3 Jul 2024

"މި ވާނުވާ ނޭނގޭތީ މިހާރު އަހަރެންގެވެސް ބޯ ހާސްވާން ފަށައިފި!" ހުސްނާ ހިތްހަމަ ނުޖެހުނެވެ. ހަނީފު އެވަރުން ފޮރުވަން އެ މަސައްކަތް ކުރަނީ ކޮންކަހަލަ ކަންތައްގަޑެއް ހިނގާފައި އޮތީމާ ބާވައޭ އޭނާގެ ހިތަށް އެރިއެވެ.

"ދައްތަ އޭނާއަށް ކިޔައިދީ ބަލަ... އަހަރެންގެ ހިތްވަރެއް ނެތް އެވާހަކަ ދައްކާކަށް!" އެހެން ބުނެލާފައި ހަނީފު ތެދުވެގެން ބޭރަށް ނުކުންނަ ހިނގައިގަތެވެ. އަދި ދޮރުމައްޗަށް ގޮސްފައި ހުއްޓިލާފައި "ހުސްނާ! އެވާހަކަ އިގުނީމާ އަހަރެންދެކެ ރުޅި ނާންނާތި... އަހަންނަށް މާއާފު ކުރާތި!" އެހެން ބުނެލިއެވެ.

ހަނީފު ނުކުމެގެން ދިޔަތަން ބަލަން ހުސްނާ އިނީ ކަންބޮޑުވެފައެވެ. އޭރު އޭނާގެ މޭ ތެޅެން ފަށައިފިއެވެ. ޝިއުނާ ކައިރީ އޭނާގެ ކާފަ ދެއްކި ވާހަކައަށް ބަލާފައި ހަނީފު ކޮންމެވެސް ގޯހެއް ހަދާފައި ވާކަން ހުސްނާ އަށް ގާތްގަނޑަކަށް ޔަގީންވިއެވެ.

އަނީސާ އެވާހަކަ ކިޔައިދިނީ ހުސްނާ ގެންގޮސް ކޮޓަރީގައި ބައިންދައިގެންނެވެ. ޝަހުދުއަށްވެސް އަދި ޝިއުނާއަށްވެސް ކުޑަ މިންވަރެއްވެސް ނީވޭނެ ގޮތަށް ވަރަށް މަޑުންނެވެ. އަނީސާ ވާހަކަ ދައްކާ ނިމުނު އިރު ހުސްނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފަށައިފިއެވެ. އަނީސާ ކަންބޮޑުވިއެވެ. ނުރޯށޭ ހުއްޓާލާށޭ ކިޔާފައި ހުސްނާގެ ގައިގަ ފިރުމާލިއެވެ.

"ކިހިނެތް މިވަރުގެ ވާހަކަ އެއް އެމަންޖެއަށް ކިޔައިދޭނީ؟" އަނީސާ ބުނެލިއެވެ. ހުސްނާ ބޯޖަހާލިއެވެ.

"ހިތްހަމަ ނުޖެހިފަތަ ތީނީ؟" ހުސްނާ އެއްޗެއް ނުބުނެ އިންނަން ފެށުމުން އަނީސާ ސުވާލު ކުރިއެވެ.

"ނޫން... ހީނުކުރާކަހަލަ ކަމެއް ވީމާ.... ބުނާނެ އެއްޗެއް ނޭނގިފަ މިއިނދެވުނީ!" ހުސްނާ ބުނެލިއެވެ.

ޝިއުނާ އެރޭ ކާކަށްވެސް ބޭނުމެއްނުވިއެވެ. އޭނާ ބޮލުގައި ރިއްސަނީ ކަމުގައި ބުނަމުން ސައިތައްޓެއް ހަދައިގެން މޭޒު ދޮށުގައި އިށީނެވެ. އޭނާ ހުރީ ވަރަށް ރޮއެފައިކަން އޭނާ ގެ މޫނު ފެނުމުން ހުސްނާއަށް އެނގުނެވެ. އޭނާގެ އުފަން ދަރިއެކޭ އެއްވަރަށް ޝިއުނާ ދެކެ ލޯބިވެއެވެ. އެ ދަރިފުޅު އެކުރާ ހިތާމަ ފެނިފައި ހިތަށް އުނދަގޫވެގެން ދިޔައެވެ. އެހެންނަމަވެސް ، ހަނީފު އޭނާ ކާފައާއި ހަމައަށް ނުފޮނުވާން އެއުޅެނީ ސަބަބެއް ނެތި ނޫންކަން މިހާރު ހުސްނާއަށް ވެސް އެނގި ގަބޫލު ކުރެވިއްޖެއެވެ. ހުސްނާ އެންމެ ކަންބޮޑުވީ އޭނާގެ ކާފަ އޭނާ ހަނީފުއަށް ނުދޭން އުޅުނު ވާހަކަ އަނީސާ ބުނިހިސާބުންނެވެ. ޝިއުނާއަށް ފެންނަ ބިރުވެރި ހުވަފެނުގެ ހަގީގަތަކީ ކޮބައިކަން ވެސް މިހާރު ހުސްނާއަށް ވިސްނިއްޖެއެވެ.

