30 Jun 2025

By: Maaidha Mohamed Rashad

އެކި ހުނަރުތައް ދައްކުވައިދޭ މަގްބޫލު ޝޯ، "ބްރިޓެންސް ގޮޓް ޓެލެންޓް" ގެ ކުރިއަށް އޮތް ސީޒަނުގައި ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް، "ޓޫ އޮފް އަސް" ބައިވެރިވެއްޖެ އެވެ.

އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" އިން ތިން ވަނަ ހޯދި އެ ބޭންޑުން ވަނީ އޮންލައިންކޮށް އޮޑިޝަން ދީ، ކުރިއަށް އޮތް ރައުންޑަށް ޝޯޓްލިސްޓްވެފަ އެވެ. އެހެންވީމަ، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓެލެންޓް ޝޯ، "ބްރިޓެންސް ގޮޓް ޓެލެންޓް" ގެ ސީޒަން 19 އިން މި ބޭންޑު ފެންނާނެ އެވެ.

އަންނަ މަހުގެ 6 ވަނަ ދުވަހު ލަންޑަނުގައި ބާއްވައި އޮޑިޝަނަނުގައި ބައިވެރިވާން، އެ ބޭންޑުގައި އިސްކޮށް އުޅޭ ލަވަކިޔުންތެރިޔާ އަހުމަދު އަދުހަމް އަށް އެ ޝޯ އިން ވަނީ ދައުވަތުދީފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން، އެކި ކަހަލަ ހުނަރުތައް ހުންނަ މީހުން ހޮވާލައިގެން ކުރިއަށް ގެންދާ މި ޝޯގައި މިއީ ދިވެހި އާޓިސްޓުންތަކެއް ބައިވެރިވި ފުރަތަމަ ފަހަރެވެ.

އަދުހަމްގެ އިތުރުން މި ބޭންޑުގައި އުޅެނީ މުހައްމަދު ނަސޫހު ބިން ނަސްރުއްދީން އާއި އަބްދުﷲ ޝަމްރޫހް އާއި އަހްމަދު ޖަޝީމް އަދި މަޝްހޫރު ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.

މި ބޭންޑުގެ މަގްބޫލުކަން އިތުރުވީ އިންޑިއާގައި އޮތް ޝޯގައި ބައިވެރިވެގެންނެވެ. ޝޯގައި އެމީހުން ވަނީ ރާއްޖޭގެ މަޝްހޫރު ލަވަތަކާއި ހިންދީ ލަވަތައް ކިޔައިފަ އެވެ. ދިވެހިންގެ އިތުރުން ޝޯގެ ޖަޖުން ވެސް ވަނީ އެމީހުންގެ ހުނަރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

މިދިޔަ ބޮޑު އީދުގައި ވެސް އެންމެ ބާރު ބޮޑުކޮށް އުޅުނު އެއް މިއުޒިކް ގްރޫޕުގެ ގޮތުގައި "ޓޫ އޮފް އަސް" ފެނިގެންދިޔައިރު އެމީހުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޝޯ ދީފަ އެވެ.

Popular