15 Oct 2020

By: Ahmed Nadym

މީގެ ދެ ތިން އަހަރު ކުރިން ނަމަ، މި ރާއްޖޭގެ ލަވަކިޔުންތެރިންނާއި މިއުޒިކް ކުޅޭ މީހުން ކުޅުނު ހުރިހާ މިއުޒިކާއި ކީހާ ލަވައަކާއި ޅެމަކާއި ފަރިއްސެއް ވެސް ވީ އެމީހުންގެ މިއުޒިކީ އާލާތްތަކާ އެކު ބޮޑު ފޮށީގައެވެ. ރިސޯޓަކަށް ގޮސް "ކޮމާޝަލް ކަވާ ލިސްޓެއް" ކުޅެލާފައި އެނބުރި އަންނަ ގޮތަށް އިތުރު ގިގެއް ލިބެން ދެން މިއުޒިކު ކުޅޭ އާލާތްތަކާ އެކު ބޮޑުފޮއްޓަށް އެރި ނިދާލާފައި ތިބި އާޓިސްޓުން ވެސް މަދެއް ނޫނެވެ. ފުރިހަމަ ޔަގީންކަމެއް ނެތް އެ ދާއިރާގައި ދެކޮޅަށް ދުވެލަދުވެލަ، ގަނަތެޅިލަތެޅިލަ ތިބިއިރު ބޮޑުފޮށީގައި ރައްކާކޮށްގެން އުޅުނު އޮރިޖިނަލް މިއުޒިކާއި ލަވަތަކަށް އެންމެ ކުޑަމިނުން އެ ފޮށިގަނޑު ވަރުގެ އިސްޓޭޖެއް ވެސް ހަގީގަތުގައި ނެތެވެ. މި ހާލެއްގައި، ރިކޯޑްކުރި ލަވަތަކާއި އަލްބަމްތައް ތާކުންތާކު ނުޖެހި، އެ ހުރިހާ އާޓެއް ރައްކާކުރި ފޮއްޓަށް ހިރަފުސް އަރައި އާޓާއި މިއުޒިކްގެ މަތިން ފޫހިވާން ކައިރިވެފައި ވަނިކޮށް ލަވަފޮށީގެ ނަމުގައި މިއުޒިކް ސްޓްރީމިން އޮންލައިން ޕްލެޓްފޯމެއް 2017ގައި ތައާރަފުކުރުމާ އެކު ބޮޑުފޮށިން ތެދުވެ މަކުނުވާތައް ކަފާލާފައި އަލްބަމާއި ލަވަ އާއި އާލާތްތައް ހިފައިގެން މި ހުރިހާ އާޓިސްޓުން ވެސް ދުއްވައިގަތީ ލަވަފޮއްޓަށެވެ. – މިފަހުން ރާއްޖޭގެ މިއުޒިކް ސީނަށް އައި އެންމެ ބޮޑު އިންގިލާބު ފެށިގެން ނިއުޅިގަތް މަންޒަރު އޮތީ މިހެންނެވެ.

އޭގެ ފަހުން މިއަދު ލަވަފޮށީގައި ރަޖިސްޓްރީވެފައި ތިބި ރާއްޖޭގެ އާޓިސްޓުންގެ އަދަދު 680 އަށް އަރާއިރު މީގެ ތެރެއިން ވަރަށް ގިނަ އާޓިސްޓުންނަކީ ލަވަފޮށިން "ރޯޔަލްޓީ" ގެ ފުރިހަމަ އަގުތަކެއް ގަވާއިދުން އަދާކުރަމުން އަންނަ އާޓިސްޓުންނެވެ. ކުޅޭނެ ގިގެއް ނެތަސް ބަރާބަރަށް "ލަވަފޮށިން" ރަނގަޅު އާމްދަނީއެއް ނަގާ އާޓިސްޓުންނެވެ. ވަކިން ހާއްސަކޮށް ކޯވިޑްގެ މި ބަލިމަޑުކަމުގެ ތެރޭގައި، ރިސޯޓް މިއުޒިކް އިންޑަސްޓްރީ ބަންދުވެ، ފުރަބަންދެއްގައި މިއުޒިޝަނުން ތިބިއިރު ލަވަފޮށި ކަހަލަ ޕްލެޓްފޯމެއްގެ މުހިންމުކަން ވަނީ އެމީހުންނަށް އެތައް ގުނައަކަށް ބޮޑުވެފައެވެ. – އެކަމަކު އެ ވާހަކައެއް ނޫނެވެ. އަދި ދިވެހި މިއުޒިކާއި ލަވަ އާއި އާޓިސްޓުން ސަލާމަތްކޮށްދިން ބޮޑު ބުއްދިވެރިޔާ، ލަވަފޮށީގެ އެ ކާމިޔާބު ސްޓޯރީއެއް ވެސް ނޫނެވެ. – މި ކޮވިޑާ އެކު، ލަވަފޮށީގައި، ލަވަ އަށް ވުރެ އާޓިސްޓުންގެ ކޯޅުމެއްގެ އަޑުގަދަވެގެން އުޅޭ ވާހަކައެވެ.