"ދަރިފުޅާ ނޫޑްލްސް ކޮޅެއް ހަދާލަދެންތަ؟" އަނީސާ ވަރަށް ލޯބިން އޭނާގެ ބުރަކަށީގައި ފިރުމާލަމުން އަހާލިއެވެ.

"ނޫން މަންމާ .... ޕެނެޑޯލު ގުޅައެއް ކާލައިގެން ނިދާލަން ބޭނުމީ" ޝިއުނާ ޖަވާބު ދިނެވެ.

"ދަރިފުޅު ދެން މާބޮޑަށް ކާފައާއި މެދު ނުވިސްނާ... ބައްޕަވެސް އެ އުޅުއްވަނީ ކާފައަށް އެހީވެވޭތޯއޭ" ޝިއުނާ ހިތްހަމަ ޖެއްސޭތޯ އޭނާ މަސައްކަތް ކުރިއެވެ.

ޝިއުނާ ބޯޖަހާލިއެވެ. ހައިޝަމްގެ ވާހަކަ އޭނާ މަންމައާއި ހިއްސާ ކުރަން އެވަގުތުވެސް ބޭނުންވިއެވެ. އެހެންނަމަވެސް އެހުރިހާ ވާހަކައެއް ދައްކާނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. އޭނާ އެހާބޮޑަށް ދެރަވެފައި އިނީ ކާފަގެ ކަންތަކަކާ ނޫނޭ ބުނާނެހާ ވަރެއްވެސް އޭނާގެ ގަޔަކު ނެތެވެ.

ހަނީފު ގެއަށް އައި އިރު ފުޓުބޯޅަ މެޗެއް ބަލަން ޝަހުދު ޓީވީ ދޮށުގައި އިނެވެ. ހަނީފުވެސް ޝަހުދު ކައިރީ އިށީނީއެވެ. ހުސްނާއަށް ހުރިހާކަމެއް އެނގުނީމާ އޭނާ ބުނާނެ އެއްޗެއް ނޭނގޭތީ ހަނީފު އިނީ ކުޑަކޮށް ޖެހިލުންވެފައެވެ. އޭނާ އިނީ ހުސްނާގެ ކުރިމައްޗަށް ކޮޓަރިއަށް ދާން ޖެހިލުންވެފައެވެ. އެހެން އިންދާ ހުސްނާ ކޮޓަރިން ނުކުމެގެން އައީމާ ޝިއުނާ ކޮބައިތޯ އަހާލިއެވެ. ޝިއުނާ ބޮލުގައި ރިއްސާތީ ބޭސްކައިގެން ނިދަން ވަނީ ކަމުގައި ހުސްނާ ޖަވާބު ދިނެވެ.

"އަހަރެން ދެކެ ހިތްހަމަ ނުޖެހިފަތަ ތިހިރީ؟" ނިދަން ވަދެފައި ހަނީފު އަހާލިއެވެ. އޭރު ހުސްނާ ފޯނުން ކޮންމެވެސް އެއްޗެއް ކިޔަން އޮތެވެ.

" ނޫން! އެކަމަކު، ތެދަށް ބުނަންޏާ އަސްލު ކުޑަކޮށް ދެރަވި ހަނީފު އަހަންނަށް އެވާހަކަ ކުރިން ކިޔައިނުދީ އޮތީމަ!"

ހަނީފު ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ކައިރީގައި އިށީނދެ، ހުސްނާގެ އަތުތެރެއަށް އޭނާގެ އަތްލަމުން މަޢާފު ކުރާށޭ ބުނެލިއެވެ.

"ކައިވެނީގެ ކުރިން އެވާހަކަ ކިޔައިދިން ނަމަ ހުސްނާ އަހަންނަކާ ނުވެސް އިނީސް ކަންނޭނގެ... އެހެންވެ ނުކެރުނީ!" ހަނީފު ބުނެދިނެވެ.

