1 Oct 2018

ބަލި ހިތާ އެކު ރިޝްމީ ރޭހުގެ ކުރީގައި

ބަލި ހިތާ އެކު ރިޝްމީ ރޭހުގެ ކުރީގައި

By: Aishath Maaha

ރާއްޖޭގައި މި ފަހަކަށް އައިސް ބާއްވާ ހުރިހާ ދުވުމެއްގައި ކަހަލަ ގޮތަކަށް އަންހެނުންގެ ތެރެއިން ބޮޑު ކާމިޔާބެއް ހޯދާ އެކަކީ އައިޝަތު ރިޝްމީ އެވެ. ދުވާ ޓްރެކްގައި އޭނާއާ މުހާތަބްކުރާ ނަމުން ނަމަ އިއްތި އެވެ.

އައްޑޫގައި އައިރަނާސް އިން ބޭއްވި ހާފް މެރަތަންގައި އަންހެނުންގެ ބައިން ދެވަނަ ހޯދިއިރު ރަނިން އައްޑޫގައި ވަނަ ނުހޮވި ނަމަވެސް އަންހެނުންގެ ތެރެއިން އެންމެ ކުރިން ރޭސް ނިންމާލި މީހަކީ އިއްތި އެވެ. އޭގެ އިތުރުން ވެސް އެކި ދުވުންތަކުގައި އިއްތި ބައިވެރިވެއްޖެ އެވެ. އިއްތިގެ ވާހަކަ ހާއްސަވަނީ ހަމައެކަނި އެހެންވެއެއް ނޫނެވެ. ބަލި ހިތެއް ހިފައިގެން ނުކުމެ މެރަތަން ތަކުގައި އޭނާގެ ހިތްވަރު ދައްކާތީ އެވެ.

ޓްރެކަށް އިއްތިގެ ދިރިއުޅުން ތައާރަފްވުމުގެ ކުރިން އިއްތިގެ ދިރިއުޅުން ގޮސް ވެއްޓުނީ ޑިޕްރެޝަންގެ އަނދިރި ދުނިޔެއަކަށެވެ. އެކަމަކު އެއީ ހިތުގެ އޮޕަރޭޝަނަށް ފަހުގަ އެވެ. އޭގެ މާކުރިން ވެސް އިއްތި ހުރީ ނިކަން ރަނގަޅަށް ތައްޔާރުވެގެން ދުވަން ދާށެވެ. އޭނާގެ ހިތުގައި އެއްވެސް ކަހަލަ މައްސަލައެއް ހުރިކަން އޭރު ނޭނގެ އެވެ. އެއީ 2013 ވަނަ އަހަރު އިއްތި ޔޫކޭގައި ދިރިއުޅެމުން ދިޔަ ދުވަސްވަރެވެ.

ޑރ. މުނާއާ އެކު ފުރަތަމަ ފަހަރަށް ދުވަން ދިޔަ ދުވަހު ނުދުވެވުނީ އެވެ. އެންމެ މިނެޓަކަށް ވެސް ނުދުވެވުނީ އެވެ. ހަފުތާއެއް ވާންދެން ދިޔައިރު ކުޑަ ތަންކޮޅަކަށް ވެސް ނުދެވެވެ އެވެ. ހިތުގެ ހިނގުން އަވަސްވެ ހިތް ހުއްޓެން އުޅޭހެން ހީވާވަރަށް ހިތުގެ ހިނގުން އަވަސްވީ އެވެ. ނުދުވެވުނަސް ދުވަން ދާން އޭރު އިއްތިގެ ހިތުގައި ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދިއްޖެ އެވެ.

