13 May 2025

އޮފީސް ނިއްވާލައިގެން ތިބެނީ ކޮންބައެއް؟

އޮފީސް ނިއްވާލައިގެން ތިބެނީ ކޮންބައެއް؟

By: Maaidha Mohamed Rashad

އޮފީސްތަކުގައި އޭސީގެ ފިނި ބަހައްޓަންވީ ވަރެއްގެ ހަނގުރާމަ ބައެއް އޮފީސްތަކުގައި ބޮޑެވެ. ވަޒީފާ އަދާކުރަން އާ ޖީލެއްގެ ބަޔަކު އަންނަން ފެށުމާ އެކު އޮފީހުގެ އަލިކަމުގެ މައްސަލަ ވެސް މިހާރު ޖެހެ އެވެ. މިހާރު އަލަށް ވަޒީފާތަކަށް ނުކުންނަ ޒުވާނުންގެ ތެރޭގައި، އޮފީސް އަނދިރިކޮށްގެން ތިބެން ބޭނުންވާ މީހުން ވަރަށް ގިނަ އެވެ. އެ މީހުންނަށް ލޯ ހުޅުވާލަން ކެރޭ ވަރަށް ވުރެ އަލި މާ ގަދަ ކަމަށް ބުނެ އެވެ.

އެކަމަކު މިއީ މަޖާވެގެން ދައްކާ ވަރަށް ވުރެ މުހިންމު ވާހަކައެކެވެ. އޮފީހުގެ އަލި މާބޮޑަށް ގަދަވުމަކީ ވެސް އަދި މާބޮޑަށް މަޑުވުމުންވެސް މުވައްޒަަފުންގެ މަސައްކަތަށް އެކި ގޮތަށް އަސަރުކުރާކަން އެއީ ސައިންސުން ކަށަވަރުވާ ކަމެކެވެ.

View this post on Instagram

A post shared by Ittify (@ittify)

އެކި ދިރާސާތަކުން އެނގޭ ގޮތުގައި އޮފީހުގެ އަލި ރަނގަޅު މިނެއްގައި ހުރުމަކީ މީހާގެ މަސައްކަތުން ވެސް ރަނގަޅު އަސަރުތަކެއް ފެންނަ ކަމެކެވެ. މުވައްޒަފުންގެ އުފެއްދުންތެރިކަމާއި މޫޑާއި ނަފްސާނީ ސިއްހަތަށް ވެސް އަލީގެ ސަބަބުން އަސަރުކުރާކަން އެ ދިރާސާތަކުން ދައްކަ އެވެ.

އުފެއްދުންތެރިކަމާއި ދުޅަހެޔޮކަމަށް ގުދުރަތީ އަލި

ޖާނަލް އޮފް ކްލިނިކަލް ސްލީޕް މެޑިސިންގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން ދޮރު ކައިރީގައި ތިބޭ މުވައްޒަފުންނަށް ދުވާލު ވަގުތު ހުދު އަލި ލިބޭ މިންވަރު 173 ޕަސެންޓަށް އިތުރެވެ. އެކަމުގެ ނަތީޖާ އަކީ އެހެން މުވައްޒަފުންނާ އަޅާބަލާއިރު އެ މުވައްޒަފުންނަށް ރޭގަނޑު އެވްރެޖްކޮށް 46 މިނެޓް އިތުރަށް ނިދި ލިބުމެވެ އެވެ. ނިދުމުގެ ފެންވަރު ރަނގަޅުވުމަކީ މަސައްކަތަށް ފޯކަސްކޮށް ފަރުވާތެރިކަމާ އެކު ރަނގަޅަށް މަސައްކަތްކުރުމަށް ލިބޭ އެންމެ މުހިންމު އެއް ބާރެވެ.

