23 Jan 2019

ފަތީންގެ ހުރިހާ ކާމިޔާބީއެއް ބަދިގެއިން

By: Shamila Ibrahim

އުމުރުން 40 އަހަރު ވުމުގެ އަހުމަދު ފަތީން ހާސިލް ކުރަން ބޭނުންވި ލަނޑުދަނޑި އަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ރެސްޓޯރެންޓެއް ފަދަ ތަނެއް ހުޅުވައި، އެހެން މީހަކަށް ބަރޯސާ ނުވެ އުޅުމެވެ. ށ.ފޯކައިދޫއަށް އުފަން ފަތީންގެ އުމުރުން މިހާރު 37 އަހަރެވެ. މިހާރު އޭނާ ހުރީ އެ ލަނޑުދަނޑި ހާސިލްކޮށްގެންނެވެ. ބުރަ މަސައްކަތުން ބިނާކުރި ކެރިއަރުން ކުރިއަށް ގޮސް، އިތުރު އެހެން ހަރުފަތަކަށް ވެސް ގެންގޮސްފިއެވެ. އޭނާގެ ހިތްވަރަށާއި ކަލިނަރީގެ މޮޅުކަމަށް ސަތޭކައެވެ.

ފަތީން

ހުޅުމާލެ ބާބަކިއު ސަރަހައްދު ކައިރީގައި ހުން ހުންނަ "އޮއިޝީ" ނަމަކަށް ކިޔާ، ޖަޕާނު ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓް ހުޅުވުމުގެ ޚިޔާލު އޮތީ މާ ކުރިންވެސް އޭނާގެ ހިތުގައި ރޭވިފައެވެ. އެކަމަކު ފަތީން ބޭނުންވީ އުމުރުން 40 އަހަރު ވުމުގެ ކުރިން، ދާއިރާއިން ތަޖުރިބާ ހޯދުމަށް ފަހު ނިކަން ކުޅަދާނަ ޝެފަކަށް ވުމުން ނޫނީ އެކަން ނުކުރުމަށެވެ.

ފަތީންގެ "އޮއިޝީ" ރެސްޓޯރެންޓްގައި ތައްޔާރު ކޮށްފައިވާ ކެއުމެއް

އެންމެ ކުޑައިރު، ސިފައިންގެ މީހަކަށްވާން ބޭނުންވިޔަސް، އޯލެވެލް ނިންމާލުމަށްފަހު މާލެ ބަދަލުވި ހިސާބުން ފަތީންގެ ފުރަތަމަ ވަޒީފާއަކަށް ވީ ލެމަން ގްރާސްގެ ވެއިޓަރުކަމެވެ. އެތަނުގައި ހޭދަކުރި އެއް އަހަރު ދުވަސްތެރޭ ދިމާވި ސުޕަވައިޒަރެއްގެ ސަބަބުން ރިސޯޓް ލައިފަށް ހިތްޖެހި ދެން އުޅުނީ އެކަމާއެވެ.

ނަމަވެސް ކެއްކުމާއި ކެއުމަކީ އޭރު މާ ފޯރި ހުރި ކަންކަމެއް ނޫނެވެ.

ފަތީން މަސައްކަތުގައި

ކުރެހުމުގެ ހުނަރާއެކު، މިހާރުވެސް މަދުމަދުން ޕޯޓްރެއިޓްސް ކުރަހާ އުޅޭ ފަތީން ކެއްކުމުގެ ދާއިރާ އަށް ހިތް ޖެހުނީ ޑެކަރޭޓިންގެ ޖާދޫގައި ޖެހުނު ހިސާބުންނެވެ. ކާތަކެތި މޮޅު ގޮތްގޮތަށް އަތުރާލާފައި ސާވްކުރަން ޝައުގުވެރިވީ އާޓްގެ ހުނަރު ހުރީތީ ކަމަށް ވެސް ވެދާނެއެވެ. މި އުފެދުނު ޝައުގުވެރިކަމާ އެކު އެ ކަމުގެ ތެރެއަށް ވަދެ ހުސްވީ އެވެ.