އިއްތި. --

"ސްކޫލްގައި އުޅުންއިރު ހައި ޖަމްޕް ޖަހާ ހަދަން. އެތުލެޓިކްސްގައި ބައިވެރިވަން. ހައި ޖަމްޕް އާންމުކޮށް ޖަހަނީ. ބައެއް ފަހަރު ރިލޭތަކުގައި ވެސް ބައިވެރިވަން. އޭރުވެސް ދުވެލާއިރަށް ވަރުބަލިވާކަން އެނގޭ. ވަރަށް ކަންނެތްވާނެ އެހެންވެ. ރަށަށް ދާ ފަހަރަކު ވެސް ފައިގަތަޅާ ކަހަލަ އެއްޗެއް ކުޅޭއިރު ވެސް ވަރަށް ވަރުބަލިވޭ."

އޭރު ނުދުވެވުނަސް ދުވުމަށް އިއްތިގެ ހިތުގައި އުފެދުނު ޝައުގުވެރިކަން އެގޮތުގައި އޮތެވެ. ކުރިން ނުވާ އެތައް އުނދަގޫތަކެއް ވާން ފެށީ އޭގެ އަނެއް އަހަރު އިންޑިއާއަށް ދިރިއުޅުން ބަދަލުކޮށް އެތަނުގައި ދިރިއުޅެމުން ދަނިކޮށެވެ. ވައަތް ފަރާތަށް ނުއޮވެވުމާއި އަވަހަށް ކަންކަމާ ހާސްވެ ދެރަވާން ފެށީ އެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައެއް އެއްވެސް މީހެއް ގާތުގައި ބުނާކަށް އިއްތި ބޭނުމެއް ނުވި އެވެ. އެކަނިމާއެކަނި ޑޮކްޓަރަށް ދައްކަން ދިޔައީ ވެސް އެހެންވެ އެވެ.

އެތައް ޓެސްޓެއް ހަދާފައި ޑޮކްޓަރުން ބުނީ އެއްވެސް ވަރަކަށް އިއްތިގެ ހިތަށް ވެސް އެރި ވާހަކައެއް ނޫނެވެ. ހިތުގައި ލޯވަޅެއް އިން ވާހަކަ ބުނިއިރު އިއްތިގެ އުމުރުން 28 އަހަރު ވެއްޖެ އެވެ. ހިތުގައި 18 މިލިމީޓަރުގެ އެ ލޯވަޅު އިނީ ހިތުގެ މައި ދެ ނާރު ދޭތެރޭގަ އެވެ. ސާޖަރީކުރުން ނޫން އެހެން ގޮތެއް ނެތުމުން ސާޖަރީކޮށް މިހާރު އިންނަނީ އާޓިފިޝަލް ޑިވައިސްއެއް ލައްވައިފަ އެވެ.

އިއްތި އޭނަގެ ބޭބެ އާއެކު. --

ހިތުގެ އެ އޮޕަރޭޝަނާއެކު ނިދަން އުނދަގޫވެ ކުރިމަތިވި އެތައް ކަމަކާއެކު އިއްތި ގެންގޮސް އެއްލައިލީ ޑިޕްރެޝަންގެ ތެރެއަށެވެ. އޮޕަރޭޝަނަށް ފަހު ތިން މަސް ފަހުން މާލެ އައިއިރު މުޖުތަމައުގެ ތެރެއިން ދިމާވި އެތައް ކަންތައްތަކާ އެކު މޭޖާ ޑިޕްރެޝަނަކަށް ދިޔައީ އެވެ.

"ވަރަށް ބޮޑަށް ޑިޕްރެޝަނަށް ދިޔަ. އެކަނި ތެދުވެގެން ފާހަނައަށް ވެސް ނުދެވޭ. އަނެއްކާ ވަރަށް ބައިވަރު ބޭސްތަކެއް ކާން ހުރޭ. ޑިޕްރެޝަންގެ ބޭހާ، ހާޓް ބޭހާއި، ފައިބްރޮމެލްގިއާގެ ބޭހާއެކު އިރަކަށް 12 ގުޅަ ބޭސް ކާން ޖެހޭ. ދެން އެހާ ބައިވަރު ބޭސްތަކެއް ކެއީމަ މީހާ ހުންނަނީ ހަމައިން ކަޓާފަ އަސްލު. ޑޮކްޓަރު ބުނަނީ ބޭސް ކައިގެން ނިދާލާށޭ. އެކަމަކު އެހާ ދުވަހު އެހެން އެނދުގައި އޮވެ އޮވެ ނިދުމަކީ ފަސޭހަކަމެއް ނޫން."