ހުސްނާ އެއަކަށް ޖަވާބެއް ނުދެއެވެ. އޭގެ ބަދަލުގައި އެމަންޖެ ނުފޮނުވާން ތިއުޅެނީ ކީއްވެގެންކަން މިހާރު ވިސްނިއްޖެ ކަމުގައި ބުނެލިއެވެ.

"އެކަމަކު އަހަރެން ބުނަން ވާހަކައެއް؟ ކޮންމެވެސް ދުވަހަކުން ޝިއުނާއަށް ހަގީގަތް އޮޅުން ފިލުވައިދޭން ޖެހޭނެ!" ހުސްނާ ޚިޔާލު ދިނެވެ.

"އާނ ކިޔައިދޭނަމޭ.... އެކަމަކު އަދި ފަހުން" ހަނީފު ޖަވާބު ދިނެވެ.

***

އަނެއްދުވަސް ވީއިރުވެސް ޝިއުނާގެ ބޮލުގައި ރިހުން މުޅިން ރަނގަޅެއް ނުވެއެވެ. އޮފީހަށް ގޮސްފައި އެންމެ ފުރަތަމައިނުންވެސް ހައިޝަމް ދެއްކި ވާހަކަ އަޒީމާއަށް ކިޔައިދިނެވެ. ރޭގައި އޭނާގެ ޚަބަރެއް ނުވާވާހަކަ ބުނީ ވަރަށް ދެރަވެފައި އިނދެގެންނެވެ.

"އަހަންނެއްވެސް ނުގުޅަން!" ޝިއުނާ ބުނެލިއެވެ.

"ރަނގަޅު... އޭނާ ގުޅަން ދެން ހުރޭ!" އަޒީމާ ބުނެލިއެވެ.

"އެކަމަކު އެމީހުން ލަންކާއަށް ދާން ފުރާނެ މިއަދު.... އޭނާ ފުރައިގެން ދާނީ ހަމަ އެއްވެސް ޚަބަރެއް ނުވެތަ؟" ޝިއުނާ އަށް ބުނެވުނެވެ. އެޔާއިއެކު އެވާނީ އަދި ހޭނުލެވެނީ ކަމަށޭ އަޒީމާ ބުނެލިއެވެ.

ޝިއުނާ އޮފީހުގެ މަސައްކަތެއްގައި ބީޒީ ކޮށް އުޅެއުޅެ ފައި ފޯނު ބަލާލިއިރު ހައިޝަމް މެސެޖްކޮށްފައި އޮތެވެ. އޭނާ ފުރަންވެގެން އެއަރޕޯރޓަށް ނައްޓާލީ ކަމުގައި ލިޔެފައި އޮތެވެ. އަދި ސީޔޫ ސޫން އޭ ޖަހާލަފައި ރަތް ހިތެއް ފޮނުވާފައި އޮތެވެ. ޝިއުނާ އެއަށް ޖަވާބު ލިޔުނެވެ. 'ހޭވް އަ ސޭފް ފުލައިޓް' އޭ ލިޔެލާފައި ހަމަ އެކަހަލަ ހިތެއް ފޮނުވިއެވެ. އޭނާ އިންސްޓަ ގުރާމް ބަލާލީ އޭގެ އިރުކޮޅެއް ފަހުންނެވެ. ހައިޝަމް އެއްވެސް އެއްޗެއް ޕޯސްޓު ކޮށްފައެއް ނެތެވެ. އެހެންނަމަވެސް ރިޒްވީ 'އޯފް ޓު ކޮލޮންބޯ' ޖަހާފައި އެމީހުން އެންމެންގެ ފޮޓޮއެއް ލާފައި އޮތެވެ. އެ ފޮޓޯގައި ހައިޝަމް އާއި ޖެހިގެން ހެވިލާފައި މާހުނާޒް ހުރިތަން ފެނުމުން ޝިއުނާގެ މެޔަށް ހީވީ ފިނިފެންއެއްޗެއް އަޅާލިހެންނެވެ. އެދަތުރު ދާ މީހުންގެ ނަންތަން ކީ އިރު އެނަމެއް ހައިޝަމް ނުކިޔައެވެ. އެއީ ކީއްވެބާވައެވެ؟ އެހިސާބުން ޝިއުނާ ގޮތް ނިންމިއެވެ.

ޒުހުދާ އާއި އެކީގައި އެރަށަށް ދާކަން އަޒީމާ ކައިރީގައި ބުނީވެސް ހުރިހާ ކަމެއް ހަމަޖައްސާފައެވެ.

