23 Apr 2024

އިންތިޒާރުގައި - 21

އެއީ އެލިޕްސްޓިކްގެ ވެރިޔާ ހެއްޔެވެ؟ ދެކޮޅު ހޯދާ ބަލާލަފައި އެފޯނު ނަގާ މެސެޖް އިންބޮކްސް ހުޅުވާލީމެވެ.

އެންމެ ފުރަތަމަވެސް ފެނުނީ ސަޖޫ ޖަހާފައި އިންތަނެވެ. ހުޅުވާލިއިރު އޮތީ އެންމެ މެސެޖެކެވެ. އޭގައި އޮތީ "އައި މިސް ޔޫ ޓޫ" މިހެން ލިޔެފައެވެ. އަހަރެން ފިނިވެގެން ދިޔަ ވަގުތު އެ ފޯނު އަތުން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އަވަސް އަވަހަށް ފޯނު އެއޮތްގޮތަށް އެތާނގައި ބޭއްވީމެވެ. އޭރު އަހަރެން ތުރުތުރު އަޅައެވެ.

މީހަކު 'އައި މިސް ޔޫ ޓޫ' އެކޭ ހަމަ ހުރެފައެއް ނުބުނާނެއެވެ. އެއީ މިކޮޅުން ކޮށްފައިވާ މެސެޖަކަށް ދިފައިވާ ރައްދު ޖަވާބެކަން ހަމަ ޔަގީނެވެ. އަހަންނަށް ފެނިދާނެތީ އިއްމަ އެއޮތީ އޭގެ ކުރީގެ މެސެޖްތައް ޑިލީޓް ކޮށްފަތާއެވެ. އަހަންނަށް ފުން ފުން ނޭވާތަކެއް ލެވުނެވެ. އިއްމަގެ ގަމީހުގައި ޖެހިފައި ހުރި ލިޕްސްޓިކްގެ ވެރިއަކީ ސަޖޫއޭ އަހަރެންގެ ހިތަށް އެރިވަގުތު އަހަރެންގެ ލޮލުން އެއްވެސް އިޚުތިޔާރަކާއި ނުލާ ކަރުނަ އަންނަން ފެށިއެވެ.

އަހަންނަށް އުނދަގޫވާން ފެށިއެވެ. މީގައި ސަލީނާ ދައްތަގެ އަތެއް ވާނެ ކަން އަހަންނަށް ހަމަ ޔަގީނެވެ. އޭނާ ދުރުދުރން އެހުރިހާ ވާހަކައެއް އެދެއްކީ އެހެންވެގެން ކަން އަހަންނަށް މިހާރު ވިސްނިއްޖެއެވެ. އެހިސާބުން އަހަރެން ބޭނުންވީ އިއްމަ އާއި ވާހަކަ ދައްކައިގެން ހަގީގަތް އޮޅުންފިލުވާށެވެ. އެހެންނަމަވެސް އޭނާއަށް ސިއްރުން އޭނާގެ ފޯނު ބެލިވާހަކަ ބުނާނީ ކިހިނެތް ހެއްޔެވެ؟

އަހަރެން އެންމެ ދެރަވަނީ އޭނާ އަހަންނަށް ދޮގު ހެދީކަން ފަޅާ އެރީމައެވެ. އޭނާ ކުރަހާފައި އެއިނީ ކާޖޮލުގެ ފޮޓޮއެއް ނޫންކަންވެސް މިހާރު އަހަންނަށް ހަމަ ސަތޭކަ ޕަސަންޓު ޔަގީންވއެއްޖެއެވެ.

އޭގެ އިތުރުންވެސް އިއްމަ އަށް ކޮންމެވެސް ކަހަލަ ބަދަލުތަކެއް އަންނަމުން ދާކަން އަހަންނަށް ވަނީ ފާހަގަ ކުރެވިފައެވެ. އޭނާ ކުރިއަށް ވުރެވެސް ގިނައިން އަހެންނާއި އެކީގައި ވަގުތު ހޭދަކުރެއެވެ. ނޫރާ ނިދީމާ އަހަރެން ޓީވީ ބަލަން އިންނައިރުވެސް އައިސް ކައިރީގައި އިނދެއެވެ. އެހެން އިންނައިރު އަހަރެންގެ ކޮނޑަށް އަތް އެއްލާ ގައިގޯޅި ކޮށްވެސް އުޅެއެވެ. އެކަހަލަ ވަގުތު ތަކުގައި އަހަންނަށް އުނދަގޫވެއެވެ. އިއްމަގެ އަމަލުތައް އެގޮތަށް އެބަހައްޓަން ފެށީ އޭނާ އެކުރާކަންތައް މަތި ޖަހަންކަމުގައި އަހަރެންގެ ހިތް ބުނެދިނެވެ.