"މާލޭގައި މިހެން ބޭރަށް ނުކުތަސް މީހުން ވަރަށް ފާޑުފާޑުގެ އެއްޗެހި ކިޔާ. މަސްތުވާތަކެތި ބޭނުންކުރަނީއޭ ބޮއެގެންނޭ. މީހާ ހުންނަގޮތުން މީހުންނަށް ހީވާނީ ވެސް އެހެން. ދެން ވަރަށް ހިތްދަތިވާ ކަހަލަ ވާހަކަތައް އެކި މީހުންގެ ފަރާތުން އިވޭ."

ގަވާއިދުން ބޭސްތައް ކަމުން ކައުންސެލިން ނެގުމުން ސަބަބުން އަހަރެއްހާ ދުވަސްފަހުން އިއްތި ހުރީ ދުވަން ޓްރެކް މަތީ އެވެ. ޑިޕްރެޝަންގެ އަނދިރި ދުނިޔެއިން ނުކުމެ އެންމެ ބޭނުންވާ ކަހަލަ މުސްތަގުބަލެއް ބިނާކުރަން އިއްތި މަސައްކަތް ފެށީ އެވެ. ކޮންމެ ތިން މަހަކުން ޗެކަޕްތައް ހަދަމުންނެވެ.

"މީހުން އޭރު އެއްޗެހި ކިޔާތީ ބޭސް ހުއްޓާލަން ހިތަށް އަރައިގެން ގޮސް ޗެކަޕް ހަދާއިރު ރަނގަޅެއް ނުވޭ. އެކަމަކު ޑޯޒް ދަށްކުރަމުން ކުރަމުން އައިސް މިހާރު ޑިޕްރެޝަން ބޭހެއް ވެސް ނުކަން."

އިއްި. --

ރަސްމީކޮށް އިއްތި ދުވަސް ފެށީ 2016 ވަނަ އަހަރު އެވެ. ރަނާސް މޯލްޑިވްސްއާ އެކު ނޯމަލް ލައިފަކަށް އެނބުރި ދެވޭ ކަހަލަ އިހްސާސަކާއެކު ދުވުން ހުއްޓާނުލަން އިއްތި އަޒުމް ކަނޑައެޅި އެވެ. އަހަރެއްހާ ދުވަހު ރަނާސް މޯލްޑިވްސްއާ އެކު ދުވުމުގައި ހޭދަވިއިރު އަނެއްކާވެސް އިއްތި ބަލިވާން ފެށީ އެވެ. ޗެކަޕް ހަދައިގެން ފަސް މަސް ދުވަހަށް ދުވުން މެދުކަނޑާލަން ވެސް ޖެހުނެވެ. ފުރިހަމަ ސިއްހަތަކާއެކު އަނެއްކާވެސް އިއްތި ދުވަން ފެށީ އައިރަނާސްއާ އެކުގަ އެވެ.

"ދުވަން ފެށީ އަލުން އެ ލައިފަށް ނުދާން. ބޭނުމެއް ނުވޭ އަލުން އެނބުރި ދާކަށް. އެ ދުވަސްތައް ހަނދާންވިޔަސް ވަރަށް އުނދަގޫވެސް ވޭ."