"އަހަރެން މިވަގުތު ބޭނުމީ އެކަނި އިނދެ ވިސްނާލަން... އެހެންވީމާ ދާން ނިންމީ.. އެހެންނޫނަސް އޭރުން ކާފަ އާއިވެސް ބައްދަލުވާނެ އެއްނު؟"

ޒުހުދާގެ ފިރިމީހާ ރަށުގައި ނޫޅޭތީ އޭނާގެ ކޮޓަރީގައި ހުރެވޭނެ ކަމަށާއި، ލާރި ދިނީމާ ކާފަގެ ރަށާއި ހަމައަށް ގެންގޮސް ދޭނެ ލޯންޗު ފަހަރު ވާނެކަމަށްބުނެ ، އޭނާ ދަތުރު ރާވާފައިވާ ގޮތަށް ދަންދެން އަޒީމާއަށް ކިޔައިދިނެވެ. އަޒީމާއަށް ކަންބޮޑުވީ ޝިއުނާގެ ބައްޕަމެންނަށް އޮޅުވާލާފއި ދާތީއެވެ.

"އޯކޭ... ފަޅާ އަރައިގެން ބައްޕައަށްވެސް ރުޅި ދުރުވެވޭވީ ގޮއްސަ އަންނަ ފަހުންނެއްނު!" ޝިއުނާ ވަރަށް ޖޯޝުގައި ވާހަކަ ދެއްކިއެވެ.

ގެއަށް އައި ގޮތަށް ޝިއުނާ އޮފީސް ދަތުރެއްގައި ދެތިން ދުވަހަށް ރަށަކަށް ދާން ޖެހުނު ވާހަކަ އޭނާގެ މަންމަ ކައިރީގައި ބުންޏެވެ. މީގެ ކުރިންވެސް އޮފީހުން އެކި ތަންތަން ކުރަހަން މިން އަޅަން ދާ ދަތުރުތަކުގައި އޭނާ ވަނީ ބައިވެރިވެފައެވެ. އެހެންކަމުން އޭނާ މަންމަވެސް އަދި ބައްޕަ ވެސް އެވާހަކަ ގަބޫލު ކުރިއެވެ. އޭނާ ދަނީ ކޮންތާކަށް ތޯ ސުވާލުކުރީ އޭނާގެ ބައްޕައެވެ.

"ރ. އަތޮޅަށް... ރިސޯޓެއް ހަދާ ރަށަކަށް" ޝިއުނާ ޖަވާބު ދިނެވެ.

އަނެއްދުވަހު ހެނދުނު ދިހައެއް ޖެހިއިރު ޝިއުނާ އިނީ ޒުހުދާ އާއި އޭނާގެ މައިދައިތަ އާއި އެކީ އެމީހުންގެ ރަށަށް ދާން ލޯންޗުގައެވެ. އޭނާގެ މަންމައާއި ބައްޕަ ކައިރީ ނުބުނެ ވަގަށް އެރަށަށް ދާކަން ޒުހުދާ ކައިރިއަކުވެސް އޭނާ ނުބުނެއެވެ. އެކަން އެނގޭނީ ހަމަ އެކަނި އަޒީމާއަށެވެ. ޝިއުނާ ރާވާފައި އޮތީ ކާފަ ހުންނަރަށަށް ގޮސް ކާފައާއި ބައްދަލު ކޮށްފައި ވީ އެންމެ އަވަހަކަށް މަތިން މާލެ އަންނާށެވެ.

ޒުހުދާމެންނަށް ރަށަށް ފޭބުނު އިރު ޢަޟްރު ނަމާދަށް ގޮވަނީއެވެ. ފާލާން ދޮށުން ޒުހުދާގެ މަންމައާއި ދިމާވިއެވެ. ގެއާއި ދިމާލަށް ހިނގައިގަނެފައި އޭނާގެ ބޭބެ ކޮބައިތޯ ޒުހުދާ އަހާލިއެވެ. އެއާއި އެކު މެންދުރު ކައިގެން ނުކުމެގެން ދިޔަގޮތަކަށް އަދި ނުދެކެމޭ އޭނާގެ މަންމަ ބުނެލިއެވެ.

ޒުހުދާ މެންގެ އަކީ އާދިއިގެ ފެންވަރަކަށް ހަދާފައި ވާ ގެއެކެވެ. ގޭތެރެއަށް ވަންނައިރު ކަނާތް ފަރާތުގައި ބޮޑު އުނދޯއްޔެއް ހުއްޓެވެ. ކުރިމަތީގައި ހުރީ ކާމޭޒެވެ.