އޮފީހެއްގައި އަލިކަން އެކަށީގެންވާ ވަރަށް ހުރުން މުހިންމު

އަބަދު މޫޑު ބަދަލުވުމާއި ސްޓްރެސްއާ ހުރި ގުޅުން

އިތުރު ދިރާސާއަކުން ދައްކާ ގޮތުގައި ގުދުރަތީ އައްޔަށް ހުށަހެޅުމުން ޑިޕްރެޝަން އާއި ހާސްކަމުގެ އަލާމާތްތައް ކުޑަވެ އެވެ. ދުވާލުގެ އަލިކަމުގައި މަސައްކަތްކުރާ މީހުންގެ ސްޓްރެސް ލެވެލް ދަށްވެ، ވަޒީފާގެ ހިތްހަމަޖެހުން އިތުރުވެ އެވެ.

އަލިކަމާއި ކަލާ ޓެމްޕަރޭޗާ

އޮފީހުގައި ރަނގަޅު ކުލައެއްގެ އަލި ހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިސާލަކަށް، ވާމް ޓޯންތަކުގެ ސަބަބުން މީހާއަށް ރިލެކްސް މާހައުލެއް އިހުސާސްވެ އެވެ. އަދި މާބޮޑަށް އަލިގަދަވެއްޖެ ނަމަ، ލޮލުގައި ރިއްސުމާއި ބޮލުގައި ރިއްސުމާއި ވަރުބަލިކަން އިތުރުވެދާނެ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

އޮފީސް މާހައުލެއް އޮންނަ ގޮތަކީ މަސައްކަތަށް އެކަމުން އަސަރުކުރާ ކަމެއް.

އަލި މަޑުވުމާއި ނަފްސާނީ ސިއްހަތު

ގުދުރަތީ އަލިކަން އެކަށީގެންވާ ވަރަށް ނުލިބުމަކީ ސީޒަނަލް އެފެކްޓިވް ޑިސްއޯޑާ (އެސްއޭޑީ) އަށް ހުށަހެޅޭ ކަމެކެވެ. އެއީ ޑިޕްރެޝަންގެ ވައްތަރެކެވެ. ދިރާސާތަކުން ދައްކަނީ ލައިޓް ތެރަޕީގެ ސަބަބުން މި މައްސަލައިގެ އަލާމާތްތައް ވަރަށް ބޮޑަށް ލުއިވާ ކަމަށެވެ.

އަނެއް ކަމަކީ މިކަމުގެ ސަބަބުން ނިދުމަށް ވެސް ބުރޫއެރުމެވެ. ސްކްރީންތަކުގެ ބްލޫ ލައިޓާއި އެލްއީޑީ ލައިޓިންގެ ސަބަބުން މެލަޓޮނިން އުފެއްދުން ދަމަހައްޓައި، ނިދުމުގެ ރޫޓިން އަށް ބުރޫއަރާފާނެ އެވެ. އެހެންވެ އެ އަލިތަކަށް ހުށަހެޅޭ މިންވަރު ކުޑަކުރުމަށް އޮފީހެއްގައި ގުދުރަތީ އަލިކަން ވީހާ ވެސް ބޮޑަށް ބެހެއްޓުން މުހިންމެވެ. ސަބަބަކޯ ނިދި މަދުވުމަކީ މީހާ ވަރަށް ބޮޑަށް ސްޓްރެސްވެ މަސައްކަތާ ދުރުކުރުވާ ކަމަކަށްވުމެވެ.

މީގެ އިތުރުން، އަބަދު އަނދިރީގައި ހުންނަން ބޭނުންވާ ނަމަ ނަފްސާނީ އެހެން މައްސަލައެއްގެ ސަބަބަކަށް ވެސް ވެދާނެ އެވެ. އެހެންވެ އެއީ ވެސް ވިސްނަންޖެހޭ ކަމެކެވެ.

އެހެންވެ، އޮފީހުގެ އަލިކަން އަދި އާންމުކޮށް އުޅޭ އުޅުމުގައި ވެސް އަނދިރީގައި ގިނައިން އުޅުމުން މީހާއަށް ކުރާ ނޭދެވޭ އަސަރު ބޮޑެވެ. އަދި އަމުދުން މިއީ މަސައްކަތު މާހައުލެއްގައި މުހިންމު ކަމެކެވެ.

Popular