22 Mar 2020

ކަރަންޓިއުންސް: ދިވެހި ފަންނާނުންގެ ލައިވް ޕާފޮމަންސްތައް އިންސްޓަގްރާމަށް

By: Aminath Ibrahim

ޗައިނާގެ ވޫހާއިން އިން މުޅި ދުނިޔެ އަށް ބިންދާލި ކޮރޯނާވައިރަހުގެ ބިރުވެރި ރާޅު ރާއްޖެއާ ހަމަ އަށް ފޯރި އިރު އޭގެ ގެއްލުން އެންމެ ބޮޑު އެއްބަޔަކީ ރިސޯޓް މިއުޒިކް ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނެވެ. ހުރިހާ ރިސޯޓެއްގެ އޮޕަރޭޝަންސްތައް ދަށްވެ ގިނަ ރިސޯޓް ތައް ލޮކްޑައުން ކޮށްފައިވާ އިރު، އެތައް މިއުޒިކް އާޓިސްޓުންނެއްގެ ވަޒީފާ މެދުކެނޑި އާމްދަނީ ލިބޭ ގޮތް ވަނީ ހުއްޓިފަ އެވެ.

މިކަމާ މާޔޫސްވެ ގޮތް ހުސްވެފައި ތިބި ފަންނާނުން މިހާރު އެ ވަނީ އެމީހުންގެ ހާލަތުގެ ބޭނުން ހިފައިގެން މިވަގުތު ގޭގައި މަޑުކޮށްގެން ތިބި ދިވެހި އާއިލާތައް މުނިފޫހި ފިލުވައިދޭން އިންސްޓާ ލައިވް ޕާފޯމަންސްތަކެއް ފަށާފަ އެވެ.

މި ދުވަސްވަރު އެންމެ އާންމު ބަސް ކަމަށްވާ "ކަރަންޓީން" އާ ގުޅުވައިގެން "ކަރަންޓިއުންސް" ހޭޝްޓެގް އާ އެކު ފަންނާނުން ލައިވްކުރާ ޕާފޯމަންސްތަކަކީ މި ވަގުތު ގޭގައި ތިބެ މުނިފޫހިފިލުވަން އޮތް އެންމެ ސަޅި އެއް އޮޕްޝަނަށް ވާނެ އެވެ.

ކަރަންޓިއުންސް ލައިވް ދިވެހި ފަންނާނުންގެ ތެރެއިން އެންމެ ފުރަތަމަ ފެށީ މަޝްހޫރު ލަވަކިޔުންތެރިޔާ އަންދަލާ ހަލީމް (އަންޔަ) އެވެ. އާމްދަނީ އަށް ކުރާ މަސައްކަތެއްގެ ގޮތުގައި އަންދަލާ ރިސޯޓްތަކުގައި ގިގްސް ދޭތާ މިހާރު ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މިއީ އޭނާގެ ކެރިއަރުގައި އެއްވެސް މަސައްކަތެއް ނެތި ގޭގައި ހުންނަން ޖެހުނު ހަމަ އެކަނި ފަހަރެވެ.

"ގާތްގަނޑަކަށް ހަފުތާއެއް ވެއްޖެ ކުރާނެ އެއްވެސް މަސައްކަތެއް ނެތްތާ. އެކަމާ މުޅިން މާޔޫސްވެ ޑިޕްރެސް ވަނިކޮށް އައި ހިޔާލެއް އިންސްޓާ ލައިވެއް ދޭން އައި ހިޔާލަކީ. ދެން ލަވަ ކުޅެލީމަ ވަރަށް ގިނަ މީހުންނަށް ކަމުގޮސްފި. ދެން މިކަން ބޮޑަށް ވައިގައި ހިފުވަން މަސައްކަތް ކުރަނީ ޒަކިއްޓެ،" އަންޔަ ބުންޏެވެ.

އަންޔަގެ ފުރަތަމަ ލައިވްގައި އޭނާ އާއި އެކު ޒީރޯ ޑިގްރީ ނާޝިދުގެ ދަރިފުޅު، އަދި ލަވަކިޔުންތެރިޔާ ނިޝްފާ ނާޝިދު (ނިޝް) ވެސް ބައިވެރިވި އެވެ. އޭގެ ފަހުން މިހާތަނަށް ލައިވް ޕާފޯމަންސް ދިން ފަންނާނުންގެ ތެރޭގައި، ޒަކިއްޓެ، ޝަލަބީ، ހައްފާފް، ހުމާމް (ޒޯލޯ)، ކަރަމް، ހަމްދާން އަދި ޝައްމު ހިމެނެ އެވެ.