ލަވަފޮށިން މި އިވެނީ ކޮން ކޯޅުމެއް؟ ރޯޔަލްޓީގެ ގޮތުގައި 20 ލާރި ކުޑަތަ؟

"ލަވަފޮށި" އަކީ މިއުޒިކް ސްޓްރީމިންގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑެތި އެޕްލިކޭޝަންތައް ކަމުގައިވާ ސްޕޮޓިފައި އާއި ޑީޒާގެ ކޮންސެޕްޓަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އަދި މިއުޒިކް ސްޓްރީމިން އަށް ހާއްސަ ހަމައެކަނި އެޕް ވެސް މެއެވެ. މި ޕްލެޓްފޯމަށް ވަނުމަށް އާޓިސްޓުން އަގެއް ދައްކަން ނުޖެހޭއިރު އެމީހުންގެ ލަވަ އާއި މިއުޒިކްގެ ޑިސްޓްރިބިއުޝަން ރައިޓްސް މި އެޕްލިކޭޝަނަށް ދީގެން ރޯޔަލްޓީގެ ގޮތުގައި ލަވަ އާއި މިއުޒިކުން އާމްދަނީ ލިބެއެވެ.

"ލަވަފޮށި" ބޭނުންކުރާ މީހުންގެ އަދަދު 140،000 އާއި 150،000 އާ ދެމެދުގައި އުޅޭއިރު މީގެ ތެރެއިން ބައެއް މީހުންނަކީ ކޮންމެ މަހަކު 25ރ. ގެ އަގެއް "ފީއެއް" ގެ ގޮތުގައި ދީގެން "ޕްރިމިއަމް" ލެވެލްގައި ލަވަ އާއި މިއުޒިކް އަޑުއަހާ މީހުންނެވެ. އެގޮތުން "ލަވަފޮށީ" ގެ އެކްޓިވް ޔޫޒާސްގެ އަދަދު ގާތްގަނޑަކަށް 10،000 އަށް އަރާއިރު މި އެންމެން ޖަހާ ނުވަތަ އަޑުއަހާ ލަވަތަކަށް ލިބޭ "ޕްލޭ" އެއްގެ ނިސްބަތުން ލަވަފޮށިން ވަކި މުއްދަތެއްގެ ތެރޭގައި އާޓިސްޓުނަށް ހައްގުވާ "ރޯޔަލްޓީ" ދެއެވެ.

އޮރިޖިނަލް ލަވައެއް ނަމަ "ރޯޔަލްޓީ" ގެ ގޮތުގައި ކޮންމެ ޕްލޭއަކަށް 20 ލާރި އާއި 15 ލާރިއާ ދެމެދުގެ އަގެއް ދޭއިރު ކޮޕީ އަދި ކަވާ ލަވަތަކަށް ދެނީ ފަސް ލާރި އާއި 10 ލާރިއާ ދެމެދުގެ އަގުތަކެކެވެ. މިއީ އެންމެ މަޝްހޫރު "ސްޕޮޓިފައި" ގެ ނިސްބަތުން ބެއްޔަސް ވަރަށް ރަނގަޅު ރޭޓްތަކެއް ކަމަށް އެމީހުން ބުނެއެވެ.

