11 Jun 2022

By: Ahmed Jaishan

ހަޔާތުގައި ދިމާވާ ކަންކަމުގައި ގިނައީ އަމިއްލަ ބާރެއް ނުފޯރުވޭ ކަންކަމެވެ. އެހެންވެ ދަތި ކަންކަމާ ދިމާވުމުން ހިތްވަރު ހޯދައި އެ ކަންކަމުން އަރައިގަތުން ނޫން ގޮތެއް ނެތެވެ. އެކަމަކު އެއީ ކުރަން އުނދަގޫ ކަމެކެވެ. ދީމާ ފާކިރުގެ ހަޔާތުގެ ދަތިކަމުން ދެއްކީ މިކަމުގައި ވަރުގަދަ މިސާލެކެވެ. ދީމާގެ ހަޔާތުގެ އުނދަގޫތަކުން އޭނާ އަރައިގަނެ ހިތްވަރު ހޯދީ އެހެން މީހުންނަށް އެހީވުމުގެ އަޒުމުގަ އެވެ.

އުމުރުން 29 އަހަރުގެ ދީމާ އަށް ދިމާވި ކަންކަމުން ހިތްވަރު ހޯދައިގެން އޭނާ ބޭނުންވީ އެހެން މީހުންނަށް އެހީވާށެވެ. ހިއުމަން ރިސޯސްގެ ދާއިރާއަށް ލޯބި ޖެހުނީ، މީހުންނަށް އެހީތެރިކަން ހޯދައިދިނުމަށް އޮތް ބޭނުމެއްގެ ބޮޑުކަމުންނެވެ.

ދީމާ ޑަބްލިއު މޯލްޑިވްސްގައި މަސައްކަތްކުރި އިރު މުވައްޒަފުންނާއެކު އިތުރު ހަރަކާތްތަކުގައި ބައިވެރިވަނީ

"އަހަރެންގެ ކެރިއަރު ފެށިއިރު އުމުރުން ވާނީ އެންމެ 19 އަހަރު ކަންނޭނގެ. ރިސޯޓެއްގައި އަސްލު މަސައްކަތް ފެށުނީ. އެންމެ ފުރަތަމަ ގެސްޓުންނާ ބައްދަލުކޮށް މަސައްކަތް ކުރަން ޖެހެނީ،" ދީމާ ކިޔައިދިނެވެ.

އެ މަސައްކަތުގެ ތެރެއިން ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަޅާލައި އެ މީހުންގެ ކަންކަމާ ވިސްނަން ޝައުގުވެރިކަން އުފެދުނެވެ. ދީމާ ބުނި ގޮތުގައި ރިސޯޓަށް އަންނަ ގެސްޓުންނަކީ ދުވަސްކޮޅެއް ކޮށްލާފައި ދާނެ މީހުންނެވެ. ނަމަވެސް މަސައްކަތްކުރާ މުވައްޒަފުންނާ އެކު ކައިބޮއެ އުޅެން ފެށުމުން އެ މީހުންގެ ކަންކަމަށް ސަމާލުކަން ދެވެން ފެށި އެހީތެރިވާން ބޭނުންވި އެވެ.

މިއީ އޭނާ އެންމެ ކުޑައިރުން ފެށިގެން މިޒާޖު ވެސް ހުރި ގޮތެވެ. ކުޑައިރު އެންމެ ދަތިކޮށް އުޅުނު އިރު ވެސް އެހެން މީހުންނަށް އެހީވުމަކީ ދީމާ އުފަލުން ކުރާ ކަމެކެވެ.

ދީމާ އާއި އޭނާގެ ކޮއްކޮ ކުޑައިރު ނަގާފައިވާ ފޮޓޯއެއް

"ކުޑައިރު ބުލީ ވެސް ކުރި. އެކަމަކު އެއިން މީހަކު ވެސް އެހީއަކަށް އެދިއްޖެ ނަމަ ވަގުތުން އަހަރެން އެކަމެއް ކޮށްދިނުމަށް ދަން،" ދީމާ ބުންޏެވެ.

ދީމާއަށް ދިމާވި ހުރިހާ ކަމަކުން ވެސް އޭނާއަށް އެންމެ އަސަރުކުރީ އޭނާގެ މަންމަ އަށް ކެންސަރު ޖެހި އެކަން ސިއްރުކޮށްގެން އުޅެނިކޮށް އާއިލާގެ އެކުވެރިއެއްގެ ފަރާތުން އެކަން ދީމާއަށް އެނގުމުންނެވެ.

"މަންމަ ގައިގައި ރިއްސައި ހުން އައިސް އުޅޭ އިރު އަހަރެން އިންނަނީ މަންމަ ގާތުގައި. މަންމަ ގައިގައި ބޭސް އުނގުޅައިދީ މަސާޖުކޮށްދީ މަންމަ އަށް ނިދުނީމަ އަހަރެން ވެސް ނިދަނީ،" ދީމާ އޭނާގެ އެންމެ ހިތްދަތި ހަނދާންތައް އާކުރަމުން ބުންޏެވެ. އެ ހިތްދަތިކަމުން ދީމާ އަރައިގަނެ މިހާރު ހުރީ އެހެން މީހުންނަށް އެހީތެރިވުމުގަ އެވެ.

