29 Mar 2023

ނޮވެމްބަރުގެ ވާރޭ - 7

ނޮވެމްބަރުގެ ވާރޭ - 7

ހަތަރުފަރާތުން އުދަރެސް ވަށާލައިފައިވީ ވިލާތަކުން ދެންމެ ދެންމެ ފެން ވެހިގެންފާނެ ފަދައެވެ. އަހަރެންގެ މިސްރާބު ހުރީ، ސުކޫލުން ނިމިގެން ދެ އެކުވެރިއަކާއެކު ޤުރޫޕް މަސައްކަތެއް ކުރުމަށެވެ. ހަމްދާން އަކީ އަހަރެންގެ ދުވަސްވީ އެކުވެރިއެކެވެ. އެކަމަކު އަލްޔާއާ އަހަރެންގެ އެކުވެރިކަން އުފެދުނުތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. ފުރަތަމަ ދުވަހުން ފެށިގެން އޭނަ އަހަރެން "އިމްޕްރެސް" ކުރަން ކުރަމުންދިޔަ މަސައްކަތް އަހަރެންގެ އެކުވެރިންނަށްވެސް ފާހަގަވިއެވެ. ހަމްދާން ކުރީބައިގައި ނުރޭވި ނަމަ އެދުވަހުވެސް އަހަރެން އެގެއަށް ނުދިޔައީހެވެ. އަހަންނަށް އެގެއަށް ދެވުނު ސަބަބަކީ އެއީ އެވެ.

ވާރޭ ވެހެން ފެށިއިރު އަހަރުމެން ތިބީ އަލްޔާ އުޅޭ ގެއާއި ނުހަނު ކައިރީގައެވެ. ފުރަތަމަ ދުއްވައިގަތީ އަލްޔާއެވެ. ފަހަތުން ހަމްދާންއެވެ. އެމީހުން ގޮސް ގޯޅި އަޅަންދެން އަހަރެން ބެލީ ދިގު ފިޔަވަޅުތަކެއްގައި ދެވޭތޯއެވެ. އަހަރެން ދުއްވައިގަތީ އެމީހުން ލޯމަތިން ގެއްލުނީމައެވެ. ދުވެވުނު އެންމެ ބާރަކަށް ދުވެގެން އަތުވީ އެގޭ ގޯޅިގަނޑުންނެވެ.

ސިޑިން އެރިގޮތަށް އަލްޔާ ބޫޓު ބަހައްޓާފައި އަހަރުމެން ކައިރީ ފަހަތުން ދާން އަންގަމުން ގެއަށް ވަނެވެ. ހަމްދާން ވަގުތުން ބޫޓު ބޭލިއެވެ. އަހަރެންގެ ނަޒަރު ދިޔައީ ކުޑަކުޑަ ބެލްކަނިކޮޅުން ބޭރަށް ފޮތި މާތަކެއް ވާރެއަށް ދިއްކޮށްލައިގެން ހުރި އަންހެންކުއްޖަކަށެވެ. އަހަންނަށް އެމޫނު ފުރަތަމަ ފެނުނީ އަރިމަތިންނެވެ. ވަޔާއެކު ވިހުރެމުންދިޔަ ކަޅު ދިގު އިސްތަށިގަނޑުގެ އެއްފަރާތް ވެފައި ވުމުގެ ސަބަބުންނެވެ. ފެންތިކިތައް ބީހެމުންދިޔަ ކޯތާފަތާއި ލޮލަށް އެތިކިތަކުން ދެމުންދާ ހަމަލާތަކުން ސަލާމަތްވުމަށް އިރުއިރުކޮޅާ ލޯމަރައިލާ ގޮތް ފާހަގަވިއެވެ.

ދެތުންފަތް މަޑުޖެހުމެއްނެތި އޭނަ ދިޔައީ ކޮންމެވެސް ދުޢާއެއް ކުރަމުންނެވެ. އަހަންނަށް ސާފުވީ އެއިން ބައެއް ތަންކޮޅުކޮޅެވެ.

"ސަރްވާން!!!" ކީއްވެ ނުވަދެ ތިހުންނަނީ؟" އަލްޔާ އެނބުރި އައިސް ސުވާލުކުރިއެވެ.

އަންހެންކުއްޖާ ސިހިފައި ފަސްއެނބުރި ބަލާލި ވަގުތު އަހަންނާއި އޭނަގެ ހަތަރުކަޅި ބައްދަލުވިއެވެ. އަހަންނަށް ހިނިތުންވެލެވުނެވެ. އެކަމަކު އަންހެންކުއްޖާ ކަންބޮޑުވެފައި ވަގުތުން އަނެއްފަރާތަށް އެނބުރުނެވެ.

