އިރުއޮއްސޭ ރީތި މަންޒަރާއި ރާއްޖޭގެ ފެހިކަން ރަމްޒުކޮށްދޭ ރުށްތަކެވެ. ދޮންވެލި ބީޗާއި ނޫ އުޑެވެ. މިއީ، "ފާތިމާސް ވާޑްރޮބް" އިން މިދިޔަ މަހު ލޯންޗުކުރި، އަމިއްލަ ޑިޒައިން ސިފަކުރެވޭނެ އެއް ގޮތެވެ.
އިރުއޮއްސޭ ރީތި މަންޒަރާއި ރާއްޖޭގެ ފެހިކަން ރަމްޒުކޮށްދޭ ރުށްތަކެވެ. ދޮންވެލި ބީޗާއި ނޫ އުޑެވެ. މިއީ، "ފާތިމާސް ވާޑްރޮބް" އިން މިދިޔަ މަހު ލޯންޗުކުރި، އަމިއްލަ ޑިޒައިން ސިފަކުރެވޭނެ އެއް ގޮތެވެ.
ހެދުން ފެހުމުގައި އެ ބްރޭންޑުގެ ފަހަތުގައި ހުރި ހަމްދާ އަބްދުﷲ ބުނީ އަމިއްލަ ޑިޒައިނެއް ލޯންޗުކުރުމުގެ ވިސްނުން އައީ ނ. ހޮޅުދުއަށް 2022 ވަނަ އަހަރު ޗުއްޓީއަކަށް ގޮސް އުޅެނިކޮށް ފެނުނު އިރުއޮއްސޭ ވަރަށް ރީތި މަންޒަރަކުން ކަމަށެވެ.
އެ ހިތްގައިމު ވަގުތު ހަމްދާގެ ފޯނުގައި ރައްކާކުރި އެވެ. އަދި އަލަތު ދަރިފުޅުގެ ކަންކަން ކުރަމުން، ލިބުނު ހުސްވަގުތުގައި، އެ ޑިޒައިނަށް ކުރަހަން ފެށީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އަދި އެއްކޮށް ނިންމައި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ބޭރަށް އޯޑަރު ކުރި އެވެ.
އޭގެ ފުރަތަމަ ޝިޕްމަންޓު މިދިޔަ މަހު ލޯންޗުކުރީ "ފާތިމާގެ ވަލީމާ"ގެ ނަމުގަ އެވެ. އެ ޑިޒައިން ޕްރިންޓުކޮށްފައިވަނީ ކްރޭޕް ފޮއްޗަށެވެ. ނަމަވެސް، އެ ގެނައި ތަނެއް އޭނާ ނުބުނެ އެވެ.
ހަމްދާ ބުނީ ފުރަތަމަ ފޭލި މިހާރު ހުސްވެއްޖެ ކަމަށެވެ. އެހެންވެ، ފޮތީގެ މުޅިން ތަފާތު، އާ ޑިޒައިނަކަށް މިހާރު އޯޑަރު ދީފައިވާ ކަމަށް ބުންޏެވެ.
އަމިއްލަ ޑިޒައިނެއް ގެނައި ނަމަވެސް ވަކިން ފޮއްޗެއް ނުވިއްކަ އެވެ. ހަމްދާއަށް އޯޑަރު ދިނުމުން އަމިއްލައަށް މިން ނަގައި ދިގު ހެދުން ފަހައިދެނީ އެވެ. އަގު ނަގަނީ ދެ ކަމަށެވެ.
ބޭރުން އަމިއްލަ ޑިޒައިންގައި ގެންނާތީ، އާއްމުކޮށް ދިގު ހެދުން ފޮތި ލިބެން ހުންނަ ރޭޓަށް ވުރެ "ފާތިމާސް ވަލީމާ" ގެ އަގުބޮޑުވާނެ ކަމަށް ހަމްދާ ބުންޏެވެ. އެކަމަކު، އޭނާ ބުނީ އާންމުންގެ ފަރާތުން ލިބޭ ތަރުހީބު ބޮޑު ކަމަށެވެ.
"އަމިއްލަ ޑިޒައިނެއް ކްރިއޭޓުކުރެވުމަކީ އެންމެ ބޮޑު އުފާ. ކުރީގައި ވިއްޔާ މޮޑެސްޓް އެއްޗެހި ވެސް އެހެން ޕިންޓަރެސްޓް އެއްޗެހި ބަލައިގެން، އެހެން ބްރޭންޑުތަކުން އިންސްޕްޔާ ވެގެން ޑިޒައިނެއް ކުރަނީ. މީތި މިއީ ހަމަ އަމިއްލައަށް، އަމިއްލަ މައިންޑުން އެހެން ކްރިއޭޓްކުރެވުނު ފުރަތަމަ އެތި،" އޭނާ ބުންޏެވެ.
އަބާޔާ ފަހައިދޭން މީގެ ހަތް އަހަރު ކުރިން ފެށި ކުޑަ ވިޔަފާރި ފުޅާކުރަމުން، "ފާތިމާސް ވޯޑްރޯބް" އިން މިހާރު އަންނަނީ މޮޑެސްޓް ބްރައިޑަލް ވެއާ އަދި ޓްރެޑިޝަނަލް ހެދުން ވެސް ފަހައިދެމުންނެވެ. ކުރިއަށް އޮތް ތަނުގައި ވެސް ތަފާތު ހެދުންތައް ފެންނާނެ ކަމުގެ ޔަގީންކަން ހަމްދާ ދެ އެވެ.