އެކަންތައް ބޮލަށް ލައިގެން ، އަހަންނަށް ނެގިމަޑުވެފައި އިނދެވޭތީ އިއްމަ ސުވާލު ކުރަންފެށިއެވެ. އެއް ދުވަހަކު ހަވީރު އައިސް ވަރަށް ކޮންބޮޑުވެލާފައި ލިޔު އަނެއްކާ ބަލިވީ ހެއްޔޭ ތާކަށް ތަދުވަނީ ހެއްޔޭ ކިޔާ ސުވާލުކުރަން ފެށިއެވެ. އަހަރެން ނޫނެކޭ މިއަދު ތަންކޮޅެއް ވަރުބަލިކަން އިހުސާސް ކުރެވޭ ދުވަހެކޭ ބުނީމެވެ.

"އެހެންވިއްޔާ ލިޔު ރެސްޓު ކޮށްލާ.. މިއަދު ކައްކާނެ ކަމެއްވެސް ނެތް، ބޭރުން އެއްޗެއް ގެންނާނީ" އޭނާ ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ.

އޭނާ އެހާ ލޯބިން އަހަންނާއި މުޚާތަބު ކުރާ ކޮންމެ ފަހަރަކުވެސް އަހަރެން ފެންކަޅިވެއެވެ. އޭނާ ސަޖުނާއާއި ވެސް ވާހަކަ ދައްކާނީ ހަމަ އެހެންބާވައޭ ހިތަށް އަރާފައި ހަމަ ދެރަވަނީއެވެ.

ޓީވީ އިން ކާޖޮލުގެ ފިލްމެއް ކަމުގައިވާ 'ކުޗް ކުޗް ހޯތާހޭ' ދެއްކި ރެއެކެވެ. އިއްމަ ކޮޓަރިން ނުކުތުމުން އަހަރެން އޭނާއަށް ގޮވީމެވެ. އޭނާ އައިސް އިށީންތަނާ އޭނާ ހޯދަން އާސިމް އައީމާ އޭނާ ތެދުވެގެން ސްޓޫޑިޔޯއަށް ދިޔައީއެވެ.

އަހަރެން އެކަނި މާއެކަނި އެ ފިލްމު ބަލަމުން ގެންދިޔައިރު ހަނދާންވަނީ ސަޖުނާ މަތިންނެވެ. އޭނާއަށް ކާޖޮލުގެ ކޮއްކޮ ކީއްކުރަން ބޮޑީ ޑަބަލް ކުޅެންވެސް ހަމަ ރަނގަޅުވާނެޔޭ ހިތަށް އަރަމުން ދިޔައެވެ. ފިލްމު ނިމުމުން އަހަރެން ތެދުވެގެން ގޮސް ބަލާލިރު ސްޓޫޑިޔޯ ތެރޭގައި ހުރީ އިއްމަ އެކަންޏެވެ.

"ކީއްވެ ނައީ... ވަރަށް ރީތި އެ ފިލުމް" އަހަރެން ބުނެލީމެވެ.

" ތި ފިލްމު ބެލިން ބޮޑު ސްކްރީނުން"

އިއްމަ އިންޑިޔާއަށް ދާ ދަތުރު ތަކުގައި ސިނަމާތަކަށްވެސް ދާކަން އަހަންނަށް އެނގުނީ އެހިސާބުންނެވެ. އެޔާއިއެކު އަހަރެންގެ ހިތުގައި ހަސަދަވެރިކަމުގެ އޮއެވަރެއް އުފެދިގެން ދިޔައެވެ. ފިލްމު ބަލަން ދިޔައީ ކާކާއި އެކީގައިތޯ އަހާލެވުނެވެ.