އަލްޔާ އަހަރެންގެ އަތުގައި ހިފާފައި އެތެރެއަށް ގެންދަންވެގެން ދަމާލިއެވެ.

އައިސީޔޫގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ޒޯޔާ ރޫމަކަށް ބަދަލުކުރީ މިއަދެވެ. ތަބީއަތު ރަނގަޅުވެލުމުން އޭނަ އުފަލުން ކޮޅެއް ނެތެވެ. ރޯދަ މަހުގެ ފަހު ދިހައެއްގައި އަޅުކަން ކުރާހިތުން އޭނަ ކުރި ދުޢާ ﷲ އިޖާބަ ކުރެއްވީތީ އެންމެ ހިނދުކޮޅަކަށް ވެސް ޝުކުރުވެރިވުން ހުއްޓައެއް ނުލައެވެ

ެއިނގޭތަ ސަރްވާންއަށް. ރަސޫލާ (ޞޢވ) ގެ ޒަމާނުގަ ސަހާބީންނަށް ފެންނަ ހުވަފެންތައް ތަޢުބީރުކޮށްދޭ ވާހަކައަކީ މަޝްހޫރު ވާހަކައެއް. މިގޮތަށް ތަލްހާ (ރއ) ފެނުނު ހުވެފެނެއްގަ އެކަލޭގެ ފާނަށް ފެނުނީ ސުވަރުގޭގެ ދޮރުކޮޅު ކައިރިއަށް ދެވިފައި ވަނިކޮށް އަދި އެކަލޭގެ ފާނު ދަންނަ އިތުރު ދެ ސަހާބީ ބޭކަލަކު. ކޮއްކޮއަކާއި ބޭބެއަކު. އެތަނުން އެއް ބޭކަލަކު ދުނިޔެ ދޫކުރެއްވީ ޝަހީދުވެގެން. އެކަމަކު އަނެއް ބޭކަލަކު އޭގެ އެއްއަހަރު ފަހުން. އެކަލޭގެފާނަށް ފެނުނީ ސުވަރުގެ ގޭގެ ދޮރުކޮޅުން ގޮވާލާ ބޭކަލަކު އައިސް ފުރަތަމަ އެއްއަހަރު ފަހުން ދުނިޔެ ދޫކުރެއްވި ބޭކަލަށް ގޮވާލެއްވިތަން. އޭގެ ފަހުން ޝަހީދުވި ބޭކަލަށް. އެވާހަކަ ދައްކަވަނިކޮށް ރަސޫލާ (ޞޢވ) އަށް އިވިވަޑައިގެން، އެކަމާއި އެސަހާބީ ބޭކަލުން ހައިރާންފުޅުވެގެން އުޅުއްވަން ފެށީމަ ވިދާޅުވީ. ފަހުން ދުނިޔެ ދޫކުރެއްވި ބޭކަލަށް އިތުރަށް އެއް ރަމަޟާން މަސް ލިބިވަޑައިގަތް ވާހަކަ. ޝަހީދެއްގެ މަޤާމު އަހަރެމެން އެންމެނަށްވެސް އެނގޭ އެކަމަކު އެމަޤާމަށްވުރެ މައްޗަށް އިތުރު އެއްއަހަރު ދުވަހުގެ ރަމަޟާން މަސް ލިބިގެން ދެވުމުން އަހަރެމެންނަށް އެނގެނީ މި މައްސަރުގެ އަގު. ސުބުހާނަﷲ....." ޒޯޔާގެ ލޮލުގައި ކަރުނަތައް ވިދަންފެށިއެވެ.

އޭނަ އެކިޔައިދިން ވާހަކައިން އަހަރެންގެ އަތުން ވެސް ހީބިހި ނަގައިގެންދިޔައެވެ. ރަމަޟާންމަހެއް ފެށިފައި ނިމިގެންދާއިރު އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް އޭގެ އެންމެ އެކަށީގެންވާ ބޭނުން ނުކުރެވޭތާގައި އެމަހުގެ މުހިންމުކަމެއްވެސް ނޭނގެއެވެ. ކެއުމާއި ކުޅިވަރުގެ މައްސަރެއްގެ ގޮތުގައި އަހަރުމެންގެ ސަޤާފަތް އެމައްސަރު ހަދައިފިއެވެ.