" ބަތް ކާން ވީނު؟" ޒުހުދާގެ މަންމަ ބުނެލިއެވެ.

އެގަޑީގައި ޝިއުނާ ކާކަށް ބޭނުމެއްނުވިއެވެ. އޭނާ ހުރީ އޭހާ ގިނަ ވަގުތު ކަނޑުމަތީގައި ހޭދަކުރުމުން ކުޑަކޮށް މޭނުބައި ކުރާގޮތް ވެފައެވެ.

"މިހާރަކު ކާ ހިތެއްނެތް" ޝިއުނާ ބުނެލިއެވެ. އޭނާ ބޭނުންވީ ލިބިފައިވާ ވަރުބަލިކަން ފިލުވާލަން ފެންވަރާލާށެވެ.

"މާލެގަ ހުންނަ ކަހަލަ ފާޙާނާ އެއް ނެތް މިގެއަކު" ޒުހުދާ ކުޑަކޮށް ކަންބޮޑުވެލާފައި ބުންޏެވެ.

އެއީ މައްސަލައެއް ނޫންކަމުގައި ޝިއުނާ ބުނެލިއެވެ.

އެގޭ ގިފިލި ހުރީ ގޭގެ ބިއްދޮށް ފަރާތުގައި ، މައި ގެއާއި މުޅިން ވަކިންނެވެ. ގިފިލި ތެރޭގައި އެއްކަނެއްގައި ހިޔާކޮށްފައިވާ ކުޑަ ތަންކޮޅެއްގައި އުސްތައްޓެއް ބަހައްޓާފައި ހުއްޓެވެ. ދެން އޮތްބައި އޮތީ ހާމައަށެވެ. ވަށައިގެން ފެންނަން އޮތީ ރުއްތަކެވެ. އަދި ތަންކޮޅެއް ދުރުން ފެންނަން ހުރި ބިޔަ ގަސްތަކެވެ. ހޯއް ގޮވާފައި ނޫނީ މީހަކު އެއިން ރުކަކަށް ނާރާނެ ކަމުގައި ޒުހުދާ ބުނެދިނެވެ.

ގިފިލި ދޮރު ތަނޑު އަޅުވާފައި ރޯނުގައި އެއްޗެތި ބަހައްޓަމުން ޝިއުނާ ވަށައިގެން ހޯދާލިއެވެ. ލޮލުގައި މީހަކު އަޅައިނުގަތުމުން ފެންވަރަން ފެށިއެވެ. ވަޅުން، ދާނިން ފެންނަގައިގެން ގަޔަށް އޮއްސާލި ވަގުތު އޭނާއަށް ކުރެވުނީ މުޅިން އެހެންކަހަލަ އިހުސާސް ތަކެކެވެ. އޭނާގެ ސިކުނޑިއަށް ލުއިވެގެން ދިޔައެވެ. ކޮންމެ ފެން ދާންޏަކާއި އެކު ހައިޝަމް އާއި އެހިތާމަ ވެރި ހަނދާންތައް އޭނާއާއި ދުރަށް ދާނެއޭ އޭނާގެ ހިތްބުނެދިނެވެ. އެހެންކަމުން އޭނާއަށް ފެން އަޅައަޅާ އެތައް އިރަކު ހުރެވުނެވެ. އޭރު އޭނާގެ ހިތަށް ގޮތް ނޭނގޭ އުފާވެރިކަމެއް ވެރިވާން ފަށައިފިއެވެ.

މީހަކު ގިފިލި ޓިނު ދޮރުގައި ޖަހާލާފައި ނުނިމޭ ހެއްޔޭ ބުނިއަޑަށް ޝިއުނާ ދިޔައީ ސިއްސައިގެންނެވެ. އޭނާ އަވަސް އަވަހަށް ދާނި ބޭއްވިއެވެ.

ޝިއުނާ ނުކުންނަންވެގެން ގިފިލި ދޮރު ހުޅުވާލިއިރު ، މުރަނގަ ގަސް ދޮށުގައި ހުރި ބަހައްޓާފައި ހުރި ފަތްޖެހި އެނދު މަތީގައި ފިރިހެނަކު އޮށޯވެގެން އޮއްވާ ފެނުނެވެ. އޭނާ އޮތީ ޝިއުނާއަށް ފުރަގަސް ދީގެން ބަންޑުންނެވެ.

"ވަޅު ހުސްކޮށްފަދޯ ތި ނުކުތީ؟" ގިފިލި ދޮރު ލެއްޕުނު އަޑަށް އޭނާ ބުނެލިއެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޑައިރީ

Popular