"ލަވަފޮށިން މި ދެނީ އިންޓަނޭޝަނަލް ބޮޑެތި މިއުޒިކް ސްޓްރީމިން ޕްލެޓްފޯމުތަކުން ދިވެހި އާޓިސްޓުންނަށް ނުލިބޭނެ އެތައް ފައިދާއެއް. އަހަރެމެން 20 ލާރި ޕްލޭއަކަށް ދޭއިރު އެއީ 130 ޕަސެންޓް މަތީ އަދަދެއް އިންޓަނޭޝަނަލް ޕްލެޓްފޯމްތަކާ އަޅާބަލާއިރު،" ފަހުރުވެރިކަމާ އެކު ވާހަކަ ދައްކަމުން ލަވަފޮށީގެ ފައުންޑާ އަބްދުﷲ ނާޒިމް (އައްލޮ) ބުނީ މިހެންނެވެ.

ފޮޓޯ: ލަވަފޮށި

އައްލޮގެ މި ވާހަކައާއެކު "ރޯޔަލްޓީ" ގެ ނިސްބަތާ މެދު ސުވާލެއް އުފައްދާނެ ޖާގައެއް ނެތަސް ހިޔާލު ބަދަލުކުރި އާޓިސްޓުން ބުނީ ރާއްޖެ ކަހަލަ "މިއުޒިކްގެ މާ ބޮޑު އިންޑަސްޓްރީއެއް" ނެތް ތަނެއްގައި "ޕްލޭއަކަށް" 20 ލާރި ނުވަތަ 15 ލާރި ދިނުމަކީ ހާލަތަށް ބަލާއިރު ވަރަށް ވެސް ނުބައްދަލު އަގެއް ކަމަށެވެ. އަދި ހިލޭ ސާބަހަށް ލަވަފޮށި ހުރިހާ އާޓިސްޓުންނަށް ހުޅުވާލާފައި އޮތުމަކީ އަމިއްލަ ފައިދާއެއް ހާސިލުކުރުމުގެ އެޖެންޑާއެއް ކަމަށެވެ.

"މިހާރު މިވާ ގޮތަކީ ލަވަފޮށި އަހަރެމެންނަށް މި ދެނީ ހިލޭއޭ ބުނާއިރު ރާއްޖޭގެ ކުޅަދާނަ އާޓިސްޓުންގެ ސަޅި މަސައްކަތްތަކާ އެކު ލަވަފޮއްޓަށް އެ ލިބެނީ ވަރަށް ބޮޑު ހައިސިއްޔަތެއް ދޯ އަސްލު. އާޓިސްޓުންނަށް އެމީހުން އެ ޕޭކުރާ ރޯޔަލްޓީ އަށް ބަލާއިރު ބުނެވިދާނެދޯ ރާއްޖޭގެ ހުރިހާ އާޓިސްޓުންގެ މަސައްކަތް ލަވަފޮއްޓަށް އެ ލިބެނީ ވެސް ގާތްގަނޑަކަށް ހަމަ ހިލޭސާބަހަށޭ،" ނަން ހާމަކުރަން ބޭނުންނުވާ ގޮތަށް ވާހަކަ ދެއްކި ޒުވާން މިއުޒީޝަނަކު ބުންޏެވެ.

"ރޯޔަލްޓީގެ ގޮތުގައި ޕްލޭއަކަށް 20 ލާރި ދޭއިރު ގިނަ އާޓިސްޓުންނަށް ނުވެސް ލިބޭނެ އެއްޗެއް އެއަކުން. އެކަމަކު އާޓިސްޓަށް އެއްޗެއް ލިބުނަސް ނުލިބުނަސް ލަވަފޮއްޓަށް އެބަ ލިބޭ ހުރިހާ އާޓިސްޓުންގެ އުފެއްދުމެއް ހަމަ ހިލޭ ބޭނުން މުއްދަތަކަށް."

އޭނާ ބުނީ ރޯޔަލްޓީގެ ނިސްބަތް ކުޑަކަމަށް ގަބޫލުކުރަނީ ރާއްޖޭގައި މިއުޒިޝަނުންނާއި ލަވަކިޔުންތެރިން ތިބި ހާލަތަށް ބަލައި ކަމަށެވެ.

