12 May 2025

ނަރުހެއްގެ ކުރިމަތީ އެންމެ ހިތްދަތި ހަނދާންތައް

ނަރުހެއްގެ ކުރިމަތީ އެންމެ ހިތްދަތި ހަނދާންތައް

By: Asima Nizar

އަބަދުވެސް ބޭނުންވީ އެހެން މީހުންނަށް އަޅާލާށެވެ. އެ އެހީތެރިކަން، ބަލި މީހުންނަށް ވުރެ ބޮޑަށް ބޭނުންވާނެ އިތުރު އެހެން ބަޔަކު ނެތްކަން ގަބޫލުކުރެވޭތީ އައިޝަތު އަޒްކާ ޝަރީފު ނިންމީ އޭ-ލެވެލް އަށް ފަހު ނާސިންގެ ރޮނގުން ކުރިއަށް ދާށެވެ.

އެހެންވެ، ޑިޕްލޮމާ ނިންމުމަށް ފަހު 2018 ވަނަ އަހަރު އައިޖީއެމްއެޗާ ގުޅުނެވެ. އޭރު އެ ޒުވާން ނަރުހުގެ ދިރިއުޅުން އުފާވެރި އެވެ.

އެކަމަކު، ބައްޕަގެ ކުއްލި ވަކިވުމާ އެކު، އާއިލާގައި ދޮއްޓަށް ހުރި އަޒްކާއަށް ޖެހުނީ މަންމަ އަދި ހަގަށް ހުރި ދެ ކޮއްކޮގެ ޒިންމާތަކާ ހަވާލުވާށެވެ. އިތުރު އަންހެން ކޮއްކޮއެއް ހުއްޓަސް ކައިވެނިކޮށްގެން ވަކި ދިރިއުޅުމެއްގައި އެ ކޮއްކޮ އުޅޭތީ، ގއ. މާމެންދޫގައި ތިބި މަންމަ އާއި ދެ ކޮއްކޮ 2021 ވަނަ އަހަރު ހުޅުމާލެ ގެނަ އެވެ.

ނަރުހެއްގެ ގޮތުގައި ޑިސެމްބަރު، 2022 ގައި ލިބުނު އުމްރާ ދަތުރެއްގައި އަޒްކާ ސައުދީގައި.

އެންމެ ހަގަށް ހުރި އަންހެން ކުއްޖާ ކިޔަވަނީ ގްރޭޑު 9 ގަ އެވެ. ފިރިހެން ކޮއްކޮ ކިޔަވަނީ ގްރޭޑު 5 ގަ އެވެ.

އަޒްކާ ބުނީ ހުޅުމާލޭގައި ދިރިއުޅުނަސް އެ ދެ ކުދިން ފުރަތަމަ ކިޔެވީ މާލޭގައި ކަމަށެވެ. އެހެންވެ، ހެނދުނު ޑިއުޓީއަށް އަންނަނީ އެ ތަނުން އެކަކު ގޮވައިގެންނެވެ. ނަމަވެސް، ވަކި ހިސާބަކުން ފިރިހެން ކޮއްކޮ ހުޅުމާލެ ސްކޫލަށް ބަދަލުކުރި އެވެ. އެކަމަކު އަންހެން ކުއްޖާއަށް ހުޅުމާލެ ސްކޫލުން ޖާގަ ލިބޭނެ ގޮތެއް ނެތުމުން، އަޒްކާ އަންނަނީ މިހާރު ކޮންމެ ދުވަހަކު ކޮއްކޮ ގޮވައިގެންނެވެ.

އެ ކުއްޖާ ސްކޫލު ނިމޭ ހިސާބުން ބަލައި ދަނީ އަޒްކާގެ ފިރިމީހާ އެވެ.

View this post on Instagram

A post shared by Crumble N’ Flakes by Akki (@crumble.n.flakes)

އަޒްކާ އޭނާގެ މަސައްކަތެއް: ހުސް ވަގުތުގައި އޭނާ ކޭކު އަޅައި އޭގެ ވިޔަފާރި ކުރޭ.

ނާސިންގެ ރޮނގުން މާސްޓާސްއަށް ވެސް ކިޔަވަމުން އަންނަ 29 އަހަރުގެ ޒުވާނާ ބައްޕަގެ މަރަށް ފަހު މަޑުމަޑުން ހަމައަކަށް އެޅެމުން ދަނިކޮށް އަނެއްކާވެސް ކުރިމަތިވީ ހިތްދަތިކަމެވެ. ކައިވެންޏަށް އަށެއްކަ އަހަރު ފަހުން ބަލިވެ އިނދެ އަލަތު ދަރިފުޅަށް ހުރިހާ ކަމެއް ފުރިހަމަކޮށް، ދުވަސްފުރައި ބަނޑުގައި ރިހެން ފެށުމިން ހޮސްޕިޓަލަށް ދިޔައިރު އެނގުނީ އެ ދަރިފުޅު ވެސް މަރުވެފައިވާ ކަމެވެ. އެއީ މިދިޔަ އަހަރުގެ މެއި 28 އެވެ.