މަންމަ އައުމާ އެކު އަހަރުމެންގެ ވާހަކަ މެދުކެނޑުނެވެ. މަންމައަށް ގޮނޑި ދީފައި އަހަރެން ތެދުވެގެން ދުރަށް ޖެހިލީމެވެ. މަންމަ އާއި ޒޯޔާ އޮލަ ވާހަކައިގެ ތެރެއަށް ދިޔައީ އާދައިގެ ޅީދަރިއަކާއި މައިދައިތައަކުވެސް އުޅޭނެހެންނެވެ. ކުޑަދުވަސްކޮޅެއްގެ މެހުމާނެއްހެން ކުޑަކޮށްވެސް ހިއެއްނުވެއެވެ. މަންމަގެ މޫނަށް ނަޒަރު ހުއްޓައިލުމުން އަހަރެން ހަނދާންވީ މީގެ ދުވަސްތަކެއް ކުރީގެ މަންޒަރެކެވެ.

ޒޯޔާއާ ކައިވެނިކުރަން އަހަރެން ރޭވި ރޭވުމާއި ގުޅިގެންދިޔަ ސަބަބެވެ. އަހަރެން މެޑިކަލް ސުކޫލް ހުއްޓާލައިފައި އެނބުރި އައިފަހުން އަހަރެންގެ މައިންބަފައިންގެ ނަޒަރުގައި އަހަރެންނަށް ކުރެވުނު އަގުހުރި އެއްވެސް ކަމެއް ނެތެވެ. ވަޒީފާއަކަށް ނުގޮސް އެމީހުންގެ ތަނަވަސްކަމުގެ ބޭނުން ހިފައިގެން އަހަރެން އުޅޭ އުޅުން އެމީހުންނަށް ކަމަކު ނުދެއެވެ. ނުވިތާކަށް އަހަރެން ރަތްޓެހިވެގެން އުޅޭ ކުއްޖާވެސް އެމީހުން ގަޔައަކާނުވެއެވެ. ތަކުރާރުކޮށް އަހަރެން ކައިރީ މީހަކާއި އިނދެގެން ހަރުދަނާ ދިރިއުޅުމެއް ފަށަން ބުނެއެވެ. އެމީހުންގެ ނަޒަރުގައި އެގުޅުމުގެ ސަބަބުންވެސް އަހަރެންގެ ވިސްނުން ބަދަލުވެ އަމިއްލަ ފައިމައްޗަށް ތެދުވަން ދަސްވެދާނެއެވެ. ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. މަންމަ އަހަންނަށް ގުޅާފައި ބައްޕަ ބައްދަލުކުރަން ބޭނުން ވާހަކަ ބުންޏެވެ. އިއްތިފާޤުން އެދުވަހަކީ އަހަންނަށް ޒޯޔާގެ ރިޕޯޓްތައް ފެނުނު ދުވަހެވެ.

ގެއާ ދިމާއަށް އަހަރެން ދިޔައިރު ވެސް އަހަރެންގެ ސިކުނޑީގައި ވީ ޒޯޔާއެވެ. އަދި އޭނަ އެ ޚަބަރު ސިއްރުކުރަން ބޭނުންވާ ކަމެއް ނުވަތަ ނޫންކަމެއްވެސް އޭރު އަހަންނަކަށް ޔަޤީނެއް ނޫނެވެ.

ގެއަށް ދިޔައިރު ބައްޕަ އަހަރެން ލަސްވެގެން ރުޅިއައިސްގެން ހިނގައްޖެއެވެ. ބައްޕަގެ ނިންމުން އިއްވީ މަންމައެވެ. ތިން މަސްތެރޭ އަހަރެން ރަނގަޅު ކުއްޖަކާއި އިނދެގެން ދިރިއުޅުމެއް ނުފަށައިފިނަމަ އަހަރެންގެ ހައްޤު މުދާ ކޮންމެވެސް ބޭނުންޖެހިފައިވާ ތާކަށް ހަދިޔާކުރާނެ ވާހަކައެވެ. އަދި އެމީހުން އެހެން ކަންތައް ކޮށްފާނެކަމާއިމެދަކު އަހަރެން ކުޑަވެސް ޝައްކެއް ނުކުރަމެވެ. އަދި އެކަން އެގޮތަށް ކުރެވެން ނެތްނަމަ ދެން އޮތް ގޮތަކީ އަހަރެން އަލުން މެޑިކަލް ސުކޫލް ކުރިއަށް ގެންދިއުމަށް ފުރުމެވެ.

