ބޮޑު ކޭމެކޭ ބުނެފި ނަމަ މަލާފާތުގައި ހުންނަ ދިވެހި އެކި ރަހަތައް ލިބޭ މީރު ކެއުން ސިފަވާނެ އެވެ. އެއަށް އިންސާފުކުރުމަށް މަލާފަތް ވަށައި ގްރޫޕު ހަދާލައިގެން ތިބޭ މަންޒަރު އަދި މާ ބޮޑަށް ހިތަށް ގެނެވެ އެވެ.
ބޮޑު ކޭމެކޭ ބުނެފި ނަމަ މަލާފާތުގައި ހުންނަ ދިވެހި އެކި ރަހަތައް ލިބޭ މީރު ކެއުން ސިފަވާނެ އެވެ. އެއަށް އިންސާފުކުރުމަށް މަލާފަތް ވަށައި ގްރޫޕު ހަދާލައިގެން ތިބޭ މަންޒަރު އަދި މާ ބޮޑަށް ހިތަށް ގެނެވެ އެވެ.
އެކަމަކު، ކޭކު އެޅުމަށް ލޯބިކުރާ ޒުވާނުންތަކެއް އިސްވެ އިއްޔެ ބޭއްވީ ތަފާތު ކޭމެކެވެ. އެއީ ކޭކު ކޭމެކެވެ. ހުރީ ތަފާތު އެކި ރަހަތަކުގެ ކޭކުތަކެވެ.
"ކޭކު ކޭން" ގެ ފަރާތުން އަންޖާ އައްބާސް ބުނީ އެއީ އެމެރިކާގެ ފުޑް ބްލޮގަރަކު ބޭއްވި އަދި އޭގެ ފަހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވައިގައި ހިފި "ކޭކް ޕިކްނިކް ޓުއާ" އިން އިންސްޕަޔާ ވެގެން ބޭއްވި ހަރަކާތެއް ކަމަށެވެ.
އެކި ގައުމުތަކުގައި "ކޭކު ޕިކްނިކް" ބޭއްވީ، އެ ގައުމަކާ އެންމެ ގުޅޭ ގޮތަށެވެ. "ކޭކް ކޭން"ގެ ނަމުގައި ރާއްޖޭގެ ވާޝަން ވެސް، ސްޕޮންސަރުންގެ އެހީއާ އެކު ބޭއްވީ އެކަން ފުޅާވަމުން ދިއުމުން ކަމަށް އަންޖާ ބުންޏެވެ.
ފުރަތަމަ ކޭކު ކޭމުގައި ފަންސާހަކަށް މީހުން ބައިވެރިވި އެވެ. ޝަރުތަކީ ކޮންމެ މީހަކު ވެސް އަމިއްލައަށް އަޅާފައިވާ ކޭކެއް ގެންދިއުމެވެ. އެހެންވެ، ތަފާތު އެކި ވައްތަރުތަކާއި ރަހަތަކުގެ 50 ކޭކު ރަހަ ބަލައިލުމުގެ ފުރުސަތު ލިބުނީ އެވެ.
"މައިގަނޑު އަމާޒަކަށްވީ ކޭކަށް ޝައުގުވެރިވާ މީހުންނާއި ބޭކިން އާއި ޑެޒާޓް ބޭނުންކޮށްގެން އެކްސްޕެރިމެންޓް ކުރުމުގެ ޝައުގުވެރިކަން ހުންނަ މީހުން އެއްބައިވަންތަކުރުން،" "ފުޑްޓްރޮވްބައިއަންޖު" ގެ ނަމުގައި އިންސްޓަގްރާމު ޕޭޖެއް ހިންގާ ޒުވާނާ ބުންޏެވެ.
"ހަމައެކަނި ޕްރޮފެޝަނަލް ބޭކަރުންނަށް އެކަންޏެއް ނޫން ކޭކު ކޭން ބޭއްވީ. ބޭކިންއަށް ޝައުގުވެރިވާ ހުރިހާ އެންމެންނަށް ހުޅުވާލާފައި އޮތީ. އޭގެ ތެރެއިން ބައެއް މީހުން ބުނި، އެ މީހުން ހަޔާތުގައި ފުރަތަމަ ފަހަރަށް ކަމަށް ކޭކު އެޅީ މި އިވެންޓަށް."
ޓިކެޓު ގަނެގެން ބައިވެރިވެވޭ ގޮތަށް ހަރަކާތް ހިންގިއަސް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނުކަމަށް އަންޖާ ބުންޏެވެ. އޭނާ ބުނީ މިކަހަލަ އިތުރު ކޭމެއް ބާއްވައިދިނުމަށް ގިނަ ބަޔަކު އެދުނު ކަމަށެވެ. އެހެންވެ، އެ މަސައްކަތްކުރަނީ ކުރިއަށް އޮތް 3-4 މަސް ދުވަހުގެ ތެރޭގައި އެއަށްވުރެ ބޮޑު ކޭކު ކޭމެއް ބާއްވާށެވެ.