2 Jun 2019

މި ދެ ހިތުގެ ގުޅުމާއި އެ ދެ ހިތުގެ ފަރުވާ

By: Ahmed Nadym

އެ ދެ މީހުން ފެންނައިރު ތިބެނީ އަބަދުވެސް ހިނިއައިސްފަ އެވެ. ވާހަކަ ދައްކާއިރު ކުރަނީ ސަމާސާއެވެ. އެކަކު އަނެކަކަށް ޖޯކު ޖަހައި ލާނެތް ގޮތްގޮތަށް ދިމާކުރެއެވެ. މިއީ އުމަރު (އޮއްތޮ) ސަލީމާއި އޭނާގެ އަންހެނުން ފާތިމަތު ނައުފާއާ ބައްދަލުވާ މީހަކަށް އެންމެ ފުރަތަމަ މި ދެ މީހުންގެ ކިބައިން ފާހަގަކުރެވޭނެ ސިފަ އެވެ. ޒުވާން މި ދެމަފިރިންގެ ހޭ އަޑާއި ވާހަކައިގެ ސަމާސާ މިޒާޖުން ހީވާނީ އެއީ ވަރަށް ނޯމަލް ލައިފެއް ހެންނެވެ. އެކަމަކު ހަގީގަތަކީ މީގެ އަހަރު ދުވަސް ކުރިން އުމަރުގެ ހަޔާތް އެފުށްމިފުށަށް ޖަހާލި އެކްސިޑެންޓުން އޭނާ އަށް ހޭލެވުނު ދުނިޔެ އެއްގޮތަކަށް ވެސް ނޯމަލް ނޫން ކަމެވެ. އަދި އެ ދުނިޔެ އަށް މަޑުމަޑުން ގެނބެމުންދާ އޭނާގެ އަންހެނުންގެ ހަޔާތް ވެސް ފަސޭހަ ނޫން ކަމެވެ. އެކަމަކު އުފާވެރިކަމަކީ ހިތްދަތި އެ ހާލާތާއި ހަގީގަތް އޮތްތަނުގައި ބޭއްވުމަށް ފަހު އެ ހުސްކަމުން އަރައިގަތުމަށް މި ދެމަފިރިން ދައްކަމުން އަންނަ ހިތްވަރާއި ލޯތްބެވެ.

އުމުރުން 16 އަހަރުގައި ނައުފާ އާއި އުމަރު ދިމާވީ ވަރަށް ސަކަ މަޖާ މާހައުލެއްގެ ތެރެއިންނެވެ. ހިނިގަނޑެއް ޖަހާލާފައި އުމަރު އެ ވާހަކައެއް ކިޔައިދޭ ގޮތް އަދި ވަކިން އުފާވެރިއެވެ. އެއީ ދެ މީހުން އޮންލައިންވެގެން ޗެޓުކޮށް އުޅުނު އެމްއެސްއެންގެ ހަނދާންތަކެވެ. އެހެން އުޅެމުން ޖެހި ސަރަކާތުގައި ލޯބި އުފެދިގެން ގޮސް ދެ މީހުން ކައިވެނިކުރީ 2015 ވަނަ އަހަރު އެވެ. ދެ މީހުންގެ އެ ކައިވެންޏަށް މިހާރު ތުއްތު ތުއްތު ފިރިހެން ކުއްޖަކު އެބައޮތެވެ. އުފަންވީ މިދިޔަ އަހަރުގެ ޖެނުއަރީ 1 ގަ އެވެ.

"މުޅި ދުނިޔެއިން ސެލެބްރޭޓްކުރާނެ އެ ދުވަސް،" އުމަރު ބުނެލިއެވެ.

އޮއްތޮ އާއި ނައުފާ އަދި އެމީހުގެ ދަރިފުޅު

އެކްސިޑެންޓުގައި ސިކުނޑިއަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން އުމަރަށް އަދިވެސް ރަނގަޅަށް ހިނގައިބިނގައެއް ނޫޅެވެއެވެ. އިހުސާސްތައް އެންމެ ފުރިހަމަ އަށް ބޭރުނުކުރެވޭއިރު ވާހަކަ ދެއްކުން ވެސް ފަސޭހައެއް ނޫނެވެ. އެހެންވެ އެކްސިޑެންޓަށް ފަހު އުމަރުގެ ވާހަކަ އެހެން މީހުންނަށް އެންމެ ފަސޭހައިން ކިޔައިދޭން އެނގެނީ އޭނާގެ އަންހެނުންނަށެވެ. ލޯބިވާ ފިރިމީހާ އުނދަގުލުން ލަސްލަހުން ދައްކާ ވާހަކަތައް ނައުފާ ބައެއް ފަހަރަށް ހިނިއައިސްފައި ހުރެގެން އެހެން މީހުންނަށް ތަރުޖަމާކޮށްދިނަސް އެ ހިތުގައިވީ އުދާސްތަކެއް ތަރުޖަމާވެގެން ބޭރަކަށް ނުނިކުމެއެވެ.

"ވަރަށް ގިނަ މީހުން އައިސް އަހާނެ ކިހިނެއް ހެއްޔޭ ތިހާ ސްޓްރޯންގީ، ނުރޮއެ ތިހެން ތި އުޅެވެނީ ކިހިނެތް ހެއްޔޭ. އަސްލު ނައުފާ އަކީ (ތަބީއަތުގައި) ވެސް އިހުސާސްތައް ބޭރުކުރާ މީހެއް ނޫން މީހުން ފެންނަ ހިސާބުގައި. މީހުންނަކަށް ނުފެންނާނެ ވަރަށް ރޯ ތަނެއް. އެހެން ގޮތްގޮތަށް އެ ހުރިހާ ކަންކަމަކާ ޑީލްކުރާނީ،" އަލި މޫނަކާ އެކު ނައުފާ ކިޔައިދިނެވެ.

"އެކަމް އަސްލު ޑީޕް އިންސައިޑް ހުރީ ހަމަ އެއްކޮށް ކްރަޝްވެފަ."

އުމަރު އެކްސިޑެންޓްވި ޚަބަރު ނައުފާ އަށް ލިބުނީ ފޯނުން ފިރިމީހާއާ ވާހަކަ ދެއްކިތާ 15 ވަރަކަށް މިނެޓު ފަހުންނެވެ. އެހާ ރަނގަޅަށް، އެހާ ލޯބިކޮށް ހުރި ފިރިމީހާ އެކްސިޑެންޓެއްގައި ހޭނެތުނު ޚަބަރާއެކު ނައުފާގެ މުޅި ހަށިގަނޑުގައި ތުރުތުރުއަޅައިގަތީއެވެ. ހުރެވުނު ތަން ވެސް އޭނާ އަކަށް ނޭނގުނެވެ. ދުއްވައިގަނެވުނީ އުމަރަށް ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލަށް ވީއެންމެ އަވަހަކަށް ދިއުމަށެވެ.

އެކަމަކު ހޮސްޕިޓަލަށް ދިޔައިރު ވެސް ފިރިމީހާގެ ހާލަތެއް ވަޒަންކުރާކަށް ނައުފާއަކަށް ނޭނގެއެވެ. އުމަރަށް އޭރު ފަރުވާ ދެމުން ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. އެމީހުން ބުނާ ގޮތުން ނަމަ ލިބިފައި ވަނީ ކުޑަ އަނިޔާއެކެވެ. ހާސްވާނެ ކަމެއް ނެތެވެ. ނަމަވެސް ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކުރުމާއެކު ލިބުނު ޚަބަރުން ފިތްކަނޑައިގެންދިޔައެވެ.

އޮއްތޮ އޭނާގެ ދަރިފުޅާއެކު، އެކްސިޑެންޓްވުމުގެ ކުރިން.

އެ އެކްސިޑެންޓަށް ފަހު އުމަރު އަލުން ލޯހުޅުވުން ވެގެންދިޔައީ އެންމެ ބޮޑު އުއްމީދަށެވެ. އޭރު ބައެއް މީހުން ތިބީ އުއްމީދު ގެއްލި ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ކޯމާއެއްގައި ފިރިމީހާ ހުއްޓިފައި އޮތްއިރު ނައުފާގެ ހިތުގައި ވެސް އުފެދުނު އެންމެ ބޮޑު އަދި އުނދަގޫ ސުވާލަކީ އެއީއެވެ. ނަމަވެސް އެންމެ ހިނދުކޮޅަކަށް ވެސް އޭނާ އުއްމީދު ގެއްލުވައެއް ނުލައެވެ.

"އޭރު އޮއްތޮ އޮންނާނީ ކޯމާގައި. ދެން އަހަރެން ވެސް ބަދަލުވީ ހުޅުމާލެ އަށް އެ ދުވަސްކޮޅަށް. ދެން ނިދިން ހޭލެވޭއިރު ވެސް ހީވާނީ ދޮރު ހުޅުވާލާފައި އެތެރެއަށް އެ އަންނަނީ އޮއްތޮއޭ. އޭނަ އަދިވެސް އެބަ އުޅެއޭ ކައިރީގައި އެކުގައި،" ކޯމާގައި އޮތް ފިރިމީހާ ހޭލާނެ އިރަކަށް އިންތިޒާރުކުރެވުނު ގޮތްތައް ކިޔައިދެމުން ނައުފާ ބުންޏެވެ.

"އަހަރެން ކަމެއްކުރަން ހުއްޓައި މީކާ ރޯން ފެށީމަ ވެސް ގޮވާލެވެނީ އޮއްތޮ އަށް. ހީވަނީ އޮއްތޮ އެބަ އުޅޭހެން. އޮއްތޮއެއް ނެތެކޭ ހިތަކަށް ނާރާ، ހީވަނީ އަބަދުވެސް އަހަންނާ އެކުގައި އޮއްތޮ އުޅޭހެން."

"ދެން ދެ މީހުން މީކާ ގޮވައިގެން ހަވީރު ގަޑީގައި ބޭރަށް ދާ ދިއުންތަކާއި އެކުގައި އުޅޭ އުޅުންތައް މަތިން ހަނދާންވަނީ އެ ދުވަސްތަކުގައި އެންމެ ބޮޑަށް. ގޭގައި އުޅޭ ގޮތާއި ކޮށްދޭ ކަންތައްތައް ބޮލަށް އަންނަނީ."

ނައުފާ ބުނީ އެންމެފަހުން ފިރިމީހާ އެނބުރި އައިސް އޭނާ އުޅެން ޖެހިފައިވާ ހާލަކީ މުޅި މި ދިރިއުޅުން ކޮނޑަށްލައިގެން ކުރިއަށް ދާން ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށެވެ.

"ނައުފާ އަށް އެނގޭ އަދި ހިތުން ގަބޫލުކުރަން މިކަމުގައި ދޫނުދީ ފައިޓުކުރަން ޖެހޭނެކަން. އޮއްތޮއަށްޓަކައި ވެސް ފައިޓްކުރަން ޖެހޭނެކަން. ދަރިއަކު ވެސް އެބަހުރި. ދަރީގެ ކަންތައް ވެސް ނުކުރެވޭނެ ދޯ އަބަދު މިކަމާ ދެރަވެގެން ރޯ މީހަކަށް،" ނައުފާ ކިޔައިދިނެވެ.

އޮއްތޮ އާއި ނައުފާ އެމީހުންގެ ދަރިފުޅާއެކު

"މިހާރު ވީ ކޭން ޑޫ އެނީތިން ޓުގެދާ. މިހާރު ދެ މީހުންގެ ކިބައިގައި ވެސް ހުންނަނީ އެކަހަލަ ވިލް ޕަވާއެއް. ހިތްވަރެއް. ދެ މީހުންނަށް އެކުގައި ނުކުރެވޭނެ އެއްވެސް ކަމެއް މިހާރަކު ނުހުންނާނެއޭ ގަބޫލުކުރަނީ"

"މިކަމާ ކުރިމަތިލެވެންޏާމު އަދި ވަރަށް ބޮޑެތި ކަންކަމާ ކުރިމަތިލެވޭނެއޭ. މިއީ މީހަކަށް ދިމާވާނެ އެންމެ ދެރަ އަދި އުނދަގޫ އެއް ކަމޭ ދޯ."

"ދެ މީހުން އިނީކީ ބަލިވީމަ ވަކިވާކަށް ވަރިވާކަށެއް ނޫން. ވަރަށް ޕްލޭންކޮށްގެން ދަރިއަކު ވެސް ހޯދީ. ފިއުޗާ އަށް ވެސް އެބަހުރި ވަރަށް ބައިވަރު ޕްލޭންސްތައް ރާވާފައި އަދިވެސް. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޮއްތޮ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތް. ކޮންމެ ކަމެއް ވިޔަސް."

އުމަރަކީ ކުރިން ފަތަން ގޮސް އެކުވެރިންނާ އެކު ދަތުރުގޮސް ރައްޓެހިންނާ އެކު ކޮންމެ ދުވަހަކު ފުޓްބޯޅަ ކުޅެން ދިޔަ ޒުވާނެކެވެ. ކޮންމެ ދުވަހަކު ދަރިފުޅު ގޮވައިގެން ހެނދުނާއި ހަވީރު ބުރު ޖަހަން ދިޔަ އުފާވެރި ބައްޕައެކެވެ.

"މިހާރު އެ އޮންނަނީ ދަރިފުޅު ބޮޑުވާއިރު އެ ކުއްޖާގެ ގައިގައި ރަނގަޅަށް އަތްނުލެވި. ދަރިފުޅާއެކު ބޯޅައެއް ނުކުޅެވޭ. ވާހަކައެއް ނުދެއްކޭ. ރަނގަޅަކަށް އުރާ ނުލެވޭ،" ފިރިމީހާގެ ތުރުތުރުއަޅަމުންދާ އަތުގައި ހިފަހައްޓައި ބާރުކޮށްލަމުން ނައުފާ ބުނެލިއެވެ.

"މިހުރިހާ ކަމެއް މިހެން ހުރިއިރު އޮއްތޮ އަށް ކުރާނެ އަސަރު ހިތަށް އަރާފައި އަހަންނަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ މިގޮތުގައި ކުރިއަށް ދާން."

އުމަރު ބުނަނީ ނައުފާ ކަހަލަ އަންބަކު އޭނާ އަށް ލިބުން އެއީ ނަސީބެއް ކަމަށެވެ.

"އަހަރެން ހިތަށް އަރަނީ ނަސީބެކޭ މީނައާ އިނދެވުނުކަން."

އެހެން ބުނަން އުމަރަށް ކިތަންމެ ގިނަ އިރެއް ނެގިޔަސް ނައުފާ އަށް ވަރިހަމައެވެ. ދެ މީހުންގެ ގުޅުން ފެށިގެން އައީވެސް އެތައް ދުވަހެއްގެ އިންތިޒާރަކުންނެވެ. އެކްސިޑެންޓަށް ފަހު ފިރިމީހާ ހޭއަރަން ދެން ކައިރީގައި ވެސް މަޑުކުރީއެވެ. އަދިވެސް އޭނާއާ އެކު ކިތަންމެ ދިގު އިންތިޒާރަކަށް ވެސް ނައުފާ ހުރީ ތައްޔާރަށެވެ.

"މިއީ ގަދަ އަންހެނެއް."

އުމަރުގެ ސަމާސާއަކުން ޖަހައި ނައުފާ ހިނިގަނޑަކަށް ބިންދާލިއެވެ.

ދަ ސެޝަން އެކްސިޑެންޓް

Popular