4 Mar 2021

By: Ifraz Ali

ލަވަކިޔުންތެރިޔާ ހަމޫދު އަހްމަދު އޭނާގެ ސްކޫލް ދައުރުގައި ބުލީ ނުވަތަ ހަނގާކުރުމުގެ ޝިކާރައަކަށްވެ، ކުރަން ޖެހުނު ހިތްދަތި ތަޖުރިބާ، އޭނާ އެ މުބާރާތަކުން ވިދާލި މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަންގައި ވެސް ކިޔައިދިނެވެ. އެހެންވެ، މި މައުލޫއަށް ޚާއްސަ ލަވައެއްގެ މަސައްކަތް ކުރުންވީ އޭނާގެ ހިތާއި އިހުސާސްތަކާ ވެސް ވަރަށް ބޮޑަށް ކުޅެލި ކަމަކަށެވެ. -- "ހަނގާ" ގެ ނަމުގައި ނެރުނު މި ވީޑިއޯ ލަވަ ހަމޫދުއާ އެކު ކިޔާފައި ވަނީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ ތުއްތު ދަރިކަނބަލުން ލައިބާ އަހްމަދު މަހުލޫފް (އެލީ) އެވެ.

އިއްޔެ ނެރުނު މި ލަވައަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ؛ އަދި ބައެއް މީހުން ބުނީ މި ލަވަ އެމީހުންގެ އިހުސާސްތަކާ ވަރަށް ބޮޑަށް ކުޅެލައިފި ކަމަށެވެ.

ހަނގާކުރުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަކީ މިކަމުން އަރައިގަތުމަށް މުޖުތަމައު މިހާރު ކުރާ މަސައްކަތުގައި ކުރިއަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. އެކަމަކު ހަމޫދު ގަބޫލުކުރަނީ އަދި ހަމައެކަނި އެ ހިސާބުން މިކަން ނިންމާލެވެން ނެތް ކަމަށެވެ.

"މީހުން ދަށްކޮށްލުމުގެ ބަދަލުގައި ހިތްވަރުދޭންވީ، އެ މީހުންގެ ހުވަފެންތައް ހާސިލުކުރުމަށް އެހީވާންވީ އަދި އެންމެ ގަޔާވާ ސެލެބްރިޓީން/ކުޅިވަރު ކުޅޭ މީހުނަށް ސަޕޯޓްކުރާ ފަދައިން ރައްޓެހިންނަށް ވެސް ސަޕޯޓްކުރަންވީ. އަބަދުވެސް އެހެން މީހުނަށް އޯގާތެރިވާން ވާނެ. މީހަކު ބުލީގެ ޝިކާރައަކަށް ވާތަން ބަލަން ނުހުރެ، އެކަން ހުއްޓުވަން ވާނެ،" ހަމޫދު ބުންޏެވެ.

ހަމޫދު މެލޮޑީ ހެދި މި ލަވައިގެ ލިރިކްސް ލިޔުނީ އޭނާ އާއި އާއިޝަތު އުލްޔާ މުޝްތާގް (އިއްޔަ) އެވެ. މިއުޒިކް ކޮމްޕޯޒްކުރީ ބީޓޮލޮޖީ ސްޓޫޑިއޯސްގެ އިރުފާން ލަތީފް (ޓްރޯ) އެވެ. އަދި ވީޑިއޯގެ މަސައްކަތް ކުރީ ލައިޓްސް އައުޓް އިންނެވެ.

ހަމޫދާ އެކު އަބަދުވެސް ކުރަން ބޭނުންވެފައި ހުރި މަސައްކަތެއް: މިނިސްޓަރު

މި ލަވައިގެ ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް ފޭސްބުކްގައި ޖެއްސެވި ސްޓޭޓަސްއެއްގައި ލިޔުއްވާފައި ވަނީ، 2018 ވަނަ އަހަރު އޭނާ މާފުށީ ޖަލުގައި ހައްޔަރުކޮށްފައި ހުރި އިރު، ރޭޑިއޯ އިން ހަމޫދުގެ ލަވަތައް އަޑުއެއްސެވި ކަމަށެވެ. އަދި މޯލްޑިވިއަން އައިޑޮލްގައި ހަމޫދު އޭނާ ބުލީގެ ޝިކާރައަކަށްވި ވާހަކަތައް ކިޔައިދިނުމުން ވަރަށް ފުން އަސަރެއް ކުރުވި ކަމަށް ވިދާޅުވެފައިވެ އެވެ.

"އެހެންވެ، އަބަދު ވެސް ބުލީ ކުރުމާއި ދެކޮޅަށް، ހަމޫދާ އެކު ވަރަށް ޕޮޒިޓިވް މަސައްކަތެއް ކުރަން ބޭނުންވެފައި ހުރީ،" މަހުލޫފު ލިޔުއްވާފައިވެ އެވެ.

އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މޯލްޑިވިއަން އައިޑޮލް

Popular