31 Mar 2018

ދަރުމަވެރިން: ފިރާޝާގެ ދިރިއުޅުން ބަދަލުވި ގޮތް

ހިލޭސާބަހަށް މަސައްކަތްކުރުމަށް ލޯބި ޖެހުނީ ލިޓްލްމެއިޑާ ގުޅުނު ހިސާބުންނެވެ. ގާލް ގައިޑުގައި އުޅެ ޕްރެޒިޑެންޓް ގައިޑަކަށް ވެވުނީ ބޮޑެތި ގުރުބާނީތަކެއް ވެގެންނެވެ. މިއީ 22 އަހަރުގެ ފިރާޝާގެ ވާހަކަ އެވެ.

ހިލޭސާބަހަށް މަސައްކަތްކުރުމަށް ލޯބި ޖެހުނީ ލިޓްލްމެއިޑާ ގުޅުނު ހިސާބުންނެވެ. ގާލް ގައިޑުގައި އުޅެ ޕްރެޒިޑެންޓް ގައިޑަކަށް ވެވުނީ ބޮޑެތި ގުރުބާނީތަކެއް ވެގެންނެވެ. މިއީ 22 އަހަރުގެ ފިރާޝާގެ ވާހަކަ އެވެ.

By: Aishath Mihna Nasih

އޭނާވެސް އެންމެ ފުރަތަމަ ވަނީ ގްރޭޑް 2 ގައި ލިޓްލްމެއިޑަށެވެ. އޭރު މާ ބޮޑަކަށް މިއީ ކިހާވަރެއްގެ މަސައްކަތެއްކަން ނޭނގުނަސް، ޝައުގުވެރިކަމަކަށް ވާތީ އެކަން ކުރީ އެވެ. އިމާދުއްދީން ސްކޫލްގައި ގްރޭޑް ފަހެއް ނިންމައި ހަޔަކަށް ބަދަލުވިއިރު ލިިބުނީ ކުޑަ ޕްރޮމޯޝަނެކެވެ. ލިޓްލްމެއިޑް ނިންމައި ގާލް ގައިޑަކަށް ވީއެވެ. އޭނާގެ މުޅި ހަޔާތް ބަދަލުކޮށްލީ އެ ހިސާބުންނެވެ. ޕްރެޒިޑެންޓް ގައިޑްކަން ހާސިލްކޮށްފައިވާ ތަޝްކީލް މިސް ގެ ފަރާތުން ހިތްވަރު ލިބުނީ ހަމަ އެފަދަ މަގާމެއް ހޯދުމަށެވެ. ކަން ވީ ވެސް އެހެންނެވެ. އަމީނިއްޔާ ސްކޫލުން ގްރެޖުއޭޓްވިއިރު އޭނާހުރީ ސީދާ މިކަމަށް ކަމަރު ބަދެގެންނެވެ.

މިއީ ފިރާޝާ މުހައްމަދު، 22، އެވެ. އޭނާއަކީ ގައިޑްގެ އެންމެ މަތީ ޝަރަފްކަމުގައިވާ ޕްރެޒިޑެންޓް ގައިޑްކަން ހޯދާފައިވާ ޒުވާނެކެވެ. މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަންގެ ވޮރެންޓެޑް ގައިޑަރެކެވެ. އަދި ޓްރެއިނިން ކޮމިޓީގެ މެންބަރެކެވެ.

ފިރާޝާ މުހައްމަދަށް ޕްރެޒިޑެންޓް ގައިޑްކަމުގެ ސެޓްފިކެޓާއި ބެޖް، ރައީސް މުހައްމަދު ވަހީދު ހަސަން ދެއްވަނީ

ގައިޑްގެ ދަތުރު: ބޮޑު ތަޖުރިބާއެއް!

