17 May 2025

ވިދުން ފަނޑުނުވި "އައިލްސް އޮފް ޖުވެލްސް"

ވިދުން ފަނޑުނުވި "އައިލްސް އޮފް ޖުވެލްސް"

By: Asima Nizar

ކުޑައިރު ވެސް ޝާދިން ނަސީމް އެންމެ ގިނައިން އުޅޭނީ ބަރަންޏަށް ބީޑްސް އަމުނައިގެން އެކި ވައްތަރުގެ ގަހަނާތައް ހެދުމުގަ އެވެ. ހުސްވަގުތުގައި ހޮބީއަކަށް ކުރަމުން ދިޔަ މަސައްކަތް ވައިގައި ހިފުމުން ވަކި ހިސާބަކުން އެކަން ފުޅާކުރީ އެވެ. ކަންފަތުގައި ލާ އެއްޗިއްސާއި އަތުގައި އަޅާ ރީތި ގަހަނާ އާއު ތަޅުދަނޑި ފުލަށް ދާންދެން "އައިލްސް އޮފް ޖުވެލްސް" ގެ ނަމުގައި ވިދަން ފެށި އެވެ.

ގަހަނާ ހެދުން ވިޔަފާރިއަކަށް ފުޅާކޮށް، އެންމެ ގާތް އެކުވެރިޔާ އައިޝަތު ނުޝޫއުއާ އެކު މަސައްކަތް ކުރަމުން އަންނަ ޝާދިން ބުނީ މީގެ އަށް އަހަރު ކުރިން މި މަސައްކަތް ފެށިއިރު އަމިއްލައަށް ގަހަނާ ހަދާ މީހުން ވަރަށް މަދު ކަމަށެވެ. އެހެންވެ، އޭރު މި މަސައްކަތަށް ހާއްސަކުރި ޕޭޖަށް ވަރަށް ބޮޑު ޑިމާންޑެއް އޮތެވެ.

ގަހަނާއެއް ހެދުމުގެ ކުރިން ނުޝޫއު ކުރަހަނީ. ޑިޒައިން އަދި ކުރެހުމުގެ ގިނަ މަސައްކަތް ކުރަނީ ނުޝޫއު.

އެކަމުގެ މި މަސައްކަތުގެ ތެރެއަށް ވަންނަ މީހުން މަޑުމަޑުން ގިނަވާން ފެށުމާ އެކު ޝާދިންގެ މަސައްކަތްތައް ވެސް އިތުރުކުރަން ފެށި އެވެ. އޭގެ ތެރެއިން، އެކި ފަރާތްތަކުން ބާއްވާ އިވެންޓުތަކުން ސްޓޯލް ހޯދައި ބައިވެރިވެ އެ މީހުންގެ މަސައްކަތް ދައްކަން ފެށި އެވެ. އާއްމުންގެ ސަމާލުކަން އަތުލާނެ ފަދަ ގަހަނާތައް ނުޝޫއުގެ ވެސް ހިޔާލާ އެކު ފައްކާކުރަމުން ދިޔަ އެވެ.

"އިވެންޓެއް ނިންމާލެވޭއިރު ވަރަށް ހިތްހަމަޖެހޭ. ޕޭޖެއް ވީމަ [އަޅުގަނޑުމެންގެ] މޫނެއް ނުފެނޭ. އެކަމަކު، ދިމާވީމާ ކަސްޓަމަރުން ވަރަށް ރަނގަޅު. މަސައްކަތް ފުރިހަމަކުރަން ރަނގަޅު ހިޔާލު ދޭ މީހުން ވެސް ތިބޭ. އެ ހުރިހާ ކަމެއް ވެސް ނަގަނީ ވަރަށް ޕޮޒިޓިވްކޮށް،" ގޭގައި ހަދަމުން އަންނަ ގަހަނާތަކާ ގުޅޭގޮތުން ޝާދިން ބުންޏެވެ.

View this post on Instagram

A post shared by ISLES OF JEWELS (@islesofjewels)

"އިމްޕްރޫވްމަންޓެއް ގެނެވޭނީ ކަސްޓަމަރުން އެގޮތަށް ކޮމެންޓު ކޮށްގެންތާ."

ޝާދިން ބުނީ އެ ދުވަސްވަރަކާ ގުޅޭ ގޮތުން ހަދާ ގަހަނާއަށް ގިނަ މީހުންގެ ޝައުގު ހުންނަ ކަމަށެވެ. އޭގެ ތެރެއިން، މަންމައިންގެ ދުވަހަށް ހާއްސަކޮށްގެން މި ފަހުން ހެދި އަތުގައި އަޅާ އެއްޗެހި ވެސް އާއްމުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވި އެވެ.