"މިހާރު ވަރަށް ހެލްތީ އެއްވެސް އުނދަގުލެއް ނުވޭ. އެއްވެސް ބޭހެއްވެސް ބޭނުމެއް ނުކުރަން. ހަތް އަހަރު ވަންދެން ފައިބްރޮމެލްޖިއާއަށް ވެސް ބޭސްކުރިން. އެ ބޭސް ބޭނުންކުރާތީ ފަލަވަނީ. ދުވާއިރު، ބަރުވީމަ ވަރަށް އުނދަގޫވޭ. ދެން ޑޮކްޓަރު ބުނީ ބޭސްކަންޏާ ފަލަވާނޭ އިންޖެކްޓްކުރާށޭ ޖެހޭނީ. އެކަމަކު 18 ޓްރިގާ ޕޮއިންޓަށް އިންޖެކްޓްކުރަންޖެހޭތީ ބުނީ އެމްއާރްއައި ހަދައިގެންނޭ އިންޖެކްޓްކުރެވޭނީ. އެކަމަކު ހާޓަށް ޑިވައިސް ލައްވާފަ އިންނާތީ އެމްއާރްއައި އެއް ނުހެދޭނޭ. އެއީ މެޓަލް އެއްޗެއްވީމަ އެ ރިސްކެއް ނުނެގޭނޭ. މިހާރު އިންޖެކްޓެއް ވެސް ނުކުރަން."

ދުވުމަށް މިހާރު އުފެދުނު ޝައުގުވެރިކަމުގައި އިއްތި މިހާރު އަންނަނީ ޕާސަނަލް ޓްރެއިނަރަކަށް ވުމަށް ކިޔަވަމުންނެވެ. ކޮންމެ ދުވަހަކު ހަވީރު ޓްރެކަށް ގޮސް ރޭގަނޑުވަންދެން އިއްތި އުޅެނީ ޓްރެކްގަ އެވެ. ޓްރެކްގައި ނުހުއްޓި ހަތަރު ގަޑިއިރާއި 30 މިނެޓް ނުހުއްޓާ އިއްތިއަށް ދުވެވޭނެ ކަމަށް އިއްތި ބުންޏެވެ. މިވަރަށް އިއްތި ފިޓް ވިޔަސް އިއްތި ބުނީ އެއްވެސް ވަރަކަށް ކެއުމަށް ނުބަލާ ކަމަށެވެ. ކާން ބޭނުން ކޮންމެ އެއްޗެއް ކޭނަމަވެސް ހެވީ މީލްސް ނުނެގޭ ކަމަށެވެ. ޑޮކްޓަރު ވެސް އިރުޝާދުދެނީ ހެވީ މީލްސް ނުނަގާށެވެ.

އިއްތި

"ދުވާ ވާހަކަ ބުނީމަ ޑޮކްޓަރު ވަރަށް އުފާވި. ގަބޫލެއްވެސް ނުކުރޭ މެރަތަންއެއް ޖެހޭނެއެކޭ ބުނީމަކާ. ޑޮކްޓަރު ބުނަނީ ހެވޭ ކިތަންމެ ގިނައިރަކު ދުވިޔަސް އެކަމަކު ސްޕީޑަށް ބަލައްޗޭ. ކިރިޔާވެސް ތަދެއް ވަންޏާ ނުދުވައްޗޭ."

އިއްތިގެ މި ވާހަކައަކީ ދުވަން ދާން މީހުންނަށް ލިބޭ ހިތްވަރަކަށް ވާން އިއްތި ބޭނުންވެ އެވެ. އެންމެ މަދުވެގެން ކޮންމެ ދުވަހަކު 20 މިނެޓް ދުވެލަން އިއްތި އިރުޝާދުދެ އެވެ. އިއްތިގެ ހިތްވަރަކީ އާއިލާ އާއި ރައްޓެހިން އަދި ކޯޗާއި ޓްރެކްގައި އޭނައަށް ހިތްވަރުދޭ ހުރިހާ އެންމެންނެވެ.

"ކޮންމެ މީހަކަށް ވެސް ދުވެވޭނެ. ހިނގާލިޔަސް އެންމެ ރަނގަޅުވާނެ. ދުވުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް. ލައިފަށް ވަރަށް ޕޮޒިޓިވް ޗޭންޖެސް އަންނާނެ ކަމެއް."

ހިތުގެ ބަލި ކަސްރަތު

Popular