12 Jul 2026

By: Asima Nizar

މިއީ ހަމަ އެންމެންހެން މިކަން ކުރާ ގޮތެވެ. ކައްކަން ފްރިޖުން މަސް ނުވަތަ ކުކުޅު ނެގުމަށް ފަހު ދޮންނާނެ އެވެ. އެކަމަކު އެއީ ބޮޑު ގޯހެއްކަން އެނގޭހެއްޔެވެ؟

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައި އދ. ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން އާއި ޑަބްލިޔުއެޗްއޯ އިން އާންމުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ރޯކުކުޅު/ރޯމަސް ފްރިޖުން ނަގައި ދޮވުމަކީ އޭގައި ހުންނަ ނުރައްކާތެރި ޖަރާސީމުތައް އަތަށާއި ކައްކަން ބޭނުންކުރާ ސާމާނާއި ތަކެތި ބަހައްޓާ ތަންތަނުގެ އިތުރުން އެހެނިހެން ކާބޯތަކެއްޗަށް ފެތުރިގެންދާނެ ކަމެކެވެ.

މީގެ އިތުރުން ވެސް އަހަރެމެން އާދަވެ ކުރާ، ނުރައްކާތެރި ބައެއް ކަންކަން ވަނީ ފާހަގަކޮށްފަ އެވެ. 

ބިންމައްޗަށް ވެއްޓޭ އެއްޗެހި ނަގައި ކާލިޔަސް ރަނގަޅުވާނެ؟

ބިންމައްޗަށް ވެއްޓޭ އެއްޗެއް އަވަހަށް ނަގައި ކާލުމަކީ މައްސަލައެއް ނޫން ކަމަށް އާންމުކޮށް ކިޔައި އުޅުނަސް އެއީ ވެސް ގޯހެއް ކަމަށް ބުނެފައިވެ އެވެ. 

އާންމުކޮށް ކިޔައި އުޅޭ ގޮތުން ނަމަ އެއްޗެއް ވެއްޓުމާ އެކު ފަސް ސިކުންތު ތެރޭ ނަގައި ކާލައިފި ނަމަ އެއީ މައްސަލައެއް ނޫނެވެ. 

އެކަމަކު އެ ޖަމިއްޔާއިން ބުނީ ކާ އެއްޗެއް ބިންމައްޗަށް ވެއްޓިއްޖެ ނަމަ ވަގުތުން ޖަރާސީމު އެރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. މިއީ ބައެއް ހާލަތްތަކުގައި ބަލިޖެހެން މެދުވެރި ވެސް ވާ ކަމެކެވެ. 

ކާ އެއްޗެއް ވެއްޓުނަސް، ފަސް ސިކުންތުގެ ތެރޭގައި ވިއަސް އެ ނަގައި ކެއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ. 

"ކާތަކެތީގައި ހިމެނޭ ޖަރާސީމުގެ ތެރެއިން އިންސާނުންނަށް ބަލި ޖައްސާ ގިނަ ޖަރާސީމުގައި ވަހެއް އަދި ބަލައި ބެލުމަށް ތަފާތެއް ނުހުންނާނެ،" ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައި އދ. ގެ އޮފީހުން މިދިޔަ މަހު ކުރި ޕޯސްޓުގައިވެ އެވެ.

ތޮށި ނޮޅުމުގެ ކުރިން ދޮންނަން ޖެހެނޭ؟

މޭވާ އަދި ތަރުކާރި ތޮށި ނޮޅަން ނުވަތަ މަށަން ބޭނުންވާ ނަމަ އޭގެ ކުރިން އެ ދޮންނަން ޖެހޭނެ އެވެ. ސަބަބަކީ އދ.ގެ އިދާރާތަކުން ބުނި ގޮތުގައި ނުދޮވެ ތޮށި މަށާ ނަމަ، ތޮށީގެ ބޭރުގައި ހުންނަ ނުރައްކާ މާއްދާތައް މޭވާގެ ތެރެއަށް ދިއުމަށް ބޮޑު ފުރުސަތެއް އޮންްނާތީ އެވެ. 

ނުރައްކާ ބެކްޓީރިއާތައް، ގަނޑުކޮށްލީމާ މަރުވާނެ؟

ބައެއް ބާވަތްތަކުގެ ނުރައްކާތެރި ބެކްޓީރިއާއަކީ ފިނިކޮށް، ގަނޑުކުރުމުން މަރުވާ އެއްޗެއް ކަމަށް ހީވެފައި އޮންނަނީ މުޅިން ގޯސްކޮށެވެ.

ގަނޑުވުމުން ބައެއް ބެކްޓީރިއާ އިތުރަށް ނުފެތުރި "ހުއްޓިފައި" ހުރެ އެވެ. އެކަމަކު އަނެއްކާވެސް ގަނޑު ފިލުމާ އެކު ފެތުރިގަ އެވެ.  އަދި އިންސާނުންގެ ސިއްހަތަށް ނުރައްކާވާ މިންވަރަށް އިތުރުވާން ފަށަ އެވެ.

އެކަމުން ރައްކާތެރިވާން؛

  1. ރޯކޮށް ހުންނަ ކާނާ ގަނޑުފިލުވުމަށް، ރޫމް ޓެމްޕަރޭޗަރުގައި ހާމައަށް ބެހެއްޓުމުގެ ބަދަލުގައި އަބަދުވެސް ފްރިޖުގެ ފިނިކުރާ ބައިގައި ބަހައްޓައިގެން ގަނޑުފިލުވުން
  2. ކާނާ ތައްޔާރުކުރާއިރު، އޭގެ އެންމެ އެތެރެއަށް ވެސް ހޫނުވާނޭހެން ފުރިހަމައަށް ކެއްކުން

ކާބޯތަކެތީގެ ރައްކާތެރިކަމަށް ގިނަ ފަހަރަށް ސަމާލުކަމެއް ނުދެވެ އެވެ. ނަމަވެސް، ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަން އެނގި، އަމަލުުކުރުމަކީ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ސަލާމަތްވުމަށް އެޅޭނެ ބޮޑު ފިޔަވަޅެކެވެ. 

ކާނާ ކާބޯތަކެތީގެ ރައްކާތެރިކަން

Popular