12 Sep 2021

By: Ahmed Jaishan

ހުސައިން ފަރާހް ބަޔޯޓެކްނޮލޮޖީގެ ދާއިރާއަށް ލޯބިޖެހުނީ ފިޝަރީޒް މިނިސްޓްރީގައި މަސައްކަތްކުރި އިރު އެތަނުގެ މަސައްކަތްތަކުގެ ތެރެއިންނެވެ. މި ޝައުގުވެރިކަމުގައި 2019 ވަނަ އަހަރު ބަޔޯޓެކް ކިޔަވަން އޭނާ ފުރީ މެލޭޝިޔާއަށެެވެ. ކިޔެވުން ނިންމައި މިދިޔަ މަހުގެ ރާއްޖެ އައި ގޮތަށް އޭނާ މިހާރު އުޅެނީ އައިޖީއެމްއެޗުގައި އިންޓާންޝިޕްގަ އެވެ.

ފުވައްމުލަކަށް އުފަން 23 އަހަރުގެ ފަރާހް މާލެއަށް ބަދަލުވީ މަތީ ތައުލީމު ހާސިލު ކުރާށެވެ. އުމުރުން 18 އަހަރުގައި މާލެ ބަދަލުވި ފަހުން އޭނާ ވަނީ ޝަރީއާ އިން މަތީ ތައުލީމު ހާސިލުކުރަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އިތުރަށް ކުރިއަށް ނުގޮސް ކިޔެވުން ހުއްޓާލީ އެއީ ކުރިއަށް ދާން ބޭނުންވި ދާއިރާ ނޫން ކަން އެނގުމުންނެވެ.

މިނިސްޓްރީގައި މަސައްކަތް ކުރަން ފެށުމާ އެކު، ކުރިއަށް ދާން ބޭނުންވާ ދާއިރާ އިތުރަށް ސާފުވި އެވެ. އެއީ ބަޔޯޓެކްގެ ދާއިރާ އެވެ.

.

ބަޔޯޓެކް އަކީ ކޮބާ؟

ބަޔޯޓެކް ގައި އަސްލު އެންމެ ބޮޑު މަސައްކަތަކަށް ކުރާނީ ލެބޯރަޓޮރީގައި ކުރާނެ އެކި މަސައްކަތްތަކުގެ ރިސާޗް ސްޓަޑީސްގެ މަސައްކަތްތައް. ބަޔޯޓެކް ބޭނުންކޮށްގެން، ތަފާތު އެކި ބަލިތައް އުފެދޭގޮތް ހުއްޓުވައި އެކަންތައްތަކަށް ރައްކާތެރިވާނެ ގޮތަށް ޕްރޮޑަކްޓާއި ޓެކްނޮލޮޖީ އުފެއްދުމަށް މަސައްކަތް ކުރާނީ. އެއީ އަޅުގަނޑު ކިޔެވި އެއްޗަކީ. ބަޔޯޓެކް ހެދުމުގެ އިތުރު އެއް މަގުސަދަކީ މިހާރު ބަޔޮލޮޖީއާ ގުޅުންހުރި ދާއިރާގެ ޕްރެކްޓިސްތަކުގެ ބަދަލުގައި ތިމާވެއްޓާ ގުޅުންހުރި އެއަށްވުރެ ރަނގަޅު އޯލްޓާނެޓިވް އެއް ހޯދުން

