By: Asima Nizar
ވޫލް ބޭނުންކޮށްގެން ވިޔުމުގެ މަސައްކަތުގެ ތެރެއަށް މީގެ 10 ވަރަކަށް އަހަރު ކުރިން ސަމާ ހާލިދު ވަންނަން ޖެހުނީ ގޭގައި ހުރެގެން ވެސް އާމްދަނީ ހޯދަން ޖެހުމުންނެވެ. އެކަމަކު، އެކަން ވެގެން ދިޔައީ އުއްމީދުކުރި ވަރަށް ވުރެ އުނދަގޫ އަދި ކަވި މަސައްކަތަކަށެވެ.
ޓިއުޓޯރިއަލްތައް ބަލައިގެން ވިޔަން ދަސްވީ ވެސް ވަރަށް ދުވަހުންނެވެ. އެކަމަކު، ދަސްވިތާ މާ ގިނަ ދުވަހެއް ނުވެ، ވިޔަން ފަރިތަކޮށް، ފޭސްބުކްގައި ޕޭޖެއް ހުޅުވި އެވެ. މީގެ ނުވަ އަހަރު ކުރިން ފެށި ވިޔުން އަދިވެސް ނުހުއްޓި އެކި ދިމަދިމާލަށް ފެތުރި ފުޅާވެއްޖެ އެވެ.
ހުޅުމާލެ 2 ގައި ދިރިއުޅެމުން އަންނަ ސަމާ ބުނި ގޮތުގައި ވިޔަފާރީގެ ތެރެއިން ފުރަތަމަ އޯޑަރު ލިބުނީ ކުޑަކުދިންގެ ހެދުން ސެޓަކާއި ބްލޭންކެޓު ހަދާށެވެ. އެ ނިންމަން އޭރު ތިން ދުވަސް ހޭދަވި އެވެ. އެކަމަކު، އޭގެ ސެޓެއް މިހާރު އެއް ދުވަހުން ނިންމާލެވޭނެ ކަމަށް ސަމާ ބުންޏެވެ. އަދި ތުއްތު ކުއްޖެއްގެ ހެދުން އެއް ގަޑިއިރުން ނިންމާލެވޭ ވަރަށް އަތް ފަރިތަވެއްޖެ އެވެ.
"ސަމާގެ ވިޔުން"ގެ ނަމުގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރީގެ ކުޑައިގެ ދަށުން، ކުޅޭ އެއްޗިއްސާއި ތަޅުދަނޑިފަތި ފޫ ވެސް ވިޔެގެން ވިއްކަ އެވެ. އެ ހުރިހާ އެއްޗެއްގެ ތެރެއިން ވެސް އަދި ވެސް އާއްމުންގެ ތެރޭގައި އެންމެ ބޮޑު މަގުބޫލުކަމެއް ލިބިފައިވަނީ ޕޮންޕޮންއަކާ އެކު ހަދާ ކުޑަކުދިންގެ ބޮލުގައި އަޅާ ކެޕަށެވެ.
"އެ ކެޕް ހަދަނީ ވޫލުން ވިޔެފައި، ތިނޯހުން ކުއްޖާގެ ނަން ޖަހައިގެން. އެއީ އެންމެ ގިނައިން އޯޑަރު ކުރާ އެއްޗަކީ،" އޭނާ ބުންޏެވެ.
އުފެއްދުންތެރިކަމުގެ މައުރަޒުން، އަތްތެރި މަސައްކަތްތެރިކަމުގައި ވިއުމުގެ ކެޓަގަރީން ދެ ވަނަ ހޯދި ހެދުން. ސަމާ މި ހެދުން ތައްޔާރުކުރީ 35 ގަޑިއިރުން.
ސަމާގެ ސިގްނޭޗާ އުފެއްދުމަކީ ދިވެހި ލިބާހާއި މޮއާނާ ހެދުމެވެ. އޭގެ އިތުރުން މާ ވިޔެގެން ބުކޭ ވެސް ހަދަ އެވެ.