ފޯ ސީޒަން ކުޑަ ހުރާއިން ލިބުނު ފުރުސަތެއްގައި ފަތީން އެ ރިސޯޓްގައި ކަލިނަރީ ކެރިއާ ފުރަތަމަ ފެށީ މުޅިން އާ މީހެއްގެ ގޮތުގައެވެ. އޭރު މި ދާއިރާގައި އެއްވެސް ކަހަލަ ތަޖުރިބާއެއް ނެތޭ ބުންޏަސް ރަނގަޅުވާނެއެވެ. އެކަމަކު އެ ރިސޯޓުގައި ހޭދަކުރި ދެ އަހަރެއްހައި ދުވަހަށްފަހު، ދެން ފަތީން ދިޔައީ ފޯ ސީޒަން ލަނޑާ ގިރާވަރު ރިސޯޓްގެ ޕްރީ އޯޕަނިންއަށެވެ. އެހެން އުޅެމުން ދަސްކުރި ކަންކަމުގެ އެހީގައި ފަތީންއަށް ރަނުގެ ފުރުސަތެއް ލިބި ކެރިއަރުން ކުރިއަށްދާން އިތުރު ފުރުސަތުތައް ފަހިވީއެވެ. ދެން ދިޔައީ ލިބުނު ޓްރެއިނިން ކޯހެއްގައި ކެނެޑާއަށެވެ.

ފަތީންގެ "އޮއިޝީ" ރެސްޓޯރެންޓް

ފަތީން ބުނި ގޮތުގައި، ޓްރެއިނިންއަށް ފަހު "ޕްރެޝާ ހޭންޑްލް" ކުރަން ވަރަށް ރަނގަޅަށް ދަސްވި އެވެ. އޭގެ ފަހުން އެކަނި ވެސް ކުރަންޖެހޭ ހުރިހާ ކަމެއް ވަގުތުން ވަގުތަށް ކުރެވެއެވެ. ކަލިނަރީގެ ކަންކަން ވަރަށް ރަނގަޅަށް ދަސްކޮށްގެން އައިސް އަނެއްކާވެސް ފެށީ ރިސޯޓްތަކަށް އޭނާގެ ޚިދުމަތް ދޭށެވެ. އެކަމަކު މިފަހަރު ކުރިއާ ޚިލާފަށް މަގާމު މަތިވެފައި މާ ޕްރޮފެޝަނަލްއެވެ.

"އެމީހުންގެ ތެރޭގަ އުޅެފަ މިކޮޅަށް (ރާއްޖެ) އައިސް، މިކޮޅުގެ ވޯކިން ސްޓައިލަށް ވޯކް ކުރަން ވަރަށް ވަރަށް ފަސޭހަވި. މާ ބޮޑު ރެސްޕޮންސިބިލިޓީއެއް ވެސް ނަގާކަށް ނުޖެހޭ މިކޮޅުގަ އަސްލު ބުނަންޏާ."

ޓްރެއިނިން ނިންމާފައި އައިސް ދެން ފަތީން މަސައްކަތް ކުރަން ފެށީ އަނަންތަރާ ނަލަދޫގައެވެ. އޭގެފަހުން އަނެއްކާވެސް ދެ އަހަރެއްހާ ދުވަހު ލަކްސް މޯލްޑިވްސްގައި އުޅެ، ދެން ފެނުނީ ބަނޑޮސް މޯލްޑިވްސްގައި މަސައްކަތް ކުރިތަނެވެ. އެންމެފަހުން ރިސޯޓް ލައިފް ދޫކޮށްލީ ފުށިފަރު މޯލްޑިވްސްގައި ހައެއްކަ މަސް ވީ ފަހުންނެވެ.

ފަތީން

"ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖް" ގައި ތިން ފަހަރު، އެންމެ މޮޅު ދިވެހި ޝެފްގެ ލަގަބު ހޯދައި ފަތީން ވަނީ އަހަރެމެން ފަޚުރުވެރި ކޮށްދީފައެވެ. އަދި ހޮންކޮންގްގައި އޮތް ކަލިނަރީ ޗެލެންޖެއްގައި ބައިވެރިވެ ފަތީން ރާއްޖެ އަށް ރީތި ނަން ހޯދައިދިނީ ސިލްވާ މެޑަލްއެއް ހޯދައިގެންނެވެ. އެކި ފަހަރު މަތިން ފަތީން ހޯދި ސިލްވާ، ބްރޯންޒް އަދި ގޯލްޑް މެޑަލްތައް ބައިވަރެވެ.

"ބައިވެރިވާ ކޮންމެ ކޮންޕެޓިޝަނެއްގަ ވެސް ބައިވެރިވަނީ ސީދާ ބޭނުންވާ މެޑަލްއަށް ޓާގެޓް ކޮށްގެން. ލިބުނީމަ ކޮންމެ މީހަކުވެސް އުފާވާނެ ދެއްތޯ، އެގޮތަށް ފަތީންވެސް އުފާވި."

"އޮއިޝީ" ގެ ކެއުމެއް

އެކަމަކު ކޮންމެ ފަހަރަކީ ކާމިޔާބީއަށް ދެވޭނެ ފަހަރެއް ވެސް ނޫނެވެ. އެކަހަލަ ހާލަތްތަކުގެ އިހްސާސްތައް ކިޔައިދެމުން ފަތީން ބުނީ ކާމިޔާބު ލިބުމުން ވާ އުފަލަށްވުރެ، ނުލިބޭ ފަހަރުތަކުގައި މާ ދެރަވާ ކަމުގައެވެ.

"ލިބުނީމަ ވާ އުފަލަށްވުރެ، ނުލިބުނީމަ މާ ދެރަވޭ. އެހާ ބޮޑު އުންމީދެއްކޮށްގެން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ތްރީ މަންތްސް ކުރީގަ ރެޑީވަން (ޗެލެންޖްގެ) ކޮންމެ ކަމެއް ކުރަންވެސް. ދެން އެހާ ރެޑީވެގެން ނުލިބުނީމަ މާ ދެރަވޭ އަސްލު"

ފަތީންއަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއަކަށް ވާނީ 2017 ވަނަ އަހަރު ދުބާއީގައި އޮތް އިންޓަނޭޝަނަލް އިވެންޓެއްގައި، އޭޝިއާގެ އަށް ގައުމެއްގެ ހުނަރުވެރި ޝެފުންނާ ވާދަކޮށް، "މާސްޓާ އޮފް ސީޒަނިން" ގެ ފަޚުރު ލިބުމެވެ.

"ދިވެހި ރާއްޖޭން ފަތީން ބައިވެރިވެގެން އެއްވަނަ ލިބުނީމަ ވަރަށް އުފާވި. އުފަލުން ރޮވެން ވެސް ރޮވުނު،" އެ ދުވަހު ކުރެވުނު އުފާވެރި އިހްސާސްގެ ހަނދާން އާ ކުރަމުން އެނާ ބުނީ މިހެންނެވެ.

"އޮއިޝީ" ގެ ކެއުމެއް

ކަލިނަރީ ސާވިސްގައި ފަތީން 15 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރިއިރު، ބޮޑަށް އުޅެވިފައި ހުރީ ޖަޕަނީސް އެއްޗެހި ތައްޔާރު ކުރުމުގައެވެ. ހިތްޖެހުނީ ވެސް ބޮޑަށް އެ ރަހައަށެވެ. މިއަދު އަމިއްލަ ރެސްޓޯރެންޓުން ޖަޕަނީސް ކުލަވަރު ދައްކުވައިދެނީ އެހެންވެއެވެ.

ފަތީންގެ މި ރެސްޓޯރެންޓުން އެންމެ ފުރަތަމަ ވެސް ފާހަގަވީ ފަރުމާކޮށްފައި ހުރި ގޮތެވެ. ޖަޕަނީސް ގޮތްގަނޑު، ބަލައިލި ކޮންމެ ތަނަކުން ފެނެއެވެ. ބޮޑުކޮށް ފެންނާނެހެން ކުރެހުމެއް އެބަހުއްޓެވެ. އެއީ ލޮނުފެން ސްޓޯޑިއޯގެ އަބްދުﷲ ތައުފީގް(ތައު)ގެ ހުނަރުވެރިކަމެވެ. ސާވް ކުރާ ގޮތާއި ފުޑް އަދި ވަކިން ބޮޑަށް ސާވް ކުރަން ބޭނުން ކުރާ ތައްޓާއި މޭޒާއި ގޮނޑިން ވެސް ޖަޕާނުގެ ސަގާފަތް ފެނެނެ އެވެ.

ކެއްކުން

Popular