ބަޔޯޓެކްގެ ދަށުން ކުރާ މަސައްކަތުގައި ދުވަހެއް ހޭދަވާ ގޮތަކީ ކޮބާ؟

މިވަގުތު އައިޖިއެމްއެޗުގައި މަސައްކަތްކުރަނީ މި ލެބް ޓެކްނީޝަނެއްގެ ގޮތުގައި. މިއީ އިންޓާންޝިޕްގެ ދަށުން ކުރާ މަސައްކަތް. މިވަގުތު މަސައްކަތްކުރަނީ ލެބް ޓެކްނީޝަނެއްގެ ގޮތުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް. އެންމެ ފުރަތަމަ ލެބަށް ވަދެވޭނީ ޕީޕީއީއެއް ލައިގެން. ދެން ވަނުމަށްފަހުގައި ވެސް ތައްޔާރުވުމަށް އަތް ދޮވެ އަދި ސެނިޓައިޒްކޮށް ހަދާނެ. އެއަށް ފަހު ސާމްޕަލްތައް ރިސީވްކުރަން ޖެހޭނީ. މިދުވަސްކޮޅު ކޮވިޑާ ގުޅުންހުރި ގިނަ ސާމްޕަލްތަކެއް ނަގާ. ދެން އެ ސާމްޕަލްތައް ޕްރެޕްކޮށް ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށްދާނެ. އެ މަސައްކަތްތަކުގެ ތެރޭގައި ބާކޯޑް ޖެހުމާއި ސާމްޕަލް ރައްކާކުރުން ހިމެނޭ.

މިއީ ވަރަށް ޓެކްނިކަލް މަސައްކަތެއް. ދަސްކުރި އެއްޗެއްސާއި މިކޮޅުގައި ކުރާ މަސައްކަތާ ދިމާވޭތަ؟

ތަފާތު ގިނަ މޮޑިއުލްތައް ކިޔަވާފައި ހުންނާނީ އެކި ކަންތަކާ ގުޅޭ. އަދި އެ އެއްޗެހި ވަރަށް ބޮޑަށް ދަސްކޮށްފައި ހުންނާނީ ވެސް. ޕީސީއާރާ ގުޅުންހުރި ހަތަރު މޮޑިއުލް އޭގައި ހިމެނޭ. އެކޮޅުގައި [މެލޭޝިއާގައި] ބޭނުންކުރާ މެޝިނަރީތައް ވަރަށް ތަފާތު. އެކަމު ބޭނުންކުރަނީ އެއް ޕްރޮސީޖާތަކެއް. އެހެންވެ ހަނދާންކޮށް ބަހައްޓަން ފުދޭވަރަކަށް ފަސޭހަ.

މި ވަޒީފާގައި އުޅޭއިރު އެންމެ ހާސްވާ ކަމަކީ ކޮބާ؟

މިހާރު އެންމެ ބޮޑަށް ކުރާ މަސައްކަތަކީ ޕީސީއާރުގެ މަސައްކަތްތައް. މީގެތެރޭގައި އެންމެ ކަންބޮޑުވަނީ ސާމްޕަލް އެއްކުރުމުގެ ތެރޭގައި އެއިން އެއްޗެއް އެޅިދާނެތީ. އެހެންވެއްޖެ ނަމަ މުޅި ލެބް އެއްކޮށް ކޮންޓެމިނޭޓް ވެގެންދާނެ. މިއީ ބިރުވެރިކަމެއް. ލެބްގައި ހުންނަ ހުރިހާ މެޝިނެރީތަކަކީ ވެސް ވަރަށް ވަރަށް އަގުބޮޑު އެއްޗެހިތަކެއް. އެހެންވީމަ ވަރަށް ބަލައިގެން އުޅެން ޖެހެނީ.

ބަޔޯޓެކް އަކީ ކިޔަވަން ރަނގަޅު ދާއިރާއެއްތަ؟

މިއީ ކިޔަވަން ވަރަށް ރަނގަޅު ދާއިރާއެއް. ހާއްސަކޮށް ލެބް ރިސާޗިން އަށް ޝައުގުވެރިކަން ހުންނަ ނަމަ މިއީ އެންމެ ރަނގަޅު އެއް ދާއިރާ. އަދި ލެބް ޓެސްޓިން ހަދަން ބޭނުންވި ނަމަވެސް މިއީ ހަމަ ވަރަށް ސަޅި ދާއިރާއެއް ކިޔަވަން.