"އެހެންވީމަ އަހަރެން ބުނާނީ ލަވަފޮށިން އެ ނަގަނީ އާޓިސްޓުންގެ ނާޖާއިޒު ފައިދާއޭ. އާޓިސްޓުން މިތިބީ ގޮތެއް ނެތިފަ. ކޮންމެ ގޮތެއް ވެސް އޯކޭވެފަ،" އެ ޒުވާން މިއުޒިޝަން ބުންޏެވެ.

ނަމަވެސް މަޝްހޫރު ލަވަކިޔުންތެރިޔާ ހަސަން އިރުފާން (ޒަކިއްޓެ) ބުނަނީ ހާލަތަށް ބަލާއިރު ރޯޔަލްޓީގެ ގޮތުގައި 20 ލާރި ދިނުން ގޯހެއް ނޫން ކަމަށެވެ. އެކަމަކު އޭނާ ވެސް ބުނީ އެވަރުގެ ރޯޔަލްޓީއަކުން އާޓިސްޓުންނަށް ލިބޭ މޮޅެއް ވެސް ނެތް ކަމަށެވެ.

"މިވަގުތަށް ބަލާއިރު ޕްލޭއަކަށް ދޭ 20 ލާރި ބޮޑު ނުކުރެވިދާނެ ކަމަށް އަހަރެމެން ވެސް ގަބޫލުކުރަން. އެކަމަކު އެއީ އާޓިސްޓުންނަށް ފައިދާވާވަރުގެ ރޭޓެއް ނޫން ގިނަ ފަހަރަށް. ސަބަބަކީ ރާއްޖޭގައި ލަވަ އާއި މިއުޒިކް އުފެއްދުމަކީ އެހާ ފަސޭހަކަމެއް ނޫން. ރަނގަޅު ދެ ތިން ޕްރޮޑިއުސަރެއް މި އުޅެނީ. އަނެއްކޮޅުން ބައެއް ޕްރޮޑިއުސަރުންގެ އަގުތައް ވެސް އެހާ ބޮޑު ލަވައެއް ރިކޯޑްކުރަން ބަލާއިރު،" ލަވަ އާއި މިއުޒިކުން އާމްދަނީ ހަމަޖައްސަމުން އައި ޒަކިއްޓެ ކިޔައިދިނެވެ.

"މިއަށް ވުރެ ރަނގަޅު ގޮތްތަކެއް ވާނެ ކަމަށް އުއްމީދުކުރަނީ."

މަގްބޫލު ލަވަކިޔުންތެރިޔާ ޒަކިއްޓެ: އޭނާ ބުނަނީ ލަވަފޮށި ކަހަލަ ޕްލެޓްފޯމެއް ކާމިޔާބުކުރަން މިހާރަށް ވުރެ ބޮޑަށް އެންމެން އެކަތިގަނޑަކަށްވާން ޖެހޭ ކަމަށް.

އެކަމަކު ރޯޔަލްޓީގެ މައްސަލަ އެކަންޏެއް ނޫނެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމާއި ޒުވާން އެހެން ލަވަކިޔުންތެރިން ވެސް މެނޭޖުކުރަމުން އަންނަ ޕްރޮޑިއުސަރު ސައްޕެ ބުނަނީ ލަވަފޮށީގައި އޮތީ ރޯޔަލްޓީގެ މައްސަލަ އެކަނި ނޫން ކަމަށާއި އެތަނުން ޖަހަނީ "ބޭއިންސާފު" ގެ އަޑުގަދަ ލަވައެއް ކަމަށެވެ.

"ބެޔަސް ނުބެޔަސް" އުސޫލުން ވެސް ބައެއް އާޓިސްޓުންނަށް ލާރި އެބަދޭ!

"މައްސަލަ އަކީ ލަވަފޮށީގައި އެބަ އުޅޭ، މިހާރު ބެޔަސް ނުބެޔަސް ލާރި ލިބޭ ގޮތަށް ލަވައެއް ލިޔަސް ނުލިޔަސް ލާރި ލިބޭ މީހުން ވެސް. ލަވަފޮށިން ޕްރޮޑިއުސްކޮށްދީގެން ލާރި ލިބޭ މީހުން ވެސް،" ރޯޔަލްޓީގެ ޝަކުވާ ހަވާސާއަށް ޖައްސާލާފައި ސައްޕެ ފަށައިގަތީ މިހެންނެވެ.