އޭގެ ފަހުން އެންމެ ބުރަ ބޮޑު ހޮސްޕިޓަލްގެ އަންހެނުންގެ ޑިޕާޓްމަންޓުގައި މަސައްކަތްކުރަން އަޒްކާއަށް އުނދަގޫވި އެވެ. އެކަމަކު، އެހެން ތަނެއްގައި މަސައްކަތްކުރަން ބޭނުން ނުވާތީ ކޮންމެ ވެސް ހިސާބަކުން އެ ހިތްދަތިކަމުން އަރައިގަންނަން ދަސްކުރަން ޖެހޭނެ ކަމަށް އޭނާ ދިޔައީ އަމިއްލަ ނަފްސަށް ކިޔައިދެމުންނެވެ.

އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އާއިލީ މަސްއޫލިއްޔަތުތަކެވެ.

އަޒްކާގެ މަންމަ އާއި ބައްޕަ އަދި ކޮއްކޮމެން.

"އެންމެ ބޮޑު ހިތްވަރަކީ މަންމަ އާއި ކޮއްކޮމެންނާއި ފިރިމީހާ. އަޅުގަނޑަށް އެނގޭ އަޅުގަނޑުކަން ހުރީ ހުރިހާ ޒިންމާއެއް ނަގަން. އަޅުގަނޑު ނުގޮސްފިއްޔާ ދެން ކަންތައް ކޮށްދޭނެ އެހެން މީހެއް ނެތްކަން. އެހެންވެ، މި އަށް އަހަރުގެ ތެރޭގައި އެންމެ ދުވަހަކު ސިކް ލީވެއް ނެގީ،" އޭނާ ބުންޏެވެ.

ރެޖިސްޓާޑް ނަރުހެއްގެ ގޮތުގައި މަސައްކަތްކުރާ އަޒްކާ ބުނީ ނާސިން އަކީ ކޮންމެ ދުވަހަކު އެތައް ކަމެއް ދަސްވާ ތަޖުރިބާއެއް ކަމަށެވެ. ތަފާތު އެކި ބަލި މީހުންނާ ދިމާވެ، އެ މީހުންގެ ފަރާތުން ކޮންމެ ދުވަހަކު ވެސް އާ ފިލާވަޅެއް ލިބޭކަން އޭނާ ގަބޫލުކުރެ އެވެ.

އަޒްކާ، ނާސިންގެ ޑިގްރީ ސެޓްފިކެޓް ހާސިލްކުރަނީ.

"އިމޯޝަނަލީ ވެސް ވަރަށް ޗެލެންޖިން ދާއިރާއެއްގެ ގޮތުގައި އަޅުގަނޑު [ނާސިން] ފާހަގަކުރަނީ،" އަޒްކާ ބުންޏެވެ.

އަމިއްލަ ދަރިފުޅު ވަކިވެގެން ދިޔައީ ވެސް ތަގްދީރުގެ ނިޔާ ކަމަށް ގަބޫލުކޮށް، ވޯޑުގައި އުޅޭއިރު އެހެން މީހަކަށް މި ފަދަ ހިތްދަތިކަމެއް ކަމެއް ދިމާވުމުން، އަޒްކާއަށް އޭނާގެ މާޒީ ހަނދާންވެ ދެރަވެ އެވެ. އޭގެ އަނެއް ކޮޅުން، މީހަކަށް ސިއްހަތު ރަނގަޅު ކުއްޖެއް ލިބުމުން އެންމެ އުފާވާ އެކަކަކީ ވެސް އަޒްކާ އެވެ.

އޭނާ ބުނި ބައްޕަގެ ކުއްލި ވަކިވުމާއި އޭގެ ދެ ތިން އަހަރު ފަހުން އަލަތު ދަރިފުޅު މަރުވުމުން ނަފްސާނީ ގޮތުން މީހާއަށް ވަރަށް އުނދަގޫތައް ވި ކަމަށެވެ. އެކަމަކު، އެކުގައި މަސައްކަތްކުރާ އެންމެންގެ ފަރާތުން ލިބުނީ ވަރަށް ބޮޑު ހިތްވަރެއް ކަމަށް އޭނާ ބުންޏެވެ.

މިއީ އަޒްކާގެ ތަޖުރިބާ އެވެ. އެކަމަކު މިފަދަ ހިތްދަތި އަދި އުނދަގޫ އެތައް ހަނދާންތަކާ އެކު އެތައް ނަރުހުންނެއް އެ ހިދުމަތް ދެނީ ގަދަ ހިތްވަރާ އެކުގަ އެވެ.

ސިއްހަތު އައިޖީއެމްއެޗު ނަރުހުންގެ ދުވަސް ނަރުހުން

Popular