ރާއްޖޭގައި ވަޒީފާގެ ފުރުސަތު އޮތީ ކިހިނެއް؟

ބަޔޯޓެކްނޮލޮޖީ ކިޔަވައިގެން ލެބް ޓެކްނީޝަނެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެވޭނެ. ލެބް ޓެކްނީޝަނުންނަށް ރާއްޖޭގައި އެބަ އޮތް ވަޒީފާގެ ވަރަށް ފުރުސަތު. އެކަމު ސީދާ ބަޔޯޓެކަށް ވަޒީފާގެ ފުރުސަތު ވަރަށް ފަހަކާ ޖެހެންދެން ނެތް. ބަޔޯޓެކްނޮލޮޖިސްޓަކަށް ވާން ބޭނުންވާ މީހުންނަށް މިވަގުތު ކުރެވޭނެ މާ ގިނަ މަސައްކަތްތަކެއް ނެތި ހަމަ އޮތީ ވަރަށް ފަހަކާ ޖެހެންދެއް. އެއިން އެއް ކަމަކީ ރާއްޖެއިން ބޭރުން ބަޔޯޓެކް ކިޔަވައިގެންނަ މީހުންނަށް ލައިސަންސް ނުލިބުން. ރާއްޖެއިން ބޭރުން ކިޔަވައިގެން އަންނަ މީހުންގެ މޮޑިއުލްތަކުގައި ހާމެޓޮލޮޖީ ހަދާފައި ނެތުމުން ލައިސަންސެއް ނުދޭ ވަރަށް ފަހަކާ ޖެހެންދެއް. އެކަމަކު ވަރަށް ފަހުން މިއޮތީ ލައިސެންސް ދޭން ފަށާފައި. އެހެންވީމަ ކުރިއަށް އޮތް ތަނުގައި މިއީ އިތުރަށް ފުޅާވެގެން ދާނެ ދާއިރާއެއް ކަމަށް ވަރަށް ބެލެވޭ. އަދި ޒުވާނުން އިތުރަށް ކިޔަވަން ފަށާނެ ދާއިރާ އެއް ކަމަށް ވެސް ވަރަށް ބެލެވޭ.

މި ދާއިރާ އިން ކުރިއަށް ދެކެވޭ އުއްމީދުތަކަކީ ކޮބާ؟

އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ ރާއްޖޭގައި ބަޔޯޓެކްނޮލޮޖީ ހަގީގަތަކަށްވެ އެ ދާއިރާ އަސްލަކަށް ވެގެންދާ ދުވަސް. ބަޔޯޓެނޮލޮޖީގައި އަސްލު ހިމެނޭ ދިރުން ލިބިގެންވާ ކޮންމެ އެއްޗެއްގެ ރިސާޗު ސްޓަޑީސް ހެދުން. އޭގެތެރޭގައި މެޑިކަލްގެ އިތުރުން އެގްރިކަލްޗާ އަދި މެރީން ވެސް ހިމެނޭ. އެހެންވީމަ ރައްޖޭގައި ބަޔޯޓެކް އަށް ހާއްސަ ކުންފުންޏެއް ނުވަތަ އިންސްޓިޓިއުޓެއް ހުޅުވިގެންދާނެ ދުވަހަކީ އަޅުގަނޑު އެންމެ ދެކެން ބޭނުންވާ ދުވަސް. އެ ދުވަސް ހަގީގަތަކަށް ވާނެ ތަން ވެސް އެބަ ފެނޭ. އެފަދަ ލެބެއް ހެދުމުގެ މަސައްކަތް މިހާރު ފަށާ ކަމަށް ވާހަކަ ދެކެވޭ. އަދި އަހަރުތަކެއް ވަނެ މިކަން އަސްލަކަށް ވާން. އެކަމު ވަރަށް އުއްމީދު އެބައޮތް،

ޒުވާނުން

Popular