"މިއީ ނަފްސާނީ ގޮތުން ވެސް މީހުން ވަރަށް ހާސް ކަމެއްގެ ތެރޭގައި ތިބި ވަގުތު ކޮޅެއް. އަނެއް ކޮޅުން، ވަޒީފާ ގެއްލުމުން ފަންނާނުން ވެސް ދަނީ ވަރަށް ހިތްދަތި ވަގުތުތަކެއް ތަޖުރިބާ ކުރުމުން. އެހެންވީމަ ނިޝް ގަބޫލުކުރާ ގޮތުގައި މިއީ ދެފަރާތަށް ވެސް ހިތްހަމަ ޖެހުން ލިބޭނެ، ވަރަށް ތެރަޕިއުޓިކް އިނީޝިއޭޓް އެއް،" ނިޝް ބުންޏެވެ.

އަނެއް ކޮޅުން ރިސޯޓް ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަންނާނުންނަކީ ދިވެހި އޯޑިއެންސާ އެހާ ރައްޓެހި ބައެއް ވެސް ނޫނެވެ. އެހެންވީމަ، މި ފުރުސަތުގެ ތެރެއިން ވެސް ފަންނާނުން އެނގި އެމީހުންގެ ހުނަރު ފާހަގަވެ، ދިވެހި މިއުޒިކް ފޭނުންނާއި ފަންނާނުންނާ ދެމެދު ރަނގަޅު ކަނެކްޝަނެއް ވެސް އުފެދިގެން ދާނެ އެވެ.

"އަސްލު ވަރަށް ރަނގަޅު ކަމެއް މި ފެށުނީ. ގިނަ ފަހަރަށް ރިސޯޓް މިއުޒިކްގައި ބުރަކޮށް އުޅޭތީ ފަންނާނުންގެ ހުރިހާ ކޮންޓްރިބިއުޝަނެއް މި އޮންނަނީ ގެސްޓުންނަށް. އެކަމަކު މިގޮތަށް ލައިވް ފެށީމަ ދިވެހި އޯޑިއަންސެއް އުފެދި، ދިވެހިންނާއި ފަންނާނުންނާ އޮންނަ ކަނެކްޝަން ވެސް ރަނގަޅުވާނެ. މިއީ ކުރި މަގުގައި އިންޑަސްޓްރީ އަށް އެޑްވާންޓޭޖަކަށް ވާނެ،" އަންޔަ ބުންޏެވެ.

އެހެންވީމަ ކުރިއަށް އޮތް ތަނުގައި މަޝްހޫރު ގިނަ ފަންނާނުން ތަކެއްގެ ޕާފޯމަންސް ތަކެއް ފެންނާނެ ކަމުގެ ޔަގީންކަން މިހާރު މިއޮތީ ލިބިފަ އެވެ.

"މީރާ ވެސް މި ޕްލޭން ކުރަނީ ލައިވް އަކަށް ދާން. އަދި ސީދާ ދުވަހެއް ފައިނަލް ވީމަ ޓުވިޓާގަ ވެސް ބުނެލާނަން." ލަވަކިޔުންތެރިޔާ މީރާ ބުންޏެވެ.

މިހާރު ލަވަ ހުށަހަޅައިދީފައިވާ ފަންނާނުން ތިބީ، ކޮރޯނާ ވައިރަސްގެ ހާލަތުން އަރައިގަނެވުމުން ވެސް މިކަން ހުއްޓާލާ ގޮތަކަށް ނޫނެވެ. އެހެންވީމަ މިއުޒިކަށް ލޯބިކުރާ މީހުންނަސް ފަންނާނުން މި ދިނީ އުފާވެރި ހަބަރެކެވެ.

"ޒަކިއްޓެ އާއި ޝަލަބީ ވެސް، އަދި އެހެން ފަންނާނުން ވެސް މިހާރު ބޭނުންވޭ އޯޑިއަންސާ މިގޮތަށް ކަނެކްޝަން ބާއްވަން. އެހެންވީމަ މިއީ ރަނގަޅު ފެށުމެއް ކަމަށް މި ބަލަނީ. ދެން، ކަރަންޓިއުންސްގެ އަސްލު މަގްސަދަކީ ގޭގައި މަޑުކޮށްގެން ތިބޭއިރު މުނިފޫހި ފިލުވައިދިނުން. އެހެންވީމަ ހުރިހާ ފަންނާނުން ވެސް ވަރަށް ބޮޑަށް އެދޭ ކަމެއް އެންމެން ވެސް މި ދުވަސްކޮޅު ގޭތެރޭގައި ތިބުމަކީ."

އާޓިސްޓް

Popular