24 Mar 2023

ނޮވެމްބަރުގެ ވާރޭ - 2

ނޮވެމްބަރުގެ ވާރޭ - 2

ތަޅުނުލައި ހުރުމުން ދޮރު ހުޅުވިއްޖެއެވެ. އޭރު ސަރްވާން އުއްޑުން އެނދަށް ވެއްޓިގަނެގެން އޮތީ ނިތްމަތީ އަތް ބާއްވާލައިގެންނެވެ. އަހަރެން ދޮރު ހުޅުވިއަޑަށް އަތް ނަގައި މަގަތަށް މޫނު ވެސް އަނބުރާލައިފިއެވެ. ދެން ތެދުވެ އިށީނދެފައި އެނދުން ތިރިއަށް ދެފައި އެލުވާލައިފިއެވެ. ކުޑައިރުކޮޅެއް ކުރިން އޭނަގެ މޫނުން ފެނުނު ނުތަނަވަސްކަމުގެ ކުލަވަރު އެހާ އަވަހަށް ބަދަލުކޮށްލައިފި އެވެ. އަހަންނަށް އެނގޭ އެއްޗަކީ ސަރްވާންވެސް މިކައިވެންޏާއިމެދު އެހުންނަނީ މުޅިން ރުހިގެން ނޫންކަމެވެ. އޭގެ ފަހަތުގައި އޭނަގެ މަޤްސަދެއް އަދި އޮތްކަމުގައި ވިއަސް ކައިވެންޏަކީ ގިނަފަހަރު ގަޔާވާ ބައިވެރިއަކާއެކު ޖަހައިލެވޭ ގޮށެކެވެ

"ނުބުނަމެއްނު އަހަރެންނަށް ހަމަޖެއްސީ ކޮން ރޫމެއްކަމެއް." އަހަރެން ވާހަކަދެއްކީމެވެ.

އަހަރެން ގެ ފޮށި އެއްފަރާތެއްގައި ބަހައްޓާފައި ހުއްޓެވެ.

ފަހަތަށް އެނބުރި ބަލައިލެވުނީ ކީއްވެކަމެއް ނޭނގުނެވެ. ގައިމު އެތާ އިތުރު މީހަކު ހުންނާނީއެއް ނޫނެވެ. ދެން މަޑުމަޑުން ބޯޖަހާލައިފައި ވަދެ ދޮރު ލައްޕާލައިފީމެވެ. އެނބުރުނުއިރު ސަރްވާން އަދިވެސް ބަލަހައްޓައިގެން އެބަ އިނެވެ.

"އާދެބަލަ!" ތަންކޮޅަކަށް ގޮސްފައި ދާންވީ ކޮޅެއް ނޭނގިގެން ހުއްޓުނުތަނާ ސަރްވާން އެދުނެވެ.

ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ގޮސް އޭނައާ ކައިރިވުމާއެކު އެނދުގައި އަތުން ތަޅާލައިފައި އިށީންނަން ތަންދެއްކިއެވެ. އަހަރެން ކިޔަމަންތެރިކަމާއެކު އަރައި އިށީނދެލައިފީމެވެ. ސަރްވާން އަހަންނާއި ދިމާއަށް މޫނު އަނބުރާލައިގެން ބަލަން އިނދެފައި ދެން ބަލައިލީ އަހަރުމެން ދެމީހުންގެ މެދުގައި އެނދުމަތީ ބާއްވާފައި އޮތް އަހަރެންގެ އަތްތިލަ އަށެވެ. އޭނަ އަހަރެންގެ އަތްތިލައިގައި ހިފާލުމާ އެކު މެއަށް ފިނިވެލިއެވެ.

ސަރްވާން އަހަރެންގެ އަތުގެ ކުޑަހުޅާއި ހިސާބުން ހިފާލައިފައި އަނެއް އަތުން އަހަރެންގެ ލޭސް އަންގި ދަމައިގަތެވެ. ސިހުމާ އެކު އަހަންނަށް އަތްމުށްކަވައިލެވުނެވެ.

"ސޮރީ ތަންކޮޅެއް ބާރަށް ދޯ މިދަމައިގަނެވުނީ.." ސަރްވާން އަހަރެންގެ މޫނަށް ބަލައިލި އެވެ.

އޭނަގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ. އަހަރެން ޖަވާބެއް ނުދެމެވެ.