ބުނެލަން ކިތަންމެ ފަސޭހަޔަސް، ރާއްޖޭގައި ޕްރެޒިޑެންޓް ގައިޑްކަން ލިބިފައިވާ އަންހެނުންގެ އަދަދު އަތުން ގުނާލެވޭހާ މަދެވެ. ކުރަންޖެހޭ މަސައްކަތް ގިނަވެފައި، ހިތްވަރު ބޭނުންވަނީއެވެ. ޕްރައިމަރީ ނިންމާލިއިރު އެހިސާބަށް ދިއުމަށްޓަކައި ގައިޑްގެ ސެކަންޑް ކްލާސް ނިންމައި ފަސްޓް ކްލާހުގެ މަސައްކަތްކުރީ އަމީނިއްޔާގައެވެ. ފަހުން ސީއެޗްއެސްއީގައި ކިޔަވަމުން ތިން މަސްދުވަހުގެ ކޮމިއުނިޓީ ސާވިސްއަކަށް ކަލާފާން ސްކޫލްގެ ގައިޑް ކޮމްޕެނީ ހިންގައި ގައިޑްގެ ކަަންކަން އެ ސްކޫލްގައި ބަލަހައްޓަމުން ދިޔައިރު 2014 ވަނަ އަހަރު އޭލެވެލް ނިންމާލީ ޕްރެޒިޑެންޓް ބެޖާ ވެސް އެކުގަ އެވެ. ހަގީގީ ގައިޑިން ލައިފް ފެށުނީ އެ ހިސާބުން ކަމަށް ފިރާޝާ ބުންޏެވެ.

"ގްރޭޑް 12 ގައި އުޅެމުން ވޮރެންޓް ހަދަން ލެވަލް 1 ،2 އަށް ދިޔައީ. އަނެއްކާ އޭރު މުހިއްޔުއްދީންގެ ގައިޑް ކޮމްޕެނީ ވެސް ހިންގަމުން ދިޔައީ. އޭލެވެލްގެ ފަހު ޓެސްޓް ނިންމާފައި ހަފުތާއެއް ތެރޭ ދިޔައީ ވޯލްޑް ކޮންފަރެންސަށް، ހޮންކޮންގަށް، ދެން ހަމަ އައިސް ލަންކާއަށް ގޮސް ވިސާ ޖަހައިގެން ދިޔައީ ސްވިޓްޒަލެންޑަށް ލީޑަޝިޕް އެޑްވެންޗާއަކަށް. ގާތްގަނޑަކަށް ހަ މަސް ދުވަސް ދިޔަ މުޅިން އެއްކޮށް ގައިޑަށް،" ފިރާޝާ ކިޔައިދިނެވެ.

ފިރާޝާ މުހައްމަދު ބައިނަލަގްވާމީ ފޯރަމެއްގައި

މުޅި ހަޔާތް ބަދަލުވީ ޔަންގްލީޑާޒް ޕްރެޒިޑެންޓް ކަން ލިބުމުން

ސްކޫލް ނިންމާލައިފައި އެހެން ހުރިހާ ކުދިން އަވަސްވެގަތީ މަތީ ތައުލީމަށެވެ. ނުވަތަ ރަނގަޅު ވަޒީފާއެއް ހޯދުމަށެވެ. ނަމަވެސް ވަޒީފާއަކާ ހިސާބަށް ފިރާއަށް ދެވުނީ 2015ގަ އެވެ. އެ ހިސާބުން ވެސް އޭނާ ގައިޑިންއެއް ދުލެއް ނުކުރެއެވެ. ވަގުތު ލިބޭ ވަރަކުން ސްކޫލްތަކަށް ގޮސް ސެޝަންތައް ނަގައިދީ، ހުވާކޮށްދީ އަދި އެއަހަރު އޮތް އޮމާން ފޯރަމްގައި ވެސް ރާއްޖެ ތަމްސީލުކުރިއެވެ.

ނަމަވެސް މުޅި މި ހަރަކާތުގައި ވެސް އޭނާއަށް އައި ޓާނިން ޕޮއިންޓަކީ އެ އަހަރު ގައިޑް އެސޯސިއޭޝަންގެ ޒުވާނުންގެ ގޮފި ކަމުގައިވާ ޔަންގް ލީޑާޒްގެ ޕްރެޒިޑެންޓަކަށް އިންތިޚާބު ވުމެވެ. މުޅި އެސޯސިއޭޝަންގެ އެންމެ ބޮޑު ޑްރައިވިން ފޯސްއަކީ އެއީ ކަމުގައިވާއިރު އެ ބްރާންޗް ލީޑްކުރަން ލިބުން ވެގެންދިޔައީ އަމިއްލައަށް ވެސް ވަރަށް ބައިވަރު ކަންތައްތަކެއް އެކްސްޕްލޯ ކުރަން ލިބުނު ފުރުސަތަކަށް ކަމަށް ފިރާޝާ ބުންޏެވެ.