ސޯޝަލް މީޑިއާގައި އެ އުފެއްދުންތައް އިޝްތިހާރުކުރިއަސް އިވެންޓުތަކުގައި ބައިވެރިވުމަކީ ސަމާ އެންމެ އިސްކަންދޭ އެއް ކަންތަކެވެ.
އޭގެ ތެރެއިން، ބިޒްނަސް ސެންޓަރުން މިދިޔަ މެއި މަހުގެ ފަހުކޮޅު ހުޅުމާލޭގައި ބޭއްވި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވެ، އަތްތެރި މަސައްކަތްތެރިކަމުގައި ވިއުމުގެ ކެޓަގަރީން އޭނާ ވަނީ ދެ ވަނަ ހޯދައިފަ އެވެ.
ސަމާ ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ސެޓެއްގައި ކުއްޖަކު ފޮޓޯއަކަށް ބާއްވާފައި.
އެ އެކްސްޕޯ މިދިޔަ އަހަރު އިއުލާންކުރި ހިސާބުން ސަމާ ދިޔައީ، ތުނޑުކުނާ ޑިޒައިނުން އިންސްޕަޔާ ވެގެން ހެދުމެއް ވިއުމަށް ތައްޔާރުވަމުންނެވެ. އޭނާ ޕްލޭންކުރި ގޮތަށް، ހަ އަހަރުގެ ކުއްޖަކަށް ހެޔޮވަރު ހެދުން ނިންމާލީ 35 ގަޑިއިރަށް ވުރެ ގިނަ އިރު މަސައްކަތްކޮށްގެންނެވެ.
އޭނާ ބުނީ ކުދި ވިޔަފާރިތަކުން، އެފަދަ އެކްސްޕޯތަކުގެ ބޭނުން ހިފުން ވަރަށް މުހިއްމު ކަމަށެވެ. ސަމާ ވެސް އެ ހަރަކާތްތަކުގައި ބައިވެރިވަނީ ގްރޫޕު ހަދައިގެންނެވެ. އޭގެ ފައިދާތައް ބޮޑުކަމަށް އަމިއްލަ ތަޖުރިބާގައި ބުންޏެވެ.
"[އުފެއްދުން] ސެލްކުރެވޭނެ އެންމެ އަވަސް ގޮތް އިވެންޓުތަކުގައި ބައިވެރިވުން،" ސަމާ ބުންޏެވެ.
ސަމާ، ކުޑަކުއްޖަކަށް ވިޔަން ދަސްކޮށްދެނީ.
އެ ވިޔަފާރީގައި ކުރިއަށް ދިއުމަށް އެންމެ މުހިއްމު އެއް ކަމަކީ ޓްރެންޑު ފޮލޯކުރުމެވެ. އެ ދުވަސްވަރަކު އެންމެ ވައިގައި ހިފާ އެއްޗެއް ވިއުމަކީ ސަމާ ވެސް މިކަން ކުރާ ގޮތެވެ.
ވޫލުން ވިޔެގެން ތަފާތު އުފެއްދުންތައް ނެރެނީ، އެ މަސައްކަތް ދަސްކޮށްދޭ ކޯސްތައް ވެސް ހިންގަމުންނެވެ. މިހާރު ވެސް ކުޑަކުދިންނަށް ހާއްސަކޮށްގެން ހަތަރު ބެޗެއް ވަނީ ނިންމައިފަ އެވެ.
ސަމާ ބުނިގޮތުގައި އޭނާ ތައްޔާރުކުރި އެއްޗިއްސަށް މިހާތަނަށް ލިބިފައިވަނީ ވަރަށް ޕޮޒިޓިވް ފީޑްބެކްތަކެކެވެ. މަސައްކަތުގައި މިހާ ދުވަހު ދެމި ހުރެވުނީ އާއިލާ އަދި ކަސްޓަމަރުންގެ ފަރާތުން އެ ލިބޭ ހިތްވަރުގެ ސަބަބުންކަން އޭނާ ފާހަގަކުރި އެވެ.
"އެ ޕްރޮޑަކްޓާ މެދު ހިތްހަމަޖެހިގެން ހުރުން އެންމެ މެއިން ފޯކަސް އަކީ މީގައި،" ސަމާ ބުންޏެވެ.