"އަނެއް މައްސަލަ އަކީ ލަވަފޮށިން ކުރާ މުއާމަލާތްތަކުގައި ޓްރާންސްފޭރެންސީއެއް ނެތުން. މަގޭ ވާހަކަ އަކީ ހެސްކިޔާފަ ޑާޓާ އަށް އެބަ ޗާޖުކުރެއޭ (ޓެލެކޮމް ހިދުމަތް ދޭ ތަންތަނުން) ވީޑިއޯ ބެލިޔަސް ލަވަ އަޑުއެހިޔަސް. އެހެންވީމަ އެގޮތަށް ޗާޖުކުރާ ޑޭޓާއިން ނަގާ ފައިދާ މިސާލަކަށް ލަވަފޮއްޓަށް ވެސް ލިބޭ ނަމަ، ލިބޭ ނަމަ، އެ ފައިދާގެ ކޮންމެވެސް ޕަސެންޓެއް އާޓިސްޓުންނަށް ވެސް ދޭށޭ."

ސައްޕެ ބުނީ އަނގަޔާ އަތާ ދިމާނުވެގެން އުޅެން ޖެހޭ އާޓިސްޓަށް ހައްގު މިންވަރު ފޯރުކޮށްދޭން ލަވަފޮށިން މަސައްކަތްކުރުން ވަރަށް ވެސް މުހިންމު ކަމަށެވެ. ސަބަބަކީ ލަވަފޮށި ވެސް ލަވަފޮއްޓަކަށްވީ އާޓިސްޓުންނާ ހެދި ކަމަށްވުމުންނެވެ.

"ސަބަބަކީ "ލަވަފޮއްޓަށް" އެ ޑޭޓާގެ ފައިދާ ލިބެނީ އާޓިސްޓުނާ ހެދިއޭ، އެމީހުންގެ ފޭނުންނާ ހެދިއޭ. އެމީހުން އުފައްދާ ކޮންޓެންޓަކާ ހެދިއޭ."

ސައްޕެގެ މި ކަންބޮޑުވުންތަކަށް ލަވަފޮށީގެ ވެރިޔާ، އައްލޮގެ އަތުގައި ވަރަށް ބައިވަރު ޖަވާބު އެބަހުއްޓެވެ. އެކަމަކު އޭނާ ފަށައިގަތީ އޭނާގެ އެޕްލިކޭޝަންގައި އޮތް "ޓްރާންސްޕޭރެންސީ" އާއި "ހަމަހަމަ އުސޫލުތަކުން" ނެވެ. އަދި މިއަދާ ހަމަ އަށް ރޯޔަލްޓީގެ ގޮތުގައި އާޓިސްޓުންނަށް ލަވަފޮށިން 450،013ރ. "ޕޭކޮށް ހަލާސްކޮށްފައި" ވުމަކީ މީގައި އޮޅުވާލުމެއް، ވަކި ބަޔަކު ތަފާތުކުރުމެއް ނުގެންގުޅޭ ކަމުގެ ހެއްކެއް ކަމަށެވެ.

"އަހަރެމެން އެއްވެސް މީހަކަށް ފޭވާކޮށްގެން މީގައި ވާނެ ފައިދާއެއް ނެތް. އަހަރެމެންނަށް ވާނެ ފައިދާއެއް ނޯންނާނެ،" އައްލޮ ކިޔައިދިނެވެ.

"ވަކި މީހަކަށް 20 ލާރި ވަކި މީހަކަށް 5 ލާރި ވަކި މީހަކަށް 10 ލާރި ހަދާކަށް ނުޖެހޭ. އޮރިޖިނަލް ކޮންޓެންޓް ނަމަ ކޮންމެ މީހަކަށް ވެސް ޕޭކުރަން ޖެހޭނީ 20 ލާރީގެ ރޭޓުން. އެހެންވީމަ ސިމްބޮލިކް ވިޔަސް ޝަލަބީވިޔަސް އޮރިޖިނަލް ކޮންޓެންޓެއް ނަމަ ލިބޭނީ ޕްލޭއަކަށް 20 ލާރި"

"އާޓިސްޓަކަށް އިތުރު ޕްލޭތައް ދީގެން އަހަރެމެންނަށް ވާނެ ފައިދާއެއް ނެތް އޭގަ."