ގުރައިދޫގައި ހުންނަ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގާލް ގައިޑް އެސޯސިއޭޝަނުން 2015ގައި ކުރި ދަތުރުގެ ފޮޓޯއެއް

ގުރައިދޫގައި ހުންނަ، ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މިހާތަނަށް ގައިޑް އެސޯސިއޭޝަނުން ދިން އެންމެ ބޮޑު އެހީ ވެދެވުނީ އެ އަހަރުއެވެ. އޭގެ އިތުރުން އަށެއްކަ އަހަރުގެ މެދުކެނޑުމަކަށްފަހު ޔަންގް ލީޑާޒްގެ އިންވެސްޓިޗާއެއް ކުލަގަދަކޮށް ބޭއްވީ ވެސް ފިރާޝާގެ މޭސްތިރިކަމުގެ ދަށުން ހަމަ އެއަހަރުގައެވެ. މިއިން ކޮންމެ އިވެންޓެއްގެ ވެސް އެންމެ ކުދިކުދި ޓާސްކްތަކުން ފެށިގެން ބަޖެޓާއި، ޓްރާންސްޕޯޓް ފަދަ ބޮޑެތި ކަންކަމަކީ ހަމަ ޒުވާނުންގެ ގޮފިން އެކްސްކޯގެ އިރުޝާދުތަކާ އެކީގައި ކުރި ކަންކަމެވެ. އެހެންކަމުން އެފަދަ ފުރުސަތަކާއި އިތުބާރެއް ޔަންގް ލީޑާޒް އަށް އެކްސްކޯގެ ފަރާތުން ކޮށް، އެހާ ވަރުގަދަ ޓީމެއް ގޮވައިގެން އުޅެލުމަށް ލިބުނު ފުރުސަތަކީ ލައިފް ޗޭންޖިން ތަޖުރިބާއެއް ކަމަށް ފިރާޝާ ބުންޏެވެ.

"ހިތަށް އެރި ހާދަ ކޮމިޓްމަންޓެއް އެބައޮތޭ ޒުވާން ކުދިންތަކެއް ތެރޭ ގައިޑަށް. ނޫނީ މިކަހަލަ މަސައްކަތެއް ކުރަން. ރޯދަމަހު ގާތްގަނޑަކަށް މެންދުރު ދޭއް ޖަހަންދެން އޮފީހުގައި އުޅެފައި ދެން އެސޯސިއޭޝަނަށް އައިސް ސިޓީ ފޮނުވަންޖެހޭ ތަންތަނަށް ސިޓީ ފޮނުވައި، އެކި މީހުންނާ ބައްދަލުކޮށް އެކި ތަންތަނަށް ގޮސް ޑޮނޭޝަން ހޯދާ ދޯނިތަކާ ހިސާބަށް ގޮސް، އެއްޗެހި އުފުލައި ހެދި. އަނެއްކާ ގައިޑުންތަކެއް ބަޔަކަށް އެހީވާން މިކަހަލަ މަސައްކަތެއް ކުރާތީ އެތައް ބަޔަކު އެކަމަށް އެ ވެދިން އެހީ އާއި އެ ފޯރި އަސްލު ވަރަށް ބޮޑު ލޯތްބެއް އުފައްދަދިން ގައިޑަށް. އެ ދުވަހު އެނގުނު އަސްލު މުޖްތަމައު ބަލައިގަންނަކަން ފިރާމެން މިކުރާ މަސައްކަތް،" ފިރާޝާ އޭނާގެ އިހުސާސްތައް "ދޯ" އާ ހިއްސާކުރިއެވެ.