"އަހަންނާއި އެކީގައި ކިޔަވަން އުޅުނު ރައްޓެހިންނާއި އެކީ " އެނާ ވަރަށް ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ. އެވަގުތުވެސް އަހަރެންގެ ހިތަށް ފެނުނީ ސަޖުނާއެވެ.

"އިއްމަ ކޮން އިރަކުން ތި މަސައްކަތް ނިމޭނީ؟ އަހަރެން އެބައޮތް ވާހަކައެއް ދައްކަން ވެފައި" ވަރަށް ޖެހިލުންވެ ހުރެ އަހަރެން ބުނެލީމެވެ.

"މީތި ނިންމާލާފައި ދާނަން އިނގޭ!" އޭނާ ބުނެލިއެވެ. އޭރު އޭނާ ހުރީ ތައްގަނޑު ޖަހާށެވެ. ކުލައިގެ ވަސް ޖެހެންޏަކާ އަހަންނަކަށް މާގިނައިރަކު އޭތާކު ނުހުރެވެއެވެ. ނޭވާ ހާސްވާގޮތް ވާތީއެވެ.

އިއްމަ އައީ އަހަރެން ނިދަން ތައްޔާރުވެގެން ގޮސް އެނދުގައި އޮށޯތް ތަނާއެވެ. އަހަރެންގެ ކައިރީ އޮށޯންނަމުން ދައްކަން ތިއުޅެނީ ކޮން ވާހަކައެއް ތޯ އަހާލިއެވެ.

އަހަންނަކަށް އެވާހަކަ ފަށާނެގޮތެއް ނުވިސްނުނެވެ. ކިޔާނީ ކީކޭ ހެއްޔެވެ؟ ސަލީނާ އަހަރެން ކައިރީ ކިޔާ ފަތިވަރު ކިޔައިދޭން ވީ ބާވައެވެ؟

"ލިޔޫ! ނިދީތަ؟" އޭނާ އަހަރެންގެ އަތުގައި ފިރުމަންފެށިއެވެ.

"އިއްމަ މިފަހަރު އިންޑިޔާގައި ހުރިއިރު ކުރެހުމުގެ އެއްވެސް މަސައްކަތެއް ކުރިންތަ؟" އެންމެފަހުން އަހަރެން އެހީ އެހެންނެވެ.

"އުނހޫ... ކީއްވެ ތިހެން ތިއެހީ؟"

"އެއީ އިއްމަގެ ނޫ ގަމީހުގެ ގިރުވާނު ކައިރީ ކުލަ ޖެހިފަހުރީމަ!" އޭނާގެ މޫނަށް ބަލަހައްޓައިގެން އޮވެ އަހަރެން ވާހަކަ ދެއްކީމެވެ.

އޭނާގެ ނިއްކުރިއަށް ރޫއަރުވާލިގޮތުން އެކަން އެހެންވެފައި ހުރިކަން އޭނާއަށް ނޭނގޭކަން އަހަންނަށް ވިސްނުނެވެ.

"އެ ގަމީސް ލައިގެން ކޮންތާކަށް ދިޔައީ؟"

އޭނާގެ މޫނުމަތީ ކުލަވަރު ބަދަލުވެގެން ދިޔައީ އެހިސާބުންނެވެ. އެތަން ފެނުމާއި އެކު އަހަރެން ފެންކަޅި ވިއެވެ.

"އޭގާއި ހުރީ ކުލައެއްވެސް ނޫން..... އެއީ ފިޔާތޮށި ކުލައިގެ ލިޕްސްޓިކް!" އޭނާ އަނގައިން ނުބުނުމުން އަހަރެން ބުނެދިނީމެވެ.

އޭނާ ބޯހޫރާލާފައި އެއީ އޭނާއަށް އެނގިގެން ވެފައި އޮތް ކަމެއް ކަމަކަށް ނެހެދިއެވެ.

" އޭގާއި ލިޕްސްޓިކް ޖެހެންވީ ގޮތެއް އަހަންނަށް ނުވިސްނިގެން މިއެހުނީ"

ދެންވެސް އޭނާ އެކައްޗެއްވެސް ނުބުނެ އޮތީއެވެ. އެހެންއޮވެލާފައި ނިއްކުރިމައްޗަށް އަތް އެއްލިއެވެ.

