23 May 2020

ސިމްބޮލިކްގެ ޗެލެންޖެއް: މާލޭގައި އުޅޭ ހާލު ކިޔައިދީ

ސިމްބޮލިކްގެ ޗެލެންޖެއް: މާލޭގައި އުޅޭ ހާލު ކިޔައިދީ

By: Ifraz Ali

ކޮރޯނާވައިރަސްގެ ލޮކްޑައުންގައި ސޯޝަލް މީޑިއާގައި އެންމެ ގިނަވީ އެކި ކަހަލަ ޗެލެންޖުތަކެވެ. އެކަމަކު މިއީ އަހަރެމެންނާ މާ ގުޅޭ ޗެލެންޖެކެވެ. މާލޭގައި އުޅޭ ހާލު ކިޔައިދޭންވީ އެވެ.

މާލޭގައި ކޮރޯނާވައިރަސް ފެތުރި، މިތަނުގައި ހުރި އެތައް އިޖުތިމާއީ މައްސަލަތަކެއް، މިވީ މަހެއްހާ ދުވަހުގެ ތެރޭގައި ފުނިޖެހިއްޖެ އެވެ. ވަޒީފާ ގެއްލި އެތައް އާއިލާއެއް ބިކަވެ، ހާލުގައި ޖެހިއްޖެ އެވެ. ކުލި ދެއްކޭނެ ގޮތެއް ނެތި، މަގުމަތި ވެއްޖެ އެވެ. ތޮއްޖެއްސުމުގެ ދުވަސްވީ ނުރަނގަޅު ސިޔާސަތުގެ ސަބަބުން މި ބަލިމަޑުކަން މާ ބޮޑަށް ފެތުރިއްޖެ އެވެ. މިހެން ގޮސް ކިޔާނެ ކިތަންމެ މައްސަލައެކެވެ.

މިިއީ އަބަދުމެ ދެކެވޭ އެކަމަކު ހައްލު ނުލިބިފައިވާ ކަންކަމެވެ.

އަހަރެމެންނަށް ކުރެވޭނެ ކަމަކަށް އޮތީ، އަމިއްލަ ހައްގުގައި އަޑު އުފުލަމުން ދިއުމެވެ. ދިވެހި ރިކޯޑް ލޭބަލް، ސިމްބޮލިކް ރިކޯޑްސް އިން ވެސް މި ދެނީ އެ ފުރުސަތެވެ. މާލޭގައި ކޮންމެ މީހަކަށް ވެސް ކުރެވުނު އެމީހެއްގެ އަމިއްލަ ތަޖުރިބާ އާއި އުޅެމުންދާ ހާލު ކިޔައިދޭށެވެ. ކޮންމެ މީހެއްގެ އަޑު، އެންމެނަށް އިއްވައިދޭނެ އެވެ.

#އަސްލުމާލެ މާލޭގެ ނަމުގައި ސިމްބޮލިކް އިން އެންމެނަށް ޗެލެންޖު ކުރަނީ މާލޭގައި އެމީހަކަށް ކުރެވުނު ތަޖުރިބާ ކިޔައިދީ، ވީޑިއޯކޮށްފައި ފޮނުވައިދިނުމަށެވެ. އެކި މީހުން ފޮނުވާ މި ވީޑިއޯތައް ސިމްބޮލިކް އިން ބޭނުންކުރާނީ އެމީހުން ތައްޔާރުކުރަމުން އަންނަ "އުނދުން" ގެ ވީޑިއޯގަ އެވެ.

"އުނދުން" އަކީ ސިމްބޮލިކްގެ ރެޕާ، ރައިޑޭގެ އަޑުން، ބުރާސްފަތި ދުވަހު ރިލީޒްކުރި ލަވައެކެވެ.

"މާލޭގައި ދިރިއުޅުމުގެ އަސްލު ހާލަތު ވީޑިއޯ މެދުވެރިކޮށް ހިއްސާކޮށްދެއްވާ. 'އުނދުން' ގެ ވީޑިއޯ ހަދާނީ ތިޔަބޭފުޅުން ފޮނުވާ ވީޑިއޯ ހިމަނައިގެން،" އީމެއިލް، ވައިބާ ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ވީޑިއޯތައް ފޮނުވޭނެ އެވެ

Popular