ހަޤީޤަތުގައި އެނިންމުން އަހަންނަށްވީ ޖޯކަކަށެވެ. އެކަހަލަ އިންޒާރު ވިސްނޭ މީހުން ދޭ ހެއްޔެވެ؟ އެމީހުން ހިތުން އަހަންނަށް އެހާ ކުރު މުއްދަތެއްގައި ރަނގަޅު ކުއްޖަކު ނުވާނެއެވެ. އަހަރެންނަށް އޮންނާނެ ހަމައެކަނި ގޮތަކީ އަލުން ޑޮކްޓަރުކަން ކިޔަވަން ފުރުމެވެ.

ތެދަށް ބުނަންޏާ ޒޯޔާއަށް އަހަރެން ގުޅީ ކުޑަވެސް ޔަޤީންކަމެއް އޮވެގެނެއް ނޫނެވެ. އޭނަގެ ބަލީގެ ބޭނުންކޮށްގެން އަހަންނަށް ކާމިޔާބު ލިބިދާނެކަމަށް ކުޑަކޮށްވެސް އުންމީދެއް ނުކުރަމެވެ. އަހަރެން ހަމައެކަނި ހިފީ އެފުރުސަތުގެ ބޭނުމެވެ. ހާއްސަކޮށް ޒޯޔާ އިސްތިޚާރާކޮށްފައި ނޫނީ އެފަދަ ނިންމުމެއް ނުވެސް ނިންމާނެކަން އަހަންނަށް އޮތީ އެނގިފައެވެ. އެކަމަކު ޖަވާބު އައީ ހީނުކުރާ ގޮތަށެވެ. އަދި އެދުވަހު ޒޯޔާއަށް ލިބުނު ޖަވާބު އެގޮތަށް އައީ ކީއްވެކަން ވެސް އަހަންނަށް ވިސްނިއްޖެއެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ އަޅަކަށް މަގު ދައްކަން ބޭނުންވެއްޖެނަމަ ހީނުކުރާ ގޮތްގޮތަށް އެކަމެއް ވެ ނިމިގެންދެ އެވެ.

ބޭރަށް ނިކުމެލާފައި އަހަރެން ވަންއިރު ޒޯޔާއަށް އޮތީ ނިދިފައެވެ. މަންމަ ކައިރީގައި އިނީ ފޯނަށް ބަލަހައްޓައިގެންނެވެ. އަހަރެން ފެނުމުން ތެދުވިއެވެ. ގޮސް ކައިރިވުމާއެކު މަންމަ އަހަރެންގެ ކޮނޑުގައި ހިފައިލި އެވެ. އެލޮލުން އަހަންނަށް ހިތާމައިގެ އަސަރު ފެނުނެވެ. އަހަރެން މަޑުމަޑުން ދެފަރާތަށް ބޯ ހޫރައިލީ މަންމަ ވާހަކަދެއްކިއަނުދޭން ވެގެންނެވެ. މަންމަ އެބުނަން އުޅޭ އެއްޗެއް އަޑު އަހާނެ ހިތްވަރެއް އަހަރެންގެ ނެތެވެ.

ކޮޓަރިތެރޭ އެކަނިވުމާ އެކު އަހަރެން މަންމަ ތެދުވި ގޮނޑީގައި އިށީނދެލީމެވެ. ނިދިފައި އޮތް ޒޯޔާގެ އަތްތިލައިގައި ހިފާ ގެނެސް މުށުތެރެއަށް ލައިގެން އެމޫނަށް ބަލަން އިނީމެވެ. ހިކި އަނަރޫފަވަމުންދިޔަ އެމޫނުގައި މިއަދުވެސް ގެއްލިގެންނުދާ އަލިކަމެއް ވިއެވެ.

ޒޯޔާ އަބަދުވެސް ބުނާނެއެވެ. އަހަރެން ވަކިވެގެން ދިއުމުން ދެރަނުވައްޗެވެ. އަހަރެން މަތިން ހަނދާންކޮށްފައި ހިތާމަ ނުކުރައްޗެވެ. މިދުނިޔެމަތީ އަހަރެން ވޭނުގައި ވިއަސް އަހަރެންދެކެ އެންމެ ލޯބިވާ ފަރާތުގެ އަރިހުގައި ވޭނެއް ރިހުމެއް ނުވެއެވެ. އަހަރެން ވާނީ އުފަލުގައެވެ. އަދި ސަރްވާން ﷲ ގެ ހަޟްރަތަށް ދިއުމުން އެންމެ ކުރިން ބައްދަލުކުރަން އަންނާނީވެސް އޭނައެވެ. ދެން އަހަރުމެން ބައްދަލުވާނީ ވަގުތީ ތަނަކުން ނޫނެވެ. ދާއިމީ ގޮވައްޗަކުންނެވެ.