"އަހަރެން ވަރަށް ދެރަވާނެ އިއްމަ އަހަންނަށް ކަންކަން އޮޅުވާލަންޏާ... އިނގޭ އަހަންނަށް މިހާރު އަންބެއްގެ ބޭނުން ފުއްދައި ދޭން ނުކުޅެދިފައިވާ ކަން.. އިއްމައަށް ތިހެން ނުހުރެވޭނެ ކަންވެސް.... ސަލީނާ ދައްތަ އަހަރެން ކައިރީ އެވާހަކަ ދައްކާތާ ކިތަންމެ ދުވަހެއް... " އެހިސާބުން އަހަންނަށް ލޯ ފޮހެން ޖެހުނެވެ.

"ހައްތަހާވެސް ލިޔު ދެރަވާނެތީ ތިވާހަކަ ދައްކަން ނުކެރިފަ މިހުންނަނީ" އިއްމަގެ އެޖަވާބުން އޭނާގެ ހަޔާތަށް ސަޖުނާ އަތުވެއްޖެކަން އަހަންނަށް ޔަގީންވެގެން ދިޔައެވެ.

"އަހަރެން މާ ދެރަވާނެ އަހަންނަށް އޮޅުވާލާ ސިއްރު ކުރަންޏާ!" އޭނާގެ ވާހަކަ މެދުކަނޑާލަމުން އަހަރެން ބުނެލީމެވެ.

އޭނާ އެވާހަކަ ކިޔައިދޭންފެށީ އެހިސާބުންނެވެ. ސަލީނާ އޭނާގެ ކައިރީގައި ވެސް އެވާހަކަ ދައްކާތާ ދުވަސްކޮޅެއް ވެއްޖެ ކަމުގައި ބުންޏެވެ. އަދި ސަޖޫ ހުރީ އޭނާއާއި ގުޅެން ތައްޔާރަށް ކަމަށް ބުނި ހިސާބުން އަހަރެންނަށް ލޯ މަރާލެވުނެވެ. އެހެން މީހާކާ އިނުމަށް ވުރެ ސަޖޫއާއި އިނިއްޔާ ރަނގަޅުވާނެ ކަމަށް ސަލީނާ ބުނިކަމަށް ވެއެވެ. އޭނާއަށް އަހަރެންގެ ހާލު އިނގޭ ކަމަށާއި އެހެންވީމާ އެ ވާހަކަ ހަމަ މިހާރު އޮތް ގޮތަށް ސިއްރެއްގެ ގޮތުގައި ބޭއްވޭނީ އޭރުންނެއް ނޫންހޭ ކިޔާ ސަލީނާ ވިސްނައިދިން ކަމަށް ވެއެވެ.

ލިޔު ދެރަނުވާށޭ ބުނަމުން ސަޖުނާއާއި ބޭހޭ ހުރިހާ ވާހަކައެއް އެރޭ އިއްމަ ކިޔައިދިނެވެ. އަހަންނަށް ކުރިންވެސް ހީކުރެވުނު ގޮތަށް އެދެމީހުންގެ ގުޅުމެއް ކުރިން އޮތެވެ. އިއްމަ އޭނާއާއި ރުޅިވީ އޭނާ މާލޭގައި ދިރިއުޅެން އަންނަން ބޭނުން ނުވީމަކަމަށްވެސް ކިޔައިދިނެވެ.

"އަހަންނެއް ބޭނުމެއްނޫން މިމަސައްކަތް ދޫކޮށްލާފައި ގޮސް އިންޑިޔާގައި އުޅޭކަށް..." އިއްމަ ކިޔައިދިނެވެ.

"ދެން ކީއްވެ ކުރިން އަހަންނަށް އޮޅުވާލީ؟" އަހަރެން ސުވާލުކުރީމެވެ.

އިއްމަ ފުން ނޭވާއެއް ދޫކޮށްލިއެވެ. "އޭރުން ލިޔުއަށް އުނދަގޫ ވާނެތީ... އަސްލު ތެދަށް ބުނަންޏާ ސަލީނާ ދައްތައާއި ހެދި އޭރުވެސް އެކަން ކުރެވުނީ!"