މިއުޒިކް ސްޓްރީމްކުރުމަށް ބޭނުންކުރާ ޑާޓާ ޕެކޭޖުތަކުން ލަވަފޮއްޓަށް ލިބޭ ފައިދާ އާޓިސްޓުންނާ ހިއްސާކުރަން ޖެހޭނެ ކަމަށް ބުނާ ވާހަކަ އަށް އައްލޯ ވެސް ތާއީދެވެ. އެކަމަކު އޭނާގެ ހިޔާލު ސައްޕެ އާއި އެހެން އާޓިސްޓުންނާ ތަފާތުވާ ހިސާބެއް ވެސް އެބަ އާދެއެވެ.

ލަވަފޮށީގެ ފައުންޑާ އައްލޮ (ކ-3) އެމީހުންގެ އިވެންޓެއްގެ ތެރެއިން: އައްލޮ ބުނަނީ ޑޭޓާ ބަންޑްލިންގެ ފައިދާ އާޓިސްޓުންނަށް ބަހާ ވަރު ނުވާ ކަމަށް.

"ޑޭޓާ ބަންޑްލް ކުރުމުގެ ކަންތަކާ ގުޅިގެން ރާއްޖޭގެ ޓެލެކޮމް ހިދުމަތް ދޭ ފަރާތްތަކުގެ އޮނެސްޓް ޖަވާބަކީ އެމީހުން ބޭނުންވޭ އެ ފައިދާގެ ބޮޑު ޕަސެންޓެއް. އެމީހުން ބޭނުންވާ ގޮތަށް އެއްބަސްވެގެން ޑޭޓާ ބަންޑްލިން ހަދައިފިއްޔާމު 30 ޕަސެންޓް ނުވަތަ 40 ޕަސެންޓް އަހަރެމެންނަށް ލިބިދާނެ. އޭރުން އެމީހުން އެބަ ނަގާ 60 ޕަސެންޓް،" ޑޭޓާ ބަންޑްލިންގެ ފައިދާ އާޓިސްޓުންނާ ހިއްސާކުރަން ގޮވާލާއިރު މިކަން އޮތް ގޮތް ފުރަތަމަ ބަލަން ޖެހޭ ކަމަށް ބުނެ ކިޔައިދެމުން އައްލޯ ބުންޏެވެ.

"ޑޭޓާ ބަންޑްލިން ހެދީމަ އަހަރެމެންނަށް އޭގެ ސަބަބުން ޔޫޒާ ބޭސްޑް ބޮޑުވޭ. މޯ ޕްލޭ ކައުންޓް އަރައިގެންދޭ ލަވަތަކަށް. ޕްލޭ ކައުންޓް މައްޗަށް އަރައިގެން ދިއުމަކީ އާޓިސްޓުންނަށް އިތުރަށް ޕޭކުރަން ޖެހުން. އެހެންވީމަ ދެން ވާނެ ގޮތް ބިޒްނަސްގެ ނަޒަރަކުން ބަލައިލާ."

އައްލޮ ބުނީ ރާއްޖޭގައި ޓެލެކޮމްގެ ހިދުމަތް ދޭ ފަރާތްތަކުން މީގައި ނަގަން ބޭނުންވާ ފައިދާގެ ނިސްބަތް އެހެން އޮވެގެން އާޓިސްޓުންނަށް ބަހާނެ ވަރުގެ "އެއްޗެއް" ލަވަފޮއްޓަކަށް ނުލިބޭ ކަމަށެވެ.

"ޓެލެކޮމް ހިދުމަތް ފޯރުކޮށްދޭ ފަރާތުން 60 ޕަސެންޓް ނެގީމަ އަހަރެމެންނަށް ލިބޭ އެއްޗަކުން އާޓިސްޓުންނަށް ބަހާނެ މިންވަރެއް ނޯވޭ. ޕްލޭ ކައުންޓް އިތުރުވާ ވަރަކަށް އަހަރެމެން އަތުން އަނެއްކޮޅުން ވެސް ލާރި ދާނެ އަނެއްކާ،" އައްލޮ ކިޔައިދިނެވެ.