ދީމާ

ގާތް މީހުންނަށް އަޅާލަން ބޭނުންވުމަކީ އޭނާގެ މަސައްކަތުގެ މާހައުލުގައި ވިސްނުން ވެސް ބައްޓަންވި ގޮތެވެ. މީހުންނަށް އެހީވުމަށް އޮތް ލޯތްބަކީ އެޗުއާރަށް ލޯބި ޖެހުނު ސަބަބެވެ.

ކުރިއަށް ދާނެ ވަކި ދިމާލެއް ނޭނގި ހުރެ ރިސޯޓުތަކުގައި މަސައްކަތް ކުރަމުން ދިޔަ އިރު ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވި އެވެ.

"އެޗްއާރުގެ ދާއިރާއަށް ވަތް އިރު އަހަރެންނަކީ އަލަށް ކައިވެނިކޮށްގެން ހަމަ ދިރިއުޅުން ފެށީ. ޓުއަރިޒަމްގެ ދާއިރާއާއި ތަފާތު އެކި ކަހަލަ އިސް ވެރިންގެ ފަރާތުން ދިމާވަމުން ދިޔަ އުނދަގޫތައް ވަރަށް ދަތިވި ފުރަތަމަ މެނޭޖްކުރަން،" އޭނާ ކިޔައިދިނެވެ.

ރިސޯޓުގައި މަސައްކަތްކުރި އިރު ދީމާ އިވެންޓެއް ހޯސްޓުކުރަނީ

ވަރަށް ޒުވާން އިރުން ފެށިގެން ޑިޕްރެޝަނާއި އެންޒައިޓީ ހުރި ދީމާގެ ނަފްސާނީ ދުޅަހެޔޮކަން ގޯސްވާން ފެށީ ތަފާތު ވެއްޓަށް ހޭނެން އުނދަގުވާން ފެށުމުންނެވެ. އަދި މަސައްކަތުގެ މާހައުލުގައި އެކަހެރި ކަމުގެ އިހުސާސް ކުރެވި އިތުރަށް މީހާގެ ހާލަތު ގޯސްވާން ފެށުމުގެ ސަބަބުން އަމިއްލަ ނަފްސަށް ގެއްލުން ދޭން ފެށުނެވެ.

ނަތީޖާއަކަށް ވެގެން ދިޔައީ މާ ގިނަ ދުވަސްތަކެއް ނުވެ ޑިޕްރެޝަންގެ ސަބަބުން އަމިއްލަ އަށް އެކަހެރި ވާން ފެށުމެވެ. އޭގެ އަސަރު ކައިވެންޏާއި ވަޒީފާއަށް ވެސް ކުރަން ފެށި އެވެ. ހާލަތު ގޯހުން ގޯހަށް ދިޔައީ ވަޒީފާއިން ވަކި ކުރުމުންނެވެ.

ފަހުން ދީމާގެ ދިރިއުޅުން ބަދަލުކުރަން ޖެހުނީ އޭނާގެ މަންމަ އާއި ކޮއްކޮގެ ގާތަށެވެ. އާ ވަޒީފާއެއް ހޯދުމުގެ މަސައްކަތް ވެސް ވީ ބޮޑު ކަމަކަށެވެ. ކޮންމެ ދުވަހަކު އެކި ތަންތަނަށް އެޕްލައިކޮށް އުޅުނު އިރު ކުޑަވެސް އުންމީދެއް ލިބުނީ 2019 ވަނަ އަހަރު ޑަބްލިއު މޯލްޑިވްސް ރިސޯޓުން އޭނާ އަށް ލިބުނު ފުރުސަތާ އެކުގަ އެވެ.

ޑަބްލިއު މޯލްޑިވްސްގެ މުވައްޒަފުންތަކަކާއެކު ދީމާ (ކ)

މިއީ ދީމާގެ ހަޔާތުގެ އެންމެ ފާހަގަކޮށްލެވޭ ދުވަސްވަރެވެ. މަސައްކަތުގެ މާހައުލަކީ ހިތްހަމަޖެހިގެން އެންމެން އެކުގައި މަސައްކަތް ކުރެވޭނެ ތަނެއްކަން އެނގުނީ މި ހިސާބުންނެވެ. މަސައްކަތްކުރާ މީހުންނާ އެކު ގުޅުން ވަރުގަދަވެ އެ މީހުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމުގެ ރޫހު އިތުރަށް ވަރުގަދަވި އެވެ.

ދީމާގެ ނަފުސާނީ ދުޅަހެޔޮ ކަމަށް ރަނގަޅު އަސަރު ކުރަން ފެށީ ވެސް މި ހިސާބުންނެވެ. އިތުރު ވަގުތު ކުޅިވަރަށް ހޭދަކޮށް މަސައްކަތުގައި ގިނަ ބަޔަކަށް ދީމާގެ ނަން އެނގެން ފެށި އެވެ. އެއާ އެކު 2020 ވަނަ އަހަރު ފެށީ ގިނަ އުންމީދުތަކާ އެކުގަ އެވެ.

ރިސޯޓުގައި އުޅުން ދުވަސްވަރު ދީމާ އެކި ކަހަލަ ކުޅިވަރުތައް ކުޅެ ކަސްރަތަށް ވަރަށް ފަރުވާ ބެހެއްޓި

ޓްރީ ޓޮޕް ހޮސްޕިޓަލުން ދީމާ އަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. އެހެންވެ ދީމާގެ ދިރިއުޅުން މާލޭގެ ހަލަބޮލި ކަމަށް ބަދަލުކުރަން ތައްޔާރުވިތަނާ ކަންތައް ގޯސްވެގެން ދިޔައީ ހީކުރި ވަރަށް ވުރެ ވެސް ބޮޑުކޮށެވެ. ކޮވިޑްގެ ރާޅު އެރީ އެވެ.

"ލޮކްޑައުންގެ ހާލަތު އަންނަން ވިއިރު ވަރަށް ގޯސްވެއްޖެ އަސްލު. މީގެ ކުރިން އަހަރެން ހޮވި މުވައްޒަފުންނަށް ވަޒީފާގައި ތިބެވެން ނެތް ކަމަށް ބުނެ ލިޔުންތައް ހަވާލުކުރަން ޖެހުނު. އެއީ އެ ދުވަސްވަރުގެ ހާލަތު،" އޭނާ ކިޔައިދިނެވެ.

އަދި އެ ހުރިހާ ކަމެއްގެ ތެރޭ ކައިވެނި ވެސް ރޫޅުނެވެ. އެކަނިވެ ޑިޕްރެޝަން އިތުރަށް ގޯސްވާން ފެށި އެވެ. ނަމަވެސް ދީމާގެ ދިރިއުޅުން ބަދަލުކޮށްދިނީ އޭނާއާ ދިމާވި ޑޮކްޓަރެކެވެ. އޭނާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އެކަމުގެ މާހިރެއްގެ ފަރާތުން އެހީތެރިކަން ހޯދަން ފެށި ހިސާބުން އަނެއްކާވެސް ކަންކަން ބަދަލުވާން ފެށީ އެވެ.

އެޗްއާރުގެ ދާއިރާއިން ދީމާ އަށް ސެޓްފިކެޓެއް ހަވާލު ކުރަނީ

އެ ހުރިހާ ކަންތައްތަކެއް ކަޑައްތުކޮށް މިހާރު ދީމާ އަކީ ހިއުމަން ރިސޯސް ދާއިރާގެ ސްޕެޝަލިސްޓެކެވެ. ޓްރީޓޮޕުން ލިބުނު ފިލާވަޅުތަކާ އެކު އޭނާ ހޯދީ އިތުރު ކާމިޔާބީތަކެކެވެ. މިހާރު ދީމާ މަސައްކަތް ކުރަނީ ޕްރައިމް ކެއާ އިންވެސްޓްމެންޓްް ނަމަކަށް ކިޔާ ފާމަސޫޓިކަލް އައުޓްލެޓެއްގަ އެވެ. ދީމާ އަކީ މިހާރު ދާއިރާގައި މީހުން ބަލައިގަންނަ މީހަކަށް ވެއްޖެ އެވެ.

ޓްރީ ޓޮޕުން ވަޒީފާ ގެއްލުނު މުވައްޒަފުންނަށް އެހީތެރިވުމަކީ ވެސް ދީމާ ކުރަން ބޭނުންވި ކަމެކެވެ. އެއާ އެކު އެމީހުންނަށް ފްރީލާންސް ވަޒީފާ ހޯދައިދިނުން ކަހަލަ މަސައްކަތް ވެސް ދީމާ ލޮކްޑައުންގެ ތެރޭގައި ކުރި އެވެ. އަދި ހާލަތު ރަނގަޅުވުމާ އެކު، ވަޒީފާ ގެއްލުނު ބައެއް މުވައްޒަފުން އަލުން ވަޒީފާއަށް ގެނައި ކަމަށާއި އެކަމާ ވަރަށް އުފާވި ކަމަށް އޭނާ ބުންޏެވެ.

މެންޓަލް ހެލްތަކީ ވެސް މުހިއްމު ކަމެއްކަން ދެނެގަނެ އެހީއަށް ބޭނުންވުމުން އެހީ ހޯދައި އެ ހުރިހާ ކަމަކުން އަރައިގަންނަން ދީމާ ދަސްކޮށްދެ އެވެ. އަދި ނަފްސާނީ ގޮތުން ބައްޔެއް ހުރުމަކީ ދިރިއުޅުން ނިމުނީ ނޫންކަން ދީމާ ދައްކަ އެވެ. ދީމާގެ ނަސޭހަތަކީ ވެސް އެއީ އެވެ. ނަފުސާނީ ދުޅަހެޔޮކަމަށް އެހީ ހޯދައި އެކަމާ އެކުގައި ވެސް ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރުމެވެ.

Popular