ފިރާޝާ، ސްޓާ ކުދީންތަކެއް އެންރޯލް ކޮށްދެނީ

"ކުރިމަތިނުލެވޭނެ އެއްވެސް ކަމެއް ދެނެއް ނޯންނާނެ"

އިސްލާމިކް ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން ޑިގްރީ އަށް ކިޔަވަމުން އަންނަ ފިރާޝާ އަކީ ސަން ޓީވީގެ ސީނިއާ ޕްރެޒެންޓަރެއްގެ އިތުރުން ޕްރޮޑިއުސަރެކެވެ. މިހާރުވެސް އަތޮޅުތަކަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތަކަށް އޮފީހުން ޗުއްޓީ ހަމަޖައްސައިދިނުމަކީ ދަރުމަވެރިކަމުގެ މި މަސައްކަތަށް ދެވޭ ސަޕޯޓެއް ކަމަށް ފިރާ ބުންޏެވެ.

މި ހުރިހާ ކާމިޔާބީތަކާ އެކު ގައިޑުން އޭނާއަށް ދަސްވީ ކޮންކަމެއްތޯ އެހުމުން ފިރާ ދިނީ ކުރު ޖަވާބެކެވެ.

"ފިރާއަށް ކުރިމަތިނުލެވޭނެ އެއްވެސް ކަމެއް ދެނެއް ނޯންނާނެ ހެން ހީވަނީ،"

ސަބަބެއްވެސް ނެތިއެއް ނޫނެވެ. މިވީ އަހަރުތަކުގައި ސްކޫލަށް ދަމުން، ކިޔަވަމުން، ޓެސްޓްތައް ހަދަމުން، ދިރިއުޅުމުގައި ދިމާވި ގޮންޖެހުންތަކާ ކުރިމަތިލަމުން، ވަޒީފާއަށް ދަމުން، ގައިޑްގައި ކުރިމަތިވި ހުރަސްތައް ގިރާކުރަމުން މި ހިސާބަށް އާދެވުމުން ފިރާޝާ އަށް ލިބިފައި ވަނި އާދަޔާ ޚިލާފު އިތުބާރެކެވެ.

ފިރާޝާ އެސޯސިއޭޝަންގެ ހަރަކާތެއްގައި

"އެކިކަހަލަ މިޒާޖުތަކުގެ އެކި ކަހަލަ މީހުންނާ ދިމާވެ، އެކި ކަހަލަ މަސައްކަތްކުރަންޖެހި ނުވާނެ އޭ، ނުކުރެވޭނެއޭ އެތައް ފަހަރަކު ހިތަށް އެރި. އެކަމަކު އެޓް ދަ އެންޑް އޮފް ދަ ޑޭ، އެ ހުރިހާ އޮބްސްޓެކަލްސްއާ އެކު އެކަމެއް އެޗީވް ވެއްޖެ. އެހެންވީމަ ލީޑާޝިޕަކީ ކޮބައިކަން ވަރަށް ބޮޑަށް ދަސްވެއްޖެ. އަނެއްކާ އަމިއްލަ ޕޮޓެންޝިއަލް، ވެސް އެކްސްޕްލޯ ކުރެވިއްޖެ،" ފިރާ ބުންޏެވެ.

ފިރާޝާ ލޭ ހަދިޔާ ކުރަނީ

މީގެއިތުރުންވެސް އެހެން މަސައްކަތްތަކާ ޚިލާފަށް ވޮލަންޓިއާ ކުރުމަކީ އެއްވެސްކަހަލަ މާއްދީ ފައިދާއެއް ލިބެން އޮތް ކަމަކަށް ނުވިޔަސް ބަޔަކަށް ހެޔޮ ނިޔަތެއްގައި އެހީއެއް ވެދެވުމުން އެލިބޭ ހިތްހަމަޖެހުމާއި މިފަދަ މަސައްކަތެއްގެ ތެރެއިން މުޖުތަމައަށް ގެނެސްދޭ އިމްޕެކްޓް އެ ހުރިހާ ކަމަކަށްވުރެ އަގުހުރި ކަމަށް ފިރާޝާ ބުންޏެވެ.

ވޮލަންޓިއަރުން

Popular