ސިމްބޮލިކާއި ބީޓޮލޮޖީގެ ޝަކުވާއަކީ ޕޭމަންޓް ލަސްވުން!

ލަވަފޮށީގައި އާޓިސްޓެއްގެ ލަވައަކަށް ލިބޭ ޕްލޭތަކަށް ބިނާކޮށް ދޭ ރޯޔަލްޓީ މަރުހަލާތަކަކަށް ބަހާލައިގެން "ގަނޑުކޮށް" ނަގާނެ އުސޫލެއް ހަދާފައި އޮވެއެވެ. މިސާލަކަށް 1500ރ، 2000ރ، ނުވަތަ 5000ރ. ހަމަވުމުން އާޓިސްޓަކު ބޭނުން ނަމަ އެ ފައިސާ އޭނާ ބޭނުންވާ އެކައުންޓަކަށް ޖަމާކޮށްދޭން ރިކްއެސްޓްކުރެވިދާނެއެވެ. މިގޮތަށް ލިބޭ އާމްދަނީ އާޓިސްޓަށް ޖަމާކޮށްދިނުމަށް ލަވަފޮށިން ކަނޑައަޅާފައި އޮންނަނީ ތިން މަސް ދުވަހުގެ މުއްދަތެކެވެ.

ނަމަވެސް ލަވަފޮށީގައި އެންމެ ހިންގާލައިގެން އުޅޭ ހިޕްހޮޕް އާޓިސްޓުން ކަމަށްވާ ސިމްބޮލިކާއި ބީޓޮލޮޖީން ބުނަނީ ރޯޔަލްޓީގެ ނިސްބަތާ މެދު މައްސަލައެއް ނެތަސް ލިބެން ޖެހޭ ފައިސާ ވަގުތުން ވަގުތަށް ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށެވެ.

"ރޯޔަލްޓީގެ ގޮތުގައި 20 ލާރި ލިބުން ނުވޭ އިޝޫއަކަށް އަހަރެމެންނަށް އެއްވެސް އިރަކު. އިޝޫއަކަށް ވަނީ ޕޭމަންޓް ހެދުމުގައި އަންނަ ޑިލޭތައް،" ސިމްބޮލިކް ރިކޯޑްސްގެ މެނޭޖިން ޑިރެކްޓާ އަހުމަދު މުހައްމަދު ބުންޏެވެ.

"ލާރި ނުދޭ މައްސަލަ އަހަރެމެންގެ މައްސަލައަކީ. އެކަމަކު އެމީހުންނަށް ވީވަރަކުންނޭ ބުނެ ޕޭކުރަމުން ގެންދަނީ. އެންމެ ކުރިން ވަރަށް ރަނގަޅަށް އެމީހުން ޕޭކުރި"

"ޕޭމަންޓްގެ އިޝޫއެއް އުޅުނަސް ލަވަފޮށިން ލަވަތައް ނެގުމުގެ ވިސްނުމެއް ނުގެންގުޅެން އަހަރެމެން. ސިމްބޮލިކްގެ 100 އަށް ވުރެ ގިނަ ލަވަ އުޅޭނެ ލަވަފޮށީގައި."

ނަމަވެސް އައްލޮ ބުނަނީ ލަވަފޮށިން ލާރި ނުދެއެކޭ އެއްވެސް އާޓިސްޓަކަށް ނުބުނެވޭނެ ކަމަށެވެ.

"އާޓިސްޓަކަށް ލިބެން ޖެހޭ ފައިސާ ދޭން ޖެހޭ މުއްދަތުގެ ތެރޭގައި ނުދެއެކޭ ނުބުނެވޭނެ އެއްވެސް އާޓިސްޓަކަށް. އެކަން ސާބިތުކޮށްދޭން ދައްކާނެ ލިޔެކިޔުން ވެސް އެބަހުރި،" އައްލޮ ބުންޏެވެ.

Popular