އެހިސާބުން އެންމެ ފުރަތަމަ އަހަރެން ގޮވައިގެން އިންޑިޔާއަށް ކުރި ދަތުރުގައި ސަލީނާ އަހަންނާއި މެދު ހިތްހަމަ ނުޖެހުނީ ކީއްވެގެންކަން އަހަންނަށް އެނގުނެވެ. އޭނާ ކުރަހާފައި އެއިނީ ސަޖުނާ ގެ ފޮޓޮއެއް ކަމަށާއި އޭނައާއި ކާޖޮލު އާއި ވައްތަރު ކަމަށްވެސް އެންމެ ފަހުން އެރޭ އިއްމަ އެއްބަސް ވިއެވެ.

އެވާހަކަތައް އަޑުއަހަން އޮތް އިރު، އަހަރެންގެ ހިތާއި މެޔަށް ކުރަމުން ދިޔަ އަސަރު ކިޔައިދޭކަށް އަހަންނަކަށް ނޭނގެއެވެ.

"އަސްލު އަހަރެން ދިވެއްސެއް ނުހޯދަން ނިންމީ އޭރުން ލިޔުއަށް މާ އުނދަގޫވާނެތީ... މިހާރު ސަޖޫ ހުންނާނީ އިންޑިޔާގައި.. އެހެންވީމާ އޯކޭ އެއްނު!" އެންމެފަހުން އޭނާ ބުނެލިއެވެ.

އަހަރެން ގަދަކަމުން ހިނިތުންވެލަމުން އާނއެކޭ ބުނީމެވެ. އަހަންނާއި ދޭތެރޭ އެވަރަށް ވިސްނީތީ ވަރަށް އުފާވެއްޖެއޭ ވެސް ބުނީމެވެ.

"ލިޔު އަބަދުވެސް ހަނދާން ކުރާތި .. ތިއަށް ވުރެ އަހަރެން ލޯބިވާ އަންހެނަކު މިދުނިޔެ މައްޗަކު ނުހުންނާނެ، އޭގެ ހަތަރު ސަޖުނާ އާއި އިނަސް އެކަމެއް ބަދަލެއް ނުވާނެ!" އޭނާ އަބަދުވެސް ބުނަމުން އަންނަ ޖުމްލަ ތަކުރާރު ކޮށްލިއެވެ.

އިއްމަގެ އަތްމަތީގައި އަހަރެން ބޯއަޅައިގެން އޮތްއިރު އޭނާގެ އަނެއް އަތުން އަހަރެންގެ ގައިގަ ފިރުމާލަ ފިރުމާލަ އޮތީ ފުން ޚިޔާލު ތަކަކަށް ގެއްލިފައިކަން އަހަންނަށް ހަމަ ޔަގީނެވެ.

އޭގެ ދެދުވަހެއްވަރު ފަހުން ސަލީނާ ގުޅިއެވެ. އޭރު އިއްމަ ވީ ރިސޯޓުގައެވެ. އޭނާ އެންމެ ފުރަތަމައިނުން ވެސް ފެށީ އެވާހަކައެވެ.

"ލިޔުޝާއަށް ވިސްނުނީތީ ވަރަށް އުފާވެއްޖެ" އޭނާ ބުނެލިއެވެ. އަދި އަހަރެންގެ އަމިއްލަ އެދުމުން އެއްކިބާވެ، އަހަރެންގެ ފިރިމީހާގެ އިހުސާސްތައް އިސްކުރީތީ ތަޢުރީފު ކުރާކަމުގައިވެސް ބުންޏެވެ. ސަޖުނާގެ ފަރާތުން އަހަންނަށް އެއްވެސް އުނދަގުލެއް ނުޖެހޭނެ ކަމުގެ ޔަގީންކަން އޭނާ ދޭ ކަމުގައިވެސް ބުނެލިއެވެ. އަހަންނަށް ހުރެވުނީއެވެ. އޭނާ ދައްކަމުން ދިޔަ ވާހަކައަށް އާނ ހޫމް ކިޔާލަ ކިޔާލައެވެ.

ހަމަ އަސްލުގައިވެސް އިއްމަ އޭނާއާއި އިންނަން މުޅިން ނިންމީހޭ އޭރު ހިތަށް އަރަމުން ދެއެވެ. އެ ފޯނު ނިންމާލާފައި އަހަރެން އެނދަށް އަރާ އޮށޯވެ އޮވެ ގިސްލާ ރުއީމެވެ. އަހަރެންގެ ބަދު ނަސީބުވެރިކަމާއިމެދު ހިތާމަ ކުރީމެވެ.

ތިން ދުވަސް ފަހުން އިއްމަ ރިސޯޓުން އެނބުރި އައިސްފައި އިންޑިޔާއަށް ދާން ތައްޔާރުވިއެވެ. އޭރު އަހަރެންގެ ބޭސްވެސް ހުސްވާން ކައިރިވެއްޖެއެވެ.

"މިފަހަރު އެކަން ކުރާނަންތަ؟" އެއަރޕޯޓަށް ދާން ތައްޔާރުވެގެން ނުކުތުމުން އަހަރެން އަހާލީމެވެ. އެޔާއި އެކު އިއްމަ ބޯޖަހާލިއެވެ. އިތުރު ވާހަކައެއް ނުދައްކާ ގެއިން ނުކުމެގެން ދިޔައީއެވެ.

އެރޭ އަހަންނަށް އެއްގޮތަކަށްވެސް ނުނިދުނެވެ. އަހަރެންގެ ފިރިމީހާ މިހާރު ވާނީ ސަޖުނާ އާއި އެކީގަ ބާވައޭ ހަމަ ހިތަށް އަރަނީއެވެ. އެންމެފަހުން އަހަރެން ތެދުވެގެން ގޮސް ބޭސް ފޮށި ހުޅުވާލީމެވެ. އޭގެ ތެރޭގައި އޮތް ބޭސް ކާޑެއް ނަގާ ބަލާލީމެވެ. އެއީ ހާސްވެ ނުނިދި ގޮތްގޮތް ވަންޏާ ކާށޭ ކިޔާފައި މިދިޔަ އަހަރު ސަލީނާ ފޮނުވާފައި ހުރި ނިދާ ބޭހެވެ. އެއިން އެއްވެސް ގުޅައެއް ނުކައި އޮތް ކާޑެކެވެ. އޭގެ މުއްދަތު ހަމާވާ ތާރީޙު ބަލާލުމަށް ފަހު އެތަނުން ގުޅައެއް ނައްޓާލަމުން ބޭސް ގުޅަތައް ގުނާލީމެވެ. އެ ދިހަ ގުޅަ އެއްފަހަރާ ކާލައިފިއްޔާ އަބަދުގެ އަބަދަށް ނިދޭނެ ހެއްޔެވެ؟ އަހަންނަށް އެބޭސް ކާޑާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

"މައްމީ!" އެވަގުތު ނޫރާގެ އަޑު އިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އޭނާ ހުރީ އެނދުން ފައިބައިގެން އައިސް އަހަރެންގެ ކައިރީގައެވެ. އަހަރެން އަވަސް އަވަހަށް އެ ބޭސްކާޑު ވައިތްގަނޑަށް ލާ ފޮރުވާފައި ނޫރާ އުރާލީމެވެ.

"މައްމީ!" އެވަގުތު އޭނާ އަހަރެންގެ ކޮނޑުގައި ބޯޖަހާލިއެވެ.

ނޫރާއަށް ފެންފޮދެއް ދީފައި އޭނާ ގެނެސް އަހަރެންގެ އެނދުގައި ބޭއްވީމެވެ. ހަމަ އެޔާއެކު އޭނާގެ ކުޑަކުޑަ އަތްކޮޅުން އަހަރެންގެ ގައިގަ ބައްދާލައިގެން އޮވެ ލޯމަރާލިއެވެ. އޭރު އަހަރެން ބިރުން ތުރުތުރު އަޅައެވެ. އަހަރެން މިދުނިޔެއާއި ވަކި ވެއްޖިއްޔާ މިމަންޖެއަށް ވާނީ ކިހިނެތް ހެއްޔެވެ؟

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: އިންތިޒާރުގައި

Popular