By: Asima Nizar
ފޮޓޯ ނެގުމާ ގުޅޭ މާ ގިނަ މައުލޫމާތެއް އޭރު ނޭނގުނަސް މުހައްމަދު މިހާޒުގެ ދިރިއުޅުމަށް އައި ބަދަލުގެ ފެށުމަކީ 2010 ވަނަ އަހަރު ގެންގުޅުނު ސޮނީ އެރިކްޝަން ފޯނުން ނެގި ފޮޓޯތަކެވެ. އޭގެ އަހަރެއް ފަހުން ޑިޖިޓަލް ކެމެރާއެއް ގަނެ، ފޮޓޯ ނެގުމުގެ ތެރެއަށް ވަދެ ހުސްވީ އެވެ.
ހދ. ކުޅުދުއްފުއްޓަށް އުފަން 34 އަހަރުގެ ފޮޓޯގްރާފަރު ބުނި ގޮތުގައި ކެމެރާއިން ފުރަތަމަ ނަގަން ފެށީ ގުދުރަތީ މަންޒަރުތަކާއި ރަށުގައި ހިންގާ ޔަންގް ޖެނެރޭޝަން ނަމަކަށް ކިޔާ ޖަމިއްޔާއިން ބޭއްވި ހަރަކާތްތަކެވެ.
ނަމަވެސް، ފޮޓޯ ނަގާކަން މީހުންނަށް އެނގެން ފެށުމާ އެކު ގިނަ ބައެއްގެ ސަޕޯޓު ލިބެން ފެށި އެވެ. ލިބުނު ހިތްވަރުގައި ފަހަރަކު ފިޔަވަޅެއް ކުރިއަށް އަޅަމުން ގޮސް މިހާރު އޭނާ އަކީ ބޮޑުތިލަދުންމަތީގެ ފޮޓޯގްރާފަރަކަށް ވެއްޖެ އެވެ.
މިހާޒު ފޮޓޯއެއް ނަގަނީ.
މިހާޒު ބުނީ، މީހުންނާއި ވެޑިންގެ ފޮޓޯތައް ނެގުމަށް ލައިޓާއި އެކަމަށް ބޭނުންވާ އިތުރު އާލަތްތައް 2019 ވަނަ އަހަރު ގަތުމަކީ މަސައްކަތަށް ބޮޑު ބަދަލެއް ކަމަށެވެ. މަސައްކަތަށް ޑިމާންޑު ބޮޑުވެ އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި މިކަން ފުޅާކުރުމަށް ދޮރުތައް ހުޅުވުނެވެ.
އުތުރުގެ އަތޮޅުތަކުގައި އެންމެ ކާމިޔާބު އެއް ފޮޓޯގްރަފަރު ބުނި ގޮތުގައި މިހާރު ވެސް ޑިސެމްބަރު މަހަށް ވެޑިން ފޮޓޯތަކުގެ ބުކިން ވަނީ ފުލްވެފަ އެވެ.
ވެޑިންއެއްގައި މިހާޒު ނަގާފައިވާ ފޮޓޯއެއް. މި ފޮޓޯތައް ނެގުމަށް ކުރި މަސައްކަތްތާއި ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށް ބުނި.
"ގިނަ ބައެއްގެ ސަޕޯޓު ލިބޭ އަދި ޕޮޒިޓިވް ފީޑްބެކް ވެސް ލިބޭ. މިދިޔަ އަހަރު ވެސް 60 އަށްވުރެ ގިނަ ފޮޓޯގްރަފީ ނެގުނު އަދި މި އަހަރުގެ މިހާތަނަށް 44 ވެޑިންގެ ފޮޓޯގްރަފީ ނެގިފައިވަނީ. އެހެންވީމަ، ގަބޫލުކުރަނީ މީހުން ބަލައިގަންނަ ވަރަށް [ފޮޓޯ] ޑެލިވާކުރެވޭ ކަމަށް،" މިހާޒު ބުންޏެވެ.
"އެއީ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ."
މިހާޒު ނަގާފައިވާ ވެޑިން ފޮޓޯއެއް. އޭނާ ބުނީ މިއީ އޭނާ އެންމެ ހިތްހަމަޖެހޭ ފޮޓޯތަކުގެ ތެރެއިން ފޮޓޯއެއް ކަމަށް
އޭނާ އެންމެ ހިތްހަމަޖެހެނީ ވެޑިން ކަވަރޭޖުތަކާއި 2023 އަދި މި އަހަރު ބޭއްވި ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ ކަވަރޭޖެވެ.
ކުޅުދުއްފުށީގެ ގައުމީ ޔުނިވާސިޓީ ކެމްޕަހުގައި ސީނިއާ ކޮމްޕިއުޓާ ޓެކްނީޝަނަކަށް މަސައްކަތްކުރާ މިހާޒު، ފޮޓޯ ނަގަނީ ހަފުތާ ބަންދުތަކުގަ އެވެ. ނުވަތަ ރަސްމީ ޑިއުޓީގެ ފަހުންނެވެ. ވެޑިން ސީޒަނެއް ނަމަ، ވެޑިން ބުކިންތައް ނިންމަނީ، މިހާޒު، ބުނި ގޮތުގައި ޗުއްޓީ ނަގައިގެންނެވެ.
ކުޅުދުއްފުށީ ކުޅީގައި ފްލެމިންގޯތަކެއް ޖެއްސި ވަގުތު މިހާޒުގެ ކެމެރާއިން ނެގި ފޮޓޯއެއް. ރަށްރަށާއި ގުދުރަތީ ތަންތަނުގެ ފޮޓޯތައް ހިއްސާކުރަނީ މި ޕޭޖުގައި.
ފޮޓޯގެ ދަތުރުގައި އޭނާ ވަނީ ހއ. ހދ، އަދި ށ. އަތޮޅުގެ 40 އަށްވުރެ ގިނަ ރަށަށް ދަތުރުކޮށްފަ އެވެ. އެ ހުރިހާ ތަނަކުން ވެސް އުފާވެރި މަންޒަރުތައް، އެ ކެމެރާގައި ވަނީ ރައްކާކޮށްފަ އެވެ.