށީގައި ނަމަވެސް، އަލީ ރަމީޒު ފަހާލެވޭ ވަރުގެ އާޓިސްޓަކަށް ވެވުނީމަ އެވެ.

އަލީ ރަމީޒުގެ އެތައް ސަތޭކަ ލަވަޔަކާ އެކު އޭނާ ލަވަފޮށީގައި ރަސްކަންކުރި ނަމަވެސް މާޓު މިވަނީ އޭނާގެ ވިއްސަކަށް ލަވައައާއެކު އެންމެ ޓްރެންޑިން އާޓިސްޓްގެ ފަޚުރު ހޯދައިފަ އެވެ.

އަލީ ރަމީޒާ ވާދަކޮށް މާޓު ވަނީ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދައިފައި

ސިންބޮލިކް ރެކޯޑްސްގެ ކްރިއޭޓިވް ޑައިރެކްޓަރު އިސްމާއިލް ނާއިލް (ބްލަޑް) ބުނީ މިއީ ސިންބޮލިކް ރިކޯޑަށާއި މާޓުއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މާޓު ފުރަތަމަ އެރީ ލިސްޓުގެ ތިންވަނަ އަށް. ފަހުންފަހުން އައިސް އޮތީ އަލީ ރަމީޒު އެއްވަނައިގެ ދެން ސިންބޮލިކް ރިކޯޑްސް ގްރޫޕެއް ގޮތުގަ ދެވަނައިގަ. މާޓު ތިންވަނަ އަށް އެރި ހިސާބުން އެކްސްޕެކްޓް ކުރެވުނު ދެން މި ރޭންކިންގަ ކުރިހޯދުނީ އޭ."

ރޭންކުގެ ދެވަނައަށް މާޓު އެރި ހިސާބުން ސިންބޮލިކް ރިކޯޑްސްއިން އިއްޔެ ޓުވީޓެއް ވެސް ކުރިއެވެ. އޭރު އޮތީ އަލީ ރަމީޒާ މާޓުއާ ދެމެދު ކުޑަ ތަފާތެކެވެ. ނަމަވެސް މިއަދު މި ނަތީޖާ ބަދަލުވެ، ތާރީޚުން މާޓު ޖާގަ ހޯދި އިރު ގިނަބަޔަކު އަންނަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ.

އަލީ ރަމީޒުގެ ލަވަތަކާ ޚިލާފަށް މާޓުގެ ލަވަތަކަކީ ރެޕް ލަވަ އެވެ. އަލީ ރަމީޒް ސްޓައިލްގެ ލަވަތަކަށް ވުރެ ރެޕް ލަވަ މިހާރު މަގުބޫލުވީ ކަމަށް ވެސް ވެދާނެ އެވެ.

Popular