By: Ahmed Nadym
ކުރު ހެދުންލައިގެން ފާޑުފާޑު ގޮތްގޮތަށް ދިވެހި އަންހެނަކު ފޮޓޯނަގައި އުޅޭ ނަމަ ހުތުރު ފުރައްސާރައިން ސަލާމަތް ވެވިދާނެހެން ހިއެއް ނުވެ އެވެ. އަދި ވަކިން ހާއްސަކޮށް އިންސްޓަގްރާމް ނުވަތަ ސޯޝަލް އެހެން މީޑިއަމްއެއްގައި އެފަދަ ފޮޓޯތައް ޝާއިއުކުރާ ނަމަ ވާނެ ގޮތް މުޖުތަައުން އެބަ ފެނެ އެވެ. އެކަމަކު މޭކްއޯވާގެ މިފަހަރުގެ ހޮވުން ކަމުގައިވާ ފާތިމަތު ޒަޔަން އަކީ އެ ވިސްނުން މުޅިން ބަދަލުކޮށް ޕޮޒިޓިވް ވައިބެއް އުފެއްދުމަށް ކެމެރާގެ ކުރިމައްޗަށް އަންނަ ޒުވާން އަންހެން ކުއްޖެކެވެ.
ކައިޒީންގެ މޭކްއޯވާ، ބިހައިންޑް ދަ ސީންސް. -- ވީޑިއޯ: އަފްޝީން ނަސީރު
އުމުރުން 22 އަހަރުގެ ޒަޔަން ވަރަށް ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ހޯދާފައި ވަނީ އޭނާގެ އިންޓަގްރާމް އެކައުންޓް މެދުވެރިކޮށް، ކައިޒީންގެ ނަމުގަ އެވެ. ކައިޒީންއޭ ބުނީމާ އެއީ ކިހާވަރެއްގެ ނަމެއް ކަމާއި ރީތިކަމެއްކަން ސޯޝަލްމީޑިއާގެ ހުރިހާ ރަށްވެހިންނަށް ވެސް ދެން އެނގޭނެ އެވެ.
ފޮޓޯ: މަސްރަހް
އެހެންކަމުން ބުނަން ޖެހޭނީ މޭކްއޯވާގެ މި ސިލްސިލާގައި އަަހަރެމެންގެ ސްޓައިލިސްޓާއި މޭކަޕް އާޓިސްޓަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިކުރި މޫނަކީ ވެސް މިއީ ކަމަށެވެ. އެއްގޮތަކަށް ވެސް އޭނާއާ އެކު މަސައްކަތްކުރަން އުނދަގުލީކީއެއް ނޫނެވެ. އެކަމުގެ ޕްރޮފެޝަނަލް މިންގަނޑުގައި ކައިޒީން އަކީ ހަމަ އެއް ވަނަ އެވެ.
ފޮޓޯ: މަސްރަހް
ނަމަވެސް އާންމު ދިރިއުޅުމުގެ ކޮންމެ ދުވަހެއް ވެސް އޭނާގެ ހަޔާތުގައި "ފުރިހަމަ މޭކްއޯވާ" އަކަށް ވެފައި އޮތުމުން އޭނާ އާންމުކޮށް ދައްކާ ޕޯޒްތަކާއި ހިތްގައިމުކަމަށްވުރެން ތަފާތު ފޮޓޯތަކެއް ނެރުންވީ ހީކުރި ވަރަށް ވުރެން އުނދަގޫ ކަމަކަށެވެ.
ފޮޓޯ: މަސްރަހް
ނަމަވެސް ސްޓައިލިސްޓް ނޫރާ ރަޝީދާއި މޭކަޕް އާޓިސްޓް އަމާނީ އަދި ފޮޓޯގްރަފާ މަސްރަހް ގުޅިގެން މި ވަނީ ސޯޝަލް މީޑިއާގެ މި ކުއީންގެ މުޅިން އާ މޫނުތަކެއް އުފައްދައިފަ އެވެ.
ނަމަވެސް ކައިޒީން ބުނަނީ މޮޑެލްއެއްގެ ގޮތުގައި ކުރިއަށް ދާން ކިތަންމެ ބޭނުންވިޔަސް އެ ހުވަފެން ރާއްޖޭގައި ހަގީގަތަކަށްވުމަކީ ވަރަށް އުނދަގޫކަމެއް ކަމަށެވެ. ރަސްމީ ވަޒީފާ ކެބިންކްރޫއެއްގެ ގޮތުގައި މޯލްޑިވިއަންގައި އަދާކުރަމުން އަންނަނީ ވެސް ހަމައެކަނި މޮޑެލްކުރުމާއިގެން މިތަނުގައި އުޅެވެން ނެތީމަ އެވެ.
ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް އެންޑް ހެއާ: އަމާނީ | ވޯޑްރޯބް: ރޮމްބަސް
"މޮޑެލްއެއްގެ ގޮތުގައި އެވަރަށް ކުރިއަށް ދެވޭކަށް އަދި ނެތް ރާއްޖޭގައި. މިހާރު ކުރު އެއްޗެހި ލިޔަސް މާ ގިނަ ބަޔަކު އެކަން މާ ބޮޑު ކަމަކަށް ނުހަދާ. އެއީ ދެން މިހާރުގެ ޓްރެންޑެއްތާ. ފޮޓޯޓައް ސޯޝަލް މީޑިއާގައި ޕޯސްޓްކުރާތީ ކުރިން ނެގެޓިވް ކޮމެންޓްސް ވެސް ލިބޭ. މީހުން ފާޑުފާޑުގެ ވާހަކަ ވެސް ދައްކާ. އެކަމަކު މިހާރު ލިބެނީ ހަމަ ލޯބި،" ކުރިއަށް ދާން ލިބޭ އެންމެ ބޮޑު ހިތްވަރަކީ އެ ލޯތްބާއި ފިރިމީހާ އާއި މަންމަގެ ހާއްސަ ސަޕޯޓާއި ލޯބިކަމަށް ފާހަގަކޮށް ކައިޒީން ބުންޏެވެ.
ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް އެންޑް ހެއާ: އަމާނީ | ވޯޑްރޯބް: ރޮމްބަސް
"މީީހުން ދެކޭ ގޮތަކަށް ނޫން ކައި ބަލަނީ. ކައި އަށް ކަމުދާ، ހިތްހަމަޖެހޭ ގޮތަކަށް އުޅެވޭތޯ ބަލަނީ. އޭރަކު ޓްރެންޑްވާ ފެޝަން ސްޓައިލްތަކަށް ވެސް ވަރަށް ބަލައިގެން އުޅެނީ. އެގޮތަކަށް ޑްރެސްކުރެވޭތޯ ބަލަނީ ވެސް އެހެންވެގެން. އެކަމަކު އާންމުންގެ ތެރެއަށް ބޭރަށް ނުކުމެ އުޅޭއިރަކު އެހާ ކުރު އެއްޗިއްސެއް ނުލަން."
ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް އެންޑް ހެއާ: އަމާނީ | ވޯޑްރޯބް: ރޮމްބަސް
ހިތްކިޔާ އިމުގައި ފޮޓޯނަގައި ސޯޝަލް މީޑިއާގައި އާންމުކުރިޔަސް ކައިޒީން ބުނީ އާންމުންގެ ތެރޭގައި އުޅޭއިރު އޭނާ އުޅެނީ ހުރިހާ ކަމަކަށް ވެސް ނިކަން ބަލައިގެން ކަމަށެވެ. އަނެއްކޮޅުން ގާތްގަނޑަކަށް ކޮންމެ ދުވަހަކުހެން މޯލްޑިވިއަންގެ ފްލައިޓްތަކުގައި އެތައް ސަތޭކަ ބަޔަކާ ކުރިމަތިލައި ހިދުމަތް ދޭން ޖެހޭ މޫނަކަށްވާއިރު އޭނާ ހިފަހައްޓަން ޖެހޭ މިންގަނޑުތަކެއް ވެސް ހުރެ އެވެ. އެކަމަކު ކައިޒީން ބުނަނީ މޮޑެލްކުރުމަށް އޭނާގެ ހިތް ހުޅުވިފައި އޮތް މިންވަރަށް ދަތުރުކުރުމާއި މީހުންނަށް ހިދުމަތްކުރަން ވެސް ބޭނުންވާ ކަމަށެވެ.
ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް އެންޑް ހެއާ: އަމާނީ | ވޯޑްރޯބް: ރޮމްބަސް
"މިގޮތަށް ކަސްޓަމާ ކެއާ ދާއިރާއަކީ ނިކަން މަސައްކަތްކުރަން ބޭނުންވާ ދާއިރާއެއް. އެގޮތުން ކެބިން ކްރޫއެއްގެ ގޮތުގައި ގައުމީ އެއާލައިންގައި މަސައްކަތްކޮށްލަން ފުރުސަތި ލިބިފައިވާތީ އެކަމާ ވަަރަށް އުފާވޭ. އެކަމަކު މިހާރު ބޮޑަށް ބޭނުންވަނީ ޕައިލެޓަކަށް ވާން. މި ދާއިރާގައި އުޅެ އެންމެފަހުން އެކަމަށް ހިތްޖެހިފައިވާތީ،" ސަމާސާއަކަށް ހަދާލާފައި ނަމަވެސް ކައިޒީން އޭނާގެ އިތުރު ހުވަފެންތަކުގެ ވާހަކަ ވެސް އިންޓަވިއުގެ މެދަށް ވައްޓާލި އެވެ.
ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް އެންޑް ހެއާ: އަމާނީ | ވޯޑްރޯބް: ރޮމްބަސް
އޭނާ ބުނީ ކޮންމެ ދުވަހަކުވެސް އަށްގަޑިއިރު ނުވަތަ ނުވަ ގަޑިއިރު ދަތުރުމަތީގައި ހޭދަކުރަން ޖެހުނަސް ކެބިން ކްރޫއެއްގެ ވަޒީފާ އަކީ އެއްގޮތަކަށް ވެސް ފޫހި އަދި ބުރަ ކަމެއް ނޫން ކަމަށެވެ. އަދި މިހާ ބުރަކޮށް އުޅެމުން ވެސް އޭނާގެ ހިތް އެ ދިމާލެއްގައި އޮތް މޮޑެލިންގެ ދާއިރާ އަށް ވަގުތުު ހޯދަން ވެސް އެހާ ބޮޑު ހުރަސްތަކެއް ނެތް ކަމަށެވެ.
ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް އެންޑް ހެއާ: އަމާނީ | ވޯޑްރޯބް: ރޮމްބަސް
މޮޑެލްކުރުމުގެ ދާއިރާ އަށް ކައިޒީން ވަނީ 2011 ވަނަ އަހަރު މާލޭގައި ބޭއްވި ފެޝަން ޝޯއެއްގެ ތެރެއިންނެވެ. އެ ހިސާބުން ފެށިގެން މިހާރު ވެސް އޭނާ އަކީ ގަވާއިދުން ފެޝަން ޝޯތަކުގެ ރަންވޭތައް ފަޅުފިލުވައި އިޝްތިހާރުތަކުން ޓީވީ އާއި ބިލްބޯޑުތައް ވެސް ފަޅުފިލުވަމުން އަންނަ މަޝްހޫރު މޫނެކެވެ.
ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް އެންޑް ހެއާ: އަމާނީ | ވޯޑްރޯބް: ރޮމްބަސް
މަޝްހޫރު އަދި އެވަރަށް ރީތި މޮޑެލްއެއްގެ ގޮތުގައި ކައިޒީން ފައިތިލަ ސާބިތުކޮށްލާފައިވާއިރު މިފަދަ މޫނުތައް ރިހި އިސްކިރީނަށް ގެނައުމަކީ އަބަދުވެސް ފިލްމު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ވިސްނުމެކެވެ. ދިވެހި އެތައް ފިލްމަކުން މިހާރު ވެސް ކައިޒީން އަށް އެތައް ފުރުސަތެއް ލިބިއްޖެ އެވެ.
ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް އެންޑް ހެއާ: އަމާނީ | ވޯޑްރޯބް: ރޮމްބަސް
ނަމަވެސް އޭނާ ބުނަނީ ވީޑިއޯ އިޝްތިހާރު ކުޅުނަސް ބޮޑު ފިލްމެއް ކުޅެން އޭނާގެ ރަސްމީ ވަޒީފާ ދޫކޮށްލަން މިވަގުތަށް ވަރަށް އުނދަގޫ ކަމަށެވެ. ނަމަވެސް ފިލްމީ ދާއިރާގެ އެކި ފަރާތްތަކުން ފާރަލަމުން ގެންދާ މޫނުތަކުގެ އެންމެ ކުރީގައި އުޅޭ މޫނަކީ މިއީ އެވެ.
ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް އެންޑް ހެއާ: އަމާނީ | ވޯޑްރޯބް: ރޮމްބަސް
ފިލްމު ކުޅުމުގެ ހިޔާލެއް މިވަގުތަށް ނެތް ނަމަވެސް ކައިޒީން ބުނަނީ ވަޒީފާއާ ދުރަށް ދާން ވޯތުވާ ވަރުގެ ހުށަޙެޅުމެއް އޭނާ އަށް ލިބިއްޖެ ނަމަ ފިލްމު ވެސް ކުޅެފާނެ ކަމަށެވެ. އެހެންވީމަ ބޯޅަ މިހާރު އެ އޮތީ ޕްރޮޑިއުސަރުންގެ ފަޅީގަ އެވެ.