އޭނަ ޝައުޤުވެރިވެފައިވާ މީހަކު ފަދައިން ފަހަރަކު އިނގިއްޔެއް ހުޅުވަން ފެށުމުން ފަހު ތިން އިނގިލި ހުޅުވައިލީ އަހަރެން އަމިއްލަ އަށެވެ.

ވަރަށް ރީތި އިނގިލިތަކެއް..." ރަނގަޅަށް އަހަރެންގެ އަތްތިލަ ދިރާސާކުރާ މީހަކު ފަދައިން ބަލަހައްޓައިގެން އިނދެފައި ބުނެލިއެވެ.

ލަދުން އަހަރެންނަށް އެއަތް ދަމައިގަންނަން ބާރުލެވުނެވެ. ނަސީބަކުން ސަރްވާން ވެސް އިތުރަށް ހިފަހައްޓާކަށް ނޫޅުނެވެ. ދޫކޮށްލައިފިއެވެ. އަހަރެން އެއަތްތިލަ ގެނެސް އަނެއްއަތާއެކު އުނގުތެރޭ ފޮރުވާލީމެވެ. ސަރްވާން ހިނިގަނޑެއް ޖަހައިލާފައި ދާދި އަވަހަށް ހިމޭންވެއްޖެ އެވެ.

"އަންކޮމްފޮޓެބްލް؟" ސަރްވާން އިރުކޮޅަކުން އެހިއެވެ.

"ކުޑަކޮށް.." އަހަރެން އެއްބަސްވީމެވެ.

"އެކަމަކު އަހަރެމެން އެކަކު އަނެކަކު ދަންނަތާ ކިހާދުވަހެއް.." ސަރްވާން ހަނދާންކޮށްދިނެވެ.

އަހަރެން ޖަވާބެއް ނުދެމެވެ. ދެމީހުން ދަންނަތާ ކިތަންމެ ދުވަހެއް ވިއަސް އަހަރުމެންނަކީ އޭރު ވެސް އެކުވެރިންނެއް ނޫނެވެ. އަހަރެން އަބަދުވެސް ބެލީ އޭނައާ ދުރުދުރުން އުޅެވޭތޯއެވެ. ޚުދު އޭނައަށްވެސް އެކަން އިހްސާސްވާތީ ކަންނޭނގެއެވެ. މާބޮޑަށް އެކުވެރިވާކަށް މަސައްކަތްކޮށްފައެއް ނެތެވެ. މަދުފަހަރަކު ވާހަކަދެކެވުނަސް ދެކެވިފައިވީ އަލްޔާ މެދުވެރިވެގެން، ނޫނީ އަލްޔާއާ ގުޅޭ ކޮންމެވެސް ކަމަކާއެވެ

"އަހަރެން ސުވާލެއް ކުރަންތަ؟" ސަރްވާން އަނެއްކާވެސް ވާހަކަދެއްކި އެވެ.

"އަހާބަލަ!" އަހަރެން ހުއްދަ ދިނީމެވެ.

އޭނަ ފަހަތަށް ޖެހިލާފައި ބާލީހުގައި ލެނގިލުމަށް ފަހު އަހަރެންވެސް ހަމައެގޮތަށް ކަންތައް ކުރުމަށް އަތުގެ އިޝާރާތުން ދައްކައިލިއެވެ. ދެބަހެއް ނެތި އަހަރެން ވެސް ހުހަށް ހުރި ދިމާގައި ބާލީސްތަކުގައި ލެނގިލައިގެން ހަމަޖެހިލައިފީމެވެ. ރޭގަނޑުގެ ބޮޑުބައި އަދި އޮތީ ކުރިއަށެވެ. ތަނެއްގައި ލެނގިނުލައި ބުރަކަށި ތެދުކޮށްގެން ނީނދެވޭނެ އެވެ.

"ނަމާދުކޮށްފަތަ.... އަހަރެންނާ އިންނަން އެއްބަސްވީ؟" ސަރްވާން ކުޑަކޮށް ފަސްޖެހުނުކަން އަޑުން އެނގުނެވެ.

އަދި އޭނަ އެ އިޝާރާތްކުރަނީ އިސްތިޚާރާ ނަމާދަށްކަން ވެސް އަހަންނަށް އެނގުނެވެ. އަލްޔާ ފަރާތުން ގޭތެރޭ އެންމެން ދައްކާ ވާހަކަތައް އޭނައަށް ވެސް ހުންނާނީ އެނގިފައެވެ. އިތުރަށް ސިއްރުކުރުމުގެ ބޭނުމެއް ނެތެވެ. އަހަރެން ގަސްތުކުރީ ތެދަށް ބުނުމަށެވެ.

"ރިއަލީ؟" އަހަރެން ބޯޖަހައިލިތަން ފެނިގެން ސަރްވާން ޔަޤީން ނުވެފައި އަހައިލި އެވެ.

ކީއްވެކަން އަހަންނަށް އިނގެއެވެ. ޚުދު އަހަރެންވެސް ޖަވާބު ލިބުނު ގޮތާ މެދު ހައިރާންވެ އެވެ. ސަރްވާން ބަލަން އިނީ އިތުރު ތަފްސީލަށް އެދިއެދި އިންމީހަކު ފަދައިންނެވެ. އަހަރެން ނިންމީ ކިޔައިދިނުމަށެވެ.

އަސްލު ގޭގައި އެންމެން އެދައްކަނީ މާބޮޑުކޮށްލައިގެން. އަހަރެން އެތައް ބަޔަކު ރިޖެކްޓެއްނުކުރަން..." ފުރަތަމަ ކަމަކަށް އަހަރެން އޮޅުންފިލުވައިދިނީމެވެ.

ސަރްވާން ބޯޖަހައިލި އެވެ.

"ގިނަ މީހުން ވިސްނަނީ ކޮންމެވެސް ހުވަފެނަކުން އިސްތިޚާރާގެ ޖަވާބު ލިބޭނެކަމަށް. އެކަމަކު ބައެއްފަހަރު ޝައިތާނާ ވެސް ޓްރިކްކުރާނެ. އެވްރީ އަދަރ ޓައިމް އައި ފެލްޓް ދިޒް އަންއީޒިނެސް....އަދި އެދުވަހު ޕްރޮޕޯސްކުރީމަ..." ފަސްޖެހޭގޮތްވެގެން އަހަންނަށް ވާހަކަ މެދުކަނޑާލެވުނެވެ.

ސަރްވާންގެ މޫނަށް ބަލައިލެވުނެވެ

"ޔޫ ސެޑް ނޯ." ސަރްވާން ހަނދާންކޮށްދިނެވެ.

ހޫމ. ދެން ފަހުން ވިސްނާލާފަ ހިތަށް އެރީ އެހެން ކޮންމެފަހަރަކު އިސްތިޚާރާކޮށްފަ ގޮތް ނިންމާއިރު މިފަހަރު ކީއްވެހޭ އަމިއްލައަށް ނިންމަންވީ..." އަހަރެން ކިޔައިދިނީމެވެ.

"އެކަމަކު ކައިވެނީގެ ވަގުތު ވަރަށް އުދަނގޫވެފައި އަމިއްލަ ނިންމުމާ މެދު ހިޔާލު ތަފާތުވެފައި ހުރި އިހްސާސެއް އަހަންނަށް ކުރެވުނީ..." ސަރްވާން އެވާހަކަ ބުނެލީ ނުބުނަން އުޅެފައި ކަހަލައެވެ. އޭނަގެ މޫނަށް ވީގޮތުން އަހަންނަށް ހީވީ އެހެންނެވެ.

"ކިތަންމެ ސާބިތު ހިތަކަށް ވެސް ގުޑުން އަންނަ ވަގުތު އާދެއެއްނު..." އަހަރެން އިތުރު ތަފްސީލަކަށް ނުދަމެވެ.

އެކަމަކު އަހަރެން އެވަގުތު ނުތަނަވަސްވެފައި އިނީ ކީއްވެކަން ސަރްވާންއަށްވެސް ވިސްނާލައިފިއްޔާ އެނގޭނެއެވެ. އެއޮތް ހުރިހާ ދުވަހު އަލްޔާއާ އިންނަން އުޅެފައި ފަހު ވަގުތު އަހަރެންގެ ފިރިއަކަށް އޭނަ ވުމުން އާއިލާގެ ފަރާތުން އަހަންނަށް ކުރިމަތިވާނެ ނުރުހުން އޭނައަށް އެނގޭނެއެވެ. އެމީހުންނާއި ކިތަންމެ ގުޅުމެއް ނެތަސް އަހަރެންގެ ހިތަކީވެސް އަސަރު ނުކުރާ ހިތެއް ނޫނެވެ

"ތޭންކްސް..." ސަރްވާން ބުނެލިއެވެ.

"އަހަންނަށް ފުރުސަތެއްދިނީމަ. އަދި އަހަރެންގެ.... އަންބަކަށްވީމަ.." ސަރްވާން ޖުމްލަ ނިންމާލައިފައި ކަރުތެރެ ސާފުކޮށްލަން އުޅޭމީހަކުހެން ކުޑަކޮށް ކަރުކެހިލާފައި ދުރުބަލައިލިއެވެ.

"އަހަރެންގެ އެކުވެރިންނަށް މިރޭ ބޭރުން ޓްރީޓެއް ދޭން ބުނެފަ އިންނާނީ. ޒޯޔާ ދާން ބޭނުން ނެތިއްޔާ ގޭގަ މަޑުކުރިއަސް އޯކޭ. ކާއެއްޗެހި ގެނެސްފަ ހުންނާނެ. ޒޯޔާ ނުވެސް ކަމެއްނު ގެއަކުން." ސަރްވާން އެނދުން ފައިބައިގެން ގޮސް އަލަމާރި ކައިރިއަށް ހުއްޓިފައި ދޮރުފަތް ކަހައިލި އެވެ

ގަމީސް ބާލާފައި އޭނަ ޓީޝާޓަކަށް ބަދަލުކޮށްލައިގެން ގޮސް ލޯގަނޑު ކައިރިއަށް ހުއްޓިފައި އަތުގެ އިނގިލިތައް ބޮލުގެ އިސްތަށިގަނޑަށް މަހާލައިފައި ނެގިއިރު ފެންނަން ހުރީ މީގެ ކުރިން އަހަރެން ދެކޭ ސަރްވާން އެވެ. ތަންކޮޅެއް ކުރިން ޖެހި ހަރުކުލައިގެ ބަދަލުގައި ޅަ ވައްތަރު ޖަހާލައިފިއެވެ

"އޯކޭ ނިދިއަސް... ބޭނުމިއްޔާ..." ސަރްވާން ދޮރާ ހަމައަށް ގޮސް ހުއްޓިފައި އެނބުރި ވާހަކަދެއްކި އެވެ

އެކަކު އަނެކަކަށް ފަރިތަ ވާން ދުވަސްކޮޅެއް ނަގާނެކަން އަހަރުމެން ދެމީހުންނަށް ވެސް އެނގެއެވެ.

ކޮޓަރިތެރޭ އެކަނިވުމުން އަހަރެން ވަށައިގެން ނަޒަރު ހިންގައިލީމެވެ. މުޅި އެޕާޓްމެންޓްގައި ވެސް ފަރުނީޗަރު ހަމައަށް ހުރީ އެތަނުގައެވެ. ހުދުން ފާރުތައް ހުރެފައި އެނދާއި އަލަމާރި ރީތިވާ މޭޒު ގަދަ މުށިކުލައިގައި ހުރުމުން ބަލައިލަން ރީތިގޮތެއް ހުއްޓެވެ. އެއްކަނުގައި ކުޑަވަރެއްގެ ފޮތް ހަރަކާއި ހުދު ލައުންޖް ގޮނޑިއެއް ހުއްޓެވެ. ދޮރުފޮތިތަކާއި އެނދުގައި އޮތް ބެޑްޝީޓުގައިވެސް ހުދެވެ

ސައިޑު ޓޭބަލް މަތީ އޮތް ސަރްވާންގެ ފޯނު ވައިބްރޭޓް ވާން ފެށުމުން ނަޒަރެއް ދެވުނީ އެފޯނު އޮތީ އަހަރެން އިން ފަރާތުގައި ކަމަށްވީތީ އެވެ. އަލްޔާގެ ނަން އަރާފައި އޮއްވައި ފެނުމުން ހިތް ތެޅިގަތެވެ. ގެއިން ނިކުތީއްސުރެ ހަނދާނުން ކައްސާލާފައިވާ ހާސްކަމާއި ނުތަނަވަސްކަން އައިސް އަހަރެން ވަށައިލީ ދެނެވެ. އަހަރެންގެ ފުރާނަ އެފަރާތެއްގެ އަތްމަތީގައިވާ ފަރާތާ މެދު އަހަރެންގެ ޔަޤީންކަން އެބައޮތެވެ. އެކަމަކު އެންމެ ގާތް މީހުންގެ ނުރުހުމަކީ ކިތަންމެ ސާބިތު ހިތަކަށްވެސް ގުޑުން ގެނުވާ ކަމެކެވެ.

ސަރްވާން ދޮރު ހުޅުވާލައިފައި ވަންއަޑަށް އަހަރެންނަށް ތެޅިގަނެވުނެވެ. ހިތާ ދިމާއިން މޭގައި އަތް އަޅައިލެވުނީ ވައްކަމެއްކުރަން އުޅެނިކޮށް ފެނިގެން ބިރުގަތްމީހަކު ފަދައިންނެވެ. އަހަރެން އެފޯނަށް ބަލަން އިންދާ އޭނައަށް ނުފެންނަ ކަމެއްވެސް ނޭނގެއެވެ.

"ހުސްބަނޑާހުރެ ބޭސްނުކާތި އިނގޭ." ސަރްވާން ފޯނު ނަގާފައި ފަހު ފަހަރަށް އަހަރެންގެ މޫނަށް ބަލައިލިއެވެ.

އަހަރެން ބޯ ޖަހައިލުމުން ހިނިތުންވެލާފައި ނިކުމެގެން ގޮސް އަނެއްކާވެސް ގެއްލުނެވެ.

ހެދުން ބަދަލުކޮށް އަހަރެން ފޭބީ ތިރިއަށެވެ. އާންމު އެހެން ދުވަހެއް ނަމަ ގޭގައި އަހަރެން އިންނާނީ ރޯދައަށް ހަނދު ފެނޭތޯ ޓީވީ ހުޅުވައިގެންނެވެ. އެކަން އިޢުލާން ކުރުމާ އެކު ހާރު ކެއްކުން ފެށިގެން ދާނެއެވެ. އާންމުކޮށް އަހަރެމެން ގޭގައި އެންމެންވެސް ކާނީ ގަރުދިޔައެވެ. ދެން ބޭނުންވާނީ ފިހުނު މަހެވެ. ކޮންމެވެސް ކަހަލަ ސެލެޑަކާ އެކު ފޮނި އެއްޗެއްވެސް ހުންނާނެއެވެ. ހަނދު ފެނުމާއެކު ގޭތެރޭގައި ކުޅިވަރު ފެށުނީއެވެ. އެންމެން ތިބޭނީ ދަންވަރު ދޭއް ޖަހަންދެނެވެ. ޓީވީ ތަކުންނާއި ރޭޑިއޯތަކުންވެސް މުނިފޫހި ފިލުވުމުގެ ޕްރޮގްރާމްތައް އެހެން ހުރިހާ މަހަކު ނުގެންނަ ވަރަށް ގެންނަން ފަށައެވެ. ކޮޓަރީ އިންނައިރު އަހަންނަށް އެހުރިހާ އަޑެއް އިވެއެވެ.

އަހަރެން ފެނުމާ އެކު މެއިޑު އައިސް ކާންހަދަންތޯ އެހިއެވެ. އަހަރެން ބޭނުންވީ ގޭގައި އެއްވެސް ވަރަކަށް ކެއްކޭނެހެން ހުރިތޯ ބަލާށެވެ. ހަނދު ފެނިއްޖެނަމަ ކޮންމެވެސް ފައިދާހުރި އެއްޗެއް ތައްޔާރުކޮށްލާނީ އެވެ. ބަދިގެއަށް ވަދެ ފްރިޖު ހުޅުވާލާފައި ބެލިއިރު ކުޑަ ފެން ކޭހަކާއި ދެތިން ވައްތަރެއްގެ ދަޅަކާއި ޖޫސް ޕެކެޓެއް ނޫނީ ނެތެވެ. އަހަރެން ހައިރާން ވެފައި މެއިޑުގެ މޫނަށް ބަލައިލީމެވެ. އޭނަ ބުނެދިނީ ގޭގައި ނުކައްކާ ކަމުގައެވެ. ސަރްވާން އަބަދުވެސް ކަނީ ބޭރުން ކަމުގައެވެ. އެކަމަކު އަހަރެން ބޭނުންނަމަ ގަންނަންވީ ތަކެތީގެ ލިސްޓެއް ދިނުމުން ގެނެސްދީފާނެ ކަމުގައެވެ.

ބޯ ޖަހައިލުމަށްފަހު ޖޫސްތަށްޓެއް އަޅައިގެން އެހިފައިގެން އަހަރެން ނިކުތީ ސިޓިންރޫމަށެވެ. ޓީވީ ހުޅުވާލުމަށްފަހު ފޯނުން ލިސްޓެއް ހަދަންވެގެން އިށީނދެލީ ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމުގެ ޕްރޮގްރާމަށް އެއް ކަންފަތް ދީގެންނެވެ. މެއިޑު އިރުކޮޅަކުން އާފަލެއް ކޮށާލައިގެން ގެނެސް ޖޫސްތަށި ކައިރީ ބަހައްޓައިދިނެވެ.

ގޭގައި މަސައްކަތްކުރާ މީހުންނާ ސަރްވާންއާ ގުޅުން ރަނގަޅުތަ؟" މެއިޑު ދާންވެގެން ހިންދެމިލުމާއެކު އަހަރެން ސުވާލުކުރި އަޑަށް ބަލައިލިއެވެ. އެމޫނުން ސުވާލު އުފެދިފައިވާކަން ދޭހަކޮށްދިނެވެ.

"މިހެން މިއެހީ.. ޑްރައިވަރާ ހިތްހަމަނުޖެހިފަ ހުރިހެން ހީވީމަ.." އަހަރެން އޮޅުންފިލުވަދިނީމެވެ.

"އޭނަ މަންމަގެ ދަށުން މަސައްކަތްކުރާ މީހުންވެ. ސަރްވާން އާއި އޭނަގެ ފެމެލީއާ އެހާ ގުޅުން ރަނގަޅެއް ނޫން.." ޖަވާބުދީފައި ކުލަވަރު ބަދަލުވިގޮތުން ހީވީ އެވާހަކަ ބުނެވިގެން ޖެހިލުންވި ހެންނެވެ.

އަހަރެން އަތުގެ އިޝާރާތުން ދިއުމުގެ ހުއްދަ ދީފައި ޓީވީއާ ދިމާއަށް އެނބުރުނީމެވެ.

ހަނދު ފެނިއްޖެކަން އިޢުލާން ކުރީ ގޭގައި އަހަރެން އެކަނިވެފައި އިންދައެވެ. މެއިޑު ނިކުމެ ވީ ބާޒާރުކުރުމަށެވެ. ފޯނަށް މެސެޖުތަކެއް އައިސްގެން ނޯޓިފިކޭޝަންތައް އަންނަން ފެށިއެވެ. ބަލާލިއިރު ވައިބަރ ގުރޫޕްތަކުގައި އެންމެން "ރަމަޟާން މުބާރަކް" ކިޔަން ފެށީއެވެ. އަދި މީ އަހަރެންގެ އެންމެ ފަހު ރަމަޟާން މަސް ކަމުގައިވެސް ވެދާނެއެވެ.

އެހިޔާލު އައުމާއެކު، ކުޑަ ހިނދުކޮޅަކަށްވެސް އަހަރެންގެ ހަނދާނުން ކައްސާލައިފައިވާ ހަޤީޤަތް އޭގެ އެންމެ ބާރުމިނުގައި އައިސް ހިތަށް ހަމަލަ ދިން ކަހަލަ އެވެ. ކަރުނައިން ދެލޯ ފުރިގެން އައުމާއެކު ކުރިމަތިން ފެންނަމުންދިޔަ ޓީވީގެ ސްކްރީން އެކީ ފުސްވެގެންދިޔައެވެ.

އަހަރެންނަށް ތެދުވެވުނީ ގޭގެ ބެލް ޖަހާ އަޑަށެވެ. މެއިޑު ނޫނީ ސަރްވާން ނަމަ އެގޮތަށް ބެލްއެއް ނުޖަހާނެއެވެ. އަލްޔާ ކަމަށް ހީކޮށް އަހަރެން ކުޑަކޮށް ޖެހިލުންވިއެވެ. ދޮރާއި ކައިރިވެލާފައި ޕީޕް ހޯލްއިން ބަލާލިއިރު ދަންނަ މީހެއް ނޫނެވެ. ނިޤާބު ފޮތިކޮޅު މޫނުމައްޗަށް ވައްޓާލައިފައި ދޮރު ކުޑަކޮށް ހުޅުވާލުމަށްފަހު އަހަރެން ސަލާމް ގޮވާލީމެވެ.

ވައަލައިކުމް ސަލާމް. ސަރްވާންގެ އަންހެނުން ކޮބާ؟ އަހަންނަކީ ސަރްވާންގެ މަންމަ.." އަންހެންމީހާ އަހަރެންގެ ފައިން ފެށިގެން ބޮލަށް ނަޒަރެއް ދެމުން ދެއްކި ވާހަކަ ނިންމައިލީ އަމިއްލަ ތައާރަފުންނެވެ.

-ނުނިމޭ-

ނޮވެމްބަރުގެ ވާރޭ

Popular