ޒޯޔާ އަބަދުވެސް ބުނާނެއެވެ. ﷲގެ ރަޚުމަތާ މެދު އުންމީދު ކަނޑާނުލައްޗެވެ. އަދި އެފަރާތާއިމެދު ރަނގަޅަށް ވިސްނައްޗެވެ. ﷲ ވަނީ އިންސާނާ އެފަރާތާއިމެދު ވިސްނާ ފަދައަކުންނެވެ.

"ވާރޭ ވެހެނީތަ؟" ޒޯޔާ ވާހަކަދެއްކިއަޑަށް އަހަރެން ކުޑަކޮށް ސިހުނެވެ.

ހިޔާލަށް ގެއްލިފައި އިންވަރުން ޒޯޔާ ހޭލިކަމެއްވެސް ނޭނގުނެވެ. އަހަރެން ބަލާލިއިރު އޭނަ އަދިވެސް އޮތީ ލޯމަރާލައިގެންނެވެ.

"ހިއެއް ނުވޭ.." އަހަރެން ޖަވާބުދިނީމެވެ.

"އެކަމަކު އަހަންނަށް ހީވެއްޖެ ވާރޭވެހެނީއޭ.. އޭސީގެ އަޑު ކަންނޭނގެ ދޯ.." ޒޯޔާ ލޯ ހުޅުވައިލިއެވެ

އެބަ އަންނަމޭ ކިޔާފައި އަހަރެން ތެދުވެގެން ގޮސް ފޮތިގަނޑު ކަހާލައިފައި ބޭރު ބަލާލީމެވެ. ބޯކޮށް ވާރޭ ވެހޭތަން ފެނުމުން އެނބުރި ޒޯޔާގެ މޫނަށް ބަލައިލެވުނެވެ. ޒޯޔާއަށް އަހަރެންގެ ކުލަވަރުން ޖަވާބު ލިބުނެވެ. އޭނަ ހިނިތުންވެލިއެވެ. އަދި ދުޢާއަށް ދެއަތް އުފުލާލައިފިއެވެ. ވާރޭ ވެހޭ ވަގުތަކީ ދުޢާ އިޖާބަކުރައްވާ ވަގުތެކެވެ. ޒޯޔާ އޮޅިގެންވެސް އެފަދަ ވަގުތެއް އަތުން ދޫވެގެން ދިޔަކަނުދޭނެއެވެ.

އެހުރިތަނުގައި ހުރެގެން އަހަރެންވެސް ދުޢާކުރަން ފެށީމެވެ. ނިމިގެން އަހަރެން ދިޔައިރުވެސް ޒޯޔާ އެގޮތުގައި ގެއްލިފައި ވިއެވެ.

އަހަރެން ސުވާލެއް ކުރަންތަ؟ އެންމެ ފުރަތަމަ އަހަރެން ތިގެއަށް ދިޔަ ދުވަހު މާތައް ދޮންނަން ހުރެގެން ކޮން ދުޢާއެއްތަ ކުރީ؟" ޒޯޔާ ނިމުނުކަން ޔަޤީންކޮށްފައި އަހަރެން އެހީމެވެ.

އަހަރެން އެދުނީ އޯލެވެލް އިން ރަނގަޅު ނަތީޖާއަކަށް. ދެން ރަނގަޅު ވަޒީފާއަކާއި އޭގެ ފަހުން ރަނގަޅު ފިރިއަކަށް.." ޒޯޔާ ޖަވާބުދީފައި ރަކިގޮތަކަށް ހީލިއެވެ.

އެހިނިތުންވުމުގެ ޖާދޫގައި ޖެހި އަހަންނަށްވެސް ހެވިއްޖެއެވެ.

"އަދި އެހުރިހާ ދުޢާއެއް އިޖާބަކުރެއްވި....އަލްހަމްދުލިއްލާހި." ޒޯޔާގެ ހިނިތުންވުން ފުންވެގެން އައެވެ.

އަހަންނަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އެއީ އަހަންނަށް ފެންނާނެ ޒޯޔާގެ ހިނިތުންވުން ފެންނާނެ ފަހު ދުވަސްކަން ކުޑަކޮށްވެސް ހިތަށް ނާރައެވެ.

ގޮނޑިން ފޫ ހިއްލާލައިފައި އަހަރެން ޒޯޔާގެ ނިތުގައި ބޮސްދިނީމެވެ. ތުންފަތް ދުރުކޮށްލުމެއްނެތި އެގޮތުގައި އިރުކޮޅަކު ހުރީމެވެ. ޒޯޔާ ލޯ ހުޅުވައިލީ އަހަރެން ދުރަށް ޖެހިލިތާ އިރުކޮޅެއް ފަހުންނެވެ. ދެން އަނެއްކާވެސް ހިނިތުންވެލިއެވެ.

ޒޯޔާގެ ހާލު އިތުރަށް ގޯސްވީ އެރޭގެ ވަގުތެއްގައެވެ. އައިސީޔޫއަށް ވެއްދުމަށްފަހު ދެހަފްތާ ފަހުން ދެން އެތަނުން ނެރުނީ އޭނަގެ ފުރާނަ ނެތް މަސްގަނޑެވެ. އެ ދެހަފްތާ ތެރޭގައި ޒޯޔާ އެއްފަހަރުވެސް ލޯ ހުޅުވައެއްނުލައެވެ. އަހަންނަކަށް ހިނިތުންވެއެއްނުލައެވެ. ކައިރީގައި އިނދެ ކިތަންމެ ވަރަށް ވާހަކަދެއްކިއަސް ކުޑަމިނުން ހަރަކާތެއްވެސް ކޮށެއްނުލައެވެ.

އެދުވަސް ދިމާވީ އެންމެ ބޯކޮށް ވާރޭވެހުނު އެއްދުވަހާއެވެ. ފަހަރަކު މީހަކު މަދުވަމުން މަދުވަމުން ގޮސް މަހާނަދޮށުގައި އަހަރެން އެކަނިވީއިރުވެސް ރޭކައެއްނުލިއެވެ. ވެހެމުންދިޔަ ބޯ ވާރެއިން މުޅި މީހާ ތެމިފޯވެފައިވިއެވެ. ފިނިން އަހަރެން ހީކަރުވައިގަނެ ތުރުތުރުލަމުން ދިޔައެވެ. އެކަމަކު ޒޯޔާ އެތަނުގައި އެކަނިކޮށްލާފައި ދާކަށް އަހަރެންގެ ދެފައި ހަރަކާތެއް ނުކުރިއެވެ. އަހަރެންނަށް ހޭވެރިކަންވީ ފަހަތުގައި ހުއްޓުނު ކޮންމެވެސް މީހެއްގެ ކުޑައިން، އަހަރެންގެ ބޮލަށް ވެހެމުންދިޔަ ވާރެއަށް ހުއްޓުމެއް އައީމައެވެ

ފަސްއެނބުރި ބަލާލިއިރު އަހަރެންގެ ބައްޕަ އެވެ. ބައްޕަ އެވަގުތު އަހަރެންގެ ކޮނޑުގައި ހިފާލީ ހިތްވަރުދިނުމުގެ ގޮތުންނެވެ. ދެން ދާންހިނގާށޭ ބުނުމުން އަހަރެން ބޯޖަހައިލީމެވެ. ފަހު ފަހަރަށް އަހަރެންގެ އަނބިމީހާގެ މަހާނައަށް ބަލައިލުމަށްފަހު ދާން ހިނގައިގަތް ހިސާބުން ވާރޭ ތުނިކުރަން ފެށިކަން އެނގުނެވެ. ކާރުގެ ދޮރާއި ހަމައަށް ދެވުނުއިރު ވާރޭ ހުއްޓައިފިއެވެ. ހަނދާންތަކެއް ދޫކޮށްފައި ވަކިވެގެންދިޔަ އަހަރެންގެ ލޯބިވާ އަނބިމީހާ ފަދައިންނެވެ. އަހަރުތަކެއް ކުރިން އަހަރެންގެ ހިތާއި ކުޅެލި ނޮވެމްބަރުގެ ވާރޭ އިންސާނެއްގެ ހަޔާތަކީ ހާދަ ކުރު އެއްޗެކެވެ. އެކަމަކު ދިރި ތިބީންނަށް އޮތީ ފަސްއެނބުރި ބެލުމެއްނެތި ކުރިއަށް ދިއުމެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެކެވެ.

-ނިމުނީ-

ނޮވެމްބަރުގެ ވާރޭ

Popular