ކަރުގައި އަޅާ ފަށަކީ ވެސް ޑިމާންޑު ބޮޑު އެއްޗެކެވެ. އޯޑަރު ކުރުމުން ކަސްޓަމައިޒްކޮށް ވެސް އެ ކަސްޓަމަރަކު ބޭނުންވާ ގަހަނާއެއް ހަދައިދެ އެވެ.

އައިލްސް އޮފް ޖުވެލްސް އިން ވަނީ ބިޒްނަސް ސެންޓަރުން ހިންގާ "އޮތެންޓިކް މޯލްޑިވްސް" ފިހާރައިގައި ވެސް އެ ގަހަނާތައް ވިއްކަން ބަހައްޓައިފަ އެވެ.

މޯލްޑިވިއަންގައި ފްލައިޓް ޑިސްޕެޗާއަކަށް ޝިފްޓް ޑިއުޓީގައި ބުރަކޮށް އުޅުނަސް، ޝާދިން ބުނީ ހަފުތާގެ އެއް ދުވަހު ގަހަނާ ހަދަން ހާއްސަކޮށްފައިވާ ކަމަށެވެ. އެ ދުވަހަކީ، ކުރިއަށް އޮތް ހަފުތާގައި ވިއްކާނެ އެއްޗިއްސާއި އޯޑަރުތައް ނިންމަން ކަނޑައަޅާފައިވާ ދުވަހެވެ.

މި ވިޔަފާރީގައި އޮތް ވާދަވެރިކަމާ އެކު ޝާދިން އެންމެ އިސްކަންދެނީ ކަސްޓަމަރުންނަށް ދޫކޮށްލާ ގަހަނާގެ ފެންވަރު ކަށަވަރުކުރުމުގަ އެވެ.

އެކަން ޔަގީންކުރުމަށް، އޭނާ އެންމެ ގިނައިން ބޭނުންކުރާ ގޯލްޑް ޕްލޭޓިން އަދި ސިލްވަ ޕްލޭޓިން ސްޓީލާއި ބީޑްސް ފަދަ ތަކެތި ގެންނަނީ ބޭރުގެ އެކި ގައުމުތަކުންނެވެ. އޭގެ ތެރޭގައި އިންޑިއާ، ޗައިނާ އަދި ތުރުކީ ހިމެނެ އެވެ.

ފާއިތުވި އަހަރުތަކުގައި ގަހަނާތަކުން އެތައް ބަޔަކު ޒީނަތްތެރިކޮށްދީފައިވާ ޝާދިން އަދި ނުޝޫއުއަށް މިހާރު ވެސް އެންމެ ބޮޑު އުފަލެއް ލިބެނީ މަގުމަތިން ހިނގާފައި ދާއިރު "އައިލްސް އޮފް ޖުވެލްސް" އިން ހަދާފައި ހުންނަ ގަހަނާ އަޅާ މީހުން ފެނުމެވެ.

View this post on Instagram

A post shared by ISLES OF JEWELS (@islesofjewels)

"ވަރަށް ގިނައިން ފެނޭ. ފެނުނީމާ ވަރަށް އުފާވޭ. ދެން އިންނަ ކުއްޖާއަށް ދައްކާލާފައި ބުނެލަން އެ ކުއްޖާ އޭނީ އައިލްސް އޮފް ޖުވެލްސް އިން ހެދި އެއްޗެއް ދޯއޭ، ހަނދާން ވޭހޭ ކިޔާފައި އަބަދު ވެސް ދައްކަން." އޭނާ ބުންޏެވެ.

އެ ހިތްވަރާ އެކު އެ ދެ ޒުވާނުން މިހާރު މަސައްކަތްކުރަނީ ގަހަނާގައި ރާއްޖެއަށް މަޝްހޫރު ބްރޭންޑަކަށް ވެ، ދުނިޔޭގެ ކޮންމެ ތަނަކުން އޯޑަރު ކޮށްދިނަސް އެ މީހަކު ހުރި ހިސާބަކަށް ޑެލިވާ ކޮށްދޭށެވެ. ވާދަވެރިކަމުގެ ތެރޭގައި ވިދުން ގަދަކޮށް ދެމިއޮތުމެވެ.

އަންހެނުން